މިއީ މިއަދު އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. މިއަދުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ނުވަތަ މައި ޕާޓީއަކީ އެމްޑީޕީއެވެ. ސަރުކާރުގެ މުހިންމު ގިނަ ސިޔާސީ މަގާމުތަކުގައި ތިބީ އެޕާޓީގެ އިސް މެންބަރުންނެވެ. އިސް އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ސަފުގައި ނަގައިކިއުއްވާ ބޭފުޅުންނެވެ. މިހެން މިކަން އޮއްވާ މިއަދު މިވަނީ މުޅި ޕާޓީ ދެފިކުރަކަށް ބެހިފައެވެ. ދެބައި ވެފައެވެ. އެއްފިކުރަނީ ރައީސް ޞާލިހުގެ ފިކުރެވެ. އަނެއް ފިކުރަކީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދުގެ ފިކުރެވެ.

މިދެފިކުރަށް ޕާޓީ ބެހިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ނަޝީދުގެ ފަރާތްޕުޅުން އެ ސިފަތައް ފެންނަތާ ކިތަންމެ ދުވަހެކެވެ. މަޖިލީހުގެ ތެރެއިން އެއަޑު އިވެމުންދާތާ ކިތަންމެ ދުވަހެކެވެ. އެހެން އެކަން އޮއްވާ ރަނގަޅަށް ޕާޓީ ފަޅައިގެން ގޮސް ދެބަޔަށް ބެހުނީ ވެސް މަޖިލީހުގެ ތެރެއިންނެވެ. މަޖިލީހުގައި ރައީސް ޞާލިހުގެ މެންބަރުންނާއި ނަޝީދުގެ މެންބަރުން ވަކިވެ ފާހަގަ އެޅުވިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ބުރަވަނީ ރައީސް ޞާލިހުގެ ފަޅިއަށް ކަމަށްވާތީ ސަރުކާރު ހިންގުމުގެ ތެރެއިން އެކަން މާބޮޑަށް ނުފެނި އޮތީއެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ހަމައިން މިދެންނެވި ދެބައި މުޅިން ވަކިވެ ވަކި ދެ ޓެގް އެޅުވި ދެބައިމީހުންގެ ވާދަވެރިކަން ގޯނިން ބޭރަށް ނުކުތީއެވެ. މިހާރު ނަޝީދުގެ ފިކުރަކީ ފިކުރެއްގެ ދިރުމެވެ. ނަޝީދުގެ ފިކުރަށް ރަސްމީކޮށް އެއޮތީ މިހާރު ނަންވެސްދީ ނިމިފައެވެ. ދެން އޮތީ ސަރުކާރު ފިކުރެވެ. ނުވަތަ ރައީސް ޞާލިހުގެ ފިކުރެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން އެއީ ތަރައްގީގެ ފިކުރެވެ. ގައުމީ ފިކުރެވެ. އެމްޑީޕީވެސް ކުރިއަށް ޖައްސާލާ ހިންގާލާ ފިކުރެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އަމާޒަކީ ނަޝީދާއެކު ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ މިސްރާބު ބަދަލުކޮށްލުމެވެ. ނަޝީދުގެ މިދެންނެވި ފިކުރުގެ މައިގަނޑު އަސާސަކީ، ހާސިލު ކުރާން ބޭނުން ލަނޑުދަނޑިއަކީ މިދެންނެވި ބަރުލަމާނީއެވެ. ބަރުލަމާނީއަށް ވެރިކަން ފުރޮޅާ ލުމުގެ ދުރު ރާސްތާ މަވަތި ވިސްނުންފުޅެއް ވެސް ނަޝީދުގެ އެބައޮތެވެ. ގިނަ މީހުން މާނަކުރާ ގޮތުގައި އެއީ ފަސޭހަ މަގަކުން ރާއްޖޭގެ ވެރިކަމުގެ ތަހުތަށް އަރާވަޑައިގެންނެވުމެވެ. އެމަނިކުފާނު ވަނީ އެވިސްނުންފުޅު ތިލަވެސް ކުރަށްވާފައެވެ. ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލައިގެން އެމަނިކުފާނު ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ ވާހަކަފުޅެވެ. ނަމަވެސް އެހުށައެޅުން ރައީސް ޞާލިހަށް ކަމު ނުދިޔައީއެވެ. ރައީސް ޞާލިހަކީ ވެސް ހަމަ ނަޝީދު ފަދައިން ހަކުޅި، ހަތްކުޅި ވެސް ކުރިއަށް ކުޅުއްވައި ނޭފަތުގެ ކުރިއަށް ވުރެ މާ ދުރު ފެނިވަޑައިގަންނަވާ ބޭފުޅަކަށްވާތީ ނަޝީދު މިކުރަށްވާން އުޅުއްވަނީ ކޮންކަމެއްކަން އަމިއްލަފުޅަށް ތަމްސީލު ކުރެއްވުނީއެވެ.

ކޮންމެއަކަސް ދެން ވީގޮތަކީ މިދެންނެވި ފިކުރުގެ ވާދަވެރިކަން އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަމައިން މާބޮޑުވެ ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއްގެ ޓިކެޓް ލިބިވަޑައިގެންނެވުމަކީ ހަމަ އެއްގޮތަކަށް ވެސް ނަޝީދަށް ގަބޫލުފުޅު ކުރެއްވޭ، ހަޖަމު ކުރެއްވޭ ކަމަކަށް ނުވީއެވެ. ކުރީން ރައީސް ނަޝީދު ކުރިއަށް ކުޅުއްވަމުން ގެންދެވި ހަކުޅު މިފަހަރު ރައީސް ޞާލިހު މާ މޮޅަށް މާކުރިއަށް ކުޅުއްވީއެވެ. އެހެންވީމާ ނަޝީދު ޖެއްސެވި ހިސާބު އެއްގޮތަކަށް ވެސް ދިމާ ނުވީއެވެ. އެހާހިސާބުން ނަޝީދު ނިންމެވީ "ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ގެއްލުނަސް" ވާހާލެއްގައި ވާން ރައީސް ޞާލިހާއި ދެކޮޅަށް ނުކުމެ ވަޑައިގަންނަވާށެވެ. ދެން ނަޝީދު ވާހާލެއްގައި ވާން ނަޝީދުގެ ފިކުރު ދިރުވާން އެމްޑީޕީގެ އިސް ބޭފުޅުން ކޮޅެއްވެސް ނުކުންނެވީއެވެ.

ދެން ފެންނާން ފެށީ މުޅިން އެހެން މަންޒަރެކެވެ. ރައީސް ޞާލިހު ފަތްކޮޅުން ނޫނީ ލިއުއްވުމަކުން ސިޔާސީ މާގާމު ދެއްވައި ބޮޑެތި ޒިންމާ ތަކާއި މަސްއޫލިއްޔަތު ތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ވަޢުދުތައް ފުއްދާން މަސައްކަތް ކުރުމަށް ހަވާލު ކުރެއްވި މިދެންނެވި ބޭފުޅުން ދެ ބޯގެރި ދުއްވާން ފެށީއެވެ. ދެ ކުލައިގެ ދެ ޓައީއާއި ދެ ޔުނީ ފޯމުގައި މަސައްކަތް ކުރާން ފެއްޓެވީއެވެ. އެއްބަޔަކު ސިޔާސީ ގޮނޑިކޮޅުގައި ތިއްބަވާފައި ދެން ވަޑައިގަންނަވަނީ ފިކުރެއްގެ ދިރުން ކުރިއެރުވުމަށެވެ. ފިކުރެއްގެ ދިރުމުގެ ކެމްޕޭނަށެވެ. އަނެއް ބަޔަކު އޮފީސް ގަޑީގައާއި އޮފީސް ނިންމާލާފައި ވަޑައިގަންނަވަނީ އެފިކުރާއި ގުޅިގެން ވެރިކަން ކުރާނެ ބަޔަކު ހޯދާށެވެ. މަޝްވަރާ ކުރާށެވެ.

މިދެންނެވި ސަރުކާރުގެ ސިޔާސަތު ވިއްކާން، ރައީސް ޞާލިހުގެ ވަޢުދުތައް ފުއްދާން މަސައްކަތްކުރާން ތިބި މީހުން ފިކުރެއްގެ ޔުނީފޯމަށް ބަދަލުވީމާ ދެއްކެނީ ސަރުކާރު ކަޑަ ވާހަކައެވެ. ރައީސް ޞާލިހަށް ކަމެއް ނުވާ ވާހަކައެވެ. އެމަނިކުފާނުގެ ތަރައްގީ ކަމު ނުދާ ވާހަކައެވެ. ގައުމު ބަނގުރޫޓުވެ ދަރާ ވިކޭ ވާހަކައެވެ. ރިއެކްޓް ނުކުރައްވާ ވާހަކައާއި ސްލޯ ވާހަކައެވެ. ކޮރަޕްޝަނާއި ފަސާދަ އޮތް މިންވަރުގެ ވާހަކައެވެ. ކަމެއް ނުވާ ވާހަކައާއި އެމްޑީޕީގެ ސިޔާސަތުވެސް ނުހިންގޭ ވާހަކައެވެ.

އެމީހުން މިދެންނެވި މަގާމުތަކުގައި ތިބެގެން މިދައްކަނީ ރައީސް ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން އެމީހުން ނުރުހޭ ވާހަކައެވެ. ރައީސް ޞާލިހަށް ދިން ރިޔާސީ ޓިކެޓްވެސް ކަމު ނުދާ ވާހަކައެވެ. ރައީސް ޞާލިހަށް ތާއީދު ނުކުރާނެ ވާހަކައެވެ. އެކަމަކު މިދެންނެވި މީހުން ތިބީ ރައީސް ޞާލިހު ތަބަބަކަށް ލާފައި ވެދުމަށް އެރުވި މަގާމުގެ ގޮނޑި ކޮޅުގައެވެ. އެމަގާމުތަކުގައެވެ. ރައީސް ޞާލިހަށް ސަރުކާރު ހިންގައިދޭށެވެ. ރައީސް ޞާލިހުގެ ސަރުކާރުގެ ސިޔާސަތުތައް ހިންގައިދޭން އެއްބަސްވެ ވަޢުދުވެ އަހުދުވެގެންނެވެ. ރައީސް ޞާލިޙުގެ ވަޢުދުތައް ފުއްދައިދޭން ފޫގަޅައިގެންނެވެ.

އެކަމަކު އެމީހުން ރައީސް ޞާލިހުގެ ސިޔާސަތާ ދެކޮޅެވެ. ރައީސް ޞާލިހުގެ ސަރުކާރުގެ ސިޔާސަތާ ދެކޮޅެވެ. ރައީސް ޞާލިހާ ވެސް މިހާރު ދެކޮޅެވެ. ރައީސް ޞާލިހާއި ބައިއަތު ހިފައި ރައީސް ޞާލިހާއެކު އެއްގަލަކަށް އަރާން ވެސް ބޭނުމެއް ނުވެއެވެ. އެކަމަކު އެމީހުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެމްޑީޕީއަށް ހެއުގޮތް ހޯދައިދޭން އުޅޭ މީހުންނެވެ. އެމްޑީޕީއަށް ކުރިއަށް އޮތް 50 އަހަރަށް ވެސް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާން ބުނެ އެވާހަކަ އެގޮތަށް ދާއްކާ މީހުންނެވެ.

އެމްޑީޕީގެ މެންބަރުންނެއްކަމަކު ރައީސް ޞާލިހާއި މުޅިން އިދިކީލަ މުޅިން އެހެން ފިކުރެއް ކުރިއަށް ނެރެގެން ރައީސް ޞާލިހު ނޫން ގޮތެއް ހޯދަން އުޅޭ ބަޔަކު ރައީސް ޞާލިހުގެ ކުރިފުޅުމަތީގައި ރައީސް ޞާލިހު އިންނަވާ ގޮނޑިކޮޅު ކައިރީގައި، ރައީސް ޞޯލިހު އިންނަވާ އޮފީހުގައި ބައިތިއްބައިގެން ކުރާނެ ކަމެއް، ވާނެ ފައިދާއެއް، ނުކުންނާނެ ނަތީޖާއެއް އަޅުގަނޑަކަށް ހަމަ ނުވިސްނެއެވެ. އެމަނިކުފާނުގެ ފިކުރާއި ސިޔާސަތާއި މުޅިން ދެކޮޅު ފިކުރެއްގެ ބަޔަކު އެމަނިކުފާނުގެ ފިކުރާއި ސިޔާސަތު ހިންގާން، ކުރިއަރުވާން، ތަރައްގީ ކުރާން ކުރާނެ، ކޮށްދޭނެ، ކޮށްދެވޭނެ މަސައްކަތެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

އަޅުގަނޑަށް މާނަކުރެވޭ ގޮތުގައި ޚާލިޞް ހިތަކާއިގެން ހެޔޮ ނިޔަތުގައި ރައީސް ޞާލިހަށް ވެރިކަން ހޯދައިދޭން ވަކާލާތު ކުރި، ބުރަ މަސައްކަތްކުރި، އެމްޑީޕީގެ މެންބަރުން މިއަދު ވެސް ތިބޭނީ ރައީސް ޞާލިހާއެކުގައެވެ. އެމީހުން މިއަދު ވެސް މަސައްކަތް ކުރާނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ހޯދައިދީ އެމްޑީޕީގެ ވެރިކަން އިތުރަށް ދެމެހެއްޓުމަށެވެ. އެހެންނޫނީ ރައީސް ޞާލިހަށް ވެރިކަން ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތް ކުރި މިވެނި މީހާ މިއަދު އެއްލައިލައިފިޔޭ، ހޫރާ ލައިފިޔޭ ވިދާޅުވާ ބޭފުޅުން އެވިދާޅުވާ އެއްޗެއްގެ ހަގީގަތެއް ނެތެވެ. އޭނާ އިއްޔެ ހުރި ގޮތް މިއަދު ބަދަލު ކުރާނީ ނޫނީ ކުރާން ޖެހޭނީ ކުރިއަށް ވުރެ މޮޅު ގޮތެއް ޕާޓީއަށް ވާން އޮތިއްޔާއެވެ. ކުރިއަށް ވުރެ ޔަގީން ކަމާއެކު ޕާޓީއަށް ވެރިކަން ލިބޭނެ މަގެއް ފެންނާން އޮތިއްޔާއެވެ. މިއަދު ހަމަ ކަނޑައެޅިގެން ވަކި ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ނުލިބުނީމާ، ވަކި ބޭފުޅަކަށް ވެރިކަން ލިބެން ނެތީމާ، ކަނޑައެޅިގެން ޕާޓީއަށް ލިބެން އޮތް ވެރިކަމެއް ދޫކޮށްލާފައި ވެސް އެހެން ފިކުރަކާއެކު ކުރިއަށްދާނީ ކުރީން ވެސް ހިތުގެ ޚާލިސް ކަމާއި ތެދުވެރި ހިތަކުން ރައީސް ޞާލިހަށް ވެރިކަން ހޯދައިދޭން ކުރިން މަސައްކަތް ނުކުރާ މީހެކެވެ. އެހެންވީމާ މިއަދު ފިކުރު ބަދަލުކުރީމާ މަގާމުން ވަކިކޮށް އެއްލާލީމާ މިސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި މީހާއޭ އެއީ، ބަޔަކު ވިދާޅުވިޔަސް އެކަން ބަލައިގަނެ، ގަބޫލުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އޭރު ރައީސް ޞާލިހު ވެރިކަމަށް ގެންނާން މަސައްކަތް ކޮށްފައި އޭގެ އިނާމެއްގެ ގޮތުން މިއަދު ސަރުކާރުގެ މަތީ މަގާމެއްގައި ބޮޑު މުސާރަ ލިބިލިބި ހުރި މީހަކު ރައީސް ޞާލިހަށް ވެރިކަން ހޯދައި ދޭން މަސައްކަތް ނުކުރާންވީ އެއްވެސް ސަބަބެއް ނުވިސްނެވެ. އަދި އެފަދަ ބަޔަކު މިހާރު އެމަގާމު ތަކުގައި ބައިތިއްބާންވީ އެއްވެސް ސަބަބެއް ވެސް ނުވިސްނެއެވެ. އެއްޕާޓީއެއްގެ ދެފިކުރަކުން ސަރުކާރު ހިންގާނެ ގޮތެއް އަދި އަމުދުން ނުވިސްނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން