މިނިސްޓަރ އޮފް ނެޝަނަލް ޕްްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ހިއްކާ ބިންތަކުން ރައްޔިތުންނަށް ބިން ލިބޭ ވަކިމިންވަރެއް ކަނޑައެޅުން މުހިންމުކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާލުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިިންވަރު ބަލާ ކޮމިޓީ" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ފައިސާއިން ހިއްކާ ބިންތަކުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ބިން ލިބޭނެހެން ވަކި އިމެއް ކަނޑައަޅަންޖެހޭނެ ކަމަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރވަނީ މިފަދަ ކަންކަމަށް ފުޅާ ދާއިރާއެއްގައި މަަޝްވަރާ ކުރުމަށް މަޖިލީހުގެ ކޮމިޓީގައި ގޮވާލައްވާފައެވެ.

"ޓެކްސް ދައްކާ މީހުންގެ ފައިސާއިން ބިން ހިއްކަނީ. ރައްޔިތުންގެ ފައިސާ އާއި އިންސާނީ ވަސީލަތް ބޭނުންކޮށްގެން މަސައްކަތް ކުރަނީ. ވަކި ރަށެއްގައި ވަކި ބަޔަކަށް ޚާއްސަކޮށްގެން ބިން ހިއްކިޔަސް، މުޅި ރާއްޖެއަށް މިންވަރެއް ހުޅުވާލަންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބިން ފުރި ޖާގަ ދަތިވެފައިވާ ރަށްތަކުގައިވެސް، އެތަށް ބިންތަކެއް ފަޅު ގޯތީގެ ގޮތުގައި ދޫކޮށްލާފައި ހުރިކަމަށެވެ. ބަންޑާރައިން ނަގައި މިގޮތަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ ބިންތަކާއިމެދު ކަންކުރާނެ ގޮތްތަކެއް ނިންމުންވެސް މުހިންމުކަމަށް މިނިސްޓަރ އަސްލަމްވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

"ބަންޑާރައިންދޭ ގޯތި ފަޅުކޮށްފައި ބާއްވާނީތޯ؟، މިކަމަށް ވިސްނުމެއް އެބަ ގެންގުޅެންޖެހޭ. މިގޮތަށް އަގަކާއި ނުލައި ދިގުމުއްދަތަކަށް ބޭއްވޭނެކަމަށް ގަބޫލެއް ނުކުރަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަންޑާރަ ގޯތިތައް ހޯދައި އެތަށް ޒަމާންތަކެއް ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިވާ އެތައް ގޯއްޗެއް ހުރިކަމަށެވެ. މިއީވެސް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވާ ބޮޑު ސަބަބެއްކަމުގައި ވިދާޅުވިއެވެ. އަދި މިކަމަށް ޙައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ބަހުސްކޮށް މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، މާލޭ ޕޯޓު ބަދަލު ކުރުމަށްޓަކައި، ގުޅިފަޅުން އަލަށް ހިއްކަމުން އަންނަ ސަރަހައްދު އިގްތިސާދީ ކަންކަމަށް ހާއްސަ ކުރުމުގެ ބަދަލުގައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ ސަރުކާރަށް ހުށައަޅައިފައެވެ.

މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށައަޅާފައިވާ ރިޕޯޓުގައި ބުނެފައިވަނީ ގުޅިފަޅުން ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ހާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށާއި، އެގޮތުން މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީ ރިޕޯޓްގައި ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން