އިންތިޚާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ފަރާތްތަކުން ބަލި ގަބޫލުނުކޮށް، އެކަން ބަދަލު ކުރެވޭތޯ އުޅޭ މަންޒަރު މިހާރަކަށް އައިސް ފެންނަލެއް އިތުރެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުންވެސް ފެންނަ މަންަަޒަރެކެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އެކަމާއި ދެކޮޅަށް ނިކުމެ ހިންގާ ހަރަކާތްތައްް ގިނަ ފަހަރު ނިމެނީ ވަރަށް ގޯސްކޮށެވެ. މިކަހަލަ ކަންކަމުގައި ގިނަ ފަހަރު ލަނޑު ލިބެނީ ބަލި ގަބޫލުނުކުރާ ލީޑަރު ފަހަތުން ނިކުންނަ މީހުންނަށެވެ.



ރާއްޖޭގައިވެސް އިންތިހާބުތައް ބާއްވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިހާރު އަމަލުކުރަމުންދާ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭއްވި އެއްވެސް އިންތިހާބަކީ މާކަ ވާދަވެރި އިންތިހާބުތަކެކޭ ބުނެވޭކަށް ނެތެވެ. އިންތިހާބު ބޭއްވުމުގެ ކުރިން އިންތިހާބު ނަތީޖާ އޭރު އެނގެއެވެ. ނަމަވެސް 2008 ވަނަ އަހަރު ދިވެހީންނަށް ލިބުނު އައު ގާނޫނުއަސާސީއާއެކު މުޅި ނިޒާމު ބަދަލުވެ، އިންތިހާބުތަކުގެ ފޯރިގަދަވާން ފެށިއެވެ. އިންތިހާބުގެ ނަތީޖާ ނެރެން ބޮޑުކާފާއި ކުޑަކާފު ލާން ޖެހުނު ދުވަސް މާޒީއާއެކުވެ ދިޔައީއެވެ. ވޯޓު ފޮށީގައި އަތްއަޅައި ބަނޑުއަޅައިގެން ތިބެން ޖެހުނު ދުވަހަކީވެސް މިހާރު މާޒީއެވެ.

ރާއްޖޭގައި އިންތިހާބުގެ ފޯރިގަދަވިޔަސް، ފޯރިގަދަކަމަށް ބުނަނީ އިންތިހާބުތަކުގައި އެކަކު އަނެކަކާއި އަރާރުންވެ، އިންތިހާބަށްފަހު ހިނގާ ހަމަނުޖެހުންތަކަށް އިޝާރާތްކޮށެވެ. އެފަދަ ކަމެއް ނުވާނަމަ އިންތިހާބުގެ ފޯރިއެއް ހުރިކަމަކަށް ނުވެއެވެ. ބަލި ގަބޫލުނުކުރުމާއި ނަތީޖާ ބާތިލްކުރަން ކޯޓަށް ދިއުމަކީ އިންތިހާބު އިތުރަށް ވަރުގަދަވާކަމެއްކަމަށް ބައެއް މީހުން ދެކެއެވެ.



ހަގީގަތަށް ބަލާނަމަ ހަމަނުޖެހުން ހިންގުމާއި ބަލި ގަބޫލުނުކުރުމާއި ނަތީޖާ ބާތިލްކުރަން ކޯޓަށް ދިއުމަކީ އިންތިހާބުގެ ފޯރިގަދަވާކަމެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތައް ގަބޫލުނުކުރާ މީހުންކަން ސާބިތުކޮށްދޭ ކަންކަމެވެ. އެކަންކަމުން ދައްކައިދެނީ އެބައެއްގެ ނާތަހުޒީބުކަމެެވެ. ތަންދޮރު ނުދަތުމާއި ޖާހިލުކަމެވެ.

ރާއްޖޭގައި ބައެއް ސިޔާސީ ބޭފުޅުންގެ ކިބައިން ނާތަހުޒީބު މިފަދަ މަންޒަރުތައް ފެނުނަސް، އިންތިހާބުތަކުގައި ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަވާ ބޭފުޅުންވެސް މަދެއް ނޫނެވެ. ފޯރިގަދަ އިންތިހާބުތަކުގައި ސިޔާސި ޕޯޑިއަމްތަކުގައި ބަހުގެ ހަމަލާތައް ދިނުމަށްފަހު، އިންތިހާބަަށްފަހު އެކުވެރިކަމާއި އަޚުވަންތަކަމުގެ ރީތި މިސާލު ދައްކަވާ ގިނަ ބޭފުޅުން އުޅުއްވައެވެ. ބަލި ގަބޫލުކޮށް، މޮޅުވި ކެނޑިޑޭޓަށް އުފަލާއެކު މަރުހަބާ ކިޔާ މީހުންވެސް މަދެއްނޫނެވެ.



އިއްޔެ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަކީވެސް އެފަދަ ރީތީ ނަމޫނާއެކެވެ. އިންތިހާބުގެ ކެމްޕެއިން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ބަހުގެ ހަމަލާތައް ދެކޮޅުންވެސް ދިޔައީ ފޮނުވަމުންނެވެ. އެކިއެކި ތުހުމަތުވެސް ކުރިއެެވެ. ނަމަވެސް ކެމްޕެއިން ތެރޭގައި އެއްވެސް ބަޔަކު ހަމަނުޖެހުމެއް ނުހިންގައެެވެ. އެފަދަ ކަންކަމަށް ބޮޑު ދެ ޕާޓީން ތަރުހީބެއްވެސް ނުދެއެވެ. ޖާގައެއްވެސް ނުދެެއެވެ.

ފޯރިގަދަ އިންތިހާބަށްފަހުވެސް ފެނުނީ ދެ ޕާޓީން ވަރަށް ރީތި ނަމޫނާތަކެކެވެ. ބަލިވި ކެނޑިޑޭޓާއި މޮޅުވި ކެނޑިޑޭޓް އެކުގައި އާއްމުންގެ ކުރިމަތީގައި އެކުވެރިކަން ދެއްކިއެވެ. ދެ ޕާޓީގެ އިސް ބޭފުޅުންވެސް ރައްޔިތުންނަށް ދެއްކެވީ އެ މަންޒަރެވެ. އިންތިހާބުން މޮޅުވި ޕާޓީގެ ލީޑަރޝިޕުން ބަލިވި ޕާޓީގެ ލީޑަރޝިޕަށް ހަޖޫ ޖަހާފައެއް ނުވެއެވެ. ބަލިވި މީހުންވެސް އެކަން ގަބޫލުނުކޮށް ބޮޑާ ހާކާފައެއްް ނުވެއެވެ.

މިއީ ހަގީގީ ޑިމޮކްރެޓިކް، ސިޔާސީ ބޭފުޅުންގެ ފަރާތުން ކޮންމެހެންވެސް ފެެންނަންޖެހޭ މަންޒަރެވެ. މި މަންޒަރުތައް ގިނަކޮށްގެން ނޫނީ ތަހުޒީބީ މުޖްތަމައެއްގެ ކުލަތަކެއް ނުދެއްކޭނެއެވެ. ކުރިއަރާފައިވާ ތަހުޒީބީ މުޖްތަމައެއްގައި ހުންނަންޖެހޭ ސިފަތައް ސިޔާސީ މީހުންނަށް ވަފާތެރި ރާއްޖޭގެ މުޖްތަމައުން ފެންނާނީ ސިޔާސީ މީހުން އެ މަންޒަރު ދެއްކި ވަރަކަށެވެ. ސިޔާސީ މީހުންނަށް ރައްޔިތުންެ ކުރާ އިތުބާރުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ.

ގުރައިދޫ ބައި އިލެކްޝަނަށްފަހު ރާއްޖޭގެ ބޮޑު 2 ޕާޓީ، އެމްޑީޕީއާއި ޕީޕީއެމުން އެ ދެއްކީ ސިޔާސީ މީހުން ރައްޔިތުންނަށް ދައްކަންޖެހޭ އަސްލު މަންޒަރެވެ. އިންތިހާބުން ކޮންމެ ބަޔަކު މޮޅުވިޔަސް، މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ސިޔާސީ ގޮތުން މިރާއްޖެ ތަހުޒީބުވެ ކުރިއަރަމުން އަންނަކަން ދައްކުވައިދޭ ހިތްގައިމު އުއްމީދީ މަންޒަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން