ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާން ކުޑަތަންވަމުން އަންނަ ވަރަކަށް އެއިންތިޚާބުގެ ކެމްޕޭންގެ އަޑުވެސް މިދަނީ ވަރަށް ގަދަވަމުންނެވެ. ކެމްޕޭންގެ ވާދަވެރިކަމަށް ބަލާއިރު މިފަހަރުގެ އިންތިޚާބުގައި އޮތީ އިދިކޮޅާއި އެއްކޮޅެވެ. ތިލަކޮށްލާފައި ދަންނަވާނަމަ ދެންނެވޭނީ އިންތިޚާބުގައި މިފަހަރު ވާދަކުރަނީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ކަމަށެވެ. އެހެން މިދެންނެވީ ކީއްވެގެންކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީމާ އެވާހަކަ އެހާ ފުންކޮށް، ދިގުކޮށް ދައްކާކަށް ނެތީމެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރަނީ ދެޕާޓީއެކޭ އަޅުގަނޑު މިދަންނަވަނީ ހަމަ އެކަން ވަރަށް ބޮޑަށް ޔަގީންވާތީއެވެ. ޕީޕީއެމާއި ޕީއެންސީއަކީ އެއްބައެކެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ އެއީ ރައީސް ޔާމިންގެ ދެދަރީންނެވެ. އެހެންވީމާ އިދިކޮޅަކީވެސް ސަރުކާރާ ވާދެވެރީންނަކީވެސް އެއީއެވެ. ދެންއޮތީ ސަރުކާރެވެ. މިހާރުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެކެވެ. ސަރުކާރު ހިންގާ ކޯލިޝަނުން ބަހައިގެން، ބައި އަޅައިގެން ނޫނީ ފޮތިކޮށްގެން ވެސް ބޮޑުބައި އެޅެނީ އެމްޑީޕީއަށެވެ. ބުނެވޭ ގޮތުގައި އެއީ ސަރުކާރުގެ 40 އިންސައްތައެވެ. ދެން ކޯލިޝަންގައި ތިބީ ޖުމްހޫރީ ޕާޓީއާއި އަދާލަތާއި ރައީސް މައުމޫނެވެ. ނޫނީ މައުމޫނުގެ އެމްއާރްއެމްއެވެ. އެނގިފައިވާ ގޮތުގައި ދެން އޮތްބައި ބެހީ ޕާޓީގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ. އެހެންވީމާ އެއްބަސްވުމެއް، އެގްރީމެންޓެއް، އަހުދުނާމާއެއް އޮތަސް ނެތަސް އެމީހުން އެތިބީ ކޯލިޝަން ހަދައިގެންނެވެ. މިކަން މިހާރު އެމްޑީޕީގެ އިސް ބޭފުޅުންނަކަށް އެހާ ބޮޑަކަށް ގަބޫލެއް ނުކުރެވެއެވެ.

އެމްޑީޕީގެ އިސް ވެރިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު ފިޔަވައި އެހެން އިންތިޚާބަކަށް ކޯލިޝަން ނުހަދާ ކަމަށެވެ. ކޯލިޝަނެއް ހެދިއްޔާ ހެދީ ވެރިކަމަށް އަންނާށެވެ. އެހެންވީމާ ވެރިކަން ލިބުމުން އެހިސާބުން ކޯލިޝަން ނިމުނީއެވެ. ދެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމިއްލަ އިހުތިޔާރުފުޅުގައި ނޫނީ ދުނިޔޭގެ ލަދަށް ނަމަވެސް އެމީހުންނަށް ކޯލިޝަނުން އެޅި ބައިކުޅަބައި އެމީހުންނަށް ދެއްވީއެވެ. ފަށައިގެން އިރުގައި ވަޒީރު ކަމުން ވެސް އެބުނާ އިންސައްތައެއް ހަމަކޮށްދިން ކަމަށް ވެއެވެ. އެކަމަކު މިހާރަކު އެ ތިލަފަތެއް ހަމަހަމައެއް ނޫނެވެ. ބުނެވޭ ގޮތުގައި އަދާލަތު ޕާޓީން އަތުލީ އިތުރަށް ދެވުނު މިންވަރެވެ. މައުމޫނަށް އެޅިބައިން ވެސް ބައެއް އެއޮތީ އަތުލައިފައެވެ. މިފަހަރު ވަޒީރު ބޭލީ ނޫނީ ބައި އަތުލީ ވުޒާރާ އުވާލާފައެވެ. ފެންފޮދެއް ބޯލާފައި ވައެއް ލުންހާވެސް ފަސޭހަ ކަމެކެވެ.

ރިޔާސީ އިންތިޚާބުނޫން އެހެން އިންތިޚާބަކަށް ކޯލިޝަނެއް ނުހަދައެވެ. އެހެންވީމާ އިންތިޚާބުގައި ބައިއަޅާން ވެސް ނުޖެހޭނެތާއެވެ. އިންތިޚާބަކާ ޖެހުނީމާ ކޯލިޝަންގައި މިއޮންނަނީ އެމީހަކާ އެމީހެކެވެ. ގަދަ މީހާއަށް ގަދަހެދޭ ގޮތަށެވެ. އަޑުގަދަ މީހާއަށް ރުއް ގިނަވާ ވަރަށެވެ. އެމްޑީޕީން ރަށްވެހި ފަތިސް ކެމްޕޭން މެކުހަށް ޖަހާފައިވާއިރު މުޅި ސަރުކާރު އެކުއެކީގައި ނުކުމެ އެއޮތީ އެމްޑީޕީގެ ރަށްވެހި ފަތިހަށް ޓަކައެވެ. މުޅި ޓީމު އެއޮތީ ކުރިއަށް އަރައި މެދުރޮނގަށްވުރެވެސް މާ ކުރީގައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ވަޒީރުންގެ ވާހަކަފުޅުތަކުން އެނގި ޔަގީންވަނީ މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމެވެ. މިސަރުކާރުގައި އެހެން ޕާޓީއެއް ނެތްކަން ކަށަވަރުވަނީ އެބުނާ ކޯލިޝަނުން އިތުރު އެހެން އެއްވެސް ކެންޑިޑޭޓަކު މި އިންތިޚާބުގައި ވާދަކުރާ ކަމެއް ސަރުކާރުގެ ވާހަކަތަކުގައި އެއްވެސް މިންވަރަކަށް ނާންނާތީއެވެ. އެބޭފުޅުން ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ މަސައްކަތްތަކާއި ކުރިއަށް ކޮށްދޭން ހުރި ކަންކަމާއި ސަރުކާރުގެ ކާމިޔާބީ ތަކާއެކު ރައްޔިތުންނަށް ދައްކަނީ ރަންރީނދޫ ކުލައާއި ތިލަފަތާއި ރަށްވެހި ފަތިހެވެ. ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާވެސް، ސަރުކާރުގެ ވަޒީރަކުވެސް އަދި ސަރުކާރުގެ އެހެން އެއްވެސް ބޭފުޅަކުވެސް އެނޫން ބައެއްގެ ވާހަކައެއް ނަންވެސް ނުގަނެއެވެ. ދޫ އޮޅިގެންވެސް ކިޔާތީ އަޑެއް ނާހަމެވެ.

އެހެންވީމާ ކޯލިޝަނަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ރަމްޒީ ނަމެކެވެ. ދޫފަރިތަކޮށް، ވިދާޅުވާން ފަސޭހައަށް ވިދާޅުވާ ނަމެކެވެ. މިސަރުކާރަކީ ކޯލިޝަން ސަރުކާރެއް ނޫނެވެ. މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެކެވެ. ސަރުކާރުގައި ކޯލިޝަނޭ ކިޔައިގެން ބަޔަކު ތިބިއްޔާ އެތިބީ ދަލު ބޭރުން ޖެހިގެންނެވެ. އެއީ މިހާރު ސުވާލެއްވެސް އޮތް ކަމެއް ނޫނެވެ. އެހެން ނޫންނަމަ ސަރުކާރުގެ ވަސީލަތްތަކާއި ސިޔާސަތުތަކާއި ވަޢުދުތަކާއި ކާމިޔާބީތަކާއި މަޝްރޫޢުތަކާއި އެހީތަކުގެ ވާހަކަ ވިއްކައިގެން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނާއި އަދާލަތުގެ ކެންޑިޑޭޓުންނާއި ރައީސް މައުމޫންގެ ކެންޑިޑޭޓުންނަށް ވެސް ކެމްޕޭން ކުރެވޭނެ ތާއެވެ.

ހަމަ ވަރަށް އިހުލާސްތެރިކަމާއެކު ރީތި ބަހުން ދަންނަވާން އޮތީ ކޯލިޝަނޭ ކިޔައިގެން ސަރުކާރުގައި އެވެރިން އެތިބީ ލަދެއް ހަޔާތެއް ނެތީމައެވެ. މިއީ މިފެންނަ މަންޒަރުން މާނަކުރެވޭ ގޮތެވެ. ނޫނީ ދެން ބުނެވޭން އޮތީ އެވެރީން ކޯލިޝަންގައި ބައިވެރިވެ ސަރުކާރުން ބައިއަޅާފައި އެވަނީ މޮހޮނަށް ދޯނި ދޭ ގޮތަށް ކަމަށެވެ. އެތިބީ ކޯލިޝަނުގައެވެ. އެވަރުން ފުދެންޏާ އެހެން ކިޔައިގެން ތިބޭންވީއެވެ. އެހެން ނޫނަސް ކޯލިޝަނަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ދަންނަ އެއްޗެއްވެސް ނޫނެވެ. އެއީ ގާނޫނު ނުދަންނަ ރަމްޒީ ނަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން