ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި މިހާރު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ޒިނެދިން ޒިދާނާ ގުޅޭގޮތުން އިހްތިރާމް ކުޑަކޮށް ވާހަކަދެއްކި ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް ނޮއެލް ލީ ގްރައެޓް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެއްޖެއެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސްކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ނޮއެލް ލީ ގްރައެޓް އެކަހެރިވެފައި މިވަނީ ޒިދާންއާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކެއްގެ ސަބަބުން އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ފެޑެރޭޝަނާއި ގުޅޭގޮތުން ބަލަމުންދާ ޖިންސީ ފުރައްސާރަ އާއި ގަނާކުރުމުގެ މައްސަލަތަކެއްގެ ތަހުގީގު ނިމެންދެން ނޮއެލް ލީ ގްރައެޓް މަސްއޫލިއްޔަތުތަކުން އެކަހެރިވެފައިވާކަމަށެވެ. އެނާގެ އިތުރުން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ޑިރެކްޓަރ ޖެނެރަލެއްވެސް ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސްކަމުގެ މަގާމަށް 2011 ވަނަ އަހަރު އިންތިހާބުވި ނޮއެލް ލީ ގްރައެޓް ދާދި ފަހުން ދެއްކި ވާހަކަތަކެއްގައި ވަނީ ޒިދާންއަކީ މާ މުހިއްމު މީހެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައެވެ. އަދި ގައުމު ޓީމުގެ ކޯޗުކަމަށް ޒިދާން ގެންނަން އެއްވެސް ވަރަކަށް ނުވިސްނާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޒިދާންއަށް އިހްތިރާމް ކުޑަކޮށް ދެއްކި މި ވާހަކަތަކާއި ގުޅިގެން ފްރާންސްގެ ކުޅިވަރާއި ބެހޭ ވަޒީރާއި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކިލިއަން އެމްބާޕޭވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެއިތުރުން ފްރާންސްގެ އެތައް ބަޔަކު އަންނަނީ ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސްކަމުގެ ނިއޯލް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމުންނެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް ނޮއެލް ލީ ގްރައެޓް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވުމުން، އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ޑެޕިއުޓީ ވައިސް ޕްރެސިޑެންޓް ފިލިޕް ޑިއޯލާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން