ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކައިޓްސަރފިންގ ފެސްޓިވަލް، ރެޑް ބުލް ވިންޑް ރައިޑަރސް މިއަހަރުވެސް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފިއެވެ.

ރެޑް ބުލް ވިންޑް ރައިޑަރ ހޮވާ މިމުބާރާތް މިއަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 5 ވަނަ ދުވަހާއި ހަމަ އަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބ އަތޮޅު ގޮއިދޫގައެވެ.

މި މުބާރާތުގެ ތެރެއިން ރެޑްބުލް އެތުލީޓް ލޫކާ ޕިޓޯޓްގެ އިރުޝާދުގެ ދަށުން ކައިޓްސަރފް ކުރާ ފަރާތްތަކަށް އިތުރު އުކުޅުތައް ދަސްކުރުމާއި، ކައިޓްސަރފިންނާ ބެހޭ މަޢުލޫމާތު ލިބިގެންދާނެކަމަށް ރެޑް ބުލް އިން ހާމަކޮށްފައިވެއެވެ.

ރެޑްބުލް ވިންޑް ރައިޑަރސް ގެ މުބާރާތެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން 2023 ވަނަ އަހަރުވެސް ވަނީ ރެޑްބުލް ވިންޑް ރައިޑަރސް ގެ މުބާރާތް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ. ހުސްވި ދެއަހަރު މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

2022 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށް އެއަހަރުގެ ރެޑްބުލް ވިންޑް ރައިޑަރގެ މަގާމު ކާމިޔާބުކޮށްފައިވަނީ އެންމެ 18 އަހަރުގައި ހަސަން މާހިރު (ހަންޓޭ) އެވެ. އަދި 2023 ވަނަ އަހަރުގެ ރެޑްބުލް ވިންޑް ރައިޑަރގެ މަގާމު ކާމިޔާބުކޮށްފައިވަނީވެސް ހަސަން މާހިރުއެވެ.

އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރެޑްބުލް ވިންޑް ރައިޑަރސް މުބާރާތް ކާމިޔާބު ކުރާނީ، ވިންޑް ސަރފިންގެ ރޭސް އަދި ފްރީސްޓައިލްއަށް ބަލައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތެކެވެ. އެގޮތުން ވިންޑް ސަރފިންގެ ހުނަރު ދައްކާލުމަށް ރެޑްބުލް ވިންޑް ރައިޑަރސް މުބާރާތުގައި ބައިވެރިވުމަށް އޮންލައިންކޮށް ރެޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން