ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލައަށް ގިނަ މަސައްކަތްތައް ކޮށް ދިރިއުޅެމުންދިޔަ ބައެކެވެ. ގޭތެރޭގައި ހުންނަ މަސައްކަތްތަކާއި، އާންމު ސާފުތާހިރުކަމަށް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ގޭތެރެ ސާފުކުރުމާއި ކުނި އުކުމާއި ކުދިކުދި މަރާމާތުތައް ކޮށްލުމަކީ ޚާއްޞަކޮށް ހަފުތާ ބަންދުގައި ގޭގައި ތިބޭ ދުވަހު ގޭގެ ފިރިހެން ވެރިން އަމިއްލަ އަތުން ކޮށްއުޅުނު ކަންކަމެވެ. މީގެއިތުރުން އެކިއެކި މުނާސަބާ ތަކާއި ގުޅުވައިގެންނާއި އެކިއެކި މޫސުމުގައި ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލު ތަކާއެކު ގޭގައި ކުލަލުމާއި، ވަޅުދިޔަ ހިއްކާލުމާއި، ވިއްސާރަ މޫސުމުގައި ވާރޭފެން ނެގުމަށް ފުރާޅު ސާފުކޮށްލުންފަދަ އާދަތަކަކީ ދިވެހިން މާޒީއަށް ދޫކޮށްލާފައިވާ ރީތި އާދަތަކެކެވެ. މިފަހަކަށް އައިސް ދިވެހީންގެ ތެރެއިން މި ސަގާފަތް ނެތި ގޮސް ގޭތެރޭގައި ކޮށްލަން ޖެހޭ މިފަދަ ކުދި ކުދި މަސައްކަތް ތަކަކީވެސް ބިދޭސީން ލައްވާ އަގުދީގެން ކުރުވާ މަސައްކަތްތައް ކަމުގައި މިހާރު މި ވަނީ ނިމި ސިލް ޖެހިފައެވެ..

ދުނިޔޭގައި މިހާރު ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާ ބަލިމަޑު ކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި އުޅުމާއި ގޮތާ ފޮތާއި އުޅުންތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނުވި ބަލިމަޑު ކަމެކެވެ. ބައްޔަކީ ކިތަންމެ ހާވެސް ނުރައްކާތެރި އަދި ބާރަށް ފެތުރޭ ބައްޔެއް ކަމަށްވީ ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެނުވި ބަދަލުތަކާއި އިޔާދަކުރަން ޖެހުނު ބަދަލު ތަކާއި ދަސްކޮށްދިން ފިލާވަޅުތައް ވަރަށް ގިނައެވެ. މީގެތެރޭގައި އެތަކެއް ރަނގަޅު އަގުހުރި ފިލާވަޅުތަކާއި ރީތި އާދަތައް ދަސްކޮށްދީފިއެވެ. މާޒީ އިއާދަކޮށްދީފިއެވެ. ހަނދާން ނެތިފައި ހުރި އެތައް ކަމެއް ހަނދާންކޮށްދީފިއެވެ. އާއިލާ ގުޅުވައިދީފިއެވެ. އާއިލީ ގުޅުމަކީ ކިހާ އަގުހުރި މުހިންމު ކަމެއްކަން ދަސްކޮށްދީފިއެވެ. އާއިލާއާއި ދަރިންނާ އަދި ގާތްތިމާގެ މީހުންނަށް އަޅާލައި ކަމޭހިތާން ދަސްކޮށްދީފިއެވެ. މީގެއިރުން ފަހަށް ރައްކާކުރުމާއި އިސްރާފު ނުކުރުމާއި އަމިއްލައަތުން ކޮށްލެވޭ ކަންކަން ކޮށްލުމަކީ ހަމަ އެންމެ ފައިދާހުރި ރަނގަޅު ގޮތްކަން ވެސް ބުނެދީފިއެވެ.

މިއާއެކު އަޅުގަނޑުމެންފެ ތެރެއިން ގިނަ ބައަކު މިހާރު ދަނީ އެމަގަށް ރުޖޫޢަވަމުން އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުން އެކަން ތަޖުރިބާކޮށް އެކަން އެހެންމީހުންނަށް ވެސް ހާމަކޮށްދެމުންނެވެ. މިފަހަރު މިރީތި އާދަތަކުގެ ތެރެއިން ގޭގެ ވަޅު ދިޔަ ހިއްކުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެން މިސާލު ދެއްކެވި ބޭފުޅަކީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމީހެއްގެ ނަން އެންމެ ގިނައިން ކިޔާ އަޑުއިވޭ ވަޒީރެވެ.

އެ ވަޒީރަކީ ރައީސް ޞާލިޙްގެ ކެބިނެޓްގެ ޓެކްނޮލޮޖީ މިނިސްޓަރ، މިނިސްޓަރ މުޙައްމަދު މަލީހެވެ. މަލީހުގެ މިފަހަރު މިފެނިގެން ދިޔައީ ވަޅަށް އެރިވަޑައިގެން ވަޅު ސާފުކޮށް ވަޅުދިޔަ ހިއްކުމުގައި ހަރަކާތްތެރި ވަނިކޮށް ކަމަށް ވިޔަސް މަލީހަކީ ވަޒީރުކަމުގެ ޒިންމާ ތަކުގެ އިތުރުން ގޭތެރޭގައި މިފަދަ ބައެއް ކަންކަން ކުރެއްވުމަށް ޝައުގުވެރިވެވަޑައިގެން ބައެއް ކަންކަން ކުރައްވާކަން މީސްމީޑިއާއިންވެސް ފެންނަމުންދާ ބޭފުޅެކެވެ. އެގޮތުން ސޯޝަލް މީޑީޔާގައި އެންމެ ހަރަކާތްތެރި އެއްވަޒީރުގެ ގޮތުގައިވެސް ފާހަގަ ކުރެވޭ މިނިސްޓރ މަލީހް ގޭތެރޭގައި ދަނޑުވެރިކަން ކުރާ މަންޒަރާއި، ކައްކާ މަންޒަރާއި ގޭތެރެ ސާފުކުރާ މަންޒަރު ފަދަ ތަފާތު މަންޒަރުތައްވެސް ސޯޝަލް މީޑިޔާގައި މީގެކުރިން ވަނީ ހިއްސާ ކުރައްވާފައެވެ.

މިފަހަރު މިނިސްޓރަ މަލީހު ހިއްސާ ކުރައްވާފައި މިވަނީ ގޭގެ ވަޅުދިޔަ ހިއްކާ މަންޒަރެވެ. މިވިޑިއޯ އާއިއެކު މިނިސްޓަރ މަލީހު ވިދާޅުވީ ހަޑިއެއްވެސް މަސައްކަތެއް ނޯންނާނެކަމަށެވެ. އަދި ވަކި ހަސަބަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ވާނެ މޮޅެއް ނެތްކަމަށާއި މިޒަމާނުގައި ކާމިޔާބުވާން އޮތީ ގަދަ އަޅައި މަސައްކަތް ކުރާ މީހުންނަށްކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ. މިއީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. މިއީ އިއްޔެވެސް އަދި މިއަދު ވެސް އަޅުގަނޑުމެން ދަސްކޮށް އަމަލު ކުރަންވީ ފިލާވަޅެވެ.



"ހަޑި އެއްވެސް މަސައްކަތެއް ނޯވޭ. އަމިއްލަޔަށް ކުރެވެން ހުންނަ ކަންކަން އަމިއްލައަށް ކުރުމަކީ ކާބަފައިން ދަސްކޮށްދީފައިވާ ރިވެތި އަދުބުތައް. ވަކި ހަސަބަކަށް އަދި ވަކި ނަސަބަކަށް ވީތީ މޮޅުކަމެއް ލިބިގެންނުވޭ. ގަދަ އަޅާ މަސައްކަތް ކުރާ މީހާޔަށް ކާމިޔާބްވާ ޒަމާން." މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހުގެ މިވީޑިއޯއާއި ގުޅިގެންވެސް އަދި ކުރިން ހިއްސާ ކުރެއްވި ވީޑިއޯތަކާއި ގުޅިގެންވެސް އެންމެބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ މިނިސްޓަރާއި ހަވާލުވެފައިވާ ޒިންމާއާއި ނުވަތަ މަސައްކަތާއި ގުޅުވައިގެންނެވެ. ޚާއްސަކޮށް ރައީސްގެ، ޖަޒީރާ މެނިފެސްޓޯގެ، އެޖެންޑާ 19 ގެ ވައުދާއި އެއްގޮތަށް، އިންޓަރނެޓްގެ އަގު ކުޑަނުކުރެވޭ މައްސަލައާއި ގުޅުވައިގެންނެވެ.

މިމައްސަލައިގައި މަލީހަށް ހުރިހާ އުމުރުފުރައެއްގެ ހުރިހާ ގިންތިއަކާއި ފަންތިއަކާއި މިންތިއެއްގެ މީހުންވެސް ފާޑު ކިޔައެވެ. މި ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ދިރާގާއި އުރީދޫ ދެކެ އަންނަ ހުރުހާ ރުޅިއެއް ބާލާލަނީ މަލީހަށެވެ. ޚިދުމަތް އަގުހެޔޮ ނުވާތާ ޚިދުމަތުގެ ފެންވަރުވެސް ނެތީއެވެ. މީގެ ދިހަ ބާރަ އަހަރު ކުރިންވެސް ޖައްސާލީމާ ހަމަ އަރަނީ "ލޯޑިންގ" އެވެ. ދެން އެގޮކާ އިންނަނީ ވަށައިގެން އެނބުރި އެނބުރިއެވެ. މިއަދު، އެކާވީސް ވަނަ ގަރުނުގައިވެސް މަލީހުގެ، ދިރާގާއި އުރީދޫން ދޭ އިންޓަރނެޓް ހުރީ ހަމަ އެގޮތަށް "ލޯޑިންގ" ގައެވެ. އަށް، ނުވަ، ދިހަ ޖީބީ މަހަކު ގަތަސް ހަމަ ޖައްސާލިތާ "ޚަތަމެވެ." ގުޑާ ނުލާ އުޅެނިކޮށް "ހުސްވީ" އެވެ. މިހާރު އެހެން ގައުމުތަކުގައި "ލޮނދިހިކައެއްހެން" ވަދެގެންދާ އެތި މަލީހުގެ ދިރާގާއި އުރީދޫން އެދޭ އެއްޗަށް ވަދެވެނީ އެހާއުނދަގުލުން "ފިނިހަކަ ސްޕީޑް" ގައެވެ.

ބައެއް މީހުން މިނިސްޓަރ މަލީހުގެ ވަޅުދިޔަ ހިއްކާ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، "އިންޓަރނެޓްގެ އަގުހެޔޮ ކޮށްލުމަކީވެސް" ހަޑިކަމެއް ނޫންކަމަށް ބުނެފައިވެއެވެ. ބައެއް ކޮމެންޓްތަކުގައި "މި ވީޑިޔޯ ބެލުމަށްވެސް އެތައްފަހަރަކު ޖައްސައިގެންވެސް އިންނަނީ ލޯޑިންގ" ގައިކަމަށްބުނެ ކޮމެންޓް ކޮށްފައިވެއެވެ. އަދި ބައެއް މީހުން މިނިސްޓަރ މަލީހުގެ މިމަސައްކަތަށް ތައުރީފްވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން