ދަރީންގެ ރޫޙާނީ އަދި ޖިސްމާނީ ކުރިއެރުވުމަށް ސަމާލުކަންދީގެން މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ
ދަރީންގެ ރޫޙާނީ އަދި ޖިސްމާނީ ކުރިއެރުވުމަށް ސަމާލުކަންދީގެން މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ
ދަރީން ބޮޑުވަމުން އަންނައިރު، އެދަރީންގެ ރޫޙާނީ އަދި ޖިސްމާނީ ކުރިއެރުވުމަށް ސަމާލުކަންދީގެން މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހެއެވެ. އެގޮތުން ކުދީންގެ ހަށިތައް، ތަޢުލީމާއި ތަރުބިއްޔަތުގެ ރީތި، މާތް ގަހަނާއިން ޒީނަތްތެރި ކުރުވަމުން ގެންދިޔުމުގައި އެންމެ ޚާއްޞަ ސަމާލުކަމެއް ދޭންވާނީ، އެކުދީންގެ ރޫޙާނީ އަދި ޖިސްމާނީ ތަރައްޤީގެ މައްޗަށެވެ.

ރޫޙާނީ ކުރިއެރުވުމުގެ ކުރީކޮޅުގެ އުޞޫލުތަކަށް ބަލާއިރު، ކުދީންގެ ކުރިމާތީގައި މައިންބަފައިންނަކީ، ރީތި މާތް އަޚްލާޤީ ނަމޫނާތަކަކަށް ވުން ނުހަނު މުހިއްމެވެ. ދީނީގޮތުންނާއި ދުނިޔަވީގޮތުންނެވެ. ވާހަކަ ދެއްކުމުގައްޔާއި ކުރާކަންތަކުގައެވެ. އަދި އެކުދީންގެ ވަށައިގެން ފެންނަހާ މަންޒަރުތަކާއި ހުރިހާ ޢަމަލެއްވެސް، ރީތިކޮށް، މާތްކޮށް ބެހެއްޓެވުމެވެ. އަދި ނުބައި ނުލަފާކުދީންނާއި މީހުންގެ އަސަރުތަކުން ދަރީން ސަލާމަތް ކުރުވުމެވެ.

މިގޮތުން ކުދީންގައިގައި ހަރުދަނާ ރީތި އަޚްލާޤީ ބިންގަލެއް އަޅުވަމުން ގެންދާއިރު، ހަމައެފަދައިން ކުދީންގެ ޖިސްމާނީ ތަރައްޤީއާމެދުވެސް ޚިޔާލުބެހެއްޓުމަކީ، ހަމައެހާމެ ބޭނުންތެރިކަމެކެވެ. އަދި ކީއްހެއްޔެވެ. އެއްރޮނގަކުން ބަލާއިރު، ޖިސްމާނީ ކުރިއެރުވުމާއި ހަށިގަނޑު ސަލާމަތުން ބެހެއްޓުވުމުގެ އަހްމިއްޔަތު މާބޮޑެވެ. މިހެނީ ގަދަވެ ސަލާމަތުން، ފުރިހަމަ ސިއްޙައްތެއްގައި ހުރި ހަށިގަނޑެއްގައި މެނުވީ، ފުރިހަމަ ސިކުނޑިއަކަށް، ރަނގަޅު ވިސްނުމަކަށް ނުއޮވެވޭނެއެވެ. ފުރިހަމަ ސިކުނޑިއަކާއި ރަނގަޅު ވިސްނުމެއް ލިބިފައިވާ ހަށިގަނޑަކަށް މެނުވީ، ރޫޙާނީގޮތުން އެއްވެސް ތަރައްޤީއެއް ނުކުރެވޭނެއެވެ.

ކުއްޖާގެ ހަށިގަނޑާއި ސިއްޙަތު، ސަލާމަތުން ބެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ދެން މިބަލާލަނީ ކުއްޖާގެ ހަށިގަނޑާއި ސިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކޮންމެހެން ސަމާލުކަންދީ، ކުރަންޖެހޭ މައިގަނޑު ކަންތައްތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑާއި އެކަށީގެންވާ ފައިދާހުރި ކާނާ ލިބުނު ވަރަކުން ކުއްޖާއަށް ކާންދެމުން ގެންދިޔުމެވެ. އަދި ވަކި ޤަވާޢިދެއްގެ މަތީން ކުއްޖާގެ ކެއުމާއި ބުއިމުގެ ކަންތައް ހަމަޖައްސާފައި ބޭއްވުމެވެ. ދެވަނަކަމެއްގެ ގޮތުން އެންމެ ބޮޑު ސަމާލުކަމެއްދޭންވީ ކުއްޖާގެ ނިދުމަށެވެ. ކުޑަކުދީން، ރޭގަނޑު މާދަންވަންދެން ނުނިންދަވާ ގެންގުޅުމަކީ، ނުވަތަ ނުނިދާއުޅުމަކީ، ރަނގަޅުކަމެއް ނޫނެވެ. ކުޑަކުދީން ނިދުމުގެ ޤަވާޢިދަކަށް ވާންވާނީ، އަވަހަށް ނިދާފައި ފަތިހު ތެދުވުމެވެ. ތިންވަނައީ ސާފުޠާހިރު ކަމެވެ. ކުއްޖާ ޤަވާޢިދުން ފެންވެރުވުމެވެ. ސާފުފޭރާން ލެއްވުމެވެ. ކުއްޖާގެ ތަންމައްޗާއި ގެންގުޅޭ ތަކެތި، ސާފުތާހިރުކޮށް ބެހެެއްޓުމެވެ.

އެހެންކަމުން ކުއްޖާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބޮޑުވުމަށާއި ފުރިހަމަ ސިއްޙަތެއްގައިވުމަށް، މިބަޔާން ކުރެވުނު މައިގަނޑު ތިން އުޞޫލަށް، މައިންބަފައިން ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން