އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ މިފަހުގެ ތާރީޚެއްގައި މިގައުމުގައި ހިންގި އެންމެ ބިޔަ ބޮޑު ޚިޔާނާތްކަން މިއީ އެކަކުވެސް ޝައްކު ކުރާ ކަމެއް ނޫނެވެ. މިއީ ސަރުކާރުގެ ބޮޑުންނާއި މަޖިލިސް މެންބަރުންނާއި ޕީޖީ ފަދަ ބޭފުޅުން ހާރަށް ގޮވާން ޖަހާ ޑަނޑޫރާއެއް ފަދައިން ކޮންމެ ރެއަކު ނުޖެހިޔަސް މި ގައުމުގެ އެންމެންނަށް ވެސް އެނގޭ ވާހަކައެކެވެ. ބާ ވާހަކައެކެވެ.

މިސަރުކާރު ވެރިކަމަށް އައީ އެބޮޑު ޚިޔާނާތުގެ ވާހަކަ ދައްކައިގެންނެވެ. މިސަރުކާރު ވެރިކަމަށް އަންނާން ވިއްކި ވާހަކަ ތަކުގެ ލިސްޓުން އެންމެ ކުރީގައި އޮތީ އެ ޚިޔާނާތުން "ކާލި" ފައިސާތައް ހޯދާނެ ކަމުގެ ޔަގީން ކަމުގެ ވާހަކައެވެ. އެވާހަކަ ދެއްކި މީހުންގެ ތެރޭގައި ގިނައީ އެބުނާ ޚިޔާނާތަކުން ނެގި އެއްޗެއްގެ ރަހަ ދެކެފައިވާ ބޭފުޅުން ކަމަށް މިހާރު އެބަ ތުހުމަތު ކުރެއެވެ. ދެން މިސަރުކާރުން އައީ އެބުނާ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދާނެ ގޮތުގެ ޗާޓެއްވެސް ކުރަހައިގެންނެވެ. އެ ކައިފައި ހުރި ބައެއްގެ ބަނޑު ފަޅައިގެންވެސް އެފައިސާ ހޯދައި ރައްޔިތުންނާ ހަވާލުކުރާނެ މޮޅެތި އުކުޅުތައް ލިޔެ ތަރުތީބުކޮށްގެންނެވެ.

އެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ފުރަތަމަ ވެސް ނެރުނީ އެބުނާ ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ، ނުވަތަ ފަރާތްތަކުގެ ލިސްޓެކެވެ. އެލިސްޓް ނެރެ ލީކްކޮށްލިއިރު ކަމަކު ދާކަށް ނެތެވެ. އޭގައި މިއޮތީ "މަމެންގެ" ދޮންފުތުވެސް ޖެހި، ކައި ބޮއިފައެވެ. ދެން ހެދި ގޮތަކީ އެ މައްސަލަތައް ބަލާނެ ރަނގަޅު މީހަކު ހޯދުމެވެ. އަތް ފުނާއަޅައިގެން ވެސް މި ސަރުކާރަށް ފެނުނީ އެމައްސަލަ ރަނގަޅަށް އެނގިވަޑައިގަންނަވާ އެމައްސަލައިގެ އާރްކާޓީން ކަމަށްބުނާ މީހުންގެ ދިފާއީ ވަކީލަކަށް އުޅުއްވި ބޭފުޅެކެވެ. ނިކަން އެކަމަށް ފުންނާބު އުސް ވެސް ބޭފުޅެކެވެ. އެހެންވީމާ އެބުނާ ބޮޑު ޚިޔާނާތުން ނެގި ފައިސާއެއްގައި ހުރި ވަރެއްވިއްޔާ އެނގޭނީ އޭނާއަށް ތާއެވެ. އެބުނާ ފޯނަކާއި ލެޕްޓޮޕަކާއި ހާޑް ޑިސްކަކާއި ކެމެރާގައި ހުރިއްޔާ ހުރި ވިޑިއޯއަކާއި ލިޔެފައި ހުރިއްޔާ ހުރިހާ ޑޮކިއުމެންޓެއް އަރާފައިވާނީ މިދެންނެވި ބޭފުޅާގެ އަތްޕުޅަށް ތާއެވެ.

ދެން މިއޮތީ އެންމެ ހިނިއަންނަ ބައެވެ. ދެން އެބުނާ ބަޔަކު ހޯދަން ވެގެން، ނޫނީ އެ ޝަރީއަތްތަކަށް ބާރު ހޯދައި ހެކި ހޯދާން ވެގެން މިހެދީ އެކަމުގެ މުގުލުގައި ތިބި ކަމަށް ބުނާ މީހުންނާއެކު ބޮޑެތި އެއްބަސްވުން ތަކެވެ. މިއެއްބަސްވުންތަކެއް ހަދާފައި ފަސޭހަ ކަމާއެކު ޝަރީއަތްތައް ނިންމާލީއެވެ. އެއްބަސްވީ ގޮތަށް ފަނޑިޔާރުން ވެސް ހުކުމް ޖަހައިދީފިއެވެ. އެބުނާ ގެއްލުނު ފައިސާ ހޯދާނެ ގޮތެއް އަދި މިތާކު ނާދެއެއް ނޫންތޯއެވެ؟

އެބުނާ މޮޅު ޕީޖީ އަދި ހަމަ އެވާހަކައެއް ނުދައްކަވައެވެ. އޭނާ ވިދާޅުވާހާ ވެސް އެއްޗަކީ އެ ބުނާ ބޮޑު ޚިޔާނާތުގެ ފައިސާ ހެއުގޮތުގައި ބޭނުން ކުރި ބަޔަކު ވެސް އުޅޭނެތީ އެމީހުންނާ ދޭތެރޭގައި ޚާއްޞަ ނަޒަރަކުން ބަލާން ޖެހޭނެ ކަމަށެވެ. ހިނިއަންނަނީ މިހާހިސާބުންނެވެ. އެބުނާ ގެއްލުނު ލާރިކޮޅު ހޯދާނެ ގޮތެއްގެ ވާހަކަ ނުދައްކާ މިދައްކަވަނީ އަދިވެސް އެ ކެއި ވަކި ބަޔަކު ސަލާމަތް ކުރާ ވާހަކައެވެ. އަމިއްލަނަންފުޅު ނުގަނެ އެހެން ވިދާޅުވިކަން ހަމަ ނަސީބެކެވެ. އެހެން ވިދާޅުވި ނަމަ މިގައުމުގެ އެންމެން ބިނދި ބިނދިފައި ހޭނެއެވެ.

ދެން އެބުނާ އެއްބަސްވުމެއް ހައްދަވައިގެން ޝަރީއަތް އެންމެ ބާރަށް ގެންދަވަނީ ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅާގެ މައްޗަށެވެ. އެ ބޭފުޅާ ނެގި ކަމަށް އަދި ސާބިތު ކުރެވީ އެންމެ މިލިއަނެކެވެ. ދެން އޭގެ ފަސްގުނަ ޖޫރިމަނާއެވެ. އޭރުން އެބުނާ ގެއްލުނު ބިލިއަން ޑޮލަރުގެ ތެރެއިން އެލިބުނީ ވެސް ބޮޑު ވަރެއްތާއެވެ. ދެން އެ ރައީސްގެ މައްޗަށް އެކުރާ އިތުރު ދަޢުވާ ތަކުން އެއަށްވުރެ ބޮޑު އެއްޗެއް ލިބުނިއްޔާ ދެން ކޮންމެވެސް ބައިކުޅަ ބައެއް ލިބުނު ކަމަށް ބަލައި އެހާހިސާބުން މައްސަލަ ނިންމާލިޔަސް ވަރިހަމަ ތާއެވެ. ދެން ބާކީ ހުންނާނީ ޕީޖީ އެވިދާޅުވާ ހެއުގޮތުގައި ފައިސާ ބޭނުންކުރެއްވި ބޭފުޅުންގެ ބައިތާއެވެ. އޭގެ ތެރޭގައި އުޅޭނީ ކުރީގެ ދިފާއީ ވަކީލުންނާއި އެފައިސާގެ ތެރެއިން ޑޮލަރު ގަތް ފަރާތްތަކުގެ ބަޔާއި ނުއަގުގައި ވިއްކި ކަމަށްބުނާ ރަށްތަކުގެ ފައިސާކޮޅު ތާއެވެ.

މިދަންނަވާލެވުނީ އެބުނާ ބޮޑު ޚިޔާނާތް ގާތްގަނޑަކަށް ނިމިގެން ދާނެ ގޮތުގެ ތަސައްވަރެކެވެ. މިތަސައްވަރު ކުރެވޭ ސަބަބުވެސް މިތާނގައި ދަންނަވާލާނަމެވެ.

އެބުނާ ވަގަށް ނެގި ފައިސާއެއް ލިބުނު ބަޔަކު މިހާރު އެވަނީ އެކައި ހުސްކޮށް "ގުޔަށް" ވެސް ހަދާފައެވެ. ދެން އެފައިސާ ހޯދަން ޖެހޭނީ އެބުނާ ބައެއްގެ ބައިތުލްމާލުގައި ހުރި އެއްޗަކުންނެވެ. އެމީހުންގެ އަތުގައި ހުރި ހަރު މުދަލަކުންނެވެ. އެކަމަކު އެމީހުން އެބުނާ ޑޮލަރެއް ގަތީ ދިވެހި ފައިސާ ދީފައި ބޭރުފައިސާ ހޯދުމުގެ ބޭނުމުގައެވެ. އެންމެންވެސް ބުނަނީ އެހެންނެވެ. އަޅުގަނޑުމެންގެ އަޚު ޒުވާނުންގެ ވަޒީރާއި ރައީސް އޮފީހުގައި އެހުންނެވި ވަޒީރާއި ދެންތިބި ބަޔަކުވެސް އެ ވިދާޅުވަނީ އެހެންނެވެ. އަމުދުން މިހާރުގެ މަޖިލީހުގައި އެތިއްބެވި ބޭފުޅުންގެ ވާހަކަ ދެއްކޭކަށް ނެތެވެ. ބައިއަތު ހިއްޕަވައިގެން ތިއްބެވި ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ ވާހަކަ ދެއްކޭކަށް އަމުދުން ނެތެވެ. އެބުނާ ބޮޑު ހުކުމެއް މަތީ ކޯޓުން ނެރެން އެޚަރަދު ކުރި ފައިސާ ތަކުގެ ސަބަބުން އެވާހަކަ އެއްގޮތަކަށްވެސް ދެއްކޭކަށް ނެތެވެ. ދެން އެފައިސާތައް ހޯދޭނެ ގޮތެއް ހަމަ ވިސްނާ ވިސްނާ ވެސް އަޅުގަނޑުގެ ސިކުނޑިއަކަށް ނައެވެ. ޕީޖީ ކަހަލަ ވިސްނުންތެރިއަކަށް ނުވާތީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް އެފައިސާ ހޯދައިގެން ސަރުކާރުގެ ބަޖެޓުގެ ބޮޑު ބައެއް ހަމަޖައްސައި ލެވިދާނެ ކަމަށް ލިޔެގެން އައި މީހުންނަށް މާމަގެ އޮނަގަނޑުގައި އޮތް ފައްޓަރުބައި ވިއްކާލަަން މިޖެހުނީވެސް އެފައިސާތައް ނުހޯދުނީމާ ކަމަށް ގަބޫލުކުރެވެއެވެ.

ހަގީގަތުގައި ވެސް މިހާރު މިއަޑުއިވެނީ ހުސް ވާހަކައެވެ. އެންމެން ކިޔަނީ އެއް ލަވައެކެވެ. "ކައިގެންނޭ ފުރާނީ، ނުކައެއް ނުފާރަމޭ" އެވެ. އިރުވައި މޫސުމަށް އަރާ ދޮންދޫނި ހިފާން ކިރުއިލޮށި ހިފައިގެން އުޅޭހެން ދޫހަލުއި މަޖިލިސް މެންބަރުން ވަރަށް ބާރަށް އެވާހަކަ ދައްކަވާ މޫސުން ދޭތެރެ ދޭތެރެއިން އަންނާނެއެވެ. އޭރު ހީވާނީ ކިރުއިލޮށި ހިފައިގެން ދޮންދޫނި ހިފަން ދުއްވައިގަންނާން އުޅޭ ހެންނެވެ. އަޅުގަނޑުގެ ދުވަސްވީ ރަހުމަތްތެރިއަކު ބުނަނީ އެއީ ހަމަ ޖަމަލު ފޮޑި ކަމަށެވެ. ނިކަން ބާރަށް އަޑު ގޮވާނެއެވެ. ވަހެއް ނުދުވާނެއެވެ.

އަޅުގަނޑު ހަމަ ދަންނަވާނީ އަދީބު ލައްވާ ކިތަންމެ ބޮޑު އެއްބަސްވުމެއް ހެދިޔަސް ކަތީބު ލައްވާ ކިތަންމެ ދިގު އަހުދު ނާމާއެއް ހަދައިގެން ފަސް އިނގިލީގެ ނިޝާން ޖެއްސިޔަސް އެކިޔާ ބޮޑު ޚިޔާނާތުގެ ބޮޑު ލާރިއެއްވެސް ހޯދޭނެއެކޭވެސް އަދި ހެޔޮ ނިޔަތުގައި އެ ފައިސާ ހޯދަން އުޅެއެކޭވެސް އަޅުގަނޑު ނުދަންނަވާނަމެވެ. އެއީ ވެސް ހުސް ސިޔާސީ ޗަރުކޭހެވެ. އެއީ ހަމަ ރައްޔިތުންނަށް ދައްކާ ދަޅައެވެ. އެއިން ލިބޭ ސިޔާސީ ފައިދާ ހަމަ ބޮޑުކަމުން އެވާހަކަ ހުއްޓާލާން ބޭނުން ނުވަނީއެވެ. އެހެންވީމާ އެއީ އަބަދުވެސް ދެއްކޭ ގޮތަށް ބާއްވާ ނުނިމޭ ނުވަތަ ނުނިންމާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން