ޞާދިރު ޢަލީދީދީ   21 ނޮވެމްބަރު 2020 - 13:58
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 07

................

[އަހަންނަށް މަޢާފްކުރޭ މާއިޝާ. އަހަންނަކަށް މާއިޝާގެ އުއްމީދުތައް ފުރިހަމަކޮށެއް ނުދެވޭނެ. ޤުދުރަތުން އަހަންނަށް އެއްހިތަށްވުރެން ގިނައިން ހިތް ދެއްވާފައިވާނަމަ، ކޮންމެވެސް އެކައްޗަކުން މާއިޝާއަށްވެސް ޖާގައެއް ދެވުނީސް.] އަދުހަމް ކުޑަކޮށް ކުރިއަށް ހިނގައިގެންފިއެވެ.

[އަދޫ...އުއްމީދުތައް ފުރިހަމަކޮށް ނުދެވުނަސް، ސީދާ އަހަރެންގެ ކުރިމަތީގައި ތިހެން ނުބުނޭ. އަހަރެންގެ ހިތަށް ވަރަށް ތަދުވޭ ތިހެން ބުނީމަ.....] މިހާރު މާއިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވެނީއެވެ.

[އަޅެ...އަހަރެން އަދޫ...އަހަރެން ވަރަށް ލޯބިވޭ އަދޫ ދެކެ...ވަރަށް.....ވަރަށް ލޯބިވޭ....]

އަދުހަމް ބަސް ހުއްޓި، ހިމޭނުން ހުރުމުން މާއިޝާ އިތުރުކޮށްލިއެވެ. މާއިޝާ ލޯތްބޭ ބުނީމާ އަދުހަމްގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

[މާއިޝާ، ނަފްސު ކޮންޓްރޯލް ކުރޭ. އަދި މާއިޝާގެ ހިތަށް މާއިޝާއަށް އަމުރު ހިންގޭނެ. ހިތަށް ވިސްނައިދީފައި ބުނޭ، ތި ލޯބިވެވުނީ އެހެން މީހެއްގެ ޙައްޤެއްދެކެއޭ.] އަދުހަމް މާއިޝާއަށް ވިސްނައިދިނުމުގެ ޤަޞްދުގައި ބުންޏެވެ.

[ތިހެން ނުބުނޭ އަދޫ...އަހަންނަށް އަހަރެންގެ ހިތަށް ބާރު ފޯރުވޭނަމަ، މިހާރު އަހަރެން މިތާ ނުހުރީމުސް....އެހާވަރަށް އަދޫ އަހަރެންގެ ނިކަމެތި ހިތަށް ތަދުކޮށްފި.....] މާއިޝާ ރޮއިރޮއިފައި ބުންޏެވެ.

[މާއިޝާ ޤަބޫލުކުރަންތަ؟ އަހަރެންވެސް ލަމްހާދެކެ ހާދަ ލޯބިވެޔޭ. އަހަންނަށްޓަކައި ކަމެއް ކޮށްދެންޏާ، މާއިޝާ ބުނޭ ބައްޕަމެން ގާތު މި ކައިވެންޏަށް އިންކާރު ކުރަމޭ. ބުނޭ، މާއިޝާ އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫނޭ.....] އަދުހަމް އެދުނެވެ.

[ތިބުނީ....އަދޫގެ އުފަލަށްޓަކައި އަހަރެންގެ ލޯބި ޤުރްބާން ކޮށްލާށޭތަ؟ ވަރަށް މަސައްކަތް ކުރާނަން. އެކަމަކު އަދޫ..... އަހަރެންވެސް އަދޫދެކެ ވަރަށް ލޯބިވޭ.] މާއިޝާ މިހެން ބުނެފައި ދެލޯ ފޮހެމުން ސިޑިން ތިރިއަށް ފައިބަން ފެށިއެވެ.

މާއިޝާ ތިރިއަށް ފޭބިއިރު މާއިޝާގެ ބައްޕައާއި މަންމަގެ އިތުރުން އަދުހަމްގެ ބައްޕައާއި މަންމަ، މާއިޝާމެންގެ އިންތިޒާރުގައި ތިއްބެވެ.

[ދަރިފުޅާ ކޮބާ އަދުހަމް....] މާއިޝާ އެތަނަށް އައިސް ހުއްޓުމާއެކު، އަދުހަމްގެ ބައްޕަ ޒުހޫރު އެއްސެވެ.

[ފެންވަރަން ވަދެއްޖެ. މަންމާ....އަހަރެންގެ އޮފީސް ކުދިންތަކެއް މިހާރު ގެއަށްދާނެ. އަވަހަށް ހިނގާބަލަ ގެއަށް. ދެންމެ ގުޅާފައި ބުނީ މިދަނީޔޯ.....]

މާއިޝާ ދޮގު ހެދިއެވެ. އަދުހަމަށްޓަކައެވެ. މިހާރު އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. ކައިވެނީގެ ވާހަކަ ދައްކަން ދެޢާއިލާއަށް ފުރްޞަތު ދޭން ބޭނުންނުވާތީއެވެ.

[ފިރާޤް...އަވަހަށް އެމަންޖެ ގޮވައިގެން ގެއަށްދޭ.] އަދުހަމްގެ މަންމަ މިހެން ބުނީމާ، ފިރާޤާއި ނަސީމާ، މާއިޝާއާއެކު ގެއަށް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ.

ސިޑިމަތީގައި އެމަންޒަރު ބަލަން އަދުހަމް ހުއްޓެވެ. މާއިޝާމެން ދިޔުމާއެކު، އޭނާ ސިއްރު ސިއްރުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޖީބުގައި އޮތް ފޯން ރިންގުވާން ފެށީ އެވަގުތުއެވެ.

ފޯނަށް އަރާފައިވާ ނަމްބަރު ފެނުމާއެކުވެސް، އޭނާގެ މޫނުމަތި އަލިވެގެންދިޔައެވެ. ގުޅީ ލަމްހާއެވެ.

[ކިހިނެއްވީ ލޯބީ.....] އަދުހަމް އެނދުގައި އޮށޯވެލިއެވެ.

[އަދޫ....އަދޫ....އަހަންނަށް ކޯސް ލިބިއްޖެ.] ލަމްހާ އެގަޑީގައި ކޮންމެހެން އެގުޅީވެސް އެޚަބަރު ލޯބިވެރިޔާއަށް ދޭންވެގެނެވެ.

[އަޞްލުވެސްތަ؟ އަލްޙަމްދުﷲ.....އަހަރެން ވަރަށް.....އުފާވެއްޖެ.] ލޯބިވެރިޔާގެ ކޮންމެ އުފަލަކާއި ކާމިޔާބަކީ، އޭނާއަށްވެސް ލިބޭ ކާމިޔާބީއެއް ކަމަށް އަދުހަމް ޤަބޫލު ކުރެއެވެ.

[އަހަރެން ހީކުރީ އަދޫ ދެރަވާނީ ކަމަށް. އަހަރެން ވަރަށް ދެރަވޭ އަދޫއާ ދުރަށްދާންޖެހޭތީ. ބައެއްފަހަރު ހިތަށްއަރާ، ފުރްޞަތު ދޫކޮށްލަންވީއޭ....] ލަމްހާ ހުރީ އަދުހަމާ ވަކިން ދާންޖެހޭތީ ދެރަވެފައެވެ.

[ނޫނޭ.....މަގޭ ޖާނާ...ފަހަރެއްގައިވެސް ތިހެން ހަދައިގެން ނުވާނެ....ކޯހުގައި ދާންވާނެ. މެރީ ކުރާނީވެސް ލަމް ޗުއްޓީގައި އައިސް. ލަމްއަށް އެނގޭތަ، ލަމްއާ ވަކިން އުޅެން އަހަންނަށްވެސް ހާދަ އުނދަގުލެއްވާނެޔޭ. އެކަމަކުވެސް މުސްތަޤްބަލަށްޓަކައި ތިޔައީ ވަރަށް މުހިންމު ކޯހެއް.] އަދުހަމް ލަމްހާއަށް ހިތްވަރުދިނެވެ.

[ކަމަކަށް އިންތިޒާރު ކުރާ ބަޔަކަށް ތިންއަހަރު ދުވަސް އެއީ ހާދަ ދިގު މުއްދަތެކޭ.]

ކޯސް ހޯދަން އުޅުނުއިރު ކިތަންމެވަރެއް ހުއްޓަސް، މިހާރު ލަމްހާ އެހުންނަނީ ދެފިކުރެއްގައެވެ. އޭނާގެ އެންމެބޮޑު ބިރަކީ އޭނާގެ ލޯބި ބީވެގެން ހިނގައިދާނެ ކަމުގެ ބިރެވެ.

[އަދޫ....އަހަންނަށް އިންތިޒާރު ކުރާނަންތަ؟ އެކޮޅަށް ދިޔައީމަ.....ވަރަށް މިސްވާނެ....]

[ތިހެން ދެން މިހާރު ލަމް އަހާކަށްވެސް ނުވާނެއެއްނު. އަދިވެސް ލަމްއަށް އަހަރެން ދަހެއްނުވޭތަ؟ ކޮންދުވަހަކުތަ ފުރުން އޮތީ....] އަދުހަމް ބުންޏެވެ.

[އަންނަ މަހުގެ ފަހެއް...އަޅޭ...އަދޫ މިގެއަށް އައިސްބަލަ....] ލަމްހާ ފޯން ބޭއްވިއެވެ.

އެއީ ލަމްހާއަށް ކޯސް ލިބުނު ޚަބަރު ލިބުމުން، ސާދުނާ އެގެއަށް އައިސް ވަން ވަގުތެވެ.

[މަރުޙަބާ...މަރުޙަބާ...] ސާދުނާ ފުރަގަހުން އައިސް ލަމްހާގެ ގައިގައި ބައްދާލިއެވެ.

[ޝުކުރިއްޔާ...އަޅޭ ސާދޫ އަހަރެން އެންމެ ބިރުގަންނަނީ އަދޫއާ ދޭތެރޭ.] އޭރު އެތަނަށް ލަމްހާގެ މަންމަ ޒައިނަބްވެސް އަތުވެއްޖެއެވެ. އޭނާވެސް ހުރީ މަތީ ތަޢްލީމު ޙާޞިލް ކުރުމަށްޓަކައި އޮސްޓްރޭލިޔާ ކަހަލަ ޤައުމަކުން ދަރިފުޅަށް ފުރްޞަތު ލިބުނީތީ އިންތިހާއަށް އުފާވެފައެވެ.

ގެއަށް އާދެވުމާއެކު، މާއިޝާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު، ޑްރެސިންގ ޓޭބަލް ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ހިތަށްއެރިއެވެ.

[އަދުހަމްގެ ހިތްއެދޭފަދަ އެއްވެސް ސިފައެއް އަހަރެންގެ ނެތީހެއްޔެވެ؟ އެހެން ނޫނީ އޭނާގެ ހިތުގެ މިލްކުވެރިޔަކީ ކިހާވަރެއްގެ ނަޞީބުވެރި ސިފަތަކެއް ލިބިފައިވާ މީހެއްބާއެވެ. އެކަމަކު ޔަޤީނެވެ. އެމީހަކަށްވެސް އަދުހަމްދެކެ އަހަރެން މިވާވަރުގެ ތެދުވެރި ލޯތްބެއް ނުވެވޭނެއެވެ.] ޑްރެސިންގ ޓޭބަލް ކުރިމައްޗަށް ހުއްޓިހުރި މާއިޝާ ސިހުނީ މަންމަ ނަސީމާ ދަރިފުޅާއޭ ކިޔާ ގޮވާ އަޑަށެވެ.

[ދަރިފުޅާ...އާދޭ ކާން...] ދޮރުގައި ޓަކިޖަހާލަމުން މަންމަ އެދުނެވެ.

[ކާހިތެއްނެތް މަންމާ...] ލަމްހާ އެނދުގައި އޮށޯވެއްޖެއެވެ. އެއާއެކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.

[މިއަދު އަދުހަމްގެ ޙައްޤުގައި ލޯބި ޤުރްބާން ކުރި ކަމުގައިޔަސް، ފަހުން އަހަރެން އެލޯބި ޙާޞިލް ކުރާނަން.] މާއިޝާއަށް ހިތާހިތާ ބުނެވުނެވެ.

[މާއިޝާ ދޮރު ހުޅުވަބަލަ...އަހަންނޭ....] މިފަހަރު ދޮރުގައި ޓަކިޖަހާލުމަށްފަހު ގޮވަން ފެށީ، އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ދިމްނާއެވެ. ދެލޯ ފޮހެލާ މޫނުމަތިން ކަރުނައިގެ އަސަރުތައް ފޮހެލުމަށްފަހު މާއިޝާ ދޮރު ހުޅުވާލިއެވެ. ދިމްނާ އެތެރެއަށް ވަނެވެ.

[ކޮބާ އެންމެ ލޯބިވާ މީހާވެސް ނޭނގިހުއްޓާ މިލްކަކަށްވަނީތާ. ކޮންދުވަހަކުތަ ކައިވެނިކުރާގޮތަށް ހަމަޖެހުނީ.] ދިމްނާ އެތެރެއަށް ވަދެ އެނދުގައި އިށީނދެއްޖެއެވެ.

މާއިޝާ އަނގައިންވެސް ނުބުނެއެވެ. އޭނާ އިސްޖަހައިގެން ހުރީއެވެ. ނަމަވެސް، ދިމްނާގެ ކުރިމަތީގައި ރޯކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ދެރަވެ ރޯން ފަށައިފިއްޔާ، ދިމްނާއަށް ވާނޭގޮތް އޭނާއަށް އިޙްސާސް ކުރެވެއެވެ.

[މާއިޝާ...ކީއްވެތަ އަނގައިން ނުބުނެ ތިހުންނަނީ. އަނެއްކާ ކައިވެނި ފަސްކުރީތަ؟] ދިމްނާ މާއިޝާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ. މާއިޝާއަށް ދެލޯ މަރާލެވުނެވެ. އެދެލޮލުގެ ތެރެއިން ގިނަ ކަރުނަތައް ބޭރުވިޔަ ނުދިނުމަށްޓަކައެވެ. މާއިޝާގެ އެ ޙަރަކާތުން އޭނާ ދިމްނާއަށް ކަމެއް ސިއްރުކުރަން އުޅޭކަން ދިމްނާ ދެނެގަތެވެ.

[މާއިޝާ....އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟] އޭރު މާއިޝާގެ މެރިފައިވާ އެސްފިޔަތަކުގެ ދަށުން ކަރުނައިގެ ތެތްކަން ފާޅުވާން ފަށައިފިއެވެ.

[ދިމްނާ...ދާއިމަށް އަހަރެންގެ ކައިވެނި ހުއްޓިއްޖެ. އަދުހަމް އަހަންނަކާ ނީންނާނެ. އޭނަ އަހަރެންދެކެ ލޯތްބެއްނުވޭ. އޭނަ ލޯބިވަނީ އެހެން މީހަކުދެކެ. އެނަޞީބުވެރި އަންހެނަކީ ކާކު ކަމެއް އަހަންނަކަށް ނޭނގެ.] ރޮއިގަނެވުމާއެކު މާއިޝާއަށް ދިމްނާގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

އެއަށްފަހު އޭނާ ރޮއިރޮއިފައި ދިމްނާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

[އެއީ ކީއްވެތަ، އޭނައަށްޓަކައި ލޯބި ޤުރްބާން ކުރަން އެއްބަސްވީ. އޭނަވެސް އެންމެ ރަނގަޅެއްނު، މާއިޝާގެ ލޯތްބަށްޓަކައި އޭނާގެ ލޯބި ޤުރްބާންކޮށްލިޔަސް.]

މާއިޝާގެ ނިންމުމާ ދޭތެރޭ ދިމްނާ ހިތްހަމައެއްނުޖެހެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އަދުހަމް މާއިޝާގެ އިޙްސާސްތަކާ ދޭތެރޭ ނުވިސްނިއިރު، މާއިޝާވެސް ވަކި އަދުހަމްގެ އިޙްސާސްތަކާ ދޭތެރޭ ވިސްނައި، އޭނާގެ ލޯބި ކާމިޔާބު ކުރުމަށް މަގުފަހިކޮށްދޭކަށް ނުޖެހޭނެއެވެ.

[ވަރިހަމަ....އޭނާ އަހަރެން ގާތު އެދުނު ގޮތަށް އަހަރެން ޢަމަލުކުރާނަން. އޭރުން ކޮންމެވެސް ދުވަހަކުން އަހަންނަށް އެ ލޯބީގެ ރާޙަތު ކޮށްފާނެއެއްނު.] ރޮމުން މާއިޝާ ވާހަކަ ދެއްކިއެވެ.

އޭރު އަދުހަމް، އޭނާގެ ދެލޯ ފަދައިން އެދޭ ލޯބިވެރިޔާ ލަމްހާގެ ގޭގައި ލަމްހާގެ ކޮޓަރީގައި ލަމްހާގެ ގާތުގައި އިނދެގެން، ލަމްހާއަށް އޭނާގެ ބައްޕަ ރޭވި ކައިވެނީގެ ވާހަކަ ކިޔާދެނީއެވެ. އަދި ނުހަނު އުފަލާއެކު އޭނާ ބައްޕަގެ އެ އުއްމީދުތަކުގައި ނިމުމުގެ ސިއްކަޖެހި ގޮތުގެ ވާހަކަވެސް ކިޔާދިނެވެ.

[މާއިޝާ ހަމަ އަދޫ އެދުނު ގޮތަށް އެއްބަސްވީތަ؟] އުފާވެފައި ހުރި ލަމްހާ އެއްސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން