ސްޕެއިން ވިލާތުގައި ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް
ސްޕެއިން ވިލާތުގައި ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް
ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އައިސް ކަރަންޓީންވާން ޖެހޭނަމަ އަދި ޗުއްޓީއަށް ގޮސް އުޅޭއިރު އަބަދު މާސްކް އަޅައިގެން އުޅެން ޖެހެންޏާ ދަތުރު ނުކުރާނެ ކަމަށް އިނގިރޭސި ވިލާތުގެ ފަތުރުވެރިން ބުނެފިއެވެ.

އިނގިރޭސި ފަތުރުވެރިންގެ މެދުގައި މިހަފުތާގައި ކުރި ސާވޭއަކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި ސާވޭގައި ސުވާލު ކުރި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން، ނުވަތަ 65 އިންސައްތަ މީހުން ބުނެފައިވަނީ ޗުއްޓީ ދަތުގައި އަބަދު މާސްކް އަޅަން މަޖުބޫރުވެއްޖެ ނަމަ ދަތުރު ކެންސަލް ކުރާނީ ކަމަށެވެ. އަދި ވަކި ހާލަތްތަކުގައި މާސްކް އަޅަން ޖެހުނަސް 43 އިންސައްތަ މީހުން ބުނީ ޗުއްޓީ ހޭދަ ކޮށްލަން ދަތުރު ނުކުރާނެ ކަމަށެވެ. މީގެއިތިރުން ޗުއްޓީ ހޭދަކުރުމަށްފަހު ރަށަށް އެނބުރި އައިސް ކަރަންޓީން ވާންޖެހޭނަމަ ޗުއްޓީ ހޭދަކުރަން ނުދާނެ ކަމަށް ސާވޭގައި ބައިވެރިވި 70 އިންސައްތަ މީހުން ބުނެފައި ވެއެވެ.

މީގެއިތުރުން މި ދިރާސާއިން ދައްކާ ގޮތުން ޗުއްޓީ ހޭދަކުރަން ދާ ގައުމުގައި ކަރަންޓީންވާން ޖެހޭނަމަ ދަތުރު ކެންސަލް ކުރާނެ ކަމަށް 93 އިންސައްތަ މީހުން ވަނީ ބުނެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިން ކަރަންޓީން ކުރުމާއި މާސްކް އެޅުމުގައި އެކި ގައުމު ތަކުގައި ގެންގުޅެނީ އެކި އުސޫލުތަކެވެ. އެގޮތުން އާންމުން އެއްވެ އުޅޭ ތަންތަނަށް ވަންނައިރު މާސްކް އެޅުމަށްޓަކާ އަބަދުވެސް މާސްކް އަތުގައި އޮންނަން ޖެހޭ އުސޫލަކީވެސް ގިނަ ގައުމުތަކެއްގައި އަމަލު ކުރަމުން ގެންދާ އުސޫލެކެވެ.

ފަރަންސޭސި ވިލާތުގައި އާންމުން އެއްވާ ތަންތަނުގައި މާސް ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރެއެވެ. ބެލްޖިއަމް، ޖަރުމަން ވިލާތް، އިޓަލީ ވިލާތް، ސްޕެއިން ވިލާތް އަދި ތުރުކީ ވިލާތުގައި އާންމުން އުޅޭ ތަންތަނުގައި އުޅެވޭނީ މާސްކް އަޅައިގެންނެވެ. އެކަމަކު މާސްކް ނާޅައިގެން ޖޫރިމަނާ ކުރުމުގެ އުސޫލު އެކި ގައުމުތަކުގައި ގެންގުޅެނީ އެކި ގޮތަށެވެ. ނެދަރލޭންޑްސްއާއި ޕޯޗުގަލްއާއި ސްވިޓްޒަރލޭންޑާއި ގްރީސްގައި މާސްކް އަޅަން މަޖުބޫރު ވަނީ ޕަބްލިކް ޓްރާންސްޕޯރޓް ނުވަތަ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާއިރުގައެވެ. ނޯޑިކް ރީޖަންގައި ހިމެނޭ އެސްޓޯނިއާއާއި ޗެކް ރިޕަބްލިކް ފަދަ ގައުމުތަކުގައި މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. ނަމަވެސް އިޖުތިމާޢީ ގައިދުރުކަން ނުހިފެހެއްޓޭ ތަންތަނުގައި މާސްކް އެޅުމަށް އިރުޝާދު ދީފައި ވެއެވެ.

އިނނރޭސިންނަށް ދަތުރު ކުރެވޭ ގައުމުތަކުގެ ލިސްޓުން ސްޕެއިން ވިލާތް އުނިކުރީ ހުސްވި މަހުގެ 26 ވަނަ ދުވަހުއެވެ. އެގައުމުން އިނގިރޭސި ވިލާތަށް އެތެރެވާ އެންމެން 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. އެހެން ކަމުން އެގައުމުން އިނގިރޭސި ވިލާތަށް ދަތުރުކުރާ ގިނަ މަތިންދާ ބޯޓު ތަކުގެ ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ދާން ބޭނުންވާ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ މެދުގައި ކުރެވުނު މިސާވޭގެ ނަތީޖާ މިގޮތަށް ދައްކާފައި މިވަނީ އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރުކުރުން އެންމެ ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ގައުމު ތަކުގެ ލިސްޓުން ސްޕެއިން ވިލާތް އުނި ކުރުމާއި ގުޅިގެން ގިނަ ބުކިންގ ތަކެއް ކެންސަލް ކޮށް ބަދަލު ހޯދަން ހުށައަޅަމުން ދާ ދަނޑިވަޅެއްގައެވެ. ވޯލްޑް ޓްރަވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔޫ ޓީ ޓީ ސީ) އިން ލަފާކޮށްފައިވާ ގޮތުގައި ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އިނގިރޭސި ވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާއިން ތިން މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެއެވެ. ޑަބްލިޔޫ ޓީ ޓީ ސީ އިން ލަފާކުރާ ގޮތުގައި މި ރޯގާބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގެ 197 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން