ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވާ ދިވެހި މުޖްތަމަޢު މި ނުރައްކާތެރި ވަބާ އިންސަލާމަތް ކުރުމަށް ފުރާނަ އަތްމައްޗަށް ލައިގެން އެންމެ ބޮޑު ގުރުބާނީ އެއްވާ އެއްބަޔަކީ ދިވެހި ނަރުހުންނެވެ. އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެ ވަރުބަލިކަމެއް ހިތްބުރަކަމެއް ނެތި، މީހުންގެ ނުރުހުމާއި ހިތްހަމަ ނުޖެހުމުގެ ބަސްތަކާއި ކުރިމަތިލައި، ރެއާއި ދުވާލު ނަރުހުން އެކުރަނީ، އެކޮށްދެނީ ޝުކުރުން ފުރިގެންވާ، ޝުކުރުވެރިވުން ޙައްޤު، ތައުރީފް ހައްގު އަދި ފައިސާއިން ބަދަލު ނުދެވޭނެ މަސައްކަތެކެވެ. ކޮވިޑް-19 ގެ މި ހަނގުރާމައިގެ ކުރީ ސަފުގައި ނަރުހުން މަސައްކަތްކުރަނީ ހަމައެކަނި ލިބޭ މުސާރަ އަކަށް އެކަނި ބަލައިގެނެއް ނޫނެވެ. ނަރުހުންނަކީ އަބަދުވެސް ޞިއްޙީ ގޮތުން ޤައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައިވެސް ފަސްޖެހުމެއް ނެތި ހިތްވަރާއި އަޒުމާއި ކެރުމާއިއެކު ޚިދުމަތް ކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ އެހީތެރިންނެވެ.

ނަރުހުންނަކީ އެންމެ ގާތުން ބަލިމީހާގެ ވާހަކަ އަޑުއަހާ އަދި އެ ބަލިމީހާއަށާއި ބަލިމީހާގެ ޢާއިލާއަށް ހިތްވަރުދޭ ތަސައްލީ ދިނުމަށް މަސައްކަތް ކުރާ ބަލިމީހާއާއި އޭނާގެ އާއިލާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެމީހުންގެ ހުރިހާ އައިބު ތަކެއް ފޮރިވައިދޭ ހުރިހާ ސިއްރުތަކެއް އަމާނާތްތެރިކަމާއެކު ހިފަހައްޓައިދޭ، ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ސާބިތުކަމާއެކު ކުރިމަތިލައިގެންތިބޭ ޚިދުމަތްތެރިންނެވެ. ހަގީގަތުގައި ނަރުހުންނަކީ ސިއްހީ ޚިދުމަތްދޭ ތަނެއްގެ މޫނުބަލާ ލޯގަނޑެވެ. ތަނުން ކިތަންމެ މޮޅު ކިތަންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ލިބެން ހުރި ނަމަވެސް އެޚިދުމަތް ރަނގަޅު ކަމަށް ފެންނާނީ ޚިދުމަތް ހޯދަން އަންނަ މީހާގެ މޫނު ބަލާ ލޯގަނޑުންނެވެ.

ނަރުހުންނަކީ ވެސް އެމީހުން ކުރާ މަސައްކަތް ނިމުމުން ހަމަ އަޅުގަނޑުމެން ފަދައިން އެނބުރި އާއިލާ ކައިރިއަށް ގޮސް އުޅެންޖެހޭ އިންސާނެކެވެ. ހަމައެކަނި ތަފާތަކީ ކުރާ މަސައްކަތެވެ. އެމީހުންގެ މަސައްކަތަކީ ތަފާތު ބަލި މީހުން ގޮވައި އުޅުމެވެ. ތަފާތު ބަލިތައް ޖެހިފައިވާ މީހުންނަށް އެންމެ ގާތުން ޚިދުމަތް ކޮށްދިނުމެވެ. ޚިދުމަތް ކޮށްދޭ ބަލި މީހާއަށް ޖެހިފައި ހުރީ ކިތަންމެ ނުރައްކާތެރި ބައްޔެއް ކަމުގައި ވީނަމަވެސް އޭނާއަށް ހޭހަން ކުރާން، އޭނާގެ ގައިގާ އަތްލާން އޭނާއަށް ބޭސްދީ އިންޖެކްޝަން ޖަހައިދީ އައިވީ ގުޅައިދިނުން ފަދަ ހުރިހާ ޚިދުމަތެއް ދޭ މީހަކީ މިދެންނެވި ނަރުހުންނެވެ. ޑޮކްޓަރުން ބުނާ ގޮތަށް ބަލި މީހާއަށް ޝިފާ ލިބޭތޯ އެންމެ ގާތުގައި ޚިދުމަތް ކޮށްދޭ ޚާދިމަކީ ނަރުހުންނެވެ. މިދެންނެވި ނަރުސް މަސައްކަތް ނިމިގެން ކޮންމެ ދުވަހަކުވެސް އެނބުރި އާއިލާގެ ކައިރިއަށް ދެއެވެ. ފިރިމީހާއާއި މައިންބަފައިންނާ ދަރިންނާ ގައިގޯޅިވެ އުޅެން ޖެހެއެވެ. މިއަދުގެ މިހާލަތަށް ވިސްނާލާއިރު މިފަދަ ނަރުހުންގެ ފަރާތުން އޭނާގެ މުޅި އާއިލާއަށް ބަލިޖެހިފައި ހުރީކީ މަދެއްކޮށެއް ނޫނެވެ. މިދެންނެވި ޚިދުމަތްތެރިއާގެ އިތުރުން މިފަދަ ބަލިތަކުގެ ބިރުވެރިކަން އެންމެ ބޮޑު ބައެއްގެ ގޮތުގައި މިދެންނެވި އެއްކަލަ ނަރުހުންގެ އާއިލާތައް ހިމެނެއެވެ. އެހެންވީމާ މިފަދަ ނުރައްކާތެރި ރޯގާ ބަލިމަޑުކަމެއް އުޅޭއިރު ރިސްކް އެލަވަންސް ދެންޏާ އޭނާގެ އާއިލާއަށްވެސް އެ އެލަވަންސް ހަމަ ދޭން ހައްގެވެ.



ކޮވިޑުގެ ނުރައްކާތެރި ރޯގާ އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެކި ފެންވަރުން ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭނެ ކަމަށް ސަރުކާރުން އިއުލާނުކުރީ އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެމީހުން ކުރިމަތިލާން ޖެހޭ ނުރައްކާތެރި ކަމާއި އެމީހުންނަށް އޮތް ބިރުވެރިކަން ބޮޑުކަމުންނެވެ. ފަސޭހައިން ގައިން ގަޔަށް އަރާ މިބަލިމަޑުކަމުގެ ބިރުވެރިކަން އެންމެ ބޮޑީ އެމީހުންނަށް ކަމުގައި ވާތީއެވެ. ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ދެގައުމު ކަމަށްވާ އިނގިރޭސި ވިލާތާއި އެމެރިކާގެ ދިރާސާއަކުން ދައްކާ ގޮތުގައި އާންމު ރައްޔިތުންނާ އަޅާބަލާއިރު ކޯވިޑް-19 ޖެހުމުގެ ފުރުސަތު، ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް 12 ގުނަ އިތުރެވެ. އަދި ރަނގަޅު ރައްކާތެރި އާލާތްތައް ނެތި މަސައްކަތުގައި އުޅޭ ސިއްހީ ޚިދުމަތް ތެރިންނަށް މި ބިރުވެރިކަން އެތައް ގުނައެއް އިތުރެވެ. މި ދިރާސާ ބުނާ ގޮތުން އެމީހުންނަށް ބަލިޖެހުމުގެ ފުރުސަތު ހަމައެކަނި ބޮޑީކީ ނޫނެވެ. އެމީހުންގެ ފަރާތުން އެބަލި އެމީހުންގެ އާއިލާ ތަކަށް ފޯރައި މުޖުތަމަޢުގައި ބަލި ފެތުރުމުގެ އަސްލަކަށް ވެސް ސިއްހީ ޚިދުމަތްތެރިން ވަނީއެވެ. ބަލީގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އޮތް މިންވަރު އެނގުނަސް ބިރުން ފަހަށް ނުޖެހޭ ބަޔަކީ ނަރުހުންކަން މި ދިރާސާއިން ދައްކައެވެ. ރައްކާތެރި ކަމުގެ އާލާތްތައް ފުރިހަމައަށް ހުއްޓަސް ނެތަސް އެމީހުންގެ ވާޖިބު ކަމުގައި ދެކިގެން ބަލި މީހުންނާ ކުރިމަތިލައި ޚިދުމަތްދޭ ބަޔަކީ ނަރުހުންކަން ދުނިޔޭގެ ދިރާސާތައް ގަބޫލު ކުރެއެވެ. އެލަވަންސެއް ދިނަސް ނުދިނަސް މި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.

ގަބޫލުކުރެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސީދާ އިސްނަންގަވައިގެން ދިވެހި ރާއްޖޭގައި މި އަގުހުރި ޚިދުމަތުގައި އުޅޭ ހުރިހާ ޚިދުމަތްތެރީންނަށް ޚާއްޞަ އެލަވަންސެއް ދެއްވަން ނިންމެވީ އެމީހުން އެކަމަށް އެދިގެންނެއް ނޫނެވެ. ސީދާ އެމަނިކުފާނު އެމީހުންގެ ޚިދުމަތް ބަލައިގަނެ އެމީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. އެއްބަޔަކަށް ދީފާ އަނެއް ބަޔަކަށް ނުދޭކަށް ވެސް އެމަނިކުފާނު ނުނިންމަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިޢުލާން ކުރެއްވި މި އެލަވަންސް ދޭން ސަރުކާރުން ނިންމި ގޮތަކީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ދިމާވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށެވެ. މިދެންނެވި ފަދަ މީހުން ހިމެނެނީ ހައިރިސްކު ކެޓަގަރީގެ ތެރޭގައެވެ. އެމީހުންގެ ތެރޭގައި ނަރުހުންނާއި ޑޮކުޓަރުންނާއި ސިއްހީ އެހީތެރިން ހިމެނެއެވެ. އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނައި އެފަދަ މީހުންނަށް ދޭން ކަނޑައެޅީ 250 ރުފިޔާ އެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާ ދޭން ނިންމިކަން ސަރުކާރުން އިއުލާންކުރިއެވެ.

އަމިއްލަ ސިއްހަތު ނުރައްކަލަށް ހުށައަޅައި ގިނަ ބަޔަކު މަސައްކަތަށް ނުކުތީ ލިބޭނެ އެލަވެންސަކަށް ބަރޯސާވެގެނެއް ނޫނެވެ. އަދި މި ބަލިމަޑުކަމާއި އެމީހުން ކުރިމަތިލީ އެފަދަ އެއްޗެއް ހޯދުމުގެ ނިޔަތަކު ނޫނެވެ. މި އެލަވަންސްގެ ވާހަކަ ދެއްކިއިރުވެސް އެމީހުން ތިބީ ކުރީ ސަފަށް ނުކުމެ ބައްޔާއި ހަނގުރާމަ ކުރާން މޭ ދިއްކޮށްގެންނެވެ. މިހާލަތުގައި ދިމާވާ ކޮންމެ މީހަކީ ބަލިޖެހިފައި ހުރެދާނެ މީހެއްކަން އެނގި ހުރެއެވެ. އެލަވަންސް ދިނުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ މިވަޢުދާއި އެއްގޮތަށް ސަރުކާރުން އެކަން ކުރާން ހަވާލުވެ ތިބި މީހުން އެކަމެއް ރަނގަޅަކަށް ނުކުރިއެވެ. އެހެންވީމާ ރައީސް ޞާލިހުގެ މިވަޢުދުވެސް ރަނގަޅަށް ފުއްދުނު ކަމަކަށް މިދެންނެވި އެލަވަންސުން މަހުރޫމް ކުރި ސިއްހީ މަސައްކަތްެތެރީން ގަބޫލެއް ނުކުރިއެވެ.



ކޮވިޑާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ޚިދުމަތްތެރިންތަކެއް (ފޮޓޯ: އެޗްޕީއޭ)

އެހެންވީމާ މިހާރު އެލަވަންސް މިވީ ރައީސް ޞާލިޙަށްވެސް މި ސަރުކާރަށް ވެސް ގެއްލުން ބޮޑު ވިހައަކަށެވެ. މިހާރު އެ ނުލިބި ތިބި މީހުން އެބުނަނީ އެލަވަންސް ދޭނެ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ހޮޅި ވާހަކަ ތަކެއް ދައްކައި ގިނަ ބަޔެއްގެ އިހުސާސްތަކާއި ސަރުކާރުން ކުޅެލީ ފަހުން ވާނެ ގޮތަކާއިމެދު ކުޑަވެސް ފިކުރުކޮށްލުމެއް ނެތި ކަމަށެވެ. މި އެލަވަންސް ލިބޭނެ ކަމުގެ އުއްމީދުގައި ތިބި ނަރުހުންގެ ތެރެއިން އެލަވަންސް ނުލިބޭ އެއްބަޔަކީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންނެވެ. އެމީހުންވެސް މި އެލަވަންސް ބޭނުން ވަނީ އެހެން މީހުންނަށް ވެސް ދޭތީ، އެގޮތަށް ދޭ އެއްޗެއް އެމީހުންނަށް ވެސް ހައްގުވާނެ ކަމަށް ގަބޫލުކުރެވިގެންނެވެ. ނަމަވެސް އެ ޚިދުމަތްތެރިންނަށް މިހައްގު ގެއްލިގެން ޝަކުވާ އުފުލުމުން އެ ޝަކުވާ އަޑުއަހާނެ މީހަކު ނުވުމުން އަދި ހައްލު ނުލިބުމުން އެންމެ ފަހުން ގޮތް ހުސްވެ ހުޅުމާލޭގެ ހޮސްޕިޓަލުގެ ނަރުހުން އެލަވަންސް ހޯދަން ނިކުންނަންޖެހުނީ މަގުމައްޗަށެވެ.

ނަރުހުންގެ ޝަކުވާއަކީ ކޮވިޑް-19ގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ ފްރޮންޓް ލައިން އެލަވެންސް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅުމެވެ. މުޒާހަރާ ކުރި ބައެއް ނަރުހުން ބުނީ ކޮވިޑް-19 ގެ އެލެވެންސް ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެއްވެސް ނަރުހަކަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެލަވެންސް ލިބިފައިވަނީ ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީސް ތަކުގައި މަސައްކަތް ކުރާ ނަރުހުންނަށް ކަމަށް މުޒާހަރާކުރި ބައެއް ނަރުހުން ބުނެފައިވެއެވެ. އެކަމަކު އެ ނަރުހުންނަށް ވެސް އެލަވެންސްގެ ގޮތުގައި ލިބުނީ މަދު އަދަދެއް ކަމަށާއި، އެލަވަންސް ދޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ކަމަށް ގަބޫލުނުކުރާ ކަމަށް މުޒާހަރާ ކުރި ނަރުހުން ބުނެ އެވެ.

އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑް ތައް ހިފައިގެން ކުރި މި މުޒާހަރާގައި ބައިވެރިން ބުނެފައިވަނީ ލޯންޑްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ބައެއް ޑޮކްޓަރުންނަށް އެލަވެންސް ދީފައިވާއިރު ނަރުހުންނަށް އެލަވަންސް ނުލިބޭ ކަމަށެވެ. އެލަވަންސް އާއި ބެހޭ ގޮތުން އިސް ފަރާތްތަކަށް ޝަކުވާ ހުށައަޅާފައިވާއިރު ނަރުހުން މުޒާހަރާ އަށް ނުކުތީ އެކަމަށް ކުރި މަސައްކަތްތަކުން އަލިމަގެއް ނުފެނުމުންނެވެ. ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވުމުންނެވެ.ފްރޮންޓްލައިން އެލަވަންސް ދިން ގޮތާއި މެދު ހިތްހަމަނުޖެހިގެން ހުޅުމާލޭގައި އިހުތިޖާޖްކުރުމުން އެންމެ ފަހުން ނަރުހުންނާއި އެޓެންޑެންޓުންނަށް އެޅީ ފިޔަވަޅެވެ. ނަތީޖާ ވަރަށް ހިއްޗެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުން މުޒާހަރާކުރި މައްސަލައިގައި ވޯޑްތަކުގެ ސީނިއާ ވެރީން ޑީމޯޓްކޮށް "އަދަބު" ދިނީއެވެ. ވޯޑްތަކުގެ ވެރީން ވެސް އާދައިގެ ނަރުހުންގެ ދަރަޖަ އަށް ވައްޓާލީއެވެ.



ކޮވިޑް ފެސިލިޓީއެއްގައި ސިއްހީ އެހީތެރިއަކު ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވަނީ (ފޮޓޯ: އެޗްޕީއޭ)

ގާނޫނޫ އަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބޭ ޚިޔާލު ފާޅުކުރުމާއި އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ނަރުހުން ހިފުމުން ދިނީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރެވެ. ހުޅުމާލޭ ހޮސްޕިޓަލުންނާއި ސަރުކާރުން ވެސް ނަރުހުންގެ ވާހަކަ ތަކަށް ދިނީ ބީރުކަންފަތެކެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ރައީސް އޮފީހުގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ހުޅުމާލޭ ހޮސްޕިޓަލު ޓެގްކޮށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކުރި ޓްވީޓުގައި ބުނެފައިވަނީ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް، ހޯދުމަށް އިހްތިޖާޖްކުރުމަކީ، ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖްއާއި ގުޅިގެން، އިއުލާންކޮށްގެން ވަޒީފާދީގެން މަގާމްތަކެއްގައި ތިބި މުއައްޒަފުން، ޑީމޯޓް ކުރުމަކީ ބަލައިގަނެވޭ ކަމެއްނޫން ކަމަށެވެ.  އެ ފިޔަވަޅުތަކަކީ މަސައްކަތްތެރިންނަށް ދެވުނު އަނިޔާއެއްކަން ފާހަގަކޮށް ފިޔަވަޅު އެޅުނު މުއައްޒަފުންނާއި، ގާނޫނީ ގޮތުން އެހީތެރިވުމުގެ މަސައްކަތް އެ ޔޫނިއަނުން ކުރާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.

"ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހަކު ބުނީ، މުޒާހަރާ ކުރުމުން ފިޔަވަޅު އެޅުމަކީ ވަރަށް ހަރުކަށި ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. " ނަރުހުން މިހާލަތުގައި ވަރަށް ބުރަކޮށް މަސައްކަތް މިކުރަނީ، ޑަބަލް ޑިއުޓީކޮށް، އޮފް ދުވަހު ވެސް މަސައްކަތް ކުރަމުންދަނިކޮށް ހައްގު ހޯދަން މުޒާހަރާކުރުމުން ފިޔަވަޅު އެޅުމުން ވަރަށް ދެރަވެ ކަންބޮޑުވި. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން." މި ނޫހާއި ކަންބޮޑުވުން ހިއްސާކުރި ނަރުހަކު ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިހްތިޖާޖްގައި ބައިވެރިވި ފަރާތްތަކާމެދު ސަރުކާރުގެ ފަރާތުން ވަރަށް އިހާނެތިކޮށް ޢަމަލުކޮށް ފިޔަވަޅުއަޅާ އަދި ބައެއް ވެރިން ޑިމޯޓްކޮށްފައިވާތީ ކަންބޮޑުވާކަމަށެވެ. އެފަދަ މުވައްޒަފުންގެ ކަންބޮޑުވުން އަޑުއަހާ މުވައްޒަފުންނާއި ދޭތެރޭ ހެޔޮކޮށް ޢަމަލުކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެކަމެކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. ސަރުކާރުން ކުރާ ކަންކަމާމެދު، ހިތްހަމަނުޖެހުން ފާޅުކޮށް ބަސްބުނާ މުވައްޒަފުންނަށް ފިޔަވަޅު އަޅާ، އެމީހުންގެ ވަޒީފާ ނުވަތަ މުސާރަ ދަށްކުރުމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.



ކޯވިޑާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންގެ ޓީމެއް

ހުޅުމާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. "އަދި އިޙުތިޖާޖްގައި ބައިވެރިވި މުވައްޒަފުންނާއި، އެ މުވައްޒަފުން މަސައްކަތްކުރާ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ދޭތެރޭ އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތައް އަނބުރާ ގެނައުމަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަޅުތާލުކުރުމުގެ ގޮތުން އިހުތިޖާޖް ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. އަދި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަކީ ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އޭގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން، މުވައްޒަފަކު މަސައްކަތްތެރިންގެ ޖަމްއިއްޔާއެއްގައި ބައިވެރިވުން ނުވަތަ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި ބައިވެރިވުން އެއީ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއް ނޫނެވެ. އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ ކޮންވެންޝަންގެ 87 ވަނަ މާއްދާގައި މަސައްކަތްތެރިންގެ ހައްގު ހޯދުމަށް ޚިޔާލު ފާޅުކުރުމާއި އިހުތިޖާޖް ކުރުމުގެ ފުރުސަތު ވަރަށް ފުޅާދާއިރާ އެއްގައި ވަނީ ލިބިދީފައެވެ. އެ މުއާހަދާ ރާއްޖެ އިން ތަސްދީގުކޮށްފައިވާއިރު، އެ މުއާހަދާ އަށް އަމަލުކޮށް އެކަން ތަންފީޒުކުރުމަކީ ދިވެހި ސަރުކާރަށް ލާޒިމުވާނެ ކަމެކެވެ. އެ މުއާހަދާ އާއި ޚިލާފަށް އެކަން ހިގާނަމަ އެއީ ބައިނަލްއަގުއާމީ ގާނޫނު ތަކާއި ސަރުކާރުން ޚިލާފުވުމެވެ. ސަރުކާރުގެ ތެރެއިން ކޮންމެ ބަޔަކު އެމުއާހަދާއާއި ޚިލާފު ވިނަމަވެސް އެކަންކަމަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭނެއެވެ.

އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ މުއާހަދާ އާއި ޚިލާފަށް ބަޔަކު އަމަލުކުރާނަމަ އެކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެކަމުން ސަރުކާރަށް ރެކިއެއް ނުގަނެވޭނެއެވެ. ގާނޫނުއަސާސީ އާއި ގާނޫނާއި އައިއެލްއޯގެ މުއާހަދާތަކުން މަސައްކަތްތެރިންނަށް ޚިޔާލު ފާޅުކުރުމާއި އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ހިފުމުން ފިޔަވަޅު އަޅާނަމަ އެއީ ވަރަށް ބޮޑު ބޭ އިންސާފެކެވެ. ޑިމްކޮރަސީ އާއި ބީރައްޓެހި ޚުދުމުޚުތާރު ސިފައެކެވެ. މިއީ މުޒާހަރާ ގާނޫނޫ އަސާސީ އޭ ވިދާޅުވެ، ޑިމޮކްރަސީގެ ތާޖު އަޅައިގެން ވެރިކަމަށް އައި ސަރުކާރުގައި ޖެހޭ ވަރަށް ހުތުރު ލައްގަނޑެކެވެ. ގާނޫނު އަސާސީ އާއި ބައިނަލްއަގުއާމީ ގާނޫނު ތަކުން ލިބޭ ހައްގަކުން ނަރުހުން މަހުރޫމްކޮށްގެެން ނުވާނެއެވެ.



ކޮންމެއަކަސް ބައިނަލްއަޤްވާމީ ގާނޫނު ތަކާއި މުއާހަދާތައް މިގޮތަށް ހުރިއިރު އަދި މުޒާހަރާ ގާނޫނު އަސާސީއާއި ޒަމާނީ ޑިމޮކްރެސީ ބަލައިގަނެގެން ތިބި ބަޔަކު މިއަދު ސަރުކާރުގައި ތިބިއިރު ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުން، އެމީހުން ދޭ ޚިދުމަތަކަށް ބުރޫ ނާރާގޮތަށް މުޒާހަރާކޮށް އިހުތިޖާޖު ކޮށްގެން އެމީހުންނާމެދު ފިޔަވަޅު އެޅުން އެއީ ރާއްޖޭގެ މިދެންނެވި ޑިމްކޮރަސީގެ ހަޔާތުގައި އައި ކަޅު ދުވަހެއްގެ ގޮތުގައި ހަމަގައިމުވެސް އެމީހުން ސިފަކުރާނެއެވެ. މިއީ ހައްގު ހޯދުމަށް އިހުތިޖާޖް ކުރަން ވިސްނާ ފަރާތްތަކަށް ދެވޭ ނުރައްކާތެރި އިންޒާރެކެވެ. ހައްގު ހޯދުމަށް މުޒާހަރާކުރުމުން ފިޔަވަޅު އަޅާނަމަ އެ ހައްގުގެ ބޭނުން ހިފަން ފަސްޖެހޭނެއެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގައި ފަހަތަށް އެޅުނު ފިޔަވަޅަކަށް ނޫނީ ނުވާނެއެވެ. ހަމަގައިމުވެސް މިއަދު ވެރިމުގައި ހުންނެވީ އޯގާތެރި، ހިތްތިރި، ރައްޔިތުންގެ އަޑުއައްސަވާ، މުވައްޒަފުންގެ ހިމާޔަތުގައި ބަސްވިދާޅުވާ، އިހުތިޖާޖު ކުރައްވައިގެން، މުޒާހަރާ ކުރަށްވައިގެން އަދަބު ލިބިވަޑައިގެން އެކަން ތަޖުރިބާ ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށް މިދެންނެވި ނަރުހުން ގަބޫލުކުރެއެވެ. އެހެންވީމާ އެނަރުހުން މުޒާހަރާ ކޮށްގެން އިހުތިޖާޖު ކޮށްގެން މިދެންނެވި ރައީސުލްޖުމްހޫރިއްޔާ އަދަބު ދެއްވާނެ ކަމަކަށް އެމީހުން އަދިވެސް ގަބޫލެއް ނުކުރެއެވެ.

ކޮންމެ އަކަސް ކޮވިޑް އެލަވަންސް އެންމެ ފަހުން މިވީ ބޮޑު ހައިޖާނު ގަނޑަކަށެވެ. ބޮޑު ބޮލުގަ ރިހުމަކަށެވެ. މިއަދު ހަތަރު ފަރާތުން އިވެނީ މި އެލަވަންސެއްގެ ޝަކުވާގެ އަޑެވެ. މިކަން މިހެން މިވީ ކޮންމެވެސް ބައެއްގެ ނިޔަތް މިކަމުގައި ވެސް ގޯސްވެގެންނެވެ. ނޫނީ ކަންކުރަން ތިބި ބައެއްގެ ގާބިލުކަން ނެތީއެވެ. ނޫނީ ގަސްތުގައި ރަނގަޅަށް ކަންކުރަން ބޭނުން ނުވަނީއެވެ. ނޫނީ ނުފޯރާ ފޮތިން ފޫގަޅަން އުޅުނީއެވެ. ނޫނިއްޔާ ގިނަ ކަންކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވާހެން އެންމެ ފަހުން ކޮވިޑް އެލަވަންސަށް ކޮވިޑް ޖެހިގެން ވެންޓިލޭޓަރަށް ލާން ޖެހުނީއެވެ. ކޮވިޑް އެލަވަންސް ދިނުން އެންމެ ފަހުން މިވީ ކަދުރު ރުކަށް އެރި މީހާ ނަދުރު ފުއްދުން ކަހަލަ ކަމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން