ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުން ވަނީ އިތުރުވެފައި
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުން ވަނީ އިތުރުވެފައި
މީހެއްގެ ބަލިހާލު ބޮޑުވުމުން ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ކަމަށް ޑޮކްޓަރު ލަފާދިނުމުން ފުރުމުގެ ކުރިން ޑޮލަރު ލިބޭތޯ މަސައްކަތްފެށީމެވެ. ބެންކުން ލިބޭ ޑޮލަރުގެ އިތުރުން އިތުރު ޑޮލަރު ބޭނުންވާތީ ރައްޓެހިން މެދުވެރިވެގެން ޑޮލަރު ލިބޭތޯ މަސައްކަތްކުރަމުން ދަނިކޮށް ޑޮލަރު ވިއްކާ މީހެއްގެ ނަންބަރު އަޅުގަނޑަށް ލިބުނެވެ.

އެ ނަންބަރަށް ގުޅުމުން އެމީހާ ވާހަކަދެއްކީ އެހައިމެ ރީތިކޮށެވެ. އަދި އެހައި ޔަގީންކަންވެސް ދިނެވެ. އަދި މިހާރު ޑޮލަރުގެ ބާޒާރުގެ ކަންކަން ހުރިގޮތުގެ ވާހަކަތައް ދައްކަމުންގޮސް ހެޔޮ އަގެއްގައި ޑޮލަރު ދޭނެކަމަށް އޭނާ ބުންޏެވެ. އޭނާގެ ވާހަކަތައް ހުރިގޮތުންނާއި އަޅުގަނޑަށް އަގުހެޔޮކޮށް ޑޮލަރު ލިބޭގޮތް ވުމުން އޭނާގެ އަތުން ޑޮލަރުގަތުމަށް އެއްބަސްވީމެވެ. އަދި ޑޮލަރަށް ބޭނުންވާ ފައިސާ ލިބުމުން ޑޮލަރު ޑެލިވަރ ކޮށްދޭނެކަމަށް ބުނުމުން، އަޅުގަނޑަށް ލިބުނު އެސްއެމްއެސްގައި އިން އެކައުންޓަށް ޑޮލަރަށްވާ ފައިސާ ޖަމާކުރުމަށްފަހު ސްލިޕް އޭނާއަށް ފޮނުވީމެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވިއެވެ. ގިނައިރުތަކެއް ވުމުން އަނެއްކާވެސް އޭނާގެ ހަބަރެއް ވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ނަމްބަރަކަށް ނުގުޅެއެވެ. މީހާގެ ނަން ފިޔަވައި އިތުރު މައުލޫމާތެއް ނޭނގުމުން ހަދާނެގޮތް ހުސްވިއެވެ. އޭގެފަހުންވެސް ތަކުރާރުކޮށް އެނަންބަރަށް ގުޅޭތޯ މަސައްކަތްކުރި ނަމަވެސް ގުޅޭގޮތެއް ނުވިއެވެ.

އަޅުގަނޑު މި ހިއްސާކޮށްލީ އަޅުގަނޑަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ. ނަމަވެސް ކުޑަ ޑޮލަރުކޮޅަކަށް ވުމުން އަޅުގަނޑަށް ލިބުނު ގެއްލުން ކުޑަވިނަމަވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ފައިސާ ޖަމާކުރުމުން ޑޮލަރު ނުލިބި މި މަކަރުވެރި މަޅީގައި އެތައް ބަޔަކު ޖެހިފައި އެބަތިއްބެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އަދި އެކަމަކަށް ހޭލުންތެރިވުންވެސް މުހިންމުކަމެކެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް، ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބައި ސްލިޕް ފޮނުވާ މައްސަލަތައްވެސް ހުށަހެޅޭ މިންވަރު އިތުރު ކަން ފާހަގަކުރެވެން ފަށައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހާއްސަކޮށް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމުންކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޑޮަލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ވިޔަފާރިކުރުމަށްފަހު ނުބައި ޓްރާންސްފަރ ސްލިޕް ފޮނުވާ މައްސަލަތައްވެސް ހުށަހެޅޭ މިންވަރު އިތުރުކަމަށެވެ. އަދި ޑޮލަރު ހޯދުމަށް މުއާމަލާތުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގުމަކީ މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް މިފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތް ނުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަކީވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މިދުވަސްވަރަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްކަމުން، ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުންވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ވިޔަފާރިތަކުންވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. އަދި ފައިސާ ޖަމާވިކަން ޔަގީންކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން