އަހުމަދު ޔާމިން   7 އޭޕްރީލު 2024 - 15:30
ޗިކަން ސަބްމެރިން
ޗިކަން ސަބްމެރިން
ޗިކަން ސަބްމެރިން ހެދުމަށް ބޭނުންވާ ތަކެތި:

4 ސަބްމެރީން ބަނަހާއި، 1 ބޮޑު ފިޔާއާއި (ކުދިކޮށް ކޮށާފައި)، 4 ލޮނުމެދާއި (ކުދިކޮށް ކޮށާފައި)، ½ ގިތެޔޮ މިރުހާއި (ކުދިކޮށް ކޮށާފައި)، ¼ ޖޯޑު ކުދިކޮށް ކޮށައިފައިވާ ލީކްސްއާއި، 1 ބޮޑު ޓޮމާޓޯއާއި، ½ ބޮޑު ބެލް ޕެޕަރއާއި (ކުދިކޮށް ކޮށާފައި)، 2 މޭޒުމަތީ ސަމުސާ މެޔޮނެއިސްއާއި، 2 ސައިސަމުސާ ޗިލީ ސޯސްއާއި، 2 ސައިސަމްސާ އޮއިސްޓަރ ސޯސްއާއި، 6 ފޮތި ޗެޑަރ ޗީޒްއާއި، 1 ސައިސަމްސާ ލޮނާއި، 500 ގްރާމް ކުކުޅާއި، 2 ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅައިލުމަށް)

ޗިކަން ސަބްމެރިން ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު ކުދިކޮށް ކިއުބް ގޮތަށް ކޮށައިލާށެވެ. ދެން ކުޑަ ލޮނުކޮޅެއް އަޅައި އެއްކޮށްލުމަށް ފަހު ރަން މުށި ކުލަ އަރަންދެން ރަނގަޅަށް ތެލުލާށެވެ.

ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު ހޫނު ވުމުން ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، އަޅައި ފިޔާ ރަތް ވަންދެން ކައްކައިލާށެވެ. ދެން ލީކްސް، ބެލް ޕެޕަރ އަޅައިލާށެވެ. މަޑުވުމުން ޓޮމާޓޯ، އޮއިސްޓަރ ސޯސް، ޗިލީ ސޯސް އަޅައި އެެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ޗީޒް ފޮތިތައް ތެލީގެ ތެރެއަށް އަޅައިލާ އެއްކޮށްލުމަށް ފަހު ޗީޒްތައް ވިރެންދެން ކައްކައިލާށެވެ.

ބޯތައްޓެއްގެ ތެރޭގައި މެޔޮނައިސްއާއި ޗިލީ ސޯސްކޮޅު އެއްކޮށްލާށެވެ. ދެން ސަބްމެރީން ބަނަސްތައް އަރިމަތިން ފަޅައިލާށެވެ. އަދި ކޮންމެ ބަނަހެއްގެ ބޭރުގައި ރަނގަޅަށް ބަޓަރު އުނގުޅުމަށް ފަހު ހޫނުކޮށްފައިވާ ތަވައެއްގެ މަތީގައި ޓޯސްޓްކޮށްލާށެވެ. ދެ ފުށް ވެސް ޓޯސްޓް ކުރަންވާނެއެވެ.

ކުރިން ތައްޔާރުކުރި މެޔޮނެއިސްއާއި ޗިލީ ސޯސް ބަނަސް ފަޅައިލި ތަނުގެ އެތެރެއިން ދެ ފަރާތުގައި އުނގުޅައިލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްގަނޑު ތިން ބަޔަށް ބަހާލުމަށް ފަހު ބަނަހުގެ ތެރެއަށް އަޅައިލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން