އެމެރިކާ އަންހެނަކު މާބަނޑުކަން ނޭނގި ހުއްޓާ، އޭނާ ދަތުރު ކުރަމުން ދިޔަ ފްލައިޓް ތެރޭގައި ވިހައިފިއެވެ.

މިއަންހެން މީހާ ވިހާފައިވަނީ އެމެރިކާގެ ޔުޓާ ސްޓޭޓުން ހަވާއީ ސްޓޭޓަށް ދަތުރު ކުރަމުން ދަނިކޮށެވެ. އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް މަތީގައި ވިހަން ބަނޑުގައި ރިއްސައި ގަތުމުންވެސް ބަނޑުބޮޑުކަން ނޭނގޭކަމަށް މިއަންހެން މީހާއާއި އޭނާގެ އާއިލާއިން ހާމަކޮށްފައިވެއެވެ.

މިހާދިސާގެ މައުލޫމާތު އާންމުންގެ ތެރޭގައި ފެތުރިގެން ދިޔައީ ފްލައިޓުގައި އިން އެހެން ފަސިންޖަރަކު ޓިކްޓޮކް ގައި ހިއްސާ ކުރުމުންނެވެ. މިގޮތުން އެ އަންހެން މީހާ ބަނޑުގައި ރިއްސާ ވިހަން ގާތްވިފަހުން، ފްލައިޓުގައި މެޑިކަލް ބަޔަކު ތިބިތޯ ކެބިން ކްރޫއިން ގޮވާ މަންޒަރާއި، ވިހެއުމަށްފަހު ފްލައިޓުގައި ތިބި މީހުން މަރުހަބާ ކިޔަމުން ދިޔަތަން ވެސް މިޓިކްޓޮކްގައި ފެނިގެން ދެއެވެ.

މިއަންހެންމީހާއަށް އެހީވެދިން ނަރުހަކުވެސް ވަނީ އޭނާއަށް ކުރެވުނު އިހުސާސްތައް މީސްމީޑިޔާގައި ހިއްސާކޮށްފައެވެ. މިގޮތުން ބަނޑަށް 26 ނޫނީ 27 ހަފްތާގައި އަންހެން މީހާ ވިހާފައިވަނީ ފްލައިޓުގެ ފާހާނާ ތެރޭގައިކަން ފާހަގަކޮށްފައިވެއެވެ. އަދި އެވަގުތު ފްލައިޓުގައި ތިބި އެންއައިސީޔޫގެ ތިން ނަރުހަކާއި، ފިޒިޝަން އެސިސްޓަންޓަކާއި ފެމިލީ މެޑިސިން ޑޮކްޓަރެއްގެ އެހީތެރިކަމާއިއެކު ފްލައިޓު ޖެއްސުމުގެ ތިން ގަނޑިއިރު ކުރިން ކާމިޔާބުކަމާއެކު އަންހެންމީހާ ވިއްްސާފައިވާކަމަށްވެއެވެ.

ފްލައިޓު ޖެއްސުމާއެކު އެދެމައިން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ހާލުރަނގަޅުކަމަށް ފްލައިޓުގައި ތިބި ސިއްހީ އެހީތެރިން ފާހަގަކޮަށްފައިވެއެވެ.

މިހާދިސާއަށްފަހު ތުއްތު ކުއްޖާގެ ބައްޕަވަނީ ފްލައިޓު މަތީގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ވަރަށް ހައިރާންކުރުވަނިވި ހާދިސާއެއްކަމަށް ސިފަކޮށްފައިވެއެވެ.

މިހާދިސާ ހިނގާދިޔަ ޑެލްޓަރ އެއާލައިނުންވެސް މިކަން ވަނީ ޔަގީންކޮަށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން