ރާއްޖޭގެ ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ލާމަރުކަޒީ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިތާބެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް އެއްވެސް ސަރުކާރަކުން އިސްކަންދީފައި ނުވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއްކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން، އިންވެސްޓަރު ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.

އަދި ލިބެންހުރި ފުރުޞަތުތައް ބޭނުންކޮށްގެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުވައްޒަފުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާއާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން