7 ފެބްރުއަރީ2012، ޖުމްހޫރީ މައިދާނުގެ މަންޒަރެއް
7 ފެބްރުއަރީ2012، ޖުމްހޫރީ މައިދާނުގެ މަންޒަރެއް
އިސްވެދިޔަ ޒަމާނާއި، ގެއްލިގެންދިޔަ އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިތަށް އުނދަގޫ ކުރަމުން ދަނީއެވެ. ހަނދާނުގެ ފޮނިފޮނި މަންޒަރުތަކުގައި ބުރެކި ޖައްސަމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ދިމާވެފައި މިވަނީ ހާމައަށް ފެންނާންއޮތް، ސާފު، އޮޅުވާނުލެވޭނޭ މައްސަލައެކެވެ. ކުރިމަތިވަމުން އަންނަނީ ސަމާސާ ސުވާލުގެ މަންޒިލެއް ނުމެ ނޫންމެއެވެ. ޤައުމުގެ ނަވުގެ ހުންގާނު މިވަގުތު މިހުރީ އެންމެ ރަނގަޅު މިސްރާބުގައި ކަމާމެދު ކުރެވެމުންދާ ސުވާލެވެ. ޤައުމުގައި ތަމްސީލް ވަމުން މިދަނީ އެންމެހާ ދިވެހިން އެދިއެދި ތިބި ފަދަ މަންޒަރުތަކެއް ކަމާމެދު އުފެދޭ ސުވާލެވެ. ޤައުމަށް ޣައްދާރުވުމަށްފަހު ފިލާތިބި އެތައް ބަޔަކު އަލުން އަތުގުޅާލައި ޤައުމު އަލުން އާ އަނދަވަޅަކަށް ވައްޓާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގެ ހިތި ސުވާލެވެ. އާހް..

ޤައުމުގެ ޙާލުގެ ދުލުން މިއަދު ބޭރުވެގެން މިދާ އާހްގެ ހިތްދަތި އަސަރުތަކަކީ އަޅުގަނޑުފަދަ ލިޔުންތެރިކަމަށް ކޮށި މީހަކަށް ބަޔާންކޮށް ދެވޭ ވަރަށްވުރެ މާ އަސަރުގަދަ، މާފުން މާނައެއް ދޭހަކޮށްދޭ އާހް އެކެވެ. މި ލޮބުވެތި ވަޠަނަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި އެތައް އަބްޠާލުންނެއްގެ ރޫހް މިޤައުމުގެ މިއަދުގެ ޙާލާމެދު ކަރުނައަޅާނެކަން ޔަޤީނެވެ. ޢަލީ ރަސްގެފާނާއި، ބޮޑު ތަކުރުފާނެވެ. ދޮންބަންޑާރައިންނާއި، ކުޅުދުއްފުށީގެ ފަޚުރުވެރި ޙުސެއިން އާދަމެވެ. އެ ޤައުމީ ބަޠަލުން މިއަދުގެ ޒުވާން ޖީލަށް ވާރުތަކޮށްދީފައި މިވާ މިނިވަންކަމަކީ އެބޭފުޅުން މިއަދުގެ ޖީލާއި ޙަވާލުކޮށްފައިވާ އަމާނާތެކެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައެވެ. އެމާތް އަބްޠާލުންގެ ޤައުމީ ޖިހާދުގެ އަގު މިއަދުގެ ޖީލުން އަދާކުރަމުން މިދަނީ ކޮންފަދަ ޚިޔާނާތްތެރިކަމަކާއި އެކީގައިތޯއެވެ؟

ވާރުތަވަމުން، ފުރޮޅެމުން، ދެމެމުންއައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ދާދިފަހަކާއި ޖެހެންދެން އޮތީ ވަކިބައެއްގެ، ނުވަތަ ވަކި ޢާއިލާތަކެއްގެ ތަރިކަ މުދާ ގަނޑަކަށް ވެފައެވެ. ނިކަމެތީންނަށް އޮތީ މުއްސަނދީންގެ ފައިތިލައިގައި ބޮސްދީ ސަލާންޖެހުމެވެ. މަޖުބޫރު ކުރެވިފައިއޮތީ ފޯރާ ވިޔަފާރިވެރީން ރުހޭ ގޮތަކަށް ބޮޑު ކާފާއި، ކުޑަ ކާފު ޖަހައިދިނުމެވެ. ވެރީން ނުރުހޭ ރައްޔިތުމީހާއަށް އޮތީ ތިމާގެ އަމިއްލަ ދަރި ތިމާގެ އަތްދަނޑި މަތީގައި ނިޔާވާ މަންޒަރު ބަލަން ރޮއި ރޮއި ހުރުމެވެ. އަނބިދަރީން ބަނޑަށްޖެހި ނިމިދާމަންޒަރު ބަލަން ކެތްނުކުރެވުނު ކިތައްމެ ރައްޔިތެއް އެމީހެއްގެ ޢާއިލާ ގަދަ ކީރިތިވަންތަ މާތް ﷲ އަށް ވަކީލުކުރުމަށްފަހު އަމިއްލައަށް ދިރިހުރުމުގެ ނޭވާތަކަށް ނިމުން ގެނުވިއެވެ.

އެތައް ޒަމާންތަކެއް ވަންދެން ބޮޑެތި ބިޔަ ސައުދާގަރުންނާއި، މާލޭގެ ބޮޑެތި ޢާއިލާތަކުގެ މެދުގައި ފިތިފައިތިބި ދިވެހި ރައްޔިތުންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެންނެވެ. ދިރިތިބުމުގެ ޙަޤީޤީ ބޭނުމާއި، އިންސާނީ ކަރާމާތް އެއުރެންނަށް ވިސްނުވައިދިނީ "ހެޔޮ ވެރިކަމުގެ" ކުޅަދާނަ މާލިމީންނެވެ. މަރަށް އިންތިޒާރުކުރަމުންއައި ޢުމުރުން ދުވަސްވީ ޢިއްޒަތްތެރީންނަށް ހިނިތުންވުން ގެނެސްދިނީ "އަންނި" ދިއްކޮށްލި 2000 ރުފިޔާއިންނެވެ. މަހުޖަނުންނަށް ނޯކިރީ ކޮށްދެމުން ދިޔަ ނިކަމެތި އެކަނިވެރި މައިންނަށް އެވެރީންގެ ޙަޔާތުގެ ވޮށް ދިއްލާލަދިނީ ސާދާ ދިރިއުޅުއްވުމުގެ ޒުވާން ލީޑަރެވެ. ދިވެހި ބިމަށް އުފަންވީ ނަމަވެސް ދިވެހި ފަސްގަނޑުން "ބިންވެރި" ކަމުގެ ނަސީބު ނުލިބުނު މީހުންގެ އުއްމީދަކަށްވީ "ފްލެޓް ދޮންބެ" އުފަންކޮށްދިން ފްލެޓްގެ ސިޔާސަތެވެ. ބޭސްފަރުވާ ކުރުމަށް ސައުދާގަރުންގެ ގޭގެ ދޮރޯށި ދޮށުގައި ނާށިގަނޑު ހިފައިގެން ތިބި ނިކަމެތިންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިނީ އަންނި އައިޑީ ކާޑުތަކަށް ފޯރުކޮށްދިން 100000 ރުފިޔާގެ ޔަގީން ކަމެވެ. ރައީސް ނަޝީދުގެ ވެރިކަން އެނިންމި ގޮތަކަށް ނިންމުމަށްފަހު މިއަދާ ހަމައަށްވެސް މިރާއްޖޭގައި ވެރިކަންތަކުން ތަންފީޒު ކުރަމުން އަންނަނީ ރައީސް ނަޝީދުގެ އެ ސިޔާސަތު ތަކުގެ މަތިން އިތުރަށް ފުރިހަމަ ކުރެވެމުން އަންނަ ސިޔާސަތުތަކެކެވެ.

ޔަޤީނުންވެސް ކަށަވަރު ޙަޤީޤަތަކީ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާޙީ ޙަރަކާތުގެ މޭސްތިރިޔާކަމެވެ. އެހެނަސް މިއަދު މިވަނީ އެ އިސްލާޙީ އޮށުން ފެށި ގަސް ރަނގަޅަށް ނުފޯދި އުޅެނިކޮށް މަރާލުމުގެ މަސައްކަތް ފެށިފައެވެ. ސަބަބަކީތޯއެވެ!! ސަބަބުތައް ކުރީން މި ދެންނެވުނީއެވެ. ސަބަބަކީ މާލޭގެ މެދުފަންތީގެ ޒުވާނަކަށް ދިވެހި ރައްޔިތުންގެ ތާޢީދު އޮހޭން ފެށުމެވެ. މާލޭގެ "ބޮޑުންނަށް" ނުވަތަ "ބޭފުޅުންނަށް" ޙަޖަމްނުވި ކަމަކީ މިއީއެވެ. "ކެނެރީގޭ ނަޝީދު" ދެކެ އަންނަ ގަދަ ރުޅިއެއްގެ ސަބަބުން އެވެރީން ހިލާލީ މިޤައުމުގެ މުސްތަޤްބަލެވެ. އެކަމަށް ސައްލާ ކުރިކަމަށް ބުނެވެނީވެސް "ހިލާލީ" ގޭގައެވެ. ޤައުމުގެ އިސްސަފުން ފެންނަ ފަރާތްތަކުން "ޖަޒްބާތުގައި" ޖެހިތިބެ ކުރި ބޮޑު "ޖަޒްބާތީ" ޢަމަލެއްގެ ސަބަބުން މިއަދު މިވަނީ ޤައުމުގެ އިޖްތިމާޢީ ފޭރާން ވީދި، ދިވެހީންގެ ދިވެހިވަންތަކަމާއި، ޤައުމިއްޔަތުގެ އަގު ފައިސާއިން ގަނެވޭ މުދާގަނޑަކަށް ވެފައެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ދިވެހިންގެ ތާރީޚް އެދުވަހުން ފެށިގެން މިއަދާހަމައަށް ލިޔެވެމުން މިދަނީ އަނދިރި ކަޅު ސޮފްހާތަކެއްގެ ގޮތުގައެވެ. ކިހާ ލަދު ހުތުރު ކަމެއްތޯއެވެ؟

އިހަށްދުވަހުގެ ޒުވާނުންނަށް ނޭނގިގެން އުޅޭ ދިވެހި ތާރީޚަކީ މިއީއެވެ. މިއަދު މުސްކުޅިންނަށްދޭ 5000 ރުފިޔާއަކީ އެދުވަހު އަންނި ދިއްކޮށްލި 2000 ރުފިޔާގެ މޭވާއެވެ. އޭރު އިދިކޮޅުގައި ތިބި، މިއަދުގެ ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިން ބުނަމުން ގެންދިޔައީ އެއީ ދެވޭނޭ ޢިނާޔަތެއް ނޫން ކަމަށެވެ. ނަމަވެސް އެދުވަހުވެސް ދިނެވެ. މިއަދު އަދި މާބޮޑުކޮށްވެސް ދެނީއެވެ. އެދުވަހު ބުނީ އެކަނިވެރި މައިންނަށް ޢިނާޔަތްދެވޭފަދަ ތަނަވަސް ކަމެއް ދަޢުލަތުގައި ނުހުންނާނެ ކަމަށެވެ. ނަމަވެސް ޓެކްސްގެ ނިޒާމެއް އުފަންކޮށް ދަޢުލަތުގެ ޢާމްދަނީ ތިންގުނަ ކޮށްދިނީ ރައީސް ނަޝީދެވެ. އެމަސައްކަތް ހުއްޓުވަން މަޖިލީހުގައި ގުންފައި ޖަހާފައި އުޅުއްވީ އެ ވިދާޅުވާ އިޤްތިޞާދީ މާހިރު ރައީސް ޔާމީނެވެ. ޓެކްސް ނެގުން ހުއްޓުވުމަށް ރައީސް ޔާމީންގެ އޯޑަރަށް ކޯޓަށް ވަޑައިގެންނެވީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބެވެ. މިއީ ފެންނަންއޮތް އޮޅުވާ ނުލެވޭނޭ ދިވެހި ތާރީޚެވެ. ހަމަ އިހަށްދުވަހު އަޅުގަނޑުމެންގެ ލޯކުރިމަތީގައި ހިނގާދިޔަ ކަންތައްތަކެވެ.

އެދުވަހު ރައީސް ނަޝީދު ފްލެޓް އަޅާވާހަކަ ބުނުމުން އިދިކޮޅު ފަރާތްތަކުން ހަޖޫ ޖެހިއެވެ. މިއީ އިނގިރޭސިވިލާތް ނޫން ކަމަށާއި، ފްލެޓަކީ ދިވެހިން ބޭނުން އެއްޗެއް ނޫންކަމަށް ބުންޏެވެ. އެކަމަށް ނިސްބަތްކޮށް ފްލެޓް ދޮންބެގެ ނަމުން މަލާމާތުގެ ނަމެއްވެސް ހަރުކުރިއެވެ. ނަމަވެސް މިއަދު ކޮތަރު ކޮށިތަކެއްގެ ގޮތުގައި "ހިޔާ" ގެ ނަމުގައި ފްލެޓް އެޅުންވެސް ހަމަ ސަޅިއެވެ. އެ ފްލެޓްތަކަށް ނުވަދެވިގެން އުޅެނީވެސް އެދުވަހު ފްލެޓް ސިޔާސަތަށް އެންމެ ބޮޑަށް ދެކޮޅުހެދި މީހުންނެވެ. ރައީސް ނަޝީދު އާސަންދައިގެ މަސައްކަތްފެށުމުން އެކަން ހުއްޓުވުމަށް އާސަންދައިން ބޭސް ނެގުމަށްފަހު ސަރުކާރަށް ބަރު ކުރުމަށް އެބޭސްތައް އުކާލި ހަނދާންވެސް އަޅުގަނޑުމެން އެބަ ހުއްޓެވެ. ނަމަވެސް މިއަދު އެކަންވެސް ސަޅިވެ، "ހުސްނުވާ އާސަންދަ" އަކަށްވެސް ވީތާއެވެ.

ރައީސް މައުމޫނުގެ ދިގު ޚުދުމުހުތާރު ވެރިކަމަށް 2008 ވަނަ އަހަރު ނިމުމެއް ގެނައި އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު މަގުމަތިން ބަދަލުކުރީ ލައިވް ޓީވީގައެވެ. ފަހަރުގައި އެއީ ލައިވް ޓީވީގެ ކުރިމަތީގައި ހިންގި ފުރަތަމަ، އެމްޑީޕީގެ ބަހުންނަމަ "ބަޣާވާތް" ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 7 ފެބްރުއަރީގެ ކަޅު ތާރީޚަކީ ދާދި އިހަކަށް ދުވަސްކަމަށް ވުމުން އެއީ އަދި ބަޔަކު އޮޅުވާލަން މަސައްކަތް ކުރިޔަސް އޮޅުވާ ނުލެވޭނެ ޙަޤީޤަތްތަކެއް އެކަމުގެ ފަހަތުގައި އެކުލެވިގެންވާ ޙާދިސާއެކެވެ. ހަމަގައިމުވެސް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތައް އޮޅުލަމުން ޙަރަކާތްތެރިވީއިރު ރައީސް ނަޝީދުގެ އިސްތިއުފާ އިއުލާނެއް ނުކުރަށްވައެވެ. ފުލުހުންގެ ހިންގުމާ މިވަގުތު ޙަވާލުވެ މިހުރީ ތިމަންނަ ކަމަށް އަމިއްލައަށް މީހަކު އިޢުލާނު ކުރިއިރު އެކަން އޭރުގެ ވަލިއްޔުލް އަމުރަށް ރޭކާވެސް ނުލައެވެ. ދަޢުލަތުގެ މީޑިއާއަށް މިހާރުގެ ވަޒީރެއް އަރުއްވައި ދަޢުލަތުގެ މީޑިއާގެ ކޮންޓްރޯލް ނެގީކަމަށް ބުނިއިރުވެސް ވެރިކަމުގައި ހުރީ ރައީސް ނަޝީދެވެ. ޤައުމީ ޓީވީ ހުއްޓުވައި، އަމިއްލަ ޓީވީ އެއްގެ ފީޑް ދުރަށް ފޮނުވިއިރު ވެސް މިރާއްޖޭގެ ވެރިއަކަށް ހުރީ އެބުނާ "އަންނި" އެވެ. އެމްޑީޕީގެ ހަރުގެ ތަޅާލައި ކުލަކުލައިގެ ޔުނީފޯމްގައި ތިބި މީހުންނާއި، ޢާއްމުންގެ ބަޔަކު އެ ހިންގި ކަމެއް ހިންގި އިރުވެސް ރައީސް ނަޝީދުގެ ވެރިކަމެއް ނުނިމެއެވެ.

ދެން މިއަދުގެ ވާހަކައެވެ. މިދުވަސްވަރަކީ ބަޣާވާތުގެ އަޑު އަނެއްކާވެސް ވަރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެއްބަޔަކު ބުނަނީ އެދުވަހަކީ ރައީސް ނަޝީދަށް ޙާލަތު ކޮންޓްރޯލު ކުރަށްވަން އެނގިވަޑައިނުގަތުމުން ހިނގާދިޔަ ޙާދިސާއެއް ކަމަށެވެ. އެހެން ނަމަވެސް ފެންނަންހުރި ހެކިތަކާއި، ރެކޯޑްވެފައިވާ މަންޒަރުތަކުން އެއީ މާކުރިއްސުރެ ރޭވިގެން ހިންގާފައިވާ ބޮޑު ބިޔަ "ބަޣާވާތެއްކަމަށް" ބެލުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ކަމަކީ، ޤައުމުގައި އެދުވަހު އެވަރުގެ ކަމެއް ހިނގައިދިޔައިރު ނާއިބު ރައީސަކަށް ހުރި ބޭފުޅާއަށް ކަމެއް ވާކަންވެސް އެނގިވަޑައިނުގަންނަވަނީ ޔޯލައެވެ. ވިދާޅުވީ އިންނެވީ ޓީވީ ބައްލަވަން ކަމަށެވެ. އޭގެ ކުރިން ހިލާލީ ގޭގައި އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކާ ބައިއަތު ހިފިކަމަށް މުޅި ޤައުމަށް އިޢުލާނު ކުރީ އޭރާއި މިހާރުގެ ސަރުކާރާ މަޖިލީހުގެ ބޭފުޅުންނެވެ. އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ރެލީއެއްގައި ވިދާޅުވީވެސް އޭރުގެ އިދިކޮޅު ބޭފުޅެކެވެ. މިލިޓަރީ ބޭނުންނުކޮށް މިކަން ނިމުނުކަން ހާދަ ރަނގަޅޭ ބޭފުޅަކު ވިދާޅުވާ ވީޑިއޯއެއްވެސް ފެނުނު ހަނދާނެއް ވެއެވެ. އެގޮތަށް ވިދާޅުވީވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމަށް ވެއެވެ.

އެދުވަހުގެ މައްސަލަތައް ފާޑެއްގެ ސެލްވަމްއެއް ގެނަސްގެން ބެލިއެވެ. ކޯނީ ރިޕޯޓެއް ހެދިއެވެ. ޤައުމީ ސަލާމަތަށްޓަކައި އެވެސް ވަނީ ބޮޑު ފޮށީގައެވެ. ލޮލަށް ފެނުނީ އޭގެ ޚުލާސާއެވެ. ބޮޑު ރިޕޯޓް ވީތަން އެނގޭ މީހަކު ނެތެވެ. އެމްޑީޕީން ބުނާގޮތުން އައިޕެޑަކާއި ދެ އޮރެންޖުން އެ ރިޕޯޓުގެ ކަންތައް ވަނީ ނިންމައިފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރގެ މަގާމަށް އައްޔަނުކުރެއްވި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، 7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވި މައްސަލަ އޮތީ ދުނިޔޭގެ ފެންވަރުގައި ބެލޭނެ އެންމެ ފުރިހަމައަށް ދެފުށްފެންނަ ގޮތަށް ބަލާފައި ކަމަށާއި ވެރިކަން ބަދަލުވި މައްސަލައިގައި އެމަނިކުފާނުގެ އިހުމާލެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވި ހާދިސާއަކީ އެކަމާ އުފާކުރައްވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަކަސް ރޭ އަނެއްކާވެސް މިވަނީ، އެއްކަލަ ޑރ. ވަހީދު ރައީސް ޔާމީނުގެ ޕީޕީއެމްގެ އިސް މަޤާމަކަށް ވަޑައިގެންފައެވެ. ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން އެޕާޓީގެ މެމްބަރުންނަށް ކުރެއްވީ އެންމެ ވަޞިއްޔަތެކެވެ. އެއީ، "މިނިކާ ބާޒުތަކާއި، މިނިކާ ޖަނަވާރުތައް އެޕާޓީ ޖަހައި ގަންނަން މަސައްކަތް ކުރާނެ ކަމަށާއި، އެކަމަށް ހުޝިޔާރުވުމަށް" ކުރެއްވި ވަޞިއްޔަތެވެ. ނަމަވެސް ރޭގެ ރަސްމިއްޔާތުގައި އަނެއްކާވެސް ވަނީ ސުވާލު އުފެދޭ ކަމެއް ހިނގާފައެވެ. "ޑޫ އައި ލުކް ލައިކް ސަމްވަން ހޫ ވިލް ބްރިންގް އަ ކޫޑެޓަރ" އޭ ވިދާޅުވި ބޭފުޅާ ރޭވެސް ހުންނެވީ އެފަދަ މޫޑެއްގައި ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް މަސްރަޙް ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލީ ފަހުން ޕީޕީއެމުން އެންމެ ފުރަތަމަ ބޭއްވި ގައުމީ މަޖިލިސްގައި ވަނީ 2023 ވަނަ އަހަރު ޕްރޮގްރެސިވް ކޯލިޝަނުން ނެރޭނެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ބުނެފައެވެ. އަދި އެގޮތަށް އެ މަޖިލީހުގެ މެންބަރުން އިއްތިފާގުވެސް ވެފައިވެއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ގައުމީ މަޖިލީހުން ނިންމީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ނިންމުން މިއަދާ ހަމައަށް އައިިއިރުވެސް ބަދަލުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑަވައިޒަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. ވަހީދު ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުގައި އެންމެންނަށްވެސް ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ކަންކަމުގައި އަޅުގަނޑު ކުރިން ދެންނެވިހެން ހުރިހާ އެންމެންނަށްވެސް ފުރުސަތު އެބައޮތް މި ޕާޓީގައި. ކޮންމެ ބޭފުޅަކަށްވެސް އެބަ އޮތް. އަޅުގަނޑު މި ދަންނަވަނީ ތެދަށް. އަޅުގަނޑު ސީރިއަސް ކަމާއެކުގައި އެކަމާ ނުވިސްނާ" ކަމަށް ވިދާޅުވެ ރައީސް ވަހީދު ރޭ ވިދާޅުވީ، އެމަނިކުފާނު މިހާރު ހުންނެވީ އުފަލުން ކަމަށާއި، ވެރިކަން ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ވެރިކަން ހޯދުމުގެ ނިޔަތުގައި އިތުރު އުފަލެއް ބޭނުން ނުވާ ކަމަށާއި ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން އެދިލައްވައިފިނަމަ ވެރިކަމަށް ވާދަކުރުމާމެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އަޅުގަނޑު ހިތުން މިއީ ރައީސް ޔާމީނުގެ ސަޕޯޓަރުން ވަރަށް ސަމާލުކަން ދެއްވަން ޖެހޭ ކަމެކެވެ. އެއްގޮތަކީ އޭރު ރައީސް ވަހީދާ ގުޅިގެން އެމްޑީޕީގެ ވެރިކަން ބަދަލުކުރި ގްރޫޕް އެކުވެގެން ޑރ ވަހީދު މެދުވެރިކޮށް ޕީޕީއެމް ޖަހައިގަތުމެވެ. ނަމަވެސް މިނިކާބާޒު ނޫން އެހެން ވައްތަރެއްގެ ދޫންޏެއް ބޭނުން ކޮށްގެންނެވެ. ދެވަނަ ގޮތަކީ އޭރުގެ ފޯމިއުލާއާއި އެއްގޮތަށް ރައީސް ޞާލިޙްގެ ވެރިކަން ފުރޮޅާލުމުގެ މަގުޗާޓު އެކުލަވާލާ އެކަމަށް އެތެރެއާއި ބޭރުން މިސަރުކާރުގެ ކޯލިޝަން ޕާޓްނަރުން މެދުވެރިކޮށްގެން ސަފުތައް ރުކުރުވާލުމެވެ. އިއްޔެ އޭގެ އެތައް މަންޒަރެއް ދައްކައިފިއެވެ. ފުލުހުންގެ އަނިޔާވެރިކަން ހައެއްކަ މީހުންގެ ކުރިމައްޗަށް ބޮޑު ފައުޖެއް ނެރެ ދައްކާލައިފިއެވެ. ފުލުހުންގެ ދިފާޢުގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން މުޒާހަރާ ކޮށްފިއެވެ. ޑރ. ވަހީދު ޕީޕީއެމް ގެ އިސް ސަފަށް ނިކުމެ ވެރިކަމުގެ އުއްމީދު ފާޅުކުރައްވައިފިއެވެ. ބޮޑަށް ބެލެވެނީ "ބަޣާވާތެއް" ތިލަވާން އުޅޭ ކަމަށެވެ. ނަމަވެސް މިފަހަރު ޕީޕީއެމްގެ އެތެރެއިންނެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުން ހުޝިޔާރުވާށެވެ. އަޅުގަނޑުމެން މިތިބީ މަންޒަރު ބަލާށެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ާބިޖޫ

26-Jun-2020

ޢަންނިތީ މިގައުމު ހާލާކުކުރި ދިވެހި މޭސްތިރި ހިލޭ ބޭސްފަރުވާ ގެ ފެށުން މައުމޫން ފްލެޓް އެޅީވެސް މައުނޫން ދަތުރުފަތުރު ފެށީ ނާސިރު ތައުލީމް ފެއްޓީ އަމީން ތާރީހުނޭގި ދުފާއެއްޗިއްސޭ ނުވީދިބަލަ އެކިވެރިން ެ އެކިވަރައް އެކަންތައްތައް ތަރައްގީކުރީ ތިޔަނުބާ އަންނި މިގައުމު ހަލާކުކުރީ ތާރީހް ވ ސާފް


1

ޒަބީން

24-Jun-2020

ހެޔޮވަހަކަ އެއް އަންނި ގެ މައްސަލަ އަކީ އެމްޑިޕީ އަށް ވެރިކަން ލިބުނީމަ ވެސް ވެރިކަނ ދިފަުކުރަން މަސައްކަތް ނުކޮށް އިދިކޮޅަށް ކުޅޭތީ



ޓްރެންޑިން