image ގައްދޫ ރަޝީދު   18 ނޮވެމްބަރު 2021 - 15:2
11 ވަނަ ބައި

................

"ވަރަށްބޮޑު ގުޅުމެއް އެބަހުއްޓެވެ. ތިރްލޯކަކީ ކުރީގައި އެއްވެސް ކުށެއްކުރި މީހެއްނޫނެވެ. އޭނާގެ އަތުން މީހަކު މަރުވީއެވެ. އެހެނީ އޭނާ އެތަނަށްވަނީ ހަމަ އެކަނި ވައްކަން ކުރުމުގެ ނިޔަތުގައެވެ. ފާރަވެރިޔާ މަރާލުމުގެ ނިޔަތުގައެއް ނޫނެވެ. އެހެން ނަމަވެސް އެވަގުތު ފާރަވެރިޔާ ތިރްލޯކްގެ މަގަށް ހުރަސް އެޅުމުން ދެމީހުންގެ ދެމެދުގައި ތަޅާފޮޅުން އުފެދުނީއެވެ. ދެން ބަޑީގެ ދެވަޒަން ވައިގެ ތެރެއަށް އަރައިގެން ދިޔައީއެވެ. އެއަށްފަހު ތިރްލޯކު ފިލާ ރައްކާ ވުމަށްޓަކައި ފާރަވެރިޔާ ހޭނައްތާލުމަށް ގަސްދުކުރީއެވެ. އަދި ބަޑީގެ މުށްގަނޑުން ޖަހާ ފާރަވެރިޔާގެ ބޯ ފަޅާލީއެވެ."

ސަރުކާރީ ވަކީލު ވާހަކަ މެދުކަނޑާލާފައި ބުންޏެވެ.

"ޖަޖް ސާހަބްއެވެ. ފާރަވެރިޔާގެ ބޯފެޅިއްޖެއެވެ. ސިކުނޑި ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ފުރާނަ ދަނިކޮށް ކުށްވެރިޔާ ދުށްޓެވެ. އޭނާ ފައިސާކޮޅު ހިފައިގެން ފިލީއެވެ. އޭނާ ފުލުހަކަށް މިޚަބަރެއް ނުދެއެވެ. އެހެނީ އަރާމުގައި އޭނާގެ އަންހެނުންގެ އޮޕަރޭޝަން ކުރުވުމަށް ދިޔައީއެވެ. އެކަމަކުވެސް ކުށްވެރިޔާގެ ކުށް ލުއި ކުރަންވީތޯއެވެ."

ދިފާޢީ ވަކީލު ބުންޏެވެ.

"ޖަޖް ސާހަބްއެވެ. ތިރްލޯކަށް އެވަގުތު ފިލާ ރައްކާވުމަށް މަޖުބޫރުވީއެވެ. އެހެނީ އެވަގުތު އޭނާގެ އަންހެނުން މަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީއެވެ. އަދި މިމަރުން ތިރްލޯކް އަންހެނުން ސަލާމަތް ކުރުމަށްޓަކައި އޭނާ ހުރީ ވިހިހާސްރުފިޔާ ބޭނުންވެފައެވެ. އޭނާ އެވަގުތު ފުލުސް އޮފީހަށް ޙާޟިރުވިނަމަ އޮޕަރޭޝަނަށްޓަކައި އެފައިސާ ޖަމައެއް ނުކުރެވުނީހެވެ. އަދި އެބަލީގައި އެނާގެ އަންހެނުން މަރުވެ ދިޔައީހެވެ. މިސަބަބުގެ އިތުރުން، ތިރްލޯކް އޭނާގެ ކުށް ޤަބޫލުކޮށް އެކަމާ ހިތާމަ ކުރެއެވެ."

ސަރުކާރީ ވަކީލު އަނެއްކާވެސް ވާހަކަ މެދުކަނޑާލާފައި ބުންޏެވެ.

"ކުށް ޤަބޫލުކުރުމާއެކު ކުރެވުނު ކުށާމެދު ހިތާމަ ކުރިކަމުގައިވިޔަސް ކުށުގެ އަދަބު ކުޑައެއް ނުކުރެވެއެވެ."

"ހަނދާން ނެތުނީތޯއެވެ. އަމިއްލަ ކުށް ޤަބޫލުކުރާހިނދު ހެއްދެވި ފަރާތުންވެސް އިންސާނާގެ ކުށަށް މާފުކުރައްވައެވެ."

ކުއްލިއަކަށް ގަޑިން ޖަހައފިއެވެ. ފަނޑިޔާރު ތެދުވަންނަވައިފިއެވެ.

+ + + + +

ޕްރަބާއާއި ކިޝޯރު އެކުއެކުގައި ގޮސް ހޮސްޕިޓަލަށް ވަދެއްޖެއެވެ. ޕްރަބާހުރީ ކުޑަކުއްޖާވެސް އުރައިގެންނެވެ. ހިތްއޮތީ ތެޅިތެޅިއެވެ. އޭނާ ކިޝޯރު ގާތުގައި ބުންޏެވެ.

"ކިޝޯރު އެވެ. އަޅުގަނޑަށް ކެތްތެރިކަން ލިބޭނީ ކިހިނެތްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ."

ކިޝޯރު ފިނި ނޭވާއެއްލާފައި ބުންޏެވެ.

"ޕްރަބާއެވެ. ކަލޭ ހަމަޖެހޭށެވެ. އެހެނީ ރޫޕާގެ ކުރިމައްޗަށް ޕްރަބާ އަރަން ޖެހޭނެއެވެ. ތިރްލޯކު ދިޔައީ ރޫޕާއާއެކު ކުޑަދަރިފުޅު އަހަރެމެން ދެމީހުންނާ ޙަވާލު ކޮށްފައެވެ. އަދި އެޙާލުގައި އޮއްވާ އޭނާއަށް ޙަޤީޤަތް އެނގުމަކީ ރަނގަޅުކަމެއް ނޫނެވެ. ތިރްލޯކް އެކުރި ހުރިހާ މަސައްކަތެއް ފެނަށްވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވީމާ ޕްރަބާ އެއްވެސް ހާސްކަމެއް ދައްކައިގެން ނުވާނެއެވެ."

އެމީހުން ވޯޑް ކައިރިއަށް ހިނގައްޖެއެވެ. ޕްރަބާ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ދެން ކިޝޯރާ ޕްރަބާ ވޯޑަށް ވަދެއްޖެއެވެ. ޕްރަބާގެ އުރުގައި ކުޑަދަރިފުޅު ހުއްޓާ ފެނުމުން ރޫޕާ އުފަލުންގޮސް ފޮޅިއްޖެއެވެ. އޭނާ ދެއަތް ދިއްކޮށްލާފައި ކެތްމަދުވެފައިވާ ރާގެއްގައި ބުންޏެވެ.

"އަހަރެންގެ ކުޑަދަރިފުޅު އައީއެވެ. ދަރިފުޅާއެވެ."

ޕްރަބާ ދަރިފުޅު ގެންގޮސް ރޫޕާގެ ކައިރީގައި ބާއްވާލައިފިއެވެ. ދެން ބުޏެވެ.

"މާބޮޑަށް ޙަރަކާތް ކުރާކަށް ހުއްދައެއް ނެތެވެ. އަދި ކެތް ކޮށްލާށެވެ. ރަނގަޅަށް ގަދަވުމަށްފަހު އަބަދުގެ އަބަދަށް މި ދަރިފުޅު ރޫޕާގެ ކައިރީގައި އޮންނާނެއެވެ. މިދަރިފުޅުގެ ހުރިހާ ޚިދުމަތެއްކުރާނީ ރޫޕާގެ ދެއަތުންނެވެ."

ރޫޕާ އަތްދަނޑި މަތީގައި ދަރިފުޅު ބާއްވާލިއެވެ. އޭނާ ހިތްފުރެންދެން ލޯބިކުރިއެވެ. އަދި އެ ކުޑަދަރިފުޅުވެސް މަންމަގެ ވަސްދެނެގަތް ކަހަލައެވެ. އޭނާ ކިރުބުއިމަށްޓަކައި ތައްޔާރުވެގަތެވެ. އެއާއެކު ރޫޕާ ބުންޏެވެ.

"ޕްރަބާއެވެ. ނިކަން ދެކެ ބަލާށެވެ. މިހާރު މިއުޅެނީ ބުއްބޯން ވެގެންނެވެ."

"ކުދިން ކިރަށް އެދޭނެއެވެ. އެކަމަކު އަދި އެއްގޮތަކަށްވެސް ކިރުދިނުމުގެ ހުއްދައެއްނެތެވެ. މިއީޑަކްޓަރގެ އަމުރެވެ."

ރޫޕާ ދެރަވެލާފައި ދަރިފުޅަށް ބަލާލިއެވެ. އަނގައިގާ ތުނބެއް ޖަހާފައި ހުއްޓެވެ. ދެން އަނެއްކާވެސް ރޫޕާ ސުވާލުކުރިއެވެ.

"ދަރިފުޅުގެ ބައްޕައެއް ނުދުރުވޭ ހެއްޔެވެ."

ޕްރަބާގެ ސިކުނޑި ކުއްލިއެއް ޖެހިކަހަލައެވެ. އެހެން ނަމަވެސް ކިޝޯރުހުރީ ފިސާރި ކެރިގެންނެވެ. އޭނާ އަވަހަށް ބުންޏެވެ.

"ކީކޭ ހެއްޔެވެ..... ތިރްލޯކެއް ނާދޭ ހެއްޔެވެ؟"

"ނާދެއެވެ........" ރޫޕާ ބުންޏެވެ.

"ދިޔައިރު އެއްވެސް އެއްޗެކޭ ނުބުނޭ ހެއްޔެވެ؟"

"ނުބުނެއެވެ....." ރޫޕާ ޙައިރާންވެފައި ބުންޏެވެ.

"ޕްރަބާއެވެ." ކިޝޯރު ޕްރަބާއަށް ބުންޏެވެ. ޕްރަބާ އޭނާ ގާތު ނުބުނަން ހެއްޔެވެ."

"އަޅު....... އެއީ .......... އަޅުގަނޑު........."

"ކިހިނެއްވީ ހެއްޔެވެ؟" ރޫޕާ ކަންބޮޑުވެފައި އެހިއެވެ.

"ކަމެއްނުވެއެވެ. އެއްނަމްބަރުގެ ނުލަފާ މީހެކެވެ."

"ރަނގަޅަށް ބުނުއްވަ ބައްލަވާށެވެ."

"އޭނާ ގެއަށް ދިޔަ މަގުމަތީގައި އަހަންނާ ބައްދަލުވުމުން ވަރަށް ވާހަކަ ދެއްކުމަށްފަހު ރޫޕާއާ ބައްދަލުކޮށްފައި ދާށޭ އަހަރެން ބުނީމެވެ. އަދި އިއްޔެ ޕްރަބާއާ ބައްދަލުވުމުންވެސް ތިރްލޯކަށް ވިސްނައިދޭށޭ އަހަރެން ބުނީމެވެ."

"ވެގެން މިއުޅެނީ ކިހިނެއްތޯއެވެ."

"ވަރަށް އާދައިގެ ކަމެކެވެ. އެކަމަކު އޭނާ ދެކެނީ ވަރަށް ބޮޑުކަމެއް ކަމުގައެވެ. އޭނާ ސޭޓުގެ ދަރިފުޅާ ބެހޭގޮތުން ރޫޕާ ގާތުގައި ވާހަކަ ދެއްކި ކަންނޭނގެއެވެ."

"ލައްބައެވެ."

"ސޭޓްގެ ދެމަފިރިން ހިތާމައިގައި ހޭނެތުނީއެވެ. ފަހުން ޑަކްޓަރ ޗެކް ކުރުމުން އެނގެނީ ސޭޓުގެ ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ބިރު އުފެދިއްޖެ ކަމުގައެވެ."

"އަސްތާއެވެ!"

"އެއަށްފަހު ކުއްލި ގޮތެއްގައި އެމެރިކަން ޑަކްޓަރަކާއެކު ސޭޓު، އެމެރިކާއަށް ފޮނުވަން ހަމަޖެހުނީއެވެ. އޭނާއާއެކު އިތުބާރު ހުރި މީހަކުވެސް ފޮނުވުން މަޖްބޫރެވެ. އެމީހެއްގެ އަތުގައި ޢަދަދު ނުކުރެވޭފަދަ ފައިސާތަކެއް ހުންނަން ޖެހެއެވެ. އަނެއްކޮޅުން މެނޭޖަރާ އަހަރެން މިއުޅެނީ އަވަދިނެތިއެވެ. އަހަރެމެންގެ ނަޒަރުގައި ސޭޓް ސާހަބާއެކު ފޮނުވުމަށް އެންމެ އެކަށީގެންވާ މީހަކީ ތިރްލޯކެވެ."

"ދެން.... ދެންވީ ކިހިނެއްތޯއެވެ....؟"

"ދެން..... ދެން އެމެރިކާއަށް ދިޔައީއެވެ."

ރޫޕާގެ ސިކުނޑި އެނބުރިގަތެވެ. ކިޝޯރު އަނެއްކާވެސް ބުންޏެވެ.

"ރޫޕާއާ ބައްދަލުނުކޮށް ނުދާށޭ އަހަރެން ތިރްލޯކް ގާތު ބުނީމެވެ. އެންމެ ފަހުން އެނާ ބުނީ އަހަރެން މިދަނީ ރޫޕާ މިފަދަ ޙާލަތެއްގައި އޮއްވައެވެ. މިވާހަކަ ރޫޕާ ގާތު ބުނާހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތެވެ. އަހަރެން ބުނީމެވެ. ކަލޭ ތިޔަދެކެނީ އެހެންގޮތަކަށެވެ. ތިޔަދަނީކީ އަބަދުގެ އަބަދަކަށް ނޫނެވެ. އޭގެ ފަހުގައި ތިރްލޯކަށް ވިސްނައި ދޭށޭ އަހަރެން ޕްރަބާ ގާތުގައިވެސް ބުނީމެވެ. އެހެން ނޫން ހެއްޔެވެ. ޕްރަބާއެވެ؟"

"އަޅު.......... އަޅުގަނޑު ވިސްނައި ދިނީމެވެ. އޭނާ ބުނީ ރޫޕާއާ އެއްފަހަރު ބައްދަލު ކޮށްފިއްޔާ ސޭޓް ސާހަބާއެކު އެމެރިކާއަށް ދިއުމުގެ ހިތްވަރެއް ނުލިބޭނެ ކަމުގައެވެ."

ރޫޕާ ހިމޭނުން އިންނަން ފެށުމުން ކިޝޯރު ބުންޏެވެ.

"ރޫޕާއެވެ. ދެރަވާނެކަން އަހަންނަށް އެނގެއެވެ. އެކަމަކު ޚުދު ރޫޕާ އަމިއްލައަށް ވިސްނާލަ ބަލާށެވެ. އޮޕަރޭޝަނަށް ފައިސާދިނީވެސް ހަމަ އެސޭޓްގެ ހެޔޮކަމުންނެވެ. އެއްވެސް ޝަރުޠަކާ ނުލައެވެ. އަހަރެން ހަމައެކަނި އެފައިސާ ހޯދައި ދިނުމަށް މަސައްކަތް ކުރީއެވެ. ވީއިރު އެސާޓަށްޓަކައި އެހާ ވަރުގެ ޚިދުމަތެއް ކުރުމަކީ ދެރަކަމެއް ހެއްޔެވެ."

"ނޫނެކެވެ."

"އަނެއްކޮޅުން ރޫޕާ ތިޔަހާ ބޮޑަށް ދެރަވާނެކަން އެނގުނުނަމަ އަހަރެން....."

"ނޫނެކެވެ. ނޫނެކެވެ...... އަޅުގަނޑު ހިތާމައެއް ނުކުރަމެވެ." ރޫޕާ ހިނިތުން ވެލާފައި ބުންޏެވެ.

"ވަރަށް ރަނގަޅެވެ."

"އޭނާ ދުރުވާނީ ކިހާ ދުވަހަކުންތޯއެވެ."

"މަސްދުވަސްވެސް ވެދާނެއެވެ. ދޮޅުމަސް ދެމަސްވެސް ވެދާނެއެވެ."

"އަސްތާއެވެ!"

"ރޫޕާ ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ. ޕްރަބާ ކޮންމެ ދުވަހަކު ކުޑަދަރިފުޅު ގޮވައިގެން ރޫޕާގެ ކައިރިއަށް އަންނާނެއެވެ. އަނެއްކޮޅުން އަހަރެން ހަމަ ވަގުތެއް ލިބޭ އިރަށް އަންނާނަމެވެ. ރޫޕާއަށް އެއްވެސް ކަމަކުން ދައްޗެއް ނުވާނެއެވެ."

"ތިޔަކަން އަޅުގަނޑަށް އެނގެއެވެ. ޕްރަބާއާއި ކިޝޯރު ވަރަށް ރަނގަޅެވެ."

ރޫޕާ އަނެއްކާވެސް ދަރިފުޅުގެ ގައިގައި ބޮސްދޭން ފަށައިފިއެވެ. ޕްރަބާ ވަރަށް އުނދަގުލުން ކަރުނަ މަތަކުރެވޭތޯ އުޅުނެވެ.

+ + + + +

ކޯޓްތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އެހެނީ މިއަދަކީ ޙުކުމް އިއްވާ ދުވަހެކެވެ. އެހެންކަމުން ކުރީ ބެންޗްގައި ތިބި ޕްރަބާއާއި ކިޝޯރުގެ ހިތް ޑަންޑަންލާފައި ތެޅެއެވެ. މޫނު މަތިން ފެންނަނީ ބިރުގަތުމުގެ ޢަލާމާތެވެ. ކޮށިގަނޑުގައި ހުރި ތިރްލޯކްގެ ޙާލަކީވެސް މިއެވެ. އޭނާގެ މޫނު ހުދުވެފައިވެއެވެ. އިރުއިރުކޮޅުން ތުންފަތުގައި ދޫހާކާލައެވެ.

ޖަޖް ޙުކުމް ފުރިހަމަ ކުރުމަށްފަހު ގަލަމުގެ ތުނޑު ބިންދާނުލާ ބޭއްވުމުން މީސްތަކުންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދެން ކޯޓުގެ ތެރޭގައި ޖަޖްގެ ބަރު އަޑު ގުގުމައިގަތެވެ.

ތިރްލޯކްގެ މައްސަލައިގެ ހުރިހާކަމެއް އެނގި، ހެކިތައް ސާބިތުވެ، ދިފާޢީ ވަކީލުގެ ވާހަކަތައް އިވި، އަދި ހުދު ތިރްލޯކްގެ ބަޔާން އިވުމަށްފަހު އޭނާއަކީ، ކުށްކުރުމަށް އާދަވެފައިވާ މީހަކު ނޫންކަމަށް ޝަރީޢަތަށް ސާބިތު ވެއްޖެއެވެ. އޭނާ ގަސްތުގައި ގަތުލެއް ނުކުރެއެވެ. އޭނާގެ ޕްލޭނަކީ ހަމައެކަނި ވައްކަމެވެ. މީހާ މަރުވީ އޭނާގެ އަތުން އިއްތިފާޤުންނެވެ.

އެހެންވީމާ މައްސަލައިގެ ހުރިހާ ދިމާއަކަށް ބަލާ ފިކުރު ކުރުމަށްފަހު ތިރްލޯކަކީ އިއްތިފާޤީ ގަތުލެއްގެ މުޖްރިމެއް ކަމުގައި ބަލާފައި ގަދަ މަސައްކަތާއެކު ދިހައަހަރު ދުވަހަށް ހައްޔަރުކުރުމަށް ޙުކުމް ކޮށްފީމެވެ. ހަމައެއާއެކު ވައްކަންކުރުމުގެ ކުށުގައި މަސައްކަތާއެކު ދެއަހަރު ދުވަހަށް ޖަލަށްލުމަށްވެސް ޙުކުމް ކުރަމެވެ. އަދި މި ދެޙުކުމް ހިނގަމުންދާނީ އެކުއެކުގައެވެ.

ޙުކުމް އިވުމާއެކު ތިރްލޯކް ބޭއިޚްތިޔާރުގައި ރޮއިގަތެވެ. ޕްރަބާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. އަދި ކިޝޯރުގެ މޫނުގައިވެސް ވަނީ ހިމޭންކަމެވެ. އަހެންނަމަވެސް މަރުވި ގާޑުގެ އަންހެނުންނާ ކުދިންގެ ލޮލުން ފެންނަންހުރީ ނަފްރަތާއި ރުޅިވެރިކަމެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 41 އިން 44 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން