މިދިޔަ ޖޫންމަހު ކެނެޑާގައި މަރާލި އިންޑިއާގެ ސިކުން ތަމްސީލްކުރާ އިދިކޮޅު ސިޔާސީ ލީޑަރެއްކަމަށްވާ، ހަރްދީޕް ސިންގ މަރުގެ ފަހަތުގައި ވަނީ އިންޑިޔާގެ ސަރުކާރުގެ ޖާސޫސީ އެޖެންޓުންކަމަށް ކެނެޑާ ސަރުކާރުން ހާމަކުރުމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، މަސްރަހު އިތުރަށް ހޫނުވާން ފަށައިފިއެވެ.

ކެނެޑާގައި މަރާލި އިންޑިއާގެ ސިކުންގެ ލީޑަރެއްކަމަށްވާ، ހަރްދީޕް ސިންގއަކީ ކެނެޑާގެ ރަށްވެހިކަން އޮންނަ މީހެކެވެ.

މިދިޔަ ހޯމަ ދުވަހު ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ޖަސްޓިންގ ޓްރޫޑޯ ވިދާޅުވީ ހަރްދީޕް ސިންގ މަރާލުމުގެ ފަހަތުގައި ތިބީ އިންޑިޔާގެ އެޖެންޓުންކަން ހާމަވާ ހެކި ހޯދާފައިވާކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ އެހެން ގައުމެއްގެ ސަރުކާރުން ފޮނުވި ބަޔަކު ކެނެޑާގައި، ކެނެޑާ ރައްޔިތަކު މަރާލުމަކީ ކެނެޑާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށެވެ. އަދި ހަރްދީޕްގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ކެނެޑާގެ ސަރުކާރު ފަހަތަށް ނުޖެހޭނެކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައިގައި ކެނެއާއިން ވަނީ އެގައުމުގައި އުޅޭ އިންޑިއާގެ ޑިޕްލޮމޭޓަކަށް ތުހުމަތުތަކެއްް ކުރުމަށްފަހު އެ ގައުމުން ބޭރުކޮށްފައެވެ. ކެނެޑާއިން ތުހުމަތުކުރާ ގޮތުގައި ބޭރުކޮށްލާފައި ވަނީ ކެނެޑާގައި އުޅޭ އިންޑިއާގެ ޖާސޫސުންގެ ބޮޑަކަށް ހުންނަ މީހާއެވެ.

"މިކަމުގައި ފިޔަވަޅު އަޅާން ފަށާފައިވާކަން ހާމަކުރުމުގެ ގޮތުން މި ވަނީ އިސް ޑިޕްލޮމޭޓެެް ބޭރުކޮށްލާފައި. މިކަމުގެ އަޑީގައި ތިބި މީހުންވެސް ހޯދާނަން." އެގައުމުގެ ހާރިޖީ ވަޒީރު މެލައިން ޖޯއީ ވިދާޅުވިއެވެ.

މެލައިން ވިދާޅުވީ މި މަައްސަލަ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ.

ކެނެޑާއިން ކުރާ ތުހުމަތުތައް ދޮގުކުރަމުން އިންޑިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މަރުވި ހަރްދީޕް ސިންގ ނިސްބަތްވާ ޖަމާއަތަކީ ޓެރަރިސްޓުންތަކެއް ކަމަށް ސިފަކޮށް، އެ މީހުންނަށް ކެނެޑާގައި އުޅެން ފުރުސަތު ދޭތީ އެކަމަށް ފާޑު ކިޔާފައެވެ.

މިމައްސަލަޢިގައި ރައްދު ދިނުމުގެ ގޮތުން އިންޑިއާއިންވެސް ވަނީ އެގައުމުގައި އުޅޭ ކެނެޑާގެ ޑިޕްލޮމޭޓަކު ބޭރުކޮށްލާފައެވެ. އިންޑިއާއިން ކުރިއަށް އޮތް ފަސް ދުވަހު ތެރޭގައި އިންޑިއާއިން ފައިބާން އަންގާފައިވަނީ އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކެނެޑާގެ ޑިޕްލޮމޭޓެއްކަމަށް ވެއެވެ.

އެމެރިކާ އާއި އިންޑިއާއަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ނަމަވެސް، މި މައްސަލައިގައި އެމެރިކާ އޮތީ ކެނެޑާއާ އެކުއެވެ. އެމެރިކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ތަހުގީގުކުރުމަށްފަހު ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެކަމަށެވެ. އަދި ކެނެޑާ ސަރުކާރާއެކު މިކަމުގައި މަޝްވަރާ ކުރަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.

އެމެރިކާގެ އިތުރުން، ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވޭ ގައުމުތަކުންވެސް ދަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ ޖޫންމަހު ހަރްދީޕް ސިންގ މަރާލާފައި ވަނީ ސިކުންގެ ފައްޅިއެއްގެ ބޭރުގައި އޭނާ ދުއްވާ ވެހިކަލްގެތެރޭގައި އިންދާ، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

ހަރްދީޕްއަކީ ޚާލިސްތާނުގެ ނަމުގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ އަޑުއުފުލުމުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. އަދި އޭނާއަކީ އިންޑިޔާގައި ހިންދޫ މީހުން ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ މީހެކެވެ.



އިންޑިއާގެ ބޮޑުވަޒީރު، މޯދީގެ ސަރުކާރުން ވަނީ ހަރްދީޕް އިސްކޮށް އުޅޭ ޚާލިސްތާނު އުފެއްދުމުގެ ހަރަކާތް އެ ގައުމުގައި މަނާކޮށްފައެވެ. އަދި އެ ހަރަކާތާއި ގުޅޭ ފަރާތްތަކަކީ ޓެރަރިސްޓުންކަމަށް އިންޑިޔާއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 2020 ވަނަ އަހަރު އިންޑިއާއިން ވަނީ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލާ ހަރްދީޕްއަކީ ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައެވެ.

އިންޑިއާގައި ސިކުންގެ ހަރަކާތްތަކަށް ހުރަސް އެޅުމުން އެެހެން ގައުމުތަކަށް ހިޖުރަކުރުމަށް އެމީހުންނަށް މަޖުބޫރުވެއެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ހިޖުރަކޮށްގެން އުޅެނީ ކެނެޑާގައެވެ.

ކެނެޑާގައި ސިކުންގެ މިލިއަނަކާއި ގާތްކުރާ އަދަދެއްގެ މީހުން އުޅެއެވެ. އެ ގައުމުގައި ހަރަކާތްތެރިވާ ސިކުންގެ ޖަމާއަތްތަކުން ދަނީ އިންޑިއާއާއެކު ބާއްވާ ބައެއް ގުޅުންތައް ސަސްޕެންޑް ކުރުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން