ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު: ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު: ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާ
ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއަކީ ޢާންމު އުސޫލެއްގެ ދަށުން ރާއްޖޭގެ އެހެންވެސް ރަށްރަށެކޭ އެއްފަދަ ރަށެކެވެ. ވެރިކަންކުރާ ރަށަށްވުމުން ތަފާތުތަކެއް ހުއްޓަސް މިރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކަކަށް ތަފާތެއް ނެތެވެ. މާލޭގެ ރައްޔިތުންނަށް މާލޭގެ ބިމުން ގޯތި ނުލިބޭތާ އެތައް އަހަރެއްވެއްޖެއެވެ.

ޖީލުތަކަކަށް ދެމިގެންގޮސްފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް އެކި ސަރުކާރުތަކުން އެކި ފިޔަވަޅުތައް އަޅާފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު މި މައްސަލައަށް ދާއިމިއީ ޙައްލަކާ ގާތަށްވެސް ނާދެއެވެ. ގޯއްޗެއް ނުދޭތާގައި މާލޭގެ ރަށްވެހިންނަށް އެކަށީގެންވާވަރުގެ ބޯހިޔާވެހިކަމުގެ އެހެން މަޝްރޫޢެއްވެސް ހިންގާފައެއް ނުވެއެވެ.

އެންމެފަހުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ވިލިމާލެއިންނެވެ. އެހެންނަމަވެސް އެރަށުން ދިން ގޯތިތަތައްވެސް މާލެނޫން އެހެން ރަށްރަށުގެ މީހުންނަށްވެސް ލިބުނެވެ. މާލޭގައި ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތައްވެސް ހިންގީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އަމިއްލަ ރަށުގައި ބޯހިޔާވަހިކަމެއް ނެތި ގަނަތެޅެން ޖެހިފައި އޮތްއޮތުމަކަށް ނިމުމެއްގެ ކޮޅުމަތިވެސް ނުފެނެއެވެ.

މިމައްސަަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް މަސައްކަތްކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. އެވަޢުދު ފުއްދެވުމަށް ކުރެއްވި މަސައްކަތުގެ ދަށުން މިއަދު މިވަނީ މާލޭ ރައްޔިތުންގެ ތެރެއިން 10314 މީހަކަށް ގޯތި ލިބިފައެވެ. މިއީ މިބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ނޫންކަން ސަރުކާރުންވެސް ޤަބޫލުކުރައްވައެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މުޅި ސިޔާސަތު ތަންފިޒުކޮށް ނިމޭއިރު، އެކަށީގެންވާ ޙައްްލެއް ލިބޭނެކަމަށް ސަރުކާރުން ދެކެއެވެ.

މިސަރުކާރުގެ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 10314 މީހަކަށް ގޯތި ލިބުނުކަން މިއަދު ސަރުކާރުންވަނީ ޢިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ގޯތި ކޮމިޓީން ބުނީ ގޯއްޗަށް އެދި 15164 ފޯމް ހުށަހެޅިކަމަށެވެ. އެއީ 23088 ޖުމުލަ މީހުންނެވެ. އޭގެތެރެއިން 19858 މީހުން ޝަރުތު ހަމަވެއެވެ. "ބިންވެރިޔާ" ސްކީމުގެ ދަށުން މިފަހަރު ދޫކުރައްވާ 5000 ގޯތި ޖުމުލަ 10314 މީހަކަށް ލިބެއެވެ.

މިފަހަރު ގޯތި ނުލިބުނު މީހުންނަށް އޮތީ ކޮން ގޮތެއް؟

މިފަހަރު ގޯއްޗަށް އެދި ފޯމު ހުށަހެޅި މާލޭގެ ރައްޔިތުންގެތެރެއިން ޝަރުޠު ހަމަވާ މީހުންނަށް އުންމީދެއް އެބައޮތެވެ. ގޯތި ކޮމިޓީން ބުނީ މިފަހަރު ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 19858 މީހުން އެބަތިކަމަށެވެ. އޭގެތެރެއިން މިފަހަރު ޝަރުޠު ހަމަވެ ގޯތި ނުލިބުނު 9544 މީހަކު އެބަތިއްބެވެ.

އެމީހުންނަށް އޮތް އުންމީދަކީ އެއެމީހުންގެ ތެރެއިން ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން ފޯމް ހުށަހަޅައިފިނަމަ ނުވަތަ ގޯއްޗަށް އެދިއްޖެނަމަ، ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވުމެވެ.

ގޯތި ދޫކުރަނީ ކޮން ސަރަޙައްދަކުން؟

މިފަހަރު މާލެއިން ދޫކުރާ 5000 ގޯތި ދޫކުރަނީ ހުޅުމާލެއިންނާއި ގުޅީފަޅުންނެވެ. އޭގެތެރެއިން 1500އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން ދޫކުރެއެވެ. ދެންހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނާއި އަލަށް ހިއްކާ ގިރާވަރު ފަޅުންނެވެ.

ގޯތީގެ ބޮޑުމިނަކީ ކޮބާ؟

މާލެއިން ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. ގުޅިގެން ގޯއްޗަށް އެދޭނަމަ އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު އެގޯއްޗަކަށް އިތުރުކުރެވެއެވެ. ޖުމުލަ 7 މީހުންނަށްވުރެ މީހުން އިތުރު މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބެއެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުންކަމަށެވެ. ޚާއްސަކޮށް މިފަހަރު މިކުރައްވާ ކަމަކީ މާލޭގެ ރައްޔިތުންނަށް "ނޭވާލެވޭނެ" ގޮތް ހެއްދެވުންކަމަށް އަސްލަމް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށްވެސް އެހެން ރަށްރަށުގެ ރައްޔިތުންނެކޜޭ އެއްފަދައިން ގޯތި ލިބޭނެ އިންތިޒާމު ހަމަޖެހެންޖެހޭކަމަށާ، މާލޭގެ ބިމުގެ ކަންކަން އޮތްގޮތުން ބލަންޖެހޭ ކަންކަމަށް ބަލައި ކޮންމެވެސް ގޮތެއް ހޯއްދަވައިދެއްވަން ޖެހޭކަމަށް ސަރުކާރުން ޤަބޫލުފުޅުކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލެއިން މިފގަހަރު ގޯތި ލިބޭ މީހުންގެ ލިސްޓު މިހާރުވަނީ ގެޒެޓްކުރައްވާފައެވެ. އަދި އަންނަ ޖުލައި މަހުގެ 15އާ ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެއަށްފަހު ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކުރައްވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކޮންމެއަކަސް މާލޭގެ ރައްޔިތުންނަށް މިއަދު ގޯތި ލިބިދާނެކަމަށް ގިނަބަޔަކު ޤަބޫލެއްވެސް ނުކުރެއެވެ. އަދިވެސް މިކަމާ ދެކޮޅުހަދާ ބަޔަކުވެސް އެބަތިއްބެވެ. މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ފުރިހަމަވުމެވެ. މިއީ އާދަޔާ ޚިލާފު ޙައްލެކެވެ. މާލޭ ރައްޔިތުންގެ މޫނުމައްޗަށް ގެނެސްދެއްވި އުފާވެރި ހިނިތުންވުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން