ޤިޔާމަތް ޤާއިމްކުރެވޭނީ ކޮންބައެއްގެ މައްޗަށް؟
ޤިޔާމަތް ޤާއިމްކުރެވޭނީ ކޮންބައެއްގެ މައްޗަށް؟
މުސްލިމު ރިވާއެއްގައި ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުނި މަސްޢޫދު ވިދާޅުފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރެެއްވިއެވެ. ޤިޔާމަތްވާނީ އެންމެ ނުބައި މަޚްލޫޤުންގެ މައްޗަށެވެ. އަދިވެސް ޙަދީޘްކުރެއްވިއެވެ. ބިމުގައި ﷲ ﷲ ކިޔޭހައި ހިނދަކު ޤިޔާމަތް ޤާއިމްނުވާނެވެ.

މިޝްކުވާގެ ރިވާއެއްގައިވެއެވެ. "ޤިޔާމަތްވާން ވުމުން ކުއްލިއަކަށް ﷲ ތާޒާ ވައެއް ފޮނުއްވަވާނެއެވެ. އެވައި މުސްލިމުންގެ އަރިކަށީގައި އައިސްޖެހުމުން ކޮންމެ މުއުމިނެއްގެ ފުރާނަ ހަށިގަނޑާ ވަކިވެދާނެއެވެ. އަދި ނުބައި މީހުން މަރުނުވެ ތިބެތާދާނެއެވެ. އެބައިމީބުން އެންމެންގެ ކުރިމަތީގައި ހިމާރުތަކެކޭ އެެއްގޮތަށް އަންހެނުންނާއި ޒިނޭކޮށް ހަދާނެއެވެ."

އެބޭކަލަކަށް ﷲ ރުއްސުންލެެއްވި ޢަބްދު ﷲ ބުނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރެެއްވިއެވެ. "ދަައްޖާލު ޤަތުލު ކުރެއްވުމަށް ފަހު، ޢީސާ ޢަލައިހިއްސައްލާމް މީސްތަކުންގެ ތެރޭގައި ހަތް (7) އަހަރު ވަންދެން ހުންނަވާނެއެވެ. އެދުވަސްވަރުގައި ދެމީހެއްގެ ދެމެދުގައި ޢަދާވާތްތެރިކަމެއް ނުވާނެއެވެ. ދެން މާތް ﷲ ޝާމް ކަރައާއި ވީފަރާތުން ވައެއް ފޮނުއްވަވާނެއެވެ. އޭގެ ސަބަބުން ހުރިހާ މުއުނިނުން މަރުވެދާނެއެވެ. އަދި ބިންމަތީގައި އެމީހެއްގެ ހިތުގައި އީމާންކަންވާ ހަމަ އެކަކުވެސް ނުވާނެއެވެ. މިހެންކަމުން، ކަލޭމެންގެ ތެރެއިން މުއުމިނަކު ފަރުބަދައެއްގެ ހޮހަޅުތެރޭގައި ވީނަމަވެސް އެތަނަކަށް އެ ވައި ވަދެ އެމީހާގެ ފުރާނަ ގެންގޮސްފާނެއެވެ. މިއަށްފަހު، ނުބައިމީހުން ތިބެދާނެއެވެ. އެބައިމީހުން، ލޫޅާފަތި ދޫނިތައް އުދުހިދާހާ ހަލުއިކަމާއެކު ނުބައިކަންތަކަށް އަރައިގަންނާނެއެވެ. އަދި އަނެކުންގެ ލޭއޮހޮރުވާލުމާއި، މަރާލުމުގައި ފަޅާކައި ޖަނަވާރުތަކެކޭ އެއްގޮތްވާނެ އެވެ. އެމީހުން ހެޔޮކަމެއް ނުދަންނާނެއެވެ. އަދި ނުބައިކަމެއް ނުބައިކަމެއްކަމުގައި ނުދެކޭނެއެވެ. އެބައިމީހުންގެ މި ޙާލު ފެނުމުން ޝައިޠާނާ އިންސާނީ ޞޫރައިގައި އެމީހުންގެ ކައިރިއަށް އައިސް ބުނާނެއެވެ. ކިހާދެރަހޭ؟ ކަލޭމެން ކަލޭމެންގެ ކާބަފައިންގެ ދީން ދޫކޮށްލާފައި އުޅޭއިރު، ލަދެއްވެސް ނުގަނޭ ހެއްޔެވެ؟ އެބައިމީހުން އޭނައަށް ބުނާނެއެވެ. ކަލޭ ބުނެބަލާށެވެ! އަހަރުމެން ހަދަންވީ ކިހިނެއްހެއްޔެވެ؟ އެވަގުތު އޭނާ އެބައި މީހުންނަށް ބުދަށް އަޅުކަން ކުރަން ދަސްކޮށްދޭނެއެވެ. ޔަޢުނީ؛ އެބައިމީހުން މެރުމާއި، ފަސާދަކުރުމާއި ބުދަށް އަޅުކަން ކުރުމުގައި މަޝްޣޫލުވެ އުޅޭނެއެވެ. އެބައި މީހުންނަށް ފުރިހަމައަށް ރިޒުޤުލިބޭނެއެވެ. އަދި އަރާމާއި އުފާވެރިކަމުގެ މަޖާދިރިއުޅުމުގައި އެމީހުން ތިއްބާ، ތާޅަފިލީގެ އަޑު އެންމެން އަހާނެއެވެ. ތާޅަފިލީގެ އަޑު އިވޭ ކޮންމެ މީހަކު ބިރުން ޙައިރާންވެގެން ގޮސް އެއްފަރާތަށް ބޯ އަރިކޮށް އަދި އަނެއްފަރާތް މައްޗަށް އުފުލާލާނެއެވެ."

ދެން ޙަދީޘްކުރެެއްވިއެވެ. ތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އިވޭނެ މީހަކީ ޖަމަލުތައް ފެންބުއިމަށްޓަކައި ޙައުޟެއް ހަނދަން އުޅޭމީހެކެވެ. މިމީހާ ތާޅަފިލީގެ އަޑު އިވުމުން ހޭނެތިދާނެއެވެ. ދެން އެންމެން ހޭނެތިދާނެއެވެ. ދެން ޝަބްނަމް ކަހަކަ ވާރެއެއް ﷲ ވެއްސަވާނެއެވެ. އެފެން ވެހުމުން މީސްތަކުން ޤަބުރުތަކުގައި މަށީގެ ހަށިތަކަށް ވެދާނެއެވެ. ދެން ދެވަނަ ފަހަރަށް ތާޅަފިލި ފުއްމަވާލެއްވުމުން އެންމެން އެކީ ތެދުވެ ބަލަހައްޓައިގެން ތިބެދާނެއެވެ. އޭގެފަހުން އިޢުލާން ކުރެވޭނެއެވެ. "އޭމީސްތަކުންނޭވެ! ހައްދަވައި ގެންގުޅުއްވާ އިލާހުގެ ޙަޟްރަތަށް ދަމާ ހިނގާށެވެ!" އެހިނދު މަލާއިކަތުންނަށް ޙުކުމްވެވޭނެއެވެ. އެމީހުން މަޑުކުރުވާށެވެ. އެމީހުންނާ ސުވާލުވެވޭނެއެވެ. ދެން އިޢުލާން ވެވޭނެއެވެ. "އެންމެންގެ ތެރެއިން ނަރަކަވެރިން ވަކިކޮށްލާށެވެ!" އެހިނދު ﷲ އަށް ދެންނެވޭނެއެވެ. "ކިހާ އަދަދެއްގެ ތެރެއިން ކިތައް ނަރަކަވެރިންތޯއެވެ؟" ޖަވާބު ލިބޭނެއެވެ. "ކޮންމެ ހާހަކުން ނުވަސަތޭކަ ނުވަދިހަނުވައެއް (999) މީހުންނަކީ ނަރަކަވެރިންނެވެ." މިއަށްފަހު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރެެއްވިއެވެ. "އެއީ އެދުވަހުގެ ހައިބަތާއި ބިރުވެރިކަމުގެ ބޮޑުކަމުން ޅަކުދީން މުސްކުޅިވާ ދުވަހެވެ. އަދި މިއީ ވަރަށްވެސް ބޮޑު މުޞީބާތުގެދުވަހެކެވެ."

މިޙަދީޘްތަކުން އެނގިބަޔާންވާ ގޮތުގައި ޤިޔާމަތްވާއިރަކު އެއްވެސް މުސްލިމަކު ނުވާނެއެވެ. އީމާންކަމުގެ ކުޑަވެސް މިންވަރެއް އެމީހާގެ ހިތުގައިވާ މީހެއްނަމަ ﷲ ސުބްޙާނަހޫ ވަތަޢަލާ އެމީހަކު މި ބޮޑު މުޞީބާތުން ރައްކައުތެރި ކުރައްވާ ސަލާމަތް ކުރައްވާނެއެވެ!

* މި ލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން