އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން
އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން
ޤާނޫނީ ދާއިރާ އަކީ ހަމައެނި މާލީ ތަނަސްކަން ހޯދަން އިޚްތިޔާރުކުރެވޭ ދާއިރާއަކަށް ނުހެއްދެވުމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން ގޮވާލައްވައިފިއެވެ.

ޤާނޫނީ ފަންނުގެ ދާއިރާއިން ތަމްރީން ހާސިލް ކުރެއްވި ބޭފުޅުންނަށް ހުވައިލައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ ތަނަވަސްކަން ހޯދުމަކީ އޮތްކަމެއްކަމުގައި ވީނަމަވެސް އެކަން ކުރަންޖެހޭނީ ތިމާގެ ނަޒާހާތްތެރިކަން ހިފަހައްޓައި ތެދުވެރިކަމާއި އެކުގައިކަމަށެވެ. އަދި ޤާނޫނީ ދާއިރާއަކީ އަމިއްލަ މަންފާއާއި، މަސްލަހަތަށްވުރެ ނަޒާހާތްތެރިކަމާއިއެކު މުޅި މުޖުތަމައުގެ މަންފާއާއި ލާބަޔަށް ހިދުމަތް ކުރަންޖެހޭ ދާއިރާއެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޤާނޫނީ ދާއިރާއަކީ ވަރަށް ޒިންމާދާރު އަދި ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެއް އެކުލެވޭ ދާއިރާއެއްކަމަށެވެ. މިއަދު ޤާނޫނީ ހުވާކުރެއްވި ބޭފުޅުންނަށް ވެދެވިގެން މިދިޔައީ ޤައުމަށް ހިދުމަތްކުރުމުގެ އާ ބާބަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ހުވާކުރެއްވި ހުރިހާ ބޭފުޅުންވެސް ޤާނޫނު ނަގަހައްޓައި، ތެދެވެރިކަމާއި އަމާާތްތެރިކަމާއިއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުއްތަމަ ފަނޑިޔާރުވަނީ ގޮވާލައްވާފައެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭންވީ ސުލޫކީ މިންގަޑުގައި ހިފަހައްޓައި ތެދުވެރިކަމާއިއެކު ހިދުމަތް ކޮށްދެއްވުމަށް. މިފަންނުގައި މަސައްކަތް ކުރާ މީހުން ދެކެ އެންމެނެއް ހިންހަމަ ނުޖެހޭނެކަން ގަބޫލުކުރަންޖެހޭ. މުޖުތަމައުގައި ޤާނޫނީ ވަކީލުންނާއި ގުޅޭގޮތުން އަބަދުވެސް ތަފާތު ވާހަކަދެކެވޭނެ. މަޖާޒީ ގޮތުން މުހާތަބް ކުރެވޭ ފަހަރު އެބައާދޭ. މުޖުތަމައުގެ ދުޝްމަނުންކަމަށް ހަދައި ވާހަކަދެކެވޭ ހާލަތު އާދޭ. މިއީ އާކަމެއްނޫން. ޤާނޫނީ ވަކީލުން އަޒުމް ކަނޑައަޅަންވީ މުޖަމައުގެ މަންފާއަށް، އަމިއްލަ މަންފާއާއި ތަނަވަސްކަމަށް ހޯދުމަށް މިދާއިރާ އިޙްތިޔާރު ކުރުމަކީ ކާމިޔާބާއި ހަމަޔަށް ދެވޭނެ ކަމެއްނޫން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ވަކީލުންގެ އެންމެބޮޑު ޒިންމާއަކީ މަސައްކަތުގެ އަޚުލާގު ހިފަހައްޓައި ފަރުވާތެރިކަމާއި އެކު މުޖުތަމަށް ހިދުމަތް ކުރުން ކަމަށާއި އެގޮތަށް މަސައްކަތް ނުކުރެވޭނަމަ ތިމާވެގެންދާނީ ހޭރި ނެތިގެން އުޅޭ ދޯންޏަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ކޮންމެ ޤާނޫނީ ވަކީލަކީވެސް ރޯލްމޮޑެލްއަކަށް ވުމަށް އަޒުމް ކަނަޑައަޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އުއްތަމަ ފަނޑިޔާރުވަނީ ގާނޫނީ ވަކީލުން ހިދުމަތް ކުރައްވާއިރު އިންސާނީ ހައްގުތައް ގެއްލޭ މީހުންނަށާއި، ނުހައްގުން އަނިޔާ ލިބިފައިވާ މީހުންނަށް ހިދުމަތް ދެއްވުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދިި ޤައުމުގެ ދުުސްތޫރީ ނިޒާމު ހަރުދަނާ ގޮތުގައި ދެމެހެއްޓުމަކީ ތިމާގެ ޒިންމާކަމުގައި ދެކެންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ދުސްތޫރީ ނިޒާމު ނެގެއްހެއްޓުމަކީ ޤާނޫނީ ވަކީލުން ކުރަންޖެހޭ ކަމެއްކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފަހީމް ހިތަދޫ

19-Oct-2020

ތި ވިދާޅު ވީ ވަރައް ރަންގަޅު ވާހަކަފުޅެއް ވަރައް ބޮޑައް ތާއީދު


0

އައްބެ

19-Oct-2020

ގާނޫނީ ދާއިރާ އެކަންޔެއް ނޫން ހުރިހާ ދާއިރާ އެއްވެސް



ޓްރެންޑިން