މާލެ ސިޓީ ކައުންސިލުން މިއުޒިކް ޝޯއެއް ބާއްވަން ރާވާފައި ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އިންޑިއާއާއި ރާއްޖެ ބައްދަލުކުރާ މެޗާއި ދިމާކޮށް ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ބާއްވަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނިކޮށެވެ.

ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އުރީދޫ، މާލޭ ސިޓީ ކައުންސިލް އަދި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުން އަދި މިޔުޒިކް ޝޯވް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. އަދި މިރޭ އިންޑިއާއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާއި ހަމައަށް ކޮންމެ ރެޔަކު މިއުޒިކް ޝޯވް ބާއްވާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މިި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ސަރުކާރާއި ޔޫތު މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ. އަނެއްކޮޅުން މިއީ ސިޓީ ކައުންސިލްގެ ބައިވެރިވުން އޮވެގެން ކުރާކަމެއްކަމަަށް މަހްލޫފް ވިދާޅުވުމުން، ސިޓީ ކައުންސިލުން ވަނީ އެކަން ދޮގުކޮށްފައެވެ.





މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެކަމަށެވެ. އަދި ސިޓީ ކައުންސިލުން އިސްނަގައިގެން ރޭވީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗް ބަލާލާނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ބާއްވަން މަސައްކަތްކުރާ ޝޯވގެ މައްސަލަ ބޮޑުވެފައިވާއިރު، މަހުލޫފް ވިދާޅުވި މިއުޒިކް ޝޯތައް ކުރިއަށް ނުގެންދިއުމަށް ނިންމާފައެއް އަދި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން