އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން
އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައި ޤައުމުގެ ޙާލަތު ވަނީ އޮޅުވާލާފައި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ރިޔާސީ ބަޔާނުގައި ޤައުމުގެ ޙާލަތު އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނަކީ ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރަންޖެހޭ ބަޔާނެއް ކަމަށާއި ނަމަވެސް އިގްތިސާދީ ހާލަތާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެޅި ފިޔަވަޅުތައް ރިޔާސީ ބަޔާނުގައި ރައީސް ސިފަކުރެއްވީ ސިޔާސީ ގޮތުން ކަމެއް ހާސިލް ކުރުމުގެ މަގްސަދުގައި އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ އޮޅުވާލުމެއްކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.

"އިގްތިސާދީ ހާލަތު އަދި ފާއިތުވީ އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ބަޔާން ކޮށްފައިވަނީ މުޅިންވެސް ދޮގު މައުލޫމާތާއި، ކަންކަން މަޖިލީހަށާއި ރައްޔިތުންނަށް އޮޅޭނެ ގޮތަށް." ރަޝީދު މިއަދު ވިދާޅުވެފައިވެއެވެ.

ރަޝީދު ވިދާޅުވީ، ނޭޝަނަލް ހެލްތު ލެބޮޓަރީ ގާއިމް ކުރުމަށް ސޮއި ކުރީ އެމްޑީޕީ ސަރުކާރުން ކަމަށާއި ޑްރޯން ޑެލިވަރީ ނިޒާމް ވެސް ތައާރަފް ކުރީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި ޖޭއެސްސީ އިސްލާޙު ކުރމުގެ ބިލުވެސް ހުށައެޅީ އެމްޑީޕީން ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޞީދު މިއަދު ވިދާޅުވީ، ސަރުކާރުން ދަނީ ޚަބަރުފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމުގެ އިތުރުން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުން ކަމަށެވެ. އޭގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ މަސައްކަތާއި ރަށްރަށުގައި ހިންގާ މަޝްރޫޢުތައްވެސް މިހާރު ހުރީ ހުއްޓިފައިކަމަށް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.

އެމްޑީޕީން ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ)ގައި ވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލިސް މެންބަރުން ދެން އެންމެގިނަ ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން