ރައީސް ޞާލިޙާއި ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
ރައީސް ޞާލިޙާއި ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. 2005 ވަނަ އަހަރު އެމްޑީޕީ އުފެދިގެން މިހާތަނަށް އައިއިރު ލައްކަ ތަޖުރިބާ ގިނަ އޮޅިތަކެއް ގިރާކޮށްފިއެވެ.ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެމްޑީޕީ އުފެދިގެން މިވީ މުއްދަތުގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ލީޑަރ ޝިޕަށް ނޫނީ ރައީސާއި ނާއިބް ރައީސް ފަދަ މަގާމުތަކަށް އާންމު މެމްބަރުންގެ ވޯޓުން ވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް މަގާމުގެ މުއްދަތު ހަމަވަންދެން ދެމިހުންނެވޭގޮތެއް ނުވެއެވެ. ވަކި ހިސާބަކުން ޚިޔާލުތަފާތުން ބޮޑުވެ އެތެރެއިންނާއި ބޭރުން ކުރިމަތިވާ ޕްރެޝަރާއި ހެދި އަމިއްލަ އަށް އިސްތިއުފާ ދެއްވަނީއެވެ. އެހެންނޫނީ ޕާޓީން "ވަކިކޮށް ބޭރަށް ނެރެ އެއްލާލަނީ"އެވެ. މިއީ ވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރެސީއާއި މިނިވަން ޚިޔާލަށް ޖާގަ ދީފައި އޮންނަ މިންވަރު ބޮޑުކަމުން ވާ ކަމެއް ކަމުގައި ވެސް ވެދާނެއެވެ.

ކޮންމެއަކަސް އެމްޑީޕީގެ ލީޑަރ ޝިޕަށް ވަޑައިގަންނަވާ ބޭފުޅުން ކުރައްވަންޖެހިފައިވަނީ ވަރަށް ހިތި ތަޖުރިބާ އެކެވެ. އެމްޑީޕީގެ ކުރީގެ ރައީސް ޑރ.މުހަންމަދު މުނައްވަރާއި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި އިބްރާހިމް އިސްމާއިލް (އިބުރާ) އަށް އެޕާޓީ ނުހިންގުނީ އެބޭފުޅުންގެ ގާބިލްކަން ނެތުމަކުން ނޫނެވެ. މައްސަލައަކީ ޕާޓީގެ އެތެރޭގައި އެންމެ ވަރުގަދަ ކޮންޓްރޯލެއް އޮތް ބޭފުޅަކީ ރައީސް ނަޝީދު ކަމަށްވުން ކަމުގައި ބައެއް މީހުން މިކަން ސިފަކުރާއިރު އަނެއް ބަޔަކު ބުނަނީ އެމްޑީޕީ އަކީ އަދި މުޅި ޕާޓީގެ ރޫހަކީ ރައީސް ނަޝީދު ކަމުގައި ވުމުން އެމަނިކުފާނު ބޭނުންފުޅުނުވާ ނޫނީ އެމަނިކުފާނާ ދެބަސްވާ ހިސާބުން ޕާޓީގެ އެންމެ ކުރީ ސަފުގައި އެއްވެސް ބޭފުޅަކަށް ކެއް ނުކޮށްލެވެނީ ކަމަށެވެ. މިއީ ވެސް އެޕާޓީއާއި މެދު އެކި ބޭފުޅުން އެކި ގޮތަށް ޚިޔާލު ގެންގުޅޭ ކަމެކެވެ.

މިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނާން އޮތް އެއް ހަގީގަތެއްގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ. ޑީއާރްޕީއަކީ އެޕާޓީގެ ލީޑަރ ޝިޕްގައި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް، ރައީސް މައުމޫން ހުންނެވިއިރު ވަރަށް ވަރުގަދަ ސިޔާސީ ޕާޓީއެކެވެ. ނުވަތަ ވަރުގަދަ ސިޔާސީ ފިކުރެކެވެ. އެއީ އޭރު އެމްޑީޕީއާ އެންމެ ވާދަވެރި ޕާޓީއެވެ. ރައީސް މައުމޫން އަތްޕުޅު ހިއްލަވާ ނުލައްވާ ގޮތަކަށް އެޕާޓީގެ އެއްވެސް ސިޔާސަތެއް ނުހިގައެވެ. ރައީސް މައުމޫން ބަލައި ނުގަންނަ ބޭފުޅަކު ޕާޓީގެ ލީޑަރޝިޕަކަށް ނާދެއެވެ. ނަމަވެސް ރައީސް މައުމޫން ޕާޓީން ފެއަށް ޖެހިވަޑައިގެންނެވި ހިސާބުން ނޫނީ ޕާޓީގެ ލީޑަރޝިޕުން ރައީސް މައުމޫންގެ ފިކުރު އެއްކިބާކުރި ހިސާބުން އެވަރުގަދަ ފިކުރު ނެތި ގޮސް އޮޔާ ދިޔައީ ނޫންތޯއެވެ؟ އެމްޑީޕީއާއި ޑީއާރްޕީ ނުވަތަ ރައީސް ނަޝީދާ ރައީސް މައުމޫންގެ ފިކުރު ނޫން އެހެން ފިކުރެއްގެ ލީޑަރޝިޕެއް ނުވަތަ އެދެ ބޭފުޅުންގެ ލީޑަރޝިޕް ނެތި މިހާތަނަށް ރާއްޖޭގެ ކާމިޔާބު ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ރޫހެއް އުފެދި އާރޯކަމުގައި ހެދިގެން އައިސްފައިވާ ޕާޓީއެއް ނުވަތަ ފިކުރެއް އެބްއޮތްތޯއެވެ؟ އެ ދެ ފިކުރުގެ ފަހަތުން ކިތަން ފިކުރު، ކިތައް ޕާޓީ އުފެއްދި ތޯއެވެ؟ ނޫނީ މިހާރު ވެސް އުފައްދާފައި އެބައޮތް ތޯއެވެ؟ އެކަމަކު އެއިން އެއްވެސް ފިކުރަކަށް އެވަރުގެ ދިރުމެއް އާރޯކަމެއް، ތާއީދެއް، މަޝްހޫރު ކަމެއް ލިބިގެން ހިނގައްޖެ ތޯއެވެ؟ ދެން ޕީޕީއެމް އެއޮތީ ނޫންހޭ ބޭފުޅަކު ވިދާޅުވެދާނެއެވެ.

އާދޭހެވެ. ޕީޕީއެމް އެއޮތީއެވެ. އެކަމަކު އެއީ ރައީސް މައުމޫން އުފެއްދެވި ނޫނީ އުފަން ކުރުވި "އެންޓި އެމްޑީޕީ" ފިކުރެކެވެ. އެހެންވީމާ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް ނަޝީދާއި ރައީސް މައުމޫނުގެ ވަށައިގެން އެނބުރެނީ "ކަލްޓް" ބައިގަނޑެއްގެ ގޮތުގައި ބަޔަކު ސިފަ ކުރި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ބާރުގަދަ އެންމެ ހިނގާ ދެ ފިކުރަކީ އެ ދެ "ކަލްޓް" ކަމެވެ. ޕީޕީއެމްގެ ފިކުރަކީ ހަމަ މިދެންނެވި މައުމޫނީ ފިކުރެކެވެ. ނޫނީ "އެންޓި އެމްޑީޕީ" ނޫންނަމަ "އެންޓީ އަންނި" ފިކުރެވެ. އެ ފިކުރުގެ އަސާސްތައް ދެމި އެއޮތީ މިދެންނެވި މަސްދަރުގެ މަތީގައެވެ. މިއީ މިގައުމުގެ ސިޔާސީ މަސްރަހު ދައްކާ ހަގީގަތެވެ.

އެހެންވީމާ ރައީސް ނަޝީދުގެ ޚިޔާލާތާއި ފިކުރާއި އުސޫލު ތަކާއި ދެކޮޅަށް ޕާޓީގެ ލީޑަރޝިޕްގައި ކެއްނުކޮށްލެވުމުން، ގަދަ އޮޔާއި ވަޔާ ދެކޮޅަށް އެމްޑީޕީގެ އޮޑި ދުއްވަން ޖެހުމުން އެންމެ ފަހުން ކުރިއަށް ނުދެވިގެން ޕާޓީގެ ހުންގާނު ދޫކޮށްލުމަށްފަހު އޮޑިން ކަނޑަށް ފުންމާލައްވައި އަމާން އައްސޭރި އެއް ހޯދަން އެބޭފުޅުންނަށް އެންމެ ފަހުން މަޖުބޫރުވަނީއެވެ. މިދެންނެވި ކޮންމެ ބޭފުޅަކަށް ވެސް އެ ހާލަތު ކުރިމަތިވަނީ އެެއްބަޔަކު ސިފަކުރާގޮތުން ނަމަ އެމްޑީޕީގެ އަސްލު ފިކުރު ނުވަތަ "ރޫޙާނީ ލީޑަރު" ރައީސް މުހަންމަދު ނަޝީދާއި ދެމެދު އުފުނު ނޫނީ އުފެދޭ ކޮންމެވެސް ޚިޔާލު ތަފާތުވުންތަކަކަށް ފަހުގައެވެ. މިއީ ހަމަ ފެންނާން އޮތް ހަގީގަތެވެ. ރައީސް ނަޝީދު ދެއްކެވި މަންޒަރުތަކާއި ޖެއްސެވި ހިސާބުތަކާއި ވިދާޅުވެފައި ހުރި ގަދަ ބަސްތައް ހަގީގަތަކަށް ބަދަލުވާތަން ކައިރިން ފެނި، އަރުބުޑުގައި އެރަހަތަށް ލާ ބަޔަކަށް ރައީސް ނަޝީދު ރޭގަނޑު ދަންވަރުގައި މިއީ ދުވާލޭ ވިދާޅުވިއަސް ގަބޫލު ކުރެވޭނެ ނޫންތޯއެވެ؟

އެހެންވީމާ މިދެންނެވި ތަޖުރިބާތައް ކުރެވިފައިވާ ޕާޓީގެ ހަގީގީ މެންބަރުންނަށް ރައީސް ނަޝީދު ނޫން ލީޑަރޝިޕެއް ގަބޫލުކޮށް ބަލައި ނުގަނެވެނީއެވެ. ރައީސް ނަޝީދު ނޫން ބޭފުޅަކާ ޕާޓީގެ ލީޑަރޝިޕް ހަވާލުކުރަން ޖެހިލުން ވަނީއެވެ. ރައީސް ނަޝީދަށް ކުރާ އިތުބާރު އެހެން ލީޑަރޝިޕަކަށް ނުކުރެވެނީއެވެ. އެހެން ލީޑަރަކަށް ރިޔާސީ ޓިކެޓް ހައްގު ނޫންކަމަށް އެމެންބަރުންނަށް ގަބޫލުކުރެވެނީއެވެ. ބަލައި ނުގަނެވެނީއެވެ. ދެން އެ ގްރޫޕަކީ "ކަލްޓް" ގްރޫޕެކޭ ނުވަތަ ހަގީގީ އެމްޑީޕީގެ ފިކުރޭ ކިޔަސް މައްސަލައެއް ނެތެވެ. ހަގީގަތުގައި މިހާތަނަށް ޕާޓީގެ ލީޑަރޝިޕާއި ހަމައަށް ބާރަށް އެރުމަށް ފަހު ގިނަ ބޭފުޅުން އެރި މިނަށްވުރެ ބާރަށް ވެއްޓިފައި ވަނީ ޕާޓީގެ ރޫހާ ޚިލާފަށް ވެރިކަން ފެނިވަޑައިގަތުމެވެ.

އެމްޑީޕީގެ އެންމެ ކުރީ ސަފުން ކުރިން ފެނި، ގެއްލުނު ރީކޯ މޫސައާއި އަލްހާން ފަހުމީއަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އެދެބޭފުޅުންގެ ވެސް މައްސަލައަކަށްވީ ރިޔާސީ ޓިކެޓާއި ގޮނޑި ފެނިވަޑައިގެނެންވުމާއި ރައީސް ނަޝީދުގެ ރޫހާއި ދެކޮޅަށް ނޫނީ ފިކުރާއި ދެކޮޅަށް ފިކުރު ހިނގާން ފެށުމެވެ. ޕާޓީގެ ތެރެއިން ގައުމުގެ ވެރިކަމާއި ހަމައަށް ވާސިލުވާނެ ކަމަށް ގަބޫލު ކުރެއްވެވުމެވެ. އެހެންވީމާ އަލްހާނަށާއި ރީކޯ މޫސައަށް ސިޔާސީ މަސްރަހުން ކުރިމަތިވި ނާކާމިޔާބަކީ އެފިކުރާއި ދެކޮޅަށް ނުކުމެވަޑައިގެންނެވުމުން ލިބިވަޑައިގެންނެވި ނާާމިޔާބެވެ.

ކޮންމެ ސަބަަބަކާއި ހުރެވެސް ގަންނާކުރައްވާ ބިރުން ވިޔަސް ރައީސް ނަޝީދާއި ވާދަކޮށްލަން އެޕާޓީގެ ލީޑަރ ޝިޕްގެ އިސް ބޭފުޅަކަށް ކެރިވަޑައެއް ނުގަންވައެވެ. ޕާޓީގެ މެޖޯރިޓީން ރައީސް ނަޝީދަށް ނޫނީ އެޓިކެޓް ނުދޭނެކަން ޔަގީން ކުރެވޭތީވެސް ތޯއްޗެކެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް ރިޔާސީ ޓިކެޓް ރައީސް މުހަންމަދު ނަޝީދު ކާމިޔާބު ކުރައްވަނީ "ކުޑަކާފު ބޮޑު ކާފު" އުސޫލުން ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ޙާލަތު ނިޔާކުރި ގޮތުން ރައީސް ނަޝީދަށް ޖަލުގެ ހުކުމެއް އިއްވުމުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެމްޑީޕީގެ ޓިކެޓްގައި ގުޅިފައިވާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކޮށް ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ އިބްރާހިމް މުހަންމަދު ސޯލިހް ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތީއެވެ. އެކަމަކު އެއީވެސް ރައީސް ނަޝީދާއި ވާދަކުރައްވައި ގެނެއްނޫނެވެ. މިފަހަރުވެސް ޕާޓީގެ ރައީސް ނަޝީދުގެ "ލޯޔަލިސްޓުން" އެންމެ ފަހު ވަގުތާ ޖެހެންދެން ޓިކެޓްގައި ނަޝީދުގެ ނަން ލިޔެފައި އޮތެވެ. ރައީސް ޞާލިހަށް އެޓިކެޓް ދިނީވެސް އެނަން އެއްކަނެއްގައި ޖަހާފައެވެ. އަދި ޓިކެޓުގެ އަނެއް ފަރާތުގައި ވަރުގަދަ ޝަރުތުތަކެއް ވެސް ހުރިކަމަށް ވެއެވެ.

އެހެންވީމާ ކިތަންމެ ވަރަކަށް އޮމާންކޮށް ރޮންދާއަޅާ ހިލަކަރުދާސް ލާން އުޅުނެއް ކަމަކު ރައީސް ސޯލިހް ވެރިކަމުގައި ހުންނަވަން ރައީސް ނަޝީދުގެ "ލޯޔަލިސްޓުން" ނޫނީ ރައީސް ނަޝީދަށް ވަފާތެރި ބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ބަލައެއް ނުގަނެވޭނެ އެވެ. އެމީހުން ކެއްމަދުވެފައި ތިބޭނީ އެވަގުތު ނުޖެހިގެންނެވެ. ރައީސް ނަޝީދު ވެރިކަމުގެ ދާނުގައި ވެޑުވޭނެ ވަގުތަކަށެވެ. ދެން ކިތަންމެ އެކުވެރިއަކަސް ކުޑައިރު އެއްތަށްޓަކުން ކޭންބެއްލެވިއެއް ކަމަކު ރައީސް ނަޝީދުވެސް ބޭނުންފުޅުވާނީ އެގޮތެވެ. އެމަނިކުފާނުގެ އަމަލުފުޅުތަކާއި ބަސްމަގުންވެސް އެކަން އެހެރަ ސާފުވެ ފެންނަމުން ދަނީއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެފެންނަ ޚިޔާލު ތަފާތުވުމަކީވެސް އެއީއެވެ. ކޯލިޝަނާމެދު މިއަދު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއްވެސް އެފެންނަނީ މިހެން ވެގެންނެވެ. މަޖިލީހުން ބޭރުގައި މެންބަރުން ދައްކަވާ ވާހަކަ ތަކަށް ބަލާއިރު އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ މަޖިލިސް އޮތީ ދެބަޔަށް ބެހިފައެވެ. އެއީ ރައީސް ނަޝީދުގެ ބަޔަކާއި ރައީސް ޞާލިޙުގެ ބައެކެވެ. އިވޭ ގިނަ އަޑުތަކަށް ބަލާއިރު މެންބަރުން ގިނައީ ރައީސް ޞާލިހުގެ ކޮޅުގައެވެ. މިހެން ވާންވީ އަސްލު ސަބަބެއް ނޭނގެއެވެ. ހަމަގައިމުވެސް ދެކޮޅަށް ބަހުސް ހިނގާ ޒުވާބު ހިނގިއަސް ގިނަ ފަހަރަށް ނިމިފައި ހުރީ ރައީސް ޞާލިޙުގެ ކޮޅަށެވެ. މެންބަރުން މަޖިލީހުގެ ތަޅުމުގައާއި މީސްމީޑިއާގައި ފާޅުކުރައްވާ ޚިޔާލު ތަކުންނާއި ބައެއް ފަހަރު އެބޭފުޅުން ވިދާޅުވާ އެއްޗެއްސަށް ދެވެމުންދާ ރައްދު ތަކުން މަޖިލީހުގެ ދެބައިވުން ފެނެއެވެ. ފާހަގަ ވެއެވެ.

ފެންނަ ފެނުމަށާއި އިވޭ އަޑުތަކަށް ބަލާއިރު ސަރުކާރުގެ ކޮންމެ ކަމެއްވެސް ހުއްޓިގޮސް މި ޖެހެނީ އެއްކަލަ ދެބައިގެ މެދަށެވެ. ދެން މިފެންނަނީ ބޮޑު ހެލުންގަނޑެއް އަންނަ ތަނެވެ. މަޖިލީހުގެ ތަޅުމުންނާއި ކޮމިޓީ ތަކުން ވެސް ރަނގަޅަށް ތިލަވާ ވަރަށް އެތަން އެބަ ފެނެއެވެ. މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ބާރުތައް އެބަ ޖަމާ ކުރެވެއެވެ. އެހެންވީމާ މިއަދު ސަރުކާރާއި މަޖިލީހާއި ދެމެދު މިވަނީ ދައުލަތް ހިންގުމުގައި ބާރުތައް ނެގުމުގެ ރޫހެއް ހިނގައި ގަނެގެން ކަމަށް ބެލެވެއެވެ. ސަރުކާރުގެ ވަޒީރުން މަޖިލީހަށާއި ކޮމިޓީ ތަކަށް ހާޒިކޮށް ސަރުކާރު ހިންގާނެ ގޮތް މަޖިލީހުން ކިޔައިދީ ބުނެދީ ނިންމާތަން އެބަފެނެއެވެ. ސަރުކާރުން ހުށައަޅާ ބިލުތަކުން ސަރުކާރަށް އޮންނަ ބާރުތައް މަޖިލީހަށް "ކަހާލާތަން" އެބަ ފެނެއެވެ. ސީދާ މިވެނިކަމެއް އެވެނި ގޮތަކަށް ކުރާން މަޖިލީހުން ނިންމާފައި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔައަށް އެބަ އަންގައެވެ. އެހެންވީމާ ގާނޫނު ހެދުމުގެ ބާރުން މުޅި ސަރުކާރު ލާ ވަށާލައި ހާސްކޮށްލާ މަންޒަރު ސިފަވަނީއެވެ.

އެމްޑީޕީގެ ކުރީ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބްރައީސްކަން ވެސް ކުރައްވާފައިވާ ރީކޯ މޫސާ މަނިކު ސިފަކުރައްވަނީ އެމްޑީޕީގެ ތެރެއިން ބަޔަކު ސަރުކާރާއި ދެކޮޅަށް ނުކުމެގެން އުޅޭ ކަމަށެވެ. ރައީސް ޞާލިހުގެ ވެރިކަމަށް ނިމުމެއް ގެނައުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރާކަމަށް މޫސަ ތުހުމަތު ކުރައްވައެވެ. އައްޑޫ ޝަރީފުގެ ވާހަކައިން ވެސް ދޭހަ ވަނީ ބައެއް ކަންކަން ހާސިލު ކުރުމަށް ކޮމިޓީތަކުގެ ގާނޫނީ މަސްއޫލިއްޔަތަކަށް ވެސް ބަދަލު ގެންނަމުންދާ ކަމެވެ. ޝަރީފާއި ރޮޒައިނާ ފަދަ ބޭފުޅުންނަށް މިކަންކަމާއި ދެކޮޅަށް ވާހަކަ ނުދައްކަވައި ނުތިއްބެވެނީ ރީކޯ މޫސަ އެވިދާޅުވާ މަންޒަރު ފެންނާތީ ކަމަށް ވެދާނެއެވެ. ހަމަ ގައިމުވެސް ބޭރުގައި ތިބި މީހުންނަށް ނުފެންނަ ކިތަންމެ މަންޒަރެއް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ.

މިފަހުން ސަރުކާރުން ހުށައަޅާ ބިލުތަކާއި މައްސަލަ ތަކުގައި މަޖިލީހުގެ ތެރެއިންނާއި ޕާޓީގެ ތެރެއިން ވެސް މިފެންނަނީ ދެ ރޫހެކެވެ. އެފަދަ މިސާލަކަށް ޖެހިލާނަމަ ދާދިފަހުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް ތަކުގެ އުމުރު ދިގުކުރުމާއި އިންތިޚާބު ފަސް ކުރުމަށް މަޖިލީހުގައި ކުރެވި ދިޔަ މަސައްކަތްތަކާއި އެ ވަމުން ދިޔަ ދެބަސްވުން ތަކުން މިދެންނެވި ދެ ސިޔާސަތު ކިތަންމެ ރަނގަޅަކަށް ވެސް ފެންމަތިވިއެވެ. އެ އަރައިރުމަށްފަހު ދެ މިތުރުން މުލީއާގެއިންނާއި ބޭރުން ފޮޓޯއެއް ނަންގަވާން ބައްދަލު ކޮށްލެއްވިޔަސް ދެ ބޭފުޅުންގެ "ފޭސް ރީޑްކުރާ" އެޕަކަށް ނުލިޔަސް ބޭރަށް ވެސް ފެންނާން އެހެރީ ދެބޭފުޅުންގެ މިހާރުގެ ހުރި ދުރުކަމާއި ޚިޔާލު ތަފާތުކަމެވެ.

ހަގީގަތުގައި މަޖިލީހުގެ ތެރޭގައި މިފަހުން ބަރުލަމާނީގެ އަޑު މާ ގަދަވެގެން މިއުޅޭ ސިއްރަކީވެސް މި ދެބަސްވުން ކަމަށް ބައެއް މީހުން ސިފަކުރެއެވެ. އަދި ރައީސް ނަޝީދު ތަންކޮޅެއް ކުރިން އިޝާރާތް ކުރައްވާފައިވާ ގޮތަށް ނިޒާމަށް ބަދަލު ތަކެއް އަތުވެދާނެ ކަމާއި އެ މަންޒަރު ސިފަވާން ފަށާފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް މިހާރު ހީވަނީ ނިޒާމާ ކުޅުމަކީ ހަމަ ގަދަ ހިފުމަކަށް ދާން ޖެހޭނެ ކަމެއް ކަމުގައެވެ. އެކަމަކު ބަރުލަމާނީ އާއެކު ރައީސް ނަޝީދަށް ވެރިކަން ލިބޭނެކަން އެއީ އެވެރިން ޝައްކެއް ނެތް މިންވަރަށް ގަބޫލުކުރާ މަމެކެވެ.

އެކަމަކު މިއަދު ގައުމު މިއޮތީ ސިޔާސީ ދެބަސް ވުމާއި ސިޔާސީ އަރައިރުން ތަކަށް ޖާގަ ދެވޭ ވަރަށް ވުރެ މާ ހާލުގައެވެ. ރައްޔިތުން ތިބީ ވަރަށް ނިކަމެތި ވެފައެވެ. މާދަމާގެ އެމްޑީޕީގެ މުސްތަގުބަލުވެސް އަދި ރައީސް ނަޝީދުގެ ކުރިމަގުވެސް ފެންނާން އޮތީ މިއަދު ރައްޔިތުންނަށް ދެއްކި މަންޒަރެއްގެ މައްޗަށެވެ. މިއަދު ނެރެދެވުނު ނަތީޖާއެއްގެ މައްޗަށެވެ. ރައީސް ޞާލިހު ފެއިލް ވެއްޖެ ނަމަ ނޫނީ ފެއިލް ކޮށްލައިފިނަމަ އޭގެ ހިތި ރަހަ ރައީސް ނަޝީދުވެސް އެމްޑީޕީވެސް ދެކޭނެ ކަމަށް ސިޔާސީ މާހައުލު ދިރާސާ ކުރައްވާ ފަރާތްތަކުން އެވިދާޅުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޕާޓީ ތެރެއިން ވެރިކަމާ ދެކޮޅަށް ނޫނީ ރައީސް ޞާލިޙާއި ދެކޮޅަށް ނުކުމެ ތޮޅެން ފަށައިފިއްޔާ އޭގެ އަސަރު "ކަށްގަލަށް" ކުރާނެއެވެ. ނަތީޖާ ހިފައިގެން އަދި ތިން އަހަރު ފަހުން ރައްޔިތުންގެ ގާތަށް ދާން ޖެހޭނެއެވެ. ފާސް ވާވަރަށް މާކްސް ލިބިފައި ނެތިއްޔާ އެޖެމްޑާ 19 ވާނީ ހަމަ "ހޮޅި ވާހަކަ" އަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ސަނާ

23-Jun-2020

މާބޮޑަށް އަމިއްލަ އެދުން އިސްނުކޮށް ރައީސް އިބޫގެ ވައުދު ފުއްދާ އެއްމެން އެކީ މަސައްކަތް ކުރާނަމަ ކިހާރަނގަޅު


16

ޖައުފަރު

23-Jun-2020

އަންނި އަދި ރައީސް އިބޫ ވެސް ބޭރު ކުރަން އުޅޭނެ އެކަމަކު އެކަމަށް އާއިލަތެރެއިން އަންނި އަށް ޖާގާ ނުދޭނެޓްރެންޑިން