އިނގިރޭސިން އައްޑޫގައިތިބި ދުވަސްވަރު
އިނގިރޭސިން އައްޑޫގައިތިބި ދުވަސްވަރު
އައްޑޫ އަތޮޅަށް އައްޑޫ ގެ ނަން ކިއުނީ ދެގޮތަކަށް ކަމަށްވެއެވެ. އެއްގޮތަކީ، އައްޑޫ އަތޮޅުގައި ދޫކިޔާ އަށް ރަށް އޮތުމެވެ. އެ އަށް ރަށަކީ، މީދޫ، ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ (މީހުން އުޅޭ) މާމެންދޫ، ނާސިރައްދޫ، ގެރަދޫ (މީހުންނޫޅޭ) އަނެއް ގޮތަކީ ގަމުގެ ދެކުނުފަރާތު ފަޅުތެރޭގައި އައްޑޫ ނަމަކަށް ކިޔާ ކުޑަ ފަޅުރަށެއް އޮންނާތީއެވެ. އަސްލު ގޮތަކީ މިއީއެވެ. އެއީ އަތޮޅުތަކަށް ނަންކިޔާފައި ހުރީ އެއަތޮޅެއްގައި އެނަން ނިސްބަތްވާ ރަށެއް އޮވެގެންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑު އަތޮޅުގައި ތިބިއިރު ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ކުރީ ހިލަޔާ ހިލަވެލި ބޭރުން އެތެރެ ކޮއްގެންނެވެ. ހިތަދޫ ކޯއްޓޭއާ، އަބޫހެރަ އާއި، މަރަދޫ އާއި، ގަމާއި، ވިލިގިއްޔާއި، މީދޫއާއި، ކަނޑިހެރެ ފަދަ ތަންތަނުގައި ކޮންކްރީޓް ހުރިހާ މަސައްކަތެއްކުރީ ހިލަޔާ ހިލަވެލި އެތެރެ ކޮއްގެންނެވެ.

1956 ގައި އިނގިރޭސީން ދެވަނަ ބުރަކަށް ގަމަށް އައެވެ. އައިސް ސިފައިންގެ މަރުކަޒަކާ، ސިފައިންގެ ވައިގެ ބަނދަރެއް ހަދައި، ހިތަދޫ މާމެންދޫގައި ، އާތު ސްޓޭޝަނެއްގާއިމު ކުރުމާ ތަފާތު އެތައް މަސައްކަތްތަކެއް ކުރިއެވެ. މިފަހަރު އިނގިރޭށީން ކުރި ކޮންކްރީޓް މަސައްކަތަށް ބޭރުން ހިލަ އެތެރެއެއް ނުކުރެއެވެ.

ވައިގެ ބަނދަރު ހެދުމަށާ، މަގުތައް ހެދުމަށާ، ޢިމާރާތްތައް ކުރުމަށް ގަމުގައިހުރި ރުއްގަސް ކަނޑާ ގަން ސާފުކުރިއެވެ. ބައެއް ކުނިބުނި އަޅަންވެގެން އައްޑޫ ކޮނުނެވެ. އައްޑޫ އަކީ ގަމުގެ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ކުޑަ ފަޅުރަށެކެވެ. އައްޑޫ އަތޮޅު އެނަމަކަށް ނިސްބަތްވާ ރަށެވެ. އައްޑު އަކީ ރުއްގަސްވެސް ހުރިރަށެކެވެ. އެދުވަސްވަރު އެރަށުގައި މާގިނަ ރުއްތަކެއް ނެތެވެ. ހުރީ ހައެއްކަ ރުކެވެ. ފޭދޫ އައިސްގޭ ރެކިދީދީ ވިދާޅުވީ ގަމަށް އިނގިރޭސިން ފޭބިއިރު ތިމަންނާމެން ތިބީ ގަމުގައެވެ. ގަންފަޅުތެރެއިން ހިނގާފައި އައްޑުއަށްގޮސްއުޅެމެވެ. އެރަށުގައި އޮންނަނީ ހުސްއަކިރިއެވެ. ހައެއްކަ ރުކާއި، މަގޫގަހާއި، އުނިގަހާއި، ބޯށިގަހާއި، ހަލަވެލި އަދި ކުރެދިގަސްވެސް ހުއްޓެވެ. އައްޑޫގެ ހުޅަނގުން ހައްވާމަނިކެ ހެރާއި، ބޮނޑޮހެރެގަނޑަ އޮވެއެވެ. މިދެރަށަށަކީ ޢާއްމުކޮށް އުވަދަވާ ދެރަށެވެ.

އިނގިރޭސީން އައްޑޫ ކޮންނަމުންގޮސް އާންޏާހިސާބަށް ކޮނެފައި، ރަށްވަށައިގެން ފަސްފުނިތަކެއްޖަހައިގެން ވަށައިގެން ބައްދާލީއެވެ. އެއްވެސް ދިވެއްސަކަށް ކައިރިވިޔަކަ ނުދެއެވެ. އެމީހުން އެރަށް ކޮނެގެން ނެގީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ބައެއްމީހުން ރަނޭވެސް ކިޔައި އުޅުނެވެ. ހަމަ ގައިމުވެސް އައްޑޫގެ މަށަ(އާނު) އެމީހުން ނަގައިގެން މެޝިންތައް ގެނެސް އެމަށަ(އާނު) އެކިވަރުވަރަށް(ސައިޒަށް) މުގުރައިގެން ހިލަޔާއި ހިލަވެލީގެ ބަދަލުގައި ބޭނުން ކުރީ އެއެޗިއްސެވެ. ގަމާއި ހިތަދޫގައި ހެދި ތަންތަނުގެ ހުރިހާ ކޮންކްރީޓް މަސައްކަތަކަށް، ބޭނުންކުރި ހިލަޔާއި ހިލަވެއްޔަކީ އެއީއެވެ. އެއީ ހުދު ހިލަ ފާޑެއްގެ އެއްޗެކެވެ. އެ މުގުރަންވެގެން ގެނެސްފައި ހުރި މެޝިނަތަކަށް އައްޑޫ މީހުން ކިޔަނީ "ގައުހަފާމެސެން" އެވެ. އެހިލައިގެ ބޮޑު ސައިޒަށް ކިޔަނީ ބަޖުޅިއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ އައްޑޫ ނައްތާލީ އިނގިރޭސީންނެވެ. އެތާނގައިއޮތް ހައްވާމަނިކެ ހެރާއި، ބޮނޑޮހެރެގަނޑަ ވެސް ނައްތާލީއެވެ. މިހާރަކު ދިވެހިރާއްޖޭގެ، އައްޑުއަތޮޅުގެ ޗާޓުގައި އައްޑޫ އެއް ނެތެވެ. އެއީ އިނގިރޭސީން އެރަށް ނައްތާލީމައެވެ.

ލިޔެދެއްވާފައިވަނީ: އަހްމަދު ޝަރީފް މުޙައްމަދު، ރޭނިސް ސ-މަރަދޫ


ކިޔުންތެރިންގެ ހިޔާލު


29

އައްޑޫމީހާ

26-Apr-2020

އައްޑޫ މުގުރާހެދި އަދޮ އުދުހިފެއި މިއަތެޅައްގިއެނީ



ޓްރެންޑިން