ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސްޓޫޑެންޓް ލޯނަކީ އެކި ރަށްރަށަށް ކޯޓާ ކަނޑައަޅައިގެން ބަހަންޖެހޭ އެއްޗެއް ނޫންކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭންގައި ގއ. އާއި ގދ.ގެ ކެންޑިޑޭޓުންނާއި، ކެމްޕެއިން ޓީމުތަކާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ، މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނުގައި މިހާރު ކޮންމެ ރަށަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާކަމަށެވެ.

ސްޓޫޑެންޓް ލޯނު ދޫކުރުމުގައި ސަރުކާރުގެ ވިސްނުމާ ދެކޮޅުހައްދަވައި، މަތީތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ޕްރައިވެޓް ސެކްޓަރގައި ފުޅާކޮށް ހިންގަވަމުން ގެންދަވާ ސައިރިކްސް ޝަރީފް ވިދާޅުވީ، ސްޓޫޑެންޓް ލޯނަކީ އެކި ރަށްރަށަށް ކޯޓާ ކަނޑައަޅައިގެން ބަހަންޖެހޭ އެއްޗެއް ނޫންކަމަށެވެ. އަދި ސްޓޫޑެންޓް ލޯނު ދޭންވީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް އެ ދާއިރާތަކުން ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތަށް އަމާޒު ކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ، ސްޓޫޑެންޓް ލޯނަކީ ދަރިވަރުން ކިޔަވާ ދާއިރާއެއްގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުވާނެ މިންވަރަށް ބަލައިގެން ދޫކުރަންޖެހޭ އެއްޗެއް ކަމަށެވެ.

ސަރުކާރުން މިއަހަރު ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމްގައި 770 ފަރާތަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. އެގޮތުން މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށް 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް 290 ޖާގަ ޚާއްސަކޮށްފައިވެވެ.

މީގެ އިތުރުން ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކުން ރާއްޖެއިން ބޭރަށް ގޮސްގެންވެސް ކިޔެވުމުގެ ފުރުސަތު މިފަހަރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

މިފަހަރު ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށް ލޯނު ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މާރޗްމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން