ގޯތި ގެދޮރު ފޯރުކޮށްދިނުމަށް މަޝްރޫޢުތައް ހިންގަވައި ދެއްވުމަށް އުތީމު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ދަންނަވައިފިއެވެ.

އުތީމު ކައުންސިލުން އެފަދައިން ރައީސަށް ދަންނަވާފައި ވަނީ މިއަދު އެކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ރައީސް ބައްދަލު ކުރެއްވުމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އެގޮތުން މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރު ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ހިއްސާކުރިއެވެ. އަދި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާކަމަށާއި، ޒުވާނުންނަށް ފުޓްސަލް ދަނޑެއް ބޭނުންވާކަމުގައި ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވައި ރަށުގައި ހުރި އާސާރީ ތަންތަން އާބާތުރަ ފިލުވައި މަރާމާތުކުރަން ޖެހިފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުން ގޯތި ގެދޮރު ފޯރުކޮށްދިނުމަށް މަޝްރޫޢުތައް ހިންގަވައި ދެއްވުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސުކޫލަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޭޓް ހައުސްއެއް ރަށަށް ބޭނުންވާކަމަށާއި، ރަށުގެ ރައްޔިތުންނަށް އޭ.ޓީ.އެމްގެ ޚިދުމަތް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ.

އުތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން، އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށް އެދުނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން