ޙުސައިން ރަޝީދު އަޙުމަދު   27 އޭޕްރީލު 2021 - 2:32
ބައެއް ބޭފުޅުން ފޮނުވާފައިވާ ސުވާލުތަކުގެ ޖަވާބު

- ސުވާލު: 1

​ރޯދައަށް ނިޔަތް ގަތުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ކޮންމެ ރޯދައަކަށް ނިޔަތް ގަންނަން ޖެހޭނެތޯ؟ ނިޔަތް ދުލުން ކިޔާނީ ކިހިނެއްތޯ؟

- ޖަވާބު:
​ރޯދައަށް ނިޔަތް ގަތުމަކީ ރޯދައިގެ ފަރުޟެކެވެ. ނިޔަތް ގަންނާނީ ކޮންމެ ރޯދައަކަށް ވެސް އެދުވަހެއްގެ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންނެވެ. ކޮންމެ ރޯދައަކަށް ނިޔަތް ގަންނަން ޖެހޭނެއެވެ. ސަބަބަކީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ރޯދައެކެވެ. ނިޔަތް ގަންނަނީ ހިތުންނެވެ. ނަމަވެސް އިމާމު ޝާފިޢީ ވިދާޅުވާ ގޮތުގައި ހިތުގައި އޮތް ނިޔަތަށް ތާއީދު ކުރުމުގެ ގޮތުން ދުލުންވެސް ނިޔަތް ކިއުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ދީނަށް ވަންނަ މީހާ ޝަހާދަތް ކިޔަން ޖެހޭ ފަދައިންނެވެ. ޙައްޖާއި ޤުރުބާނީއާއި، މި އަޅުކަންތައް ތަކުގައި ނިޔަތް ދުލުން ކިއުން އޮންނަ ފަދައިންނެވެ. އޭގައި އޮންނަ ނިޔަތަކީ: نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانَ هَذِهِ السَّنَةِ لِلَّهِ تَعَالَى: މާނައީ: މަތިވެެރި މާތް ﷲ އަށްޓަކައި މިއަހަރު ރަމަޟާން މަހުގެ ފަރުޟު އަދާކުޅައުމަށް މާދަމާ ރޯދަ ހިފުމަށް ނިޔަތް ގަތީމެވެ. މިއެވެ.

- ސުވާލު: 2

​ރޯދަ ވީއްލުމުގައި ކަންތައް ކުރާނީ ކިހިނަކުންތޯ؟

- ޖަވާބު:
​ރޯދަ ވީއްލާނީ އިރުއޮއްސުމުންނެވެ. ނުވަތަ މަޣުރިބު ނަމާދަށް ބަންގި ގޮވުމުންނެވެ. ބަންގި އަޑު އިވުމާއެކު ލަސް ނުކޮށް ރޯދަ ވީއްލުމަކީ ސުއްނަތެކެވެ. ބޮޑަށް ރަނގަޅީ ކަދުރު އޮށަކުން ރޯދަ ވީއްލުމެވެ. ދެން ތިމާ ބޭނުން އެއްޗެއް ކައިބޮއި ހަދާނީއެވެ. ރޯދަ ވީއްލާ ވަގުތު ﷲ އަށް ޙަމްދުކޮށް ދުޢާ ކިޔަން ވާނެއެވެ. ބިސްމީގެ ބަރަކާތުން ރޯދަ ވީއްލުމުން މާތް ﷲ ތިމާގެ ކެއުމާއި ބުއިމުގައި ބަރަކާތް ލައްވާނެއެވެ. މީގެ އިތުރުން ރޯދަ ވީއްލާހިނދު ބިސްމިއާ ދުޢާ ކުރުމީ ސުއްނަތެކެވެ. އޭގައި ކީރިތި ރަސޫލާގެ އަރިހުން ތަފާތު ދުޢާތައް ވާރިދުވެފައި ވެއެވެ. އެންމެ މަޝްހޫރު ދުޢާއަކީ، اللَّهُمَّ لَكَ صُمْتُ وَعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ މާނައީ: އަޅުގެވެެރި ރަސްކަލާކޮ! ތިޔަ އިލާހުގެ ނަންފުޅުގައި އަޅު ރޯދަ ހިފީމެވެ. އަދި ތިޔަ އިލާހަށް ވަކީލުކުރީމެވެ. ތިޔަ އިލާހު ދެއްވި ރޯދިން ރޯދަ ވީއްލަމެވެ.

- ސުވާލު: 3
​ރޯދައިގެ ރުކުންތަކަކީ ކޮބައިތޯ؟

- ޖަވާބު:

​ރޯދައިގައި އޮންނަނީ 2 ރުކުނެކެވެ. އެއީ ނިޔަތް ގަތުމާއި ފުޖުރުއް ޞާދިޤުގެ އަލިކަން ފައުޅުވީއްސުރެން އިރު އޮއްސެންދެން ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.

- ސުވާލު: 4
​ރޯދައިވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކީ ކޮބާ؟

- ޖަވާބު:
​ފުރަތަމަ ކަމަކީ ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. ދެވަނަ ކަމަކީ ތިމާގެ ދުލާއި ހިއްސުތައް ހަޑިހުތުރު އެންމެހައި ކަންތައްތަކުން އެއްކިބާ ކުރުމެވެ. އެތަކެއް މުޙައްދިޘުން ރިވާ ކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ! ރޯދައަކީ ހަޑިހުތުރު ކަންކަމުން ރައްކަައުތެރިވުމަށް އޮތް އައްޑަނައެކެވެ. ވުމާއެކު ހަޑިހުތުރު އެއްޗެހި ދުލުން ނުކިޔާށެވެ. ޒުވާބުކޮށް އަރާރުންވެ ނުހަދާށެވެ. އަދި މީހަކު ކަލެއާ އަރައިރުންވެ ހުތުރު އެއްޗެހި ކިޔަސް އޭނާއަށް އޭގެ ޖަވާބު ނުދޭށެވެ. އޭނާގެ ގާތު ބުނާށެވެ. ތިމަންނާއީ ރޯދަވެރިއަކީމެވެ. ރޯދަވެރިއަކީމެވެ.

- ސުވާލު: 5

ލައިލަތުލްޤަދްރިއަކީ ކޮބާ؟ ލައިލަތުލް ޤަދުރިއަކީ ހަމަ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ އެއްރޭގެ އެއްވަގުތެއްގައި އަންނަ ރެއެއްތޯއެވެ؟ މީހަކު ބުނީ އެއީ އަހަރުން އަހަރަށް ދައުރުކުރާ ރެއެއް ކަމަށެވެ. މިސާލަކަށް 1424 ވަނަ އަހަރު އެރެއެކީ 25 ވަނަ ރޭ ކަމަށް ވެއްޖެނަމަ 1425 ވަނަ އަހަރު އެރޭ 25 ވަނަ ރޭކަމަށް ނުވާނެ ވާހަކައެވެ. ވާނީ ކޮންމެވެސް އެހެން ތާރީޚެކެވެ.

- ޖަވާބު:
ލައިލަތުލް ޤަދްރިއަކީ މާތް ﷲ މިއުއްމަތަށް ނިޢުމަތް ކުރަށްވާފައިވާ، އެއިލާހުގެ ޢިލްމުފުޅުގައިވާ ސިއްރެއްގެ ގޮތުގައި ލައްވާފައިވާ ރެއެކެވެ. އެރެއަކީ ކޮބައިކަން އެނގިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. މިކަމުގެ ސިއްރަކީ އެރޭ ހޯދުމަށް ޓަކާ މުސްލިމުން ބޮޑަށް މަސައްކަތް ކުރުމެވެ. އަޅުކަމުގައި ބޮޑަށް މަޝްޣޫލުވުމެވެ. ހަމަ ގައިމު އެއީ ރޯދަމަހުގެ ރެއެކެވެ. ނަމަވެސް އެމަހުގެ ކޮން ރެއެއްކަން އެއީ އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. މާތް ﷲ ކީރިތި ރަސޫލާއަށް ވެސް ސާފުކޮށް އެކަން އަންގަވާފައި ނުވެއެވެ. ގިނަ ޙަދީޘުތަކުން ސާބިތުވާ ގޮތުން އެނގެނީ އެއީ އޮނަހިރި ރެއެއް ކަމެވެ. ބައެއް ޙަދީޘުތަކުން ފަހު ދިހައިގެ އޮނަހިރި ރެއެއްކަންވެސް ދޭހަވެއެވެ. ދަންނަބޭކަލުންގެ ބަސްފުޅުތައް އެކަމުގައި ތަފާތުވެފައި އޮތީވެސް މިސަބަބާހުރެއެވެ. ކީރިތި ރަސޫލާއާއި ބައެއް އަޞްޙާބު ބޭކަލުންނަށް ވަނީ އެރޭ ލިބިވަޑައިގެންފައެވެ. އެއާމެދު އައިސްފައިހުރި ޙަދީޘުތަކަށް ބަލާއިރު އަޅުގަނޑަށް ދޭހަވަނީ ކީރިތި ރަސޫލާއަށް އެރޭ ފެނިވަޑައިގެންފައި ވަނީ އެކިއަހަރުގައި އެކި ރޭރޭގައި ކަމެވެ. އެހެންކަމުން އެއީ ކަނޑައެޅޭ ވަކިރެއެއް ނޫނެވެ. އެދުވަސް ލިބިގަތުމަށްޓަކައި އަޅުގަނޑުމެންނަށް އޮތީ މުޅި ރޯދަމަހު ވީހާބޮޑަށް މަސައްކަތް ކުރުމެވެ. ކޮންމެހެން ހިސާބު ހަދައިގެން ބެލުމުގެ ބޭނުމެއް ނެތެވެ.

- ސުވާލު: 6
ރޯދައަށްހުރެ، ރޯދަވީއްލުމަށް ނިޔަތްގަތުން:

އަޅުގަނޑަށް ވަރަށް ފަހުން އެނގުނު ގޮތުގައި ރޯދަ ހިފައިގެން ހުރުމަށްފަހު ރޯދަ ވީއްލުމަށް ނިޔަތްގަނެފިނަމަ އެރޯދަ ބާޠިލްވާނެއެވެ. ސުންނަތް ރޯދައިގާ ވެސް އަދި ފަރުޟު ރޯދައިގާ ވެސް އަޅުގަނޑަށް މިގޮތަށް ރޯދަ ވީއްލައިފިކަމަށް ހިތަށް އަރައެވެ. މިއީ ކޮންކަހަލަ ކަމެއްތޯއެވެ. މިިހެންވުމުން ރޯދަ ގެއްލޭނެތޯއެވެ؟

- ޖަވާބު:
ރޯދަ ހިފައިގެން ހުރެ ރޯދަވީއްލުމަށް ނިޔަތްގަތުމަކީ ރޯދަގެއްލޭ ކަމެއްނޫނެވެ. ރޯދަ ގެއްލޭނީ ރޯދަގެއްލޭ ކަންތަކުގެ ތެރެއިން ކަމެއް ތިމާގެ ޤަސްތާއި ލައިގެން ކޮށްފިނަމައެވެ. އެއީ ކެއުމާއި ބުއިމާއި އެދުންވެރިކަން ފުއްދުމާއި މިފަދަ ކަމެކެވެ. މިއީ ފަރުޟު ރޯދަކަމުގައި ވިއަސް، ނަދުރު ރޯދަ ކަމުގައި ވިއަސް އަދި ސުއްނަތް ރޯދަ ކަމުގައި ވިއަސް އެވެ. ނަމަވެސް ރޯދައަށް ހުންނައިރު ރޯދައަށް ހުރިކަމުގެ ނިޔަތްމަތީ ހުރުމީ ސުއްނަތެކެވެ. އަދި ރޯދަ ވީއްލާއިރު ރޯދަވީއްލުމުގެ ނިޔަތްގަތުމާއި ރޯދަވީއްލާ ދުޢާކިއުމީވެސް ސުއްނަތެކެވެ. އެހެންކަމުން ގެއްލިދާފަދަ ކަމެއް ކުރުމަކާނުލައި ރޯދަދޫކޮށްލުމަށް ނިޔަތްގަތުމަކުން ރޯދަ ނުގެއްލޭނެެއެވެ. އެކަމަކު ރޯދަ ވީއްލުމަކާ ނުލައި އެފަދައިން ހިތަށް އެރުވުމީ ރޯދަ މަކްރޫހަވެދާނޭ ކަމެކެވެ. އެހެންކަމުން ރޯދަ ގެއްލޭފަދަ ކަމަކާއެކު ރޯދަ ވީއްލުމުގެ ނިޔަތް ގެންފިނަމަ ރޯދަ ގެއްލިދާނެއެވެ. ހަމައެހެންމެ ރޯދައަށް ހުރިކަން ހަނދާންނެތި، ރޯދަ ވީއްލުމުގެ ނިޔަތެއްވެސްނެތި ރޯދަގެއްލޭފަދަ ކަމެއް ކުރުމަކުން ރޯދަ ނުގެއްލޭނެއެވެ.

- ސުވާލު: 7
ނިފާސްކަމުގެ މުއްދަތު ނޭގުމުގެ ސަބަބުން ހިފުނު ރޯދައިގެ މައްސަލަ:

އަޅުގަނޑު ވިހައިގެން ސާޅީސްދުވަސް ވުމުން ހިނައިގަތުމަށްފަހު ހުރީ ރަމަޟާންމަހު ރޯދައަށެވެ. ގާތްގަޑަކަށް 3 ދުވަސް ފަހުން އަނެއްކާވެސް ލޭ ފެނިއްޖެއެވެ. އޭގެފަހުން ހިނައިނުގަނެ، ކުރީގެ ހިނެއުން މަތީގައި ހުރެގެން 6 ރޯދަ ހިފައިފީމެވެ. އެއީ ނިފާސް ކަމުގެ ދިގުމުއްދަތަކީ 40 ދުވަސްކަމަށް ހީކޮށެވެ. ނަމަވެސް ފަހުން އެއީ 60 ދުވަސްކަން އެގުމުން ބާކީ ރޯދަތައް ހިފީ އަނެއްކާ ހިނާގަތުމަށް ފަހުގައެވެ. ވީމާ އަޅުގަޑު ކުރީގައި ހިފި ރޯދަތައް އަނެއްކާ ހިފަންޖެހޭނެތޯއެވެ؟

- ޖަަވާބު:
ނިފާސްކަމުގެ މުއްދަތަކީ މަދުވެގެން ހިނދުކޮޅެކެވެ. ގިނަވެގެން 60 ދުވަސް ކަމުގައި ގިނަ ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. އިމާމު މާލިކުގެ އަރިހުގައި 70 ދުވަހެވެ. އަދި މެދު މިންވަރަކީ 40 ދުވަހެވެ. އެބަހީ 40 ދުވަހަށް އިންތިޒާރު ކޮށްފައި ލޭ ނާންނަ ކަމުގައި ވާނަމަ އެހިސާބުން ހިނައިގަންނާނީއެވެ. ނަމަވެސް އުޞޫލެއްގެ ގޮތުން ޢިލްމުވެރިން ބައްލަވައި ހައްދަވަނީ ކޮންމެ އަންހެނެކަށް ވެސް އެމީހެއްގެ އާދައަށެވެ.
އެކަކަށް ވުރެން ގިނަ ކުދިިން ވިހައިފައި ހުންނަ އަންހެނާ ޢަމަލުކުރާނީ އޭނާގެ އާދައަކީ ކޮބައިތޯ ބަލައި، އެއަށެވެ. މިސާލަކަށް އަލަށް ވިހެއުމަށްފަހު 15 ވަރަކަށް ދުވަހުން ލެއިކެނޑި، ލެއިއައުން ބަންދު ވެފައި، ދެން ލެއި ނައިސްހުރެ 40 ވުމުން ހިނައިގަންނާނީއެވެ. އޭގެ ފަހުން ދެވަނަ ކުއްޖާ ވިހެއި އިރުވެސް 15 ވަރަކަށް ދުވަހު ލެއި އައިސްފައި ކެނޑިއްޖެނަމަ، މިފަހަރު 40 ވަންދެން އިންތިޒާރު ކުރުމެއްނެތި، ތިމަންނާގެ އާދައަކީ 15 ދުވަސްކަމުގައި ބަލައިގެން، 15ގެ ފަހުން ހިނައިގަންނާނީއެވެ.

ކޮންމެއަކަސް ތިޔަ ވިދާޅުވި ގޮތަށް އާދައަކީ ކޮބައިކަން އެނގުމެއްނެތި، ނުވަތަ ފުރަތަމަ ފަހަރަށް ވިހެއިމީހަކު ނަމަ، 40ގެ ފަހުންވެސް ލެއި ފެނިއްޖެނަމަ އެއީ ނިފާސްވެރިކަން ކަމުގައި ބަލައި 60 ދުވަހަށް އިންތިޒާރުކޮށް އޭގެފަހުން ހިނައިގަންނާނީއެވެ. އަދި ކުރީގައި ތިޔަ ހިއްޕެވި ރޯދަ އަލުން ހިއްޕަވާނީއެވެ. އެއީ ރޯދަ ހިފުނީ ނިފާސްކަމުގެ މުއްދަތު ނުނިމެނީސް ކަމަށް ވާތީއެވެ. އެކަމަކު ކުރީގައި އެހިފުނު ރޯދައަކީ މަނާވަގުތެއްގައި ހިފުނު ރޯދައަކަށްވި ކަމުގައި ވިއަސް އެކަމާމެދު އެއްވެސް ފާފައެއް އަދި ގެއްލުމެއް ނުލިބޭނެއެވެ. އެއީ ރޯދަހިފުނީ އެކަމުގެ މައްސަލަ ނޭގިކަމުގައި ވާތީއެވެ.

- ސުވާލު: 8
ރޯދަވެރިޔާ ޤަޞްދަކާނުލައި ޖުނުބުވެރިވުން:
ރޯދަޔަށް ހުއްޓާ ގަސްތުގައި ނޫންގޮތަކަށް ޖުނުބުވެރިވެއްޖެނަމަ ހަދާނީ ކިހިނެއްތޯއެވެ؟

- ޖަވާބު:

ރޯދައަށް ހުއްޓާ ތިމާގެ ފުރިހަމަ އިޚްތިޔާރެއް ނެތި ޖުނުބުވެރިވުމަކީ ރޯދަ ގެއްލޭނޭ ކަމެއް ނޫނެވެ. އެއީ ނިދާފައި އޮތްކަމުގައި ވިއަސްއެވެ. ހަމަ އެހެންމެ ތިމާގެ އަމިއްލަ ޙަރަކާތެއްނެތި ޝަހުވަތާމެދު ވިސްނުމުގެ ސަބަބުން ޖުނުބުވެރިވިކަމުގައި ވިއަސް އޭނާގެ ރޯދަ ބާޠިލެއް ނުވާނެއެވެ. ނަމަވެސް އޭނާއަށް ޖެހޭނީ އަވަހަށް ހިނައިގަންނާށެވެ. ހަމަ އެގޮތަށް ޖުނުބުވެރިވެފައި ހުއްޓާ ފަޖުރުލުމަކުން ވެސް ރޯދައަށް ގެއްލުމެއް ނުވާނެއެވެ.

ދަތުގައި ނަރުގަނޑު އަޅުވާގެން ރޯދަހިފުން:
- ސުވާލު: 9
ދަތްޕިލައިގައި ނަރުގަނޑު އަޅުވައިގެން ރޯދަ ހިފިޔަސް ރަނގަޅުވާނެތޯއެވެ؟

- ޖަވާބު:

ދަތްޖަހައިގެން ހުރުމާއި ދަތްޕިލާގައި ނަރުގަނޑު އަޅުވައިގެން ހުރެ ރޯދަ ހިފުމާއި މިފަދަ އެއްވެސް ކަމަކީ ރޯދަގެއްލޭނޭ އަދި ރޯދަ މަކްރޫހަވާނޭ ކަމެއްވެސް ނޫނެވެ.

-ނުނިމޭ-

ކިޔުންތެރިންގެ ހިޔާލު