ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ވެރިކަމަށް ތިން އަހަރުގެ ފުރުނީ މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ރައީސް ސާލިޙުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުންވެސް ވަނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އެމަސައްކަތްތަކުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށް، ކާމިޔާބީ ފާހަގަކޮށްފައެވެ. މި މައުލޫމާތު ތަކުން ކަށަވަރުވާ އެއްކަމަކީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ތަރައްގީގެ މަޝްރޫއުތައް ހުރީ މެކުހަށް ޖަހާފައި ކަމެވެ.


ސަރުކާރުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް މިކަމުގެ ހެތްކަކަށް ފުދެއެވެ. ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރަށްރަށުގެ ތަރައްގީއާއި ކުރިއެެރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަދި ގިނަ ރައްޔިތުން ވެސް ވަނީ ބަލައިގެންފައެވެ. ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް ރަށްރަށުގެ ކައުންސިލްތަކުން ނެރުނު ޝުކުރާ ތައުރީފްގެ ބަޔާންތަކުން އެނގެއެވެ. ރައްޔިތުން ފާޅުކުރަމުން ގެންދިޔަ ޚިޔާލުތަކުން ޔަގީންވިއެވެ.

މިދެންނެވި ތަފާސް ހިސާބުތަކުން ސަރުކާރު ކުރިހޯދިކަމަށް ޔަގީންވި ނަމަވެސް އެކަން ރައްޔިތުންނަށް ބުނެ ނުދެވުނީމާ އިދިކޮޅުގެ އަޑު ގަދަވެ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައީސް ޞާލިޙަށް ކުރެއްވުނު އެއްކަމެއްވެސް ނެތްކަމަށް ދެއްކުމުގެ ފުރުސަތު އިދިކޮޅަށް ލިބުނީއެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އަދި އިދިކޮޅުގެ ވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޞާލިހުގެ ސަރުކާރުގެ މި ކާމިޔާބީތައް ރައްޔިތުންނަށް ކިޔައިދީ އިދިކޮޅުން ދައްކާ ވާހަކަތައް ފަނޑުކޮށްލައި އިދިކޮޅުގެ އަޑު ޚާއްޞަކޮށް، މީސް މީޑިއާގައި ކަނޑުވައި ނުލެވުނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު އަރައިރުންވުމާއި ބައިބައިވުން ތަކުގެ ސަބަބުން މި އަޑުތައް އިއްވާން އޮތް ވަރުގަދަ ފްރްންޓްލައިން ފަހަތަށް ޖެހުމުންނެވެ. ގަބޫލުކުރަން ބޭނުން ނޫން ނަމަވެސް މިއީ ހަގީގަތެވެ.

ތަރައްގީގެ ރޮނގުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ރައީސް ސާލިޙުގެ ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި ހޯދިފައި ވީނަމަވެސް އެމްޑީޕީގެ ޝޯޝަލް މީޑިޔާ ގުރޫޕްތައް ސަރުކާރު ޕްރޮމޯޓްކުރުމަށް ނުވަތަ އެވާހަކަތައް ދެއްކުމުގައި މާބޮޑަށް ހަރަކާތްތެރިވި ތަނެއް ނުފެނެއެެވެ. ސަރުކާރު ޕްރޮމޯޓްކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ފާހަގަކޮށް ތައުރީފްކޮށް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ މޮޅު ވާހަކަ ދައްކާ ތަނެއް ވެސް ނުފެނެއެެވެ.

އެހެން ނަމަވެސް ސަރުކާރަށް ތިން އަހަރު ފުރުމާއި ދިމާކޮށް އެކަން މުޅިން ބަދަލުކޮށްލައިފިއެެވެ. އެންމެން ހައިރާންކޮށްލައިފިއެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ ބީދައިން މުޅި މީސްމީޑިއާގައި ސަރުކާރުގެ އަޑެވެ. އެމްޑީޕީގެ އެއްކަލަ ފްރަންޓްލައިން ޓީމުތައް ކުރީގައި އެހުރި ޖޯޝާއި ފޯރީގައި ނުކުތީއެވެ. އެއާއެކު އިދިކޮޅުގެ އަޑު މުޅިންހެން ކެނޑުނީއެވެ. އެއާއެެކު ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އިދިކޮޅުން ވިއްކަން އުޅުނު ސްލޯގަން ދިޔައީ ވަޔަށް، ޖައްވަށް އަރައިގެންނެވެ. އެއަޑު މުޅިން ކެނޑުނީއެވެ.ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ތަކުން މުޅި ޝޯޝަލް މީޑިޔާ ފުރާލީ އެމްޑީޕީގެ ހިތްވަރުގަދަ އަދި ޝޯޝަލް މީޑީޔާގައި ރަސްކަން ކުރަމުންދިޔަ ފަހުލަވާނުންނެވެ. އިދިކޮޅު ފަރާތްތަކަށް ޝޯޝަލް މީޑިޔާ އެކްޓިވިސްޓުން ރައްދުދިނީ ސަރުކާރުން ތަރައްގީއަށް ކޮށްފައިވާ ފެންނަ އަތްލެވޭ ތަރައްގީގެ ޕްރޮޖެކްޓުތަކުންނެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ކާމިޔާބީގެ ވާހަކައިންނެވެ. އިދިކޮޅުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަން އެމީހުން ވަރަށް ރަނގަޅަށް ބުނެދީފިއެވެ.

އެހެން ނަމަވެސް އަދިވެސް ބައެއް ދާއިރާތަކަށް ނިސްބަތްވާ ފާހަގަކޮށްލެވޭ މީސްމީޑިއާ އެކްޓިވިސްޓުންގެ އަޑު ނީވޭކަން މިފުރުސަތުގައި ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އައްޑުއަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ޝޯޝަލް މީޑިޔާގެ އެކްޓިވިސްޓުންގެ ހަރަކާތް ތަކެއް މިފަހަރަކުވެސް ނުފެނެއެެވެ. މިވެސް ފާހަަގަކޮށްލަންޖެހޭ ކަމެކެެވެ. މީގެ އަސްލު ސަބަބެއް ޔަގީންކަމާއެކު ދަންނަވަން ދައްޗެވެ. ނަމަވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އޮތް އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް މަރުވެފައި އޮތުން މީގެ އަސްލަކަށް ވެދާނެއެވެ. އަދި އައްޑު އަތޮޅުގެ މިދެންނެވި ބަންދުކުރި ރިސޯޓްތައް އަދިވެސް ނުހުޅުވާތީ މިދެންނެވި ޒުވާނުންގެ ގެއްލުނު ވަޒީފާތައް އަނބުރާ ޢިޔާދަ ނުވުމަކީ ވެސް މީގެ ސަބަބެއް ކަމުގައި ވެދާނެއެވެ.ކަންމިހެން ހުރި ނަމަވެސް މުޅި ޝޯޝަލް މީޑިޔާގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެނުނީ ސަރުކާރުގެ މަސައްކަތެވެ. ރަށްރަށުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ފޮޓޯތަކެެވެ. މިހާތަނަށް ނިމިފައި ހުރި ތަރައްގީގެ މަސައްކަތްތަކާއި މިހާރު ރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތަކެެވެ. އެމްޑީޕީގެ ޝޯޝަލް މީޑިޔާގެ އެކްޓިވިސްޓުންގެ މަސައްކަތުން ސަރުކާރުގެ ތަރައްގީގެ ވާހަކަތައް މުޅި މީސްމީޑިއަށް އަޅާލުމުން އިދިކޮޅުގެ އަޑު މުޅިންހެން ކެނޑުނީއެެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް އިދިކޮޅުގެ ސޯޝަލް މީޑިއާ އަނގަތައް ބަންދުކޮށްލައިފިއެވެ.އެންމެ ފަހުން ދައްކާނެ ވާހަކައެއް ނެތިގެން އިދިކޮޅުން ހުރިހާ ރޯޅިއެއް ބޭލީ އަވައްޓެރި އިންޑިޔާއަށެވެ. ގޮވަން ފެށީ "އިންޑިޔާ އައުޓް" އެވެ. އިންޑިޔާ އައުޓް ގޮވަން އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ބޭނުމެއް ނޫނެވެ. އިދިކޮޅު ކޯލިޝަންގެ ހުރިހާ އަމާޒެއް ވެސް ހުރީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި ސިއްރުން ވެފައިވާ ކަމަށް ބުނާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ އެ ކޯލިޝަނުން ކުރާ މަސައްކަތަށެވެ. މާލެއާއި ރަށްރަށުގައި މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ ދައްކަނީ ހަމަ އެއް ވާހަކަތަކެކެެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އާރުލާ ފާޑެއް ކިޔާ ތަނެއް ނުފެނެއެވެ. ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކޯލިޝަންގެ ޒިންމާ އަދާ ކުރެވުނު ކަމަށް ދެންނެވޭނެ ޖާގައެއް ނެތެވެ. އެމަންޒަރެއް މިފަހަރަކު ނުފެނުނެވެ. ދެން އޮތީ ސަރުކާރުގެ ދަރަނި ބޮޑުވާ ކަމަށް ބުނާ ވާހަކަ އެެވެ. ކޮންމެ ސަރުކާރެއް އޮތަސް ދަރަނި ނަގަންޖެހެއެެވެ. ދަރަނި ނުނަގައި ރައްޔިތުން އެދޭކަންކަން ކޮށްދިނުމަކީ ސަރުކާރަށް ވާނެކަމެއް ނޫނެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު ޝިފާއު ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގައިގެން ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ކުރާ މަސަައްކަތަށް ރައްޔިތުން ދެކޮޅު ނަހަދާ ކަމަށެވެ. އަދި ދަރަނި ނަގައިގެން ވިޔަސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުގައި ރައްޔިތުން އެދެމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ރައީސް ޔާމިން ވެސް ވިދާޅުވީ ތަރައްގީގެ ބޮޑެތި މަސައްކަތްތައް ކުރުމުން އެމަސައްކަތްތައް ކުރަނީ ދަރަނި ނަގައިގެންތޯ ރައްޔިތުން ސުވާލު ނުކުރާ ކަމަށެވެ. އެހެންވީމާ އެމަނިކުފާނުވެސް ވިދާޅުވީ ދަރަނީ ނަންގަވާނެ ކަމަށެވެ. ރައީސް ޔާމިން ގިނައިން ދަރަނި ނެންނެގެނީ ޗައިނާއިންނެވެ. މިސަރުކާރުން ގިނައިން ދަރަނި ނަގަނީ އިންޑިއާއިންނެވެ. ދެސަރުކާރުން ވެސް ދަރަނި ނަގައިގެން ކުރަމުން ގެންދަނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަސައްކަތް ތަކެވެ. ހަމައެކަނި ތަފާތަކީ މިއީއެވެ."އަޅުގަނޑުމެން ކޮންމެ ރަށެއްގައި އުމުރާނީ ތަރައްގީ މައްޗަށް އަރައިގެންދާތަން އެބަފެނޭ. ރައްޔިތުން އެވާހަކަ އެބަދައްކާ. ރައްޔިތުން ޝުކުރުވެރިވޭ އެކަންތައްކަށް." ޝިފާއު ވިދާޅުވިއެވެ.

ސަރުކާރަށް ތިން އަހަރު ފާހަގަކުރަމުންދާއިރު އެމްޑީޕީގެ ޝޯޝަލް މީޑިޔާ އެކްޓިވިސްޓުން ސަރުކާރުގެ ތަރައްގީ ރައްޔިތުންނަށް ހާމަކޮށްދޭން ކުރި މަސަައްކަތަށް ޝުކުރާ ތައުރީފް ހައްގެވެ. މިފަހަރު އެމަސަައްކަތަށް އައްސަރިބަހާއި ސާބަސް ދޭ ވަރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު


-7

ޙަސަން

24-Nov-2021

އެމްޑީޕީ ދިރިދެމި އޮތްކަން ސާބިތު ކޮށްދީފި ލޫކަސް މެން ޝަތޫމެން ގެ ވަރުހުރިކަން ފެނިއްޖެ އެކަމަކު ތޮއްޔިބެއް ނުފެނޭ ކީއްވެބާ


-1

ޖުހާ

24-Nov-2021

އަސްލު ވަރަށް ރަނގަޅު ރިޕޯޓެއް މީ ހަގީގަތުގަވެސް އިދިކޮޅު ހިނދިއްޖެ މާޔޫސްކޮށްލައިފި