ޞާދިރު ޢަލީދީދީ   17 ސެޕްޓެމްބަރު 2022 - 14:56
ހަރުދަނާ ޝަޚްޞިއްޔަތު 2
ހަރުދަނާ ޝަޚްޞިއްޔަތު 2
* ވާޖިބުތަކުގެ ވައްތަރުތަކާއި ގޮތްތައް:

ކުއްޖާ ބާލިޢުވުމަށްފަހު، އެކުއްޖާގެ ގާތުގައި ކުރަން ބުނާ، ވާޖިބުވެގެންވާ ކަންތައްތަކާއި އަދަބީގޮތުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ކުއްޖާގެ މައްޗަށް އޮތް އަދަބީ ޒިންމާއެކެވެ. އެފަދަ ކަންތައްތަކަކީ މީހަކަށް އެހީތެރިވެދިނުން، އަޅުކަންކުރުން ފަދަ ކަންތަކެވެ.

އިސްލާމް ދީނުގައި ވާޖިބުތައް ދެބަޔަކަށް ބެހިގެން ވެއެވެ. އެއްބަޔަކީ ކޮންމެހެން އަދާކުރަންޖެހޭ ފަރުޟު ވާޖިބުތަކެވެ. އެފަދަ ވާޖިބުތަކަކީ، ދޫކޮށްނުކެވޭނެ ކަންތައްތަކެވެ. މިސާލަކަށް: ރެއާއިދުވާލު ކުރަންޖެހޭ ފަރުޟު ފަސްނަމާދެވެ. ރަމަޟާންމަހު ހިފަންޖެހޭ ރޯދައެވެ. ހަމަ އެހެންމެ ޞަދަޤާތްދިނުމެވެ.

ދެންހުރި އަދަބުތަކަކީ، ވާޖިބު ނޫންނަމަވެސް، މުސްލިމަކަށް ވީތީ ކުރުން ރަނގަޅު ކަންތަކެވެ. އެފަދަ ކަންތައްތައް ކުރުމަށް ކުޑަކުއްޖާ އަށަގަންނުވައި، އެކަންތައްތައް ކުރުން އާދަކުރުވުމަކީ އިސްލާމީ ތަރުބިއްޔަތުގެ ބައެކެވެ. އެފަދަ އަދަބުތަކަށް ޢަމަލުކުރާނަމަ، އެއީ އަޚްލާޤީގޮތުން ރަނގަޅު، އުޅުންހުރި ކުއްޖެއްކަމަށް ދެކޭނެއެވެ.

ކޮންމެހެންވެސް ފުރިހަމަ ކުރަންޖެހޭ ވާޖިބު އަދަބުތައް ފުރިހަމަކުރުމަކީ، ޤިޔާމަތްދުވަހުން ހެޔޮދަރުމައާއި ޘަވާބުލިބޭނެ ކަންތައްތަކެވެ. އެއަދަބުތަކަށް ޢަމަލުކުރުމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ ކަންތައްތަކެވެ. އެފަދަ ވާޖިބުތަކަށް ފަރުވާކުޑަކުރުމަކީ، ވަރަށްވެސް ދެރަ، ހިތާމަހުރި ކަމެކެވެ. އެފަދަ ވާޖިބުތަކުގެ މިސާލަކީ، ޒަކާތްދިނުމުގެ އިތުރަށް ބޭނުންޖެހިފައިވާ ޔަތީމުންނަށާއި މިސްކީނުންނަށާއި ފަޤީރުންނަށް ޞަދަޤާތުގެ ގޮތުގައި ފައިސާއާއި ތަކެތި ދިނުމެވެ. އަދި ޢާންމުކޮށް އެންމެންނާމެދުވެސް ހިތްހެޔޮކޮށް، އޯގާތެރިކަމާއެކު ކަންތައްތައް ކުރެވެ.

ވާޖިބުތައް އިތުރު ދެ ބަޔަކަށް ބެހިދާނެއެވެ. އެއީ ﷲ އަށްޓަކައި އަދާކުރާ ވާޖިބުތަކާއި ތިމާއާއި ތިމާގެ ޢާއިލާއާއި ގާތްތިމާގެ މީހުންނާއި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ކޮށްދޭ ކަންތައްތަކެވެ. އެހެންކަމުން އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކުރުމުގެ ވާޖިބުތަކާއި އިޖުތިމާޢީ ވާޖިބުތަކަށް ބައިއެޅިދާނެއެވެ. މިކަންތައްތަކާމެދު ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލަމާ ހިނގާށެވެ.



*******

* މިލިޔުމަކީ މަޝްހޫރު ލިޔުންތެރިޔާ، މަޑުލު މުޙައްމަދު ވަޙީދު، "ހަރުދަނާ ޝަޚްޞިއްޔަތު" ނަމުގައި ޝާއިޢުކޮށް ނެރުއްވި ފޮތް އަޞްލަކަށް ބަލައިގެން، ސިލްސިލާކޮށް ގެނެސްދޭ ލިޔުމުގެ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން