ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ކުދި ހޮސްޕިޓަލްތަކުން ލިބެން ނުހުންނަ ހިދުމަތްތައް ހިލޭ އެތަނުން ލިބެން ހުރުމެވެ.

ނަމަވެސް، މިހާތަނަށްވެސް އެ ހޮސްޕިޓަލްގައި ހައްލުނުވެ އޮތް ކަމެއް އޮވެއެވެ. ހޮސްޕިޓަލްގައި އޮންނަ ދިގު ކިއޫއެވެ. އެ ކިއޫއަކީ އެންމެ ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވާ މައްސަލަވެސްމެއެވެ. ބައެއްކަހަލަ ކަންކަމުގައި ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓަކަށް އެދުމުން އެޕޮއިންޓްމަންޓް ލިބެން މަހެއް ދެމަހެއް އެބަ ނަގައެވެ. މަޝްހޫރު ކޮމެޑީ ވީޑިއޯ ކުޅޭ އެންމެންގެ މަޓޭ، ވީޑިއޯއެއްގައި ބުނެފައި އޮންނަގޮތަށް، އައިޖީއެމްއެޗުން އެޕޮއިންޓްމަންޓަކަށް އެދިފައި އޮންނަތާ އެތައް ދުވަހެއްވެ ބަލިމީހާ ދުނިޔެއަޅާ ދާފަހުން ވެސް އެޕޮއިންޓްމަންޓް ހަމަޖެހިގެން އެބަ ގުޅައެވެ.

އެތައް ދުވަހަކުން އެއްކުރި ފައިސާކޮޅުން ޑޮކްޓަރަށް ދައްކާލުމަށް އަތޮޅުތެރޭގެ ރަށަކުން މާލެ ދަތުރުކޮށް އަންނަ މީހާ ކުރިން އެޕޮއިންޓްމަންޓެއް ހައްދާނުލާ އޮތް މައްސަލައަކަށް ޑޮކްޓަރަށް ދައްކާލަން ޖެހިއްޖެނަމަ އެއްގޮތަކީ ޑޮކްޓަރަށް ނުދެއްކި ރަށަށް ދާން ޖެހުމެވެ. އަނެއްގޮތަކީ ބޮޑު އަގު ދީފައި ޕްރައިވެޓް ހޮސްޕިޓަލަކަށް ދެއްކުމެވެ.

ކޮންމެއަކަސް އައިޖީއެމްއެޗްގެ ދިގު އެޕޮއިންޓްމަންޓް ކިއޫގެ މައްސަލައިގެ ވާހަކަ ގިނަބަޔަކު ދައްކަނީ ހަމަ ދައްކަން ޖެހިގެނެވެ. އޭގެ ސަބަބުން އާންމު ނިކަމެތި މީހާ ތަހައްމަލުކުރީ ކިހާ ވޭނެއް ކަމެއް ތަނުގެ ވެރިންނަށް އެނގި ނުލައްވަނީ ކަމަށް ވެދާނެއެވެ.

މިހާރު ހޮސްޕިޓަލުން ފައިވިއްދާފައިހުރީ އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ނާންނަ މީހުންގެ އަދަދު ގިނަކަން އެންގުމަށެވެ. އެކަނި އިނދެ ވިސްނާވިސްނާވެސް އެ މައުލޫމާތު ޓްވިޓާގައި ކޮންމެ ދުވަހަކު އާންމުކުރުމުގެ ބޭނުމެއް ނުވިސްނުނެވެ. ފޯނުންގުޅައި އެޕޮއިންޓްމަންޓް ކޮންފަރމް ކުރުމަށްފަހު ނާންނަ މީހުންގެ އަދަދުކަމަށް ބޮޑުއަކުރުން ލިޔެ ކޮންމެ ދުވަހަކު އެ އާންމުކުރާ މައުލޫމާތަށް ބަލާއިރު މިމަހުގެ މިހާތަނަށްވެސް އެވަރެޖުކޮށް ނުދާ މީހުންގެ ނިސްބަތް އުޅެނީ ދިޔަ މީހުންނާ ބަލާއިރު 35 އިންސައްތައިގައެވެ.



އެއީ ނިސްބަތުން ބޮޑު އިންސައްތައެކެވެ. އެހާގިނަ އަދަދުގެ އާންމު ރައްޔިތުން އެޕޮއިންޓްމަންޓަށް ކޮންފަމޭޝަން ދީފައި ޑޮކްޓަރަށް ދައްކަން ނުދަނީ ކީއްވެކަން ހޮސްޕިޓަލްގެ ވެރިންނަށް އެނގި ނުލައްވަނީތޯއެވެ؟ އެ ރައްޔިތުން އެތައް ދުވަހަކުން ލިބުނު އެޕޮއިންޓްމަންޓް ދޫކޮށްނުލާން ކޮންފާމޭ ބުނެލިނަމަވެސް، އެ ރައްޔިތުން އަތޮޅުތެރޭގައި ތިބެފައި ކުއްލިއަކަށް ޖެހިގެން އޮންނަ ދުވަހު ހޮސްޕިޓަލަށް މާލެ އަންނާނީ ކިހިނެއް ހެއްޔެވެ.

އަނެއްކޮޅުން ސަރުކާރުގެ މައި ހޮސްޕިޓަލަކުން އާންމު ކުރެވިދާނެ ބޭނުންތެރި އެތައް މައުލޫމާތެއް ހުރިއިރު ކޮންމެ ދުވަހަކު މިބުނާ މައުލޫމާތެއް އާންމުކުރުމުގެ ބޭނުމެއް ވެސް ނުވިސްނެއެވެ. ނިކަމެތި ރައްޔިތުން ރުޅިއެރުވުން ފިޔަވާ މިއިން ކުރާނެ ފައިދާއެއް ނެތެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން އާންމުންނަށް ބުނެދޭން މިއުޅެނީ ތިމާމެން ބަރާބަރު ކަމެވެ. ޑޮކްޓަރަށް ނުދެއްކެއޭ ކިޔޫދިގޭ ކިޔާ އެދައްކަނީ މުޅިން ބުހުތާން ދޮގު ވާހަކައެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ އިއްޔެވެސް އިންޑިގޯ ޕްލައިޓް ފުރި ބާރުކޮށްލައިގެން އިންޑިއާގެ ކޮޗިންއަށް އެދިޔަ ގިނަ ދިވެހި ރައްޔިތުންނަކީ ރަށުން މާލެއައިސް މައި ހޮސްޕިޓަލުގެ ދިގު ކިޔޫގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކާށާއި ބޮޑެތި ޓެސްޓްތައް ހަދާން ބޭކާރު ބޮޑު ހޭދަ ކޮށްގެން ދަތި ހާލުގައި މާލޭގައި ނުތިބޭން ވެގެން ދިޔަ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން