އައްޑޫ ފޭދޫން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފޭދޫ އަވަށު އޮފީހުން މީސްމީޑިއާގައި ބުނެފައިވަނީ އައްޑޫ ސިޓީ ބިންވެރިޔާ ޕްރޮގްރާމް 2023 ގެ ދަށުން ފޭދޫން ދޫކޮށްފައިވާ 300 ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށެވެ.

ފޭދޫގެ ހިއްކިބިމުގެ އުތުރު ފަރާތުން 300 ގޯތި ދޫކޮށްފައިވެ އެވެ. އެއިން ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1،500 އަކަފޫޓެވެ.

އައްޑޫ ހަތަރު އަވަށަކުން 1،000 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން ހިތަދޫން 500، ފޭދޫން 300، މީދޫން 100 އަދި ހުޅުދޫން 100 ގޯތި ދޫކުރަން ނިންމި އެެވެ. ފޭދު އާއި ހިތަދޫން 1،500 އަކަފޫޓްގެ ގޯތި ދޫކުރަން ނިންމި އިރު، ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.

އައްޑޫ ގައި ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ އެންމެނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އައްޑޫ މޭޔަރު ޢަލީ ނިޒާރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 16 ގަ އެވެ.

އެގޮތުން އައްޑޫ ސިޓީން ޖުމްލަ 4،052 ގޯތި ދޫކުރަން ނިންމައި ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓު އެ ސިޓީގެ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން