ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ ސިޔާސީ ޙާލަތު އޮތްގޮތް ހަނދާންނެތޭހާ ދުވަހެއް އަދި ނުވެއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން ފަހު ދުވަހާހަމައަށް ރާއްޖޭގައި އިދިކޮޅު ސިޔާސީ ޙަރަކާތް ހިންގުން އޮތީ ބިރުވެރިކަމަކަށް ވެފައެވެ. މަލްޓިޕާޓީ ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖެއަށް އައިފަހުން އެވަރުގެ ޚުދުމުޚުތާރު ސިފަތަކެއް އޮތް ވެރިކަމުގެ ދައުރެއް ރާއްޖެ ދެކެފައި ނުވާކަމަށް ސިޔާސީ އެތައް ބޭފުޅުންނެެއް މިއަދުވެސް ވިދާޅުވެއެވެ.

މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދުގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ނަޝީދާ ދެކޮޅަށް އުފުލި ޓެރަރިޒަމްގެ ދަޢުވާ ހުއްޓިފައި ވަނިކޮށް އަލުން އެދަޢުވާ ފެންމަތިކޮށް ނަޝީދަށް 13 އަހަރުގެ ޖަލުޙުކުމެއް އިއްވީ ޔާމީންގެ ސަރުކާރުގެ ނުފޫޒު އެކަމުގައި އިންތިހާއަށް އޮވެގެންކަމަށް ޚުދު ނަޝީދުވެސް އޭރު ޤަބޫލުފުޅު ކުރެއްވިއެވެ.

ހަވާ ފަޓާސްބަރިއެއްހެން ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގައި ޙުކުމްކޮށް ނިންމާލީ އެންމެ ސަބަބަކަށްޓަކައި ކަމަށް ނަޝީދު އޭރު ދެކެވަޑައިގެންނެވިއެވެ. އެއީ އޭރުވެސް އަދި މިހާރުވެސް ރާއްޖޭގެ އެންމެ މެމްބަރުންގިނަ އަދި އެންމެ ތާޢީދުބޮޑު އެއް ޕާޓީކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެގޮތުގައި ނަޝީދަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމެވެ.

ޔާމީން ސަރުކާރުގެ "އަނިޔާ"އިން ސަލާމަތްވުމަށް ނަޝީދަށް ޖެހިވަޑައިގަތީ އަމިއްލަފުޅަށް އަރުވާލެވޭށެވެ. އެހިސާބުން ރާއްޖޭގެ އިދިކޮޅު ކިރިޔާވެސް ނުފޫޒެއް ހުރި ކޮންމެ ސިޔާސީ ލީޑަރަކަށް ޖެހުނީ މިދަތުރެވެ. ޔާމީންގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށްވެސް ހަމަ ޖެހުނީ މިދަތުރެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް އާލާސްކަންފުޅާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ކޯޓަށް ޙާޒިރުކޮށް ހުކުމްޖެހިއެވެ. ވެރިކަމަށް ވާދަކުރެއްވޭނެ ޝަރުޠު އުނިވާގޮތަށް ކަންކަން ރޭވިގެންނެވެ.

ޔާމީންގެ ބޭބޭފުޅު މުސްކުޅި އުމުރުފުޅުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ހުތުރު ތުހުމަތުގައި ޖަލަށް ލިއެވެ. ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮށްކޯފުޅު ފާރިސް މައުމޫން ޖަލަށްލިއެވެ. އަމިއްލަ ޢާއިލާގެ ތެރެއިން ޔާމީނާ ދެކޮޅަށް ޝުޢޫރުފާޅުކުރި އެންމެންނަށްވެސް ޖެހުނީ މިދަރުތެވެ.

ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ދިގުމުއްދަތަކަށް ޖަލަށްލިއެވެ. އޭރުގެ އިދިކޮޅު އެތައްބަޔަކު މިޙާލުގައި ޖަލުގައި ތިއްބެވެ. ސިޔާސީ ކަންކަމުގެތެރެއިން ޖަލަށްލީ ބައެއްމީހުން ޖަލުގައި މަރުވެސް ވިއެވެ.

އަމިއްލަފުޅު ސަރުކާރުގެ ތެރެއިން ޔާމީނާ ދެކޮޅަށް ސިޔާސީ މައިދާނަށް ނުކުމެދާނެހެން ހީވި ބޭފުޅުންނަށްވެސް ވީ މިހެންނެވެ. މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމަށް ދިގުމުއްދަތެއްގެ ޖަލުޙުކުމެއް އައެވެ.

އަމިއްލަފުޅު ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ހުތުރުގޮތަކަށް މަޤާމުން ވަކިކުރިއެވެ. ޖަލަށްލާފާނެކަމުގެ ބިރަށް ޖަމީލް ވެސް އުޅުއްވީ އަމިއްލައަށް އަރުވާލެވިގެންނެވެ. ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ގޭގައި ނިދިކުރައްވަން އޮއްވައި ފުލުހުންގޮސް ދޮރުވައްޓާލާފައި ހައްޔަރުކޮށް ފްރޭމްކުރިއެވެ. އަދި ދިގުމުއްދަތަކަށް ޖަލަށްލިއެވެ. ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބު ހައްޔަރުކޮށް ޖަލަށްލިއެވެ.

މިނޫނަސް މިފަދަ އެތައް ބޭފުޅުންނެއް ތިބެންޖެހުނީ ހުރަގޭގައެވެ. މަޝްހޫރު ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުނެގިވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ބައެއް ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ ބައެއް މުވައްޒަފުން ހައްޔަރުކޮށް ޖަލަށް ލިއެވެ.

ނުޙައްޤުން ފްރޭމްކޮށްގެން އެތައްބަޔަކު ޖަލަށްލީކަމުގެ ތުހުމަތު ރައީސް ނަޝީދާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާމީންގެމައްޗަށް ކުރެއެވެ. އޭގެއިތުރުން ދައުލަތުގެ ޚަޒާނާއިން ވައްކަންކުރި މައްސަލައަކީ މުޅި ރައްޔިތުންނާ ގުޅުންހުރި މައްސަލައަކަށްވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އެންމެބޮޑަށް ވަކާލާތުކުރެއްވީ ރައީސް ނަޝީދެވެ.

"މާތްކަލާކޯ، މަނިކުފާނު، ބްރިޖު އޯކޭއޭ! އޯކޭ ނުވަނީ ވައްކަމޭ!" ވިދާޅުވެ އިނގިރޭސިވިޅާތުގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކުރައްވައި ނަޝީދު ދެއްވި ސްޕީޗް އަދިވެސް އަޑުއިވޭފަދައެވެ.

ޔާމީނާއި އޭނާގެ ނައިބުރައީސާއި އިތުރު ބަޔަކު ގުޅިގެން ހިންގިކަމަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލާގައި ޔާމީން ހައްޔަރުކޮށް ތަޙުޤީޤު ހިންގުމަށް ފުރަތަމަ ގޮވާލެއްވި އެއްބޭފުޅަކީވެސް ނަޝީދެވެ. އެމްޑީޕީއަށް ވެރިކަން ލިބުމުން މަޖިލީހުގެ ރައީސަކަށް ވަޑައިގެން ޝަރުޢީ ދާއިރާއަށް ބައެއް ބަދަލު ގެންނަވައި ޔާމީން ބަންދުކުރެވޭނެ މަގު ފަހިކުރެއްވި އިސް އެއްބޭފުޅަކީވެސް ނަޝީދެވެ. ނަޝީދު ޖޭއެސްސީގައިވެސް އިންނަވައެވެ.

ޔާމީންގެ މައްސަލައަކީ ސަރުކަރުގެ ނުފޫޒުން، ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުސަތު ނުދިނުމަށް ކުރެވޭކަމެއްކަމަށް ފެށުނީއްސު ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރެއެވެ. އަދި މިވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ މިއަދާހަމައަށް ޕީޕީއެމުން އަންނަނީ މަގުމަތީގައި މިސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. ކުރަމުން އަންނަނީ އެއް ތުހުމަތުތަކެކެވެ. އަޑުއުފުލަމުން އަންނަނީ އެއްކަމަކަށެވެ.

އެމޑީޕީގެ ޕްރައިމެރީން ނަޝީދު ބަލިވަންދެން އިދިކޮޅުގެ މިއިން އެއްވެސް ޝުޢޫރެއް ނަޝީދަކަށް ކަމަކުނުދެއެވެ. އެއީ އަސްލެއްނެތް ހާސަރެވެ. އެއީ ސަރުކާރު ވައްޓާލަން އިދިކޮޅުން ކުޅޭ ޑްރާމާއެވެ. އަދި އެންމެފަހުން ސުޕްރީމްކޯޓުގައި އޮތް ޔާމީންގެ ކެންޑިޑެސީ މައްސަލަ ނިމެންދެންވެސް ޔާމީން ޖަލުން ދޫކޮށްލުމަށް ގޮވާލާ މާ ސާފު ބަހެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.

ހަޤީޤަތަކީ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އިސްވެ ދެންނެވި ކަންކަމުން ވީ ފާރު، ނަޝީދުގެ ޑިމޮކްރެޓްސްގެ މެމްބަރުންގެ ހިތްތަކުގައި އަދިވެސް ހުރީ ތާޒާކަމާއެކުއެވެ. އެއަސަރު ނަޝީދަށް ކުރެވެއެވެ. އެހެންކަމުން ޔާމީން ސަލާމަތްވެ ޖަލުން މިނިވަންވެ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކޮށްފިނަމަ، ޑިމޮކްރެޓްސްއާއި ނަޝީދަކަށްވެސް ސަލާމަތެއް ނޯންނާކަމަށް ނަޝީދަށް ޤަބޫލުފުޅު ކުރެއްވޭކަމަށް އޭނާ ދަންނަ އެތައްބަޔަކު ބުނެއެވެ. އެހެންކަމުން މިހާތަނަށް އެފަދަކަމަކަށް ގޮވާނުލެއްވީއެވެ.

މިހާރު ނަޝީދު ބޭނުންފުޅުވަނީ ޕީޕީއެމް/ޕީއެންސީގެ ޢާންމު މެމްބަރުންގެ ރުހުމެވެ. އެއީ އެމްޑީޕީ ޕްރައިމެރީގެ ނާކާމިޔާބީގެ ބަދަލު ހިފުމަށް ބޭނުންވާ ހަކަތަ ހޯދުމަށެވެ. ރައީސް ޞާލިޙާދެކޮޅަށް ކިރިޔާވެސް ކަމެއް ކުރެވެން އޮތީ އިދިކޮޅު ޢާންމުމެމްބަރުން ނަޝީދު ބޭނުންވާ މަގުން ހިނގައިގެންނެވެ.

އެހެންކަމުން މިހާރު އެމީހުން ރުއްސަން ނަޝީދަށް ވިދާޅުނުވެވޭނެ އެއްވެސް ވާހަކަފުޅެއް ނެތެވެ. ޔާމީން މިނިވަންކުރަން ގޮވާލުމަކުން އަދި ޔާމީން މިވަގުތު މިނިވަން ވުމަކުންވެސް ނަޝީދަށް ނުރައްކަލެއް ނެތެވެ. އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެވޭނެކަން މިހާރު އެވަނީ ސައްތައިންސައްތަ ޔަޤީންވެފައެވެ.

ނަޝީދުގެ މަޅީގައި ޕީޕީއެމް/ޕީއެންސީގެ ޢާންމު މެމްބަރުން ޖެހޭނީ ކިހާވަރަކަށްކަމެއް ނޭނގެއެވެ. އެހެންނަމަވެސް ނަޝީދުގެ ޑިމޮކްރެޓްސްގެ ޖަލްސާތަކުގައި ބޯގިނަކުރަން އަތްޖަހަން ޕީޕީއެމްގެ މީހުން ތިބޭތަން ފެނެއެވެ. އަދި ނަޝީދުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމަށް ޕޮޒިޓިވްކޮށް ޓްވީޓުކުރެއެވެ.

މިވެގެން އުޅޭ ގޮތް ނޭނގޭ ހަމަ އެކަކު ނެތެވެ. ރައީސް ޞާލިހް ބަލިކޮށްލެވޭނެ ސިޔާސީ ހަކަތަ ނެތީމާ އެކަން ކުރެވޭން އޮތް މަގެއް ހޯދަނީއެވެ. ގިނިކަންޏާ ނުކުމެ ވަޑައިގެން ކުރެވޭނެ އެއްވެސް ކަމެއް ނެތީއެވެ. އެއާއެކު ދެން އޮތީ ޕީޕީއެމްގެ މެންބަރުންގެ ތާއީދު ހޯދޭނެ މަގަކުން ހިންގެވުން ކަމަށްވާތީއާއި ޔާމީނަށް ކުރިއަށް ދެވޭން އޮތް ހުރިހާ މަގެއް ބަންދުވީކަން ކަށަވަރުވީމާ ޔާމީން މިނިވަން ކުރާން ގޮވައިގެން ވެސް، އިދިކޮޅާއެކު މަގުތަކަށް ނުކުމެގެން ވެސް ރައީސް ޞާލިހު ބަލިކުރެވޭނެ މަގެއް ހޯދަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން