ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މުހިންމު ތަނބެކެވެ. ގާސިމަކީ ރައްޔިތުންގެ ގިނަ ބައެއްގެ ތާއިދު ލިބިވަޑައިގެންފައިވާ ވަރުގަދަ ސަހުސިއްޔަތެކެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމްގެ ބޭނުން ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އެންމެ މުހިންމުވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުއެވެ. އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ރިޔާސީ ކެންޑިޑޭޓުން އެންމެ ފަހު ވަގުތު ނާށިގަނޑު ހިފައިގެން ސަލާންޖަހަން ވަޑައިގަންނަވަނީ ގާސިމްގެ އަރިހަށެވެ. އެމަނިކުފާނު ގުޅި ވަޑައިގަންނާ ކޯލިޝަނަކީ އެއިރެއްގެ އިންތިޚާބު ކާމިޔާބު ކުރާ ކޯލިޝަނެވެ. މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގެ ކާމިޔާބީ ބުރަވަނީ ގާސިމް އަރާވަޑައިގަންނަވާ ކޮޅަކަށެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މިހިނގާދިޔަ ކުރު ތާރީޚު ދެއްކި ހަގީގަތެވެ. އެއްވެސް ސިޔާސީ ލީޑަރަކަށް ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

ކަންމިހެން ހުރުމުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ލީޑަރުންނަށް ގާސިމް ވަނީ ރަންގަނޑަކަށްވުރެ އަގުބޮޑު ޖަވާހިރަކަށެވެ. އެހެންނަމަވެސް ވެރިކަމާއި އާރާއި ބާރު ލިބި އެވެރިންގެ އެދުން ހަމަ ފުދުމާއެކު ގާސިމަށް ދެނީ "ފެންކައްކާ ބޮލީގެ އިއްޒަތެވެ."

ކޮންމެއަކަސް މިދުވަސްވަރަކީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފަށައިގެން އުޅޭ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ގާސިމްގެ ތާއިދާއި މަދަދު ބޭނުންވާފަދައިން އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު އިސްވެ ހުންނަވައިގެން ނިޒާމް ބަދަލުކުރަން ކުރައްވާ މަސައްކަތުގައި ގާސިމްގެ ތާއީދު އިންތިހާއަށް ބޭނުންވާކަން މިހާރު މިވަނީ ޝައްކެއް ނެތް މިންވަރަށް ޔަގީންވެފަވެ. ވެރިކަމުގެ ނިޒާމް ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު މީގެކުރިން ފާޅުކުރައްވައި އެކަން ރައީސް ސާލިޙަށްވެސް ވަނީ ހުށައަޅުއްވާފައެެވެ. އެހެން ނަމަވެސް ރައީސް ސާލިޙު އެކަމާ ދެކޮޅު ހެއްދެވުމުން ނޫނީ އެކަމަށް މާބޮޑު ތާއީދެއް ނުކުރެއްވުމުން އެކަން ވާގޮތް ނުވީއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހުންނެވީ ހަތިޔާރު ބަހައްޓައި އަމާން ދެއްވާގޮތަކަށް ނޫނެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތަކުންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު ރައީސް ނަޝީދު ދުލެއް ނުކުރަށްވައެވެެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ސިޔާސީ ލީޑަރުންގެ ތާއީދު ނުލިބުމަކީ ރައީސް ނަޝީދަށް އެކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އެންމެ ފަހުން ރައީސް ނަޝީދު ބޭނުންފުޅުވެގެން އެމަނިކުފާނުގެ ބުރަ މަސައްކަތްޕުޅުން ހޯއްދަވާ ވެރިކަމުގެ ނިޒާމު ގެނަސް ގައުމުގެ ވެރިކަން ދޭން މި ނިންމީވެސް ގާސިމަށެވެ. ގާސިމަކީ ބޮޑުވަޒީރު ކަަމަށް ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެމަނިކުފާނަށް ތައުރީފާ ސަނާ އޮއްސާލީއެވެ. ކޯލިޝަން ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދީފައި އޮތް ސްލޮޓްތައް ގިނަވުމާއި ގާސިމް ފަދަ ބޭފުޅަކު ގޮވައިގެން ސަރުކާރު ހިންގަވާތީ ފާޑުކީ ބަޔަކު ކުއްލިއަކަށް ރާގު ބަދަލުކޮށްލައި ގާސިމް ވަރެއް ނެތިގެން އުޅުމުން މިކަމުގެ ފޮރުވިފައިވާ އެހެން ސިޔާސީ އެޖެންޑާއެއް ނެތް ކަމަށް ގަބޫލުކުރަން ހަމަ ދަތިވަނީއެވެ. ކޮންމެއަކަސް "އެދުމެއް ނެތި ވެދުމެއް ނުކުރާނެ" އޭ ބުނާ ބީދައިން މިފަހަރު މިއުޅެނީ އަނެއްކާ ކޮންފަދަ އެދުމެއްގައި ބާވައޭ ސުވާލުއުފެދެއެވެ.

ގާސިމަކީ ފެށުނީސްސުރެ ބަރުލަމާނީ ނިޒާމް ގެނައުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ބަރުލަމާނީ ގެނައުމަކީ ވަކި މީހަކަށް ވެރިކަން ހޯދަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ އެކަމާއި ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވި ކޯލިޝަން ލީޑަރުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން ގާސިމް ހުންނެވީ އެމްޑީޕީއާއި ރައީސް ނަޝީދު ދަނމާހާ "ގުއިރޯނު" ގައި ޖެހޭގޮތަކަށް ނޫނެވެ.

"ރަސްއޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނަސްގެން މަދުބައެއްގެ ތާއީދާއެކު ބޮޑުވަޒީރު ކަމަށް އައިސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުންވާ ބޭފުޅެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ބަޔަކު ޖަހާހާ ބެރަކަށް ނައްޓަވާ ބޭފުޅެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލިގެން ތެޅިފޮޅިގަންނާނެ ބޭފުޅެއްވެސް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ރާއްޖޭގައި ރިޔާސީ ނިޒާމުގެ ވެރިކަމެއް އޮތުމަށް ތާއީދުކުރަށްވާ ބޭފުޅެއް ކަމަށާއި އަދި އެއީ އެމަނިކުފާނު ގަބޫލުކުރަށްވާ އަދި އެމަނިކުފާނު ތާއީދު ކުރަށްވާ ގޮތް ކަމަށެވެ.

"އަޅުގަނޑަކީ ސީދާ އަޅުގަނޑަށް ވެރިކަމަށް އާދެވޭނެ ދޮރަކީ ބަރުލަމާނީ ނިޒާމު ގެނަސްގެން ކަމަށް ވިޔަސް އެކަމަށް ތާއީދު ކުރާނެ މީހެއްނޫން. ދިވެހި ރައްޔިތުން އެއޮތީ ރާއްޖޭގައި އޮންނަން ދިވެހިރައްޔިތުން އެދޭ ގޮތް ވަރަށް ފުޅާ އަޣުލަބިއްޔަތަކުން ނިންމަވާފައި. ރައްޔިތުންގެ އެނިންމެވުމަށް އަޅުގަނޑުމެން އިހުތިރާމް ވެސް ކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. އަމުދުން އެންމެ ދާއިރާއެއްގެ ވޯޓުން އަންނަ މެންބަރަކު މުޅި ގައުމުގެ ކަންކަން ނިންމަން އިސްކުރުމަކީ އެއްވެސް އިރެއްގައި އަޅުގަނޑު ތާއީދުކުރާނެ ކަމެއްނޫން." ރާއްޖޭގެ މާލީ ވަޒީރުކަންވެސް ކުރަށްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވަކި މީހަކު ވެރިކަމަށް އަންނަން ބޭނުންވީމާ ނިޒާމު ބަދަލުކުރުން އެއީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މިހެން ދަންނަވާއިރުވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިތުބާރު ކުރަން. ރައްޔިތުން، ރައްޔިތުންގެ ނިންމެވުމެއް ބަދަލެއް ނުކުރައްވާނެ. ރިޔާސީ ނިޒާމަކީ ރައްޔިތުންނަށާއި މުޅި ގައުމަށް އެންމެ ފައިދާހުރި ނިޒާމު." ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާކަން ވަރަށް ސާފުކޮށް ހާމަކުރަށްވަމުން ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް އިބްރާހީމް ވިދާޅުވީ އެއްވެސް ނިޒާމެއްގެ ތެރެއިން އެމަނިކުފާނު ވެރިކަމަށް ގެންނަން އެމްޑީޕީއާއި ރައީސް ނަޝީދު ތާއީދު ކުރަށްވާނެ ކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކަވައިގެން އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވެރިކަން ކީއްކުރަންތޯ، ތަނެއްގެ ޕިއޯންކަން އަޅުގަނޑަށް ދޭން ވެސް އެމްޑީޕީން ވެސް އަދި ރައީސް ނަޝީދުވެސް ތާއީދެއް ނުކުރާނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ ރައީސް ޞާލިހުގެ ސަރުކާރު ދަމަހައްޓައި ކާމިޔާބު ކުރުމަށް އަޅުގަނޑާއި ޖޭޕީން ކުރަމުންގެންދާ މަސައްކަތްތަކާއި އަޅުގަނޑުމެން ރައީސް ޞާލިހަށް ކުރާ ތާއީދާމެދު ޝައްކު އުފެއްދުމަށް އެފަދަ ވާހަކަތައް ނުދެއްކެވުން އެދެން. އަޅުގަނޑަކީ ރައީސް ޞާލިހުގެ ސަރުކާރު ދަތިއަޅުވައިގެން ދަތިކޮށްގެން ޖެއްސުންކޮށްގެން ވެރިކަން ހޯދަން އުޅޭ މީހެއް ނޫން." މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހެއުއެދޭ ބަޔަކު މިއަދު މަސައްކަތް ކުރާނީ ނިޒާމު ބަދަލުކުރުމުގެ ނަމުގައި ބޭކާރު ހޭދަކޮށްގެން ބޭކާރު ވަގުތު ނަގާލައި ރައްޔިތުންގެ މެދުގައި ދެބަސްވުމާއި ނުތަވަސްކަން އުފެއްދުމުގެ ބަދަލުގައި ގައުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަންނާނެ ގޮތްތައް ހޯދައި ރައްޔިތުންގެ ދިރިއުޅުން ފުރިހަމަ ކުރުމަށް މިއަދު ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި ގައުމާއި ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ބޮޑުވަޒީރު ކަމަށް އެމަނިކުފާނު ރަނގަޅު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ، އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނަކީ ވޭތުވެ ދިޔަ ތަނުގައި ހަވާލު ކުރެއްވި ކޮންމެ ޒިންމާއެއް ފުރިހަމައަށް އަދާކުރަށްވައި ނަތީޖާ ނެރެއްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"ވަރަށް ބޮޑު ތެދުފުޅެއް ބޮޑުވަޒީރު ކަމަށްވެސް އަދި ވެރިކަމަށް ވެސް އަޅުގަނޑަށްވުރެ ވަކިން ގާބިލް މީހަކު ނުހުންނާނެ، އަޅުގަނޑާއި ހަވާލުކުރެވުނު ކޮންމެ މަސައްކަތެއް ވެސް ކާމިޔާބު ކަމާއެކުކޮށް ސާބިތު ކޮށްދީފައިވާނެ ކަމަށް އަޅުގަނޑު ދެކެން. އެކަމަކު ޕިއޯންކަން އަޅުގަނޑަށް ދޭންވެސް އެވެރިން ބޭނުމެއް ނުވާނެ. އެ ދައްކަވަނީ އެއްވެސް އިހުލާސްތެރި ނިޔަތެއްގައި ދައްކަވާ ވާހަކަ އެއް ނޫން. އެކަމުގެ ސާބިތުވާ ހެތްކެއް ނޫންތޯ އެމްޑީޕީގެ ފުރިހަމަ ބާރު އޮތް މަޖިލީހުގެ ކޮމެޓީއެއްގެ ނައިބް މުގައްރިރުކަންވެސް އަޅުގަނޑާއި ހަވާލުކޮށްލަން ނުކުރެނު ބައެއްތީ." އެމްޑީޕީގެ މެމްބަރުންގެ ނިޔަތާއި މެދު ސުވާލު އުފައްދަވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ގާބިލުކަމާއި އެމަނިކުފާނު ކުރަށްވާފައިވާ އިސްލާހީ މަސައްކަތްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ނިޒާމު ގެންނަން އަދި ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އެންމެ ފުރަތަމަ އިސްނެންގެވީ އެމަނިކުފާނުކަން ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް ކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވަރަށް ކުރިއްސުރެ ރައީސް ނަޝީދު ދެނެވަޑައިގަންނަވާ ރައީސް ނަޝީދާ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އަދި އެމަނިކުފާނަކީ އެމްޑީޕީ އުފައްދަން ވެސް އެންމެ ފުރަތަމަ މަސައްކަތް ކުރަށްވައި އަދި ފަހުން ސަރުކާކާރުގެ ތެރޭގައި ހުންވައިގެންވެސް އެމްޑީޕީއަށް ޚަރަދުކުރަށްވައި ހެއްދެވި ބޭފުޅެއް ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

ބޮޑުވަޒީރު ކަމަށް ގާސިމް އިބްރާހީމް ކަމުދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް އެޕާޓީގެ ބައެއް ބޭފުޅުން ވަނީ ތާއީދު ކުރަށްވާފައެވެ. ނަމަވެސް ގާސިމް އެވިދާޅުވާ ފަދައިން އެބޭފުޅުން އެވާހަކަ އެ ދައްކަވަނީ އިހުލާސްތެރިކަމާއެކު ދައްކާ ވާހަކައެއް ކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން