ކޮވެކްސްއަކީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ނުވަތަ ކޮވިޑް ވެކްސިން ގަންނަން ހޭދަ ނުކުރެވޭ ވަރުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިސްވެ ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ސިއްހަތު ޖަމިއްޔާއިން މަސައްކަތް ކުރަމުން ދިޔައީ ދުނިޔޭގެ އާބާދީގައި ހިމެނޭ އެންމެންނަށް ތަފާތު ކުރުމެއް ނެތި ވެކްސިން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން އެޕްރޮގްރާމްގައި ދުނިޔޭގެ މުއްސަދި ގައުމުތަކާއި ފަގީރު ގައުމުތައް ބައިވެރިކޮށްގެން މަސައްކަތް ފެށީ އެ މަގުސަދުގައެވެ. މުއްސަނދި ގައުމުތަކުން ކޮވެކްސް ޕްރޮގްރާމަށް ހޭދަކޮށްގެން ފަގީރު ގައުމުތަކަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް މިއަދު މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އިވެމުން މިދަނީ މުޅިން އެހެން އަޑެކެވެ. ފަގީރު ގައުމުތައް ކޮވިޑްގެ ސަބަބުން ފަގީރުވާން، ހާލުގައި ޖެހެން ދޫކޮށްލާފައި ދުނިޔޭގެ މުއްސަނދި ގައުމުތަކުން ވެކްސިން ހޯދައިގެން އެގައުމު ތަކުގެ ރައްޔިތުންނަށް ވެކްސިން ދޭން ފެށީއެވެ. ފަގީރު ގައުމުތަކުގެ ސަރުކާރު ތަކުން ތިބީ ކޮވެކްސް ޕްރޮގްރާމުން އެންމެންނަށް ހަމަހަމަ ކަމާއެކު ވެކްސިން ލިބޭނެ ކަމަށެވެ. އެކަމަށް ޚަރަދު ކުރާނެ ފައިސާވެސް އެފަދަ ގައުމު ތަކަކު ނެތެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ލިބިފައިވާ އެތެރޭގެ ލިއުންތަކުން ފެންނާން އޮތީ ކޮވެކްސް ޕްރޮގްރާމް ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު އަގު ދީފައި ނޫނީ ބޮޑެތި އަދަދު ތަކުން ހޭދަކޮށްފައި ވެކްސިން ނުގަނެވޭ ނޫނީ ނުގަންނާން ތިބި ގައުމުތަކުގެ އާބާދީގައި ހިމެނޭ އެތައް ބިލިއަން މީހުން 2024 ވަނަ އަހަރާއި ހަމައަށް ތިބެންޖެހޭނީ ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައެވެ. އެގައުމުތަކުގެ ރައްޔިތުން ކުރިއަށް އޮތް ތިން އަހަރުވެސް ހޭދަކުރަން ޖެހޭނީ ކޮވިޑާއި އެކުގައެވެ. ވެކްސިނެއް ފަރުވާއެއް ނެތިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އޮތްތާ އޮއްވާ މުއްސަނދި ގައުމުތަކުން ވެކްސިން އުފައްދައިގެން ނޫނީ މާ ކުރިން ވެކްސިނަށް އޯޑަރު ކޮށްގެން ވެކްސިން ގަނެ އެގައުމުތަކުގެ ރައްޔިތުންނަށް ހިލޭ ވެކްސިންދޭން ފަށައިފިއެވެ. އަލިފުދާލުގެ ސިއްހަތު ޖަމިއްޔާ އޮތީ ވާވެފައެވެ. ނޫނީ ބާރެއް ނެތި އެގައުމުތަކުގެ ދަށުވެފައެވެ. މިހާރަކު ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދޭ ވާހަކައެއްވެސް ނުދައްކައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމު ތަކަށާއި އާމްދަނީގެ ގޮތުން މެދު ފަންތީގައި ހިމެނޭ ގައުމުތަކުގެ އާބާދީގައި ހިމެނޭ ދެ ބިލިއަނެއްހާ ރައްޔިތުންގެ 20 އިންސައްތައަށް 2021 ވަނަ އަހަރުގެ ނިޔަލަށް ވެކްސިން ފޯރުކޮށްދިނުމެވެ. މީގެތެރޭގައި އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާ ހިމެނޭ ގޮތަށް 91 ގައުމު ހިމެނެއެވެ.
ނަމަވެސް ދާދިފަހުން ރޮއިޓާސްއަށް ލިބިފައިވާ އެތެރޭގެ ލިއުންތަކަކުން ހާމަވާ ގޮތުން ފައިސާގެ މައްސަލަތަކާއި ބޮޑެތި ގައުމުތަކުން ވެކްސިން ހޯދުމަށް ކުރަމުންދާ ހޭދައިގެ ސަބަބުން މިދެންނެވި ގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މިހާރަކު ނެތެވެ. އެހެންވީމާ މިހާތަނުން އުފެދޭ ސުވާލަކީ މި ޕްރޮގްރާމްގައި ބައިވެރިގެން ވެކްސިން ހިލޭ ލިބޭނެ ކަމުގެ އުއްމީދުގައި ތިބި ގައުމުތަކުގެ ރައްޔިތުން 2024 ވަނަ އަހަރާއި ހަމައަށް އެ އުއްމީދުގައި އެގައުމުތަކުގެ ވެރިން ދައްކާ ވާހަކަ އަޑުއަހަން ތިބޭނީތޯ އުފެދޭ ސުވާލެވެ. ކޮވިޑާއެކު އިތުރު ތިން އަހަރު ފަރުވާއެއް ނެތި އެ ރައްޔިތުން އުޅެން ޖެހުމުން ފަގީރުކަން އިތުރުވެ ބަލީގައި އާއިލާތައް ނެތިދާއިރު ބަލަހައްޓައިގެން ތިބުން ނޫން އެހެން ގޮތެއް އޮންނާނެތޯ އުފެދޭ ސުވާލެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް މި ހިމެނެނީ މިދެންނެވި ކޮވެކްސް ޕްރޮގްރާމްގެ ހިލޭ ވެކްސިން ލިބޭ 91 ގައުމުގެ ތެރޭގައެވެ. ސަރުކާރުން މިހާތަނަށް އޮތީ އެ ޕްރޮގްރާމުން ވެކްސިން ލިބޭނެ ކަމުގެ އިންތިޒާރުގައެވެ. ހަމަގައިމުވެސް އެޕްރޮގްރާމްގެ ބޭރުން ވެކްސިން ގަތުމަށް ވެކްސިން އުފައްދައި ސަޕްލައި ކުރާ އެއްވެސް ފަރާތަކާއި ވާހަކަ ދައްކައި އެކަމަށް އިންވެސްޓެއް ކުރި ކަމެއް ސަރުކާރުގެ އެއްވެސް މަސްދަރަކުން ހާމައެއް ނުކުރެއެވެ. ހަމަ އެކަނި އަޑު އިވެނީ ފޮނި ވާހަކަ ތަކެވެ. އަންނަ އަހަރުގެ ކުރީކޮޅުގައި ވެކްސިން ލިބޭނެ ކަމުގެ ވާހަކައެވެ. ނަމަވެސް އެ ބުނާ ވެކްސިން ލިބޭނީ ކޮވެކްސް ޕްރޮގްރާމްގެ ތެރެއިން ކަމަށް ވާނަމަ އެއީ ހުވަފެނެކެވެ. އެއުއްމީދު ހާސިލުވާން އަދި ތިން އަހަރު ނަގާނެ ކަމަށް ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުން އެއޮތީ އިޢުލާން ކޮށްފައެވެ.

ރާއްޖޭގެ އެންމެންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވިއެވެ. އަދި ހެލްތުގެ ބޮޑުން އެވިދާޅުވަނީ އަންނަ އަހަރު ކޮވިޑް ވެކްސިން ރާއްޖޭގައި ވެސް ދޭން ފަށާނެ ކަމަށެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެޗްޕީއޭއިން އެބުނާ ތިން ޕަސެންޓަށް ވެސް ވެކްސިން ލިބޭނެ ގޮތަކާއި މެދު އުފެދޭ ސުވާލެވެ. ކޮވެކްސް ޕްރޮގްރާމް ފެއިލްވި އިރު ޕްލޭން ބީ އަށް ނޫނީ ވެކްސިން ލިބޭނެ އެހެން ގޮތަކަށް ދިވެހި ސަރުކާރު އޮތީ ތައްޔާރުވެގެންތޯ މިއީ މިއަދު ކޮންމެ ރައްޔިތަކު ކުރަން ޖެހޭނެ އަދި ކުރާނެ ސުވާލެކެވެ.
ހަގީގަތުގައި މާމަގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދޭން ވީ ވަގުތު މިހާރު މިއޮތީ އައިސް ޖެހިފައެވެ. މިހާރު އަޅުގަނޑުމެންގެ އަވަށްޓެރި ގިނަ ގައުމުތަކުން ވެސް އެތިބީ މިދެންނެވި ޕްލޭން ބީއަށް ތައްޔާރުވެގެންނެވެ. މިފަދަ ހައްސާސް ކަމެއްގައި ކޮވެކްސް ޕްރޮގްރާމް ފެއިލްވެދާނެ ކަމަށާއި އެޕްރޮގްރާމްގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ނުނެރެވޭނެ ކަމަށް އެމީހުން ތިބީ އަންދާޒާ ކޮށްގެންނެވެ.
ދިވެހި ސަރުކާރުގެ ހެލްތު އިމަޖެންސީ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވަނީ ސްކީމް ފެއިލްވެ ވެކްސިން ނުލިބޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށެވެ. ނަމަވެސް އެކަމަނާ އެވާހަކަ އެ ވިދާޅުވަނީ ކޮން އަސްލެއްގެ ކޮން މަސްދަރެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އެބުނާ ސްކީމެއް ހިންގާ އިސް ފަރާތްތަކުން މިއަދު އެތިބީ އެކަމާ ކަންބޮޑުވެ ބޮލުގައި އަތް އަޅައިގެން ސައްލާގެ މޭޒު ދޮށުގައެވެ. ބޮޑެތި ގައުމުތަކުން ވެކްސިން އުފައްދައިގެން ނޫނީ ގަނެގެން ގެންގޮސްގެން އެޖަހާ ނަގަނީއެވެ. އެގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ދީފައި އެއްޗެއް ބާކީވެގެން އެއްކަލަ 91 ގައުމުގެ ރައްޔިތަކަށް ވެކްސިނެއް ލިބޭނީ 2024 ގައި ކަމަށް އެބުނަނީ އެމީހުންނެވެ. ޕްރޮގްރާމް ހިންގާން ތިބި މީހުންނެވެ.

އެހެންވީމާ މޮޅު ވާހަކަ ނުދައްކަވާށެވެ. ރައްޔިތުންގެ ސިއްހަތާއި ފުރާނައާއި ގުޅޭ ގޮތުން ބަސްވިދާޅުވާން މިއަދު ނުކުންނަން ޖެހޭނީ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ތިއްބެވި ބޭފުޅުންނެވެ. މިވާހަކަ ދައްކަވާން ޖެހޭނީ މިއަދު ރައްޔިތުން އެޒިންމާ ހަވާލުކޮށްގެން ތިބި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެޒިންމާ ނަގަން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް މުސާރަ ނަންނަގަވާ ވަޒީރުންނެވެ. ހެލްތުގެ ތަރުޖަމާނަކު ވިދާޅުވާ ލުއިލުއި އެއްވެސް ބުރަދަނެއް ނެތް ބަހެއް މިއަދަކު ދިވެހީން ބަލައެއް ނުގަންނާނެއެވެ. ގަބޫލެއް ނުކުރާނެއެވެ.
އަހަރެމެން މިތިބީ ކޮވެކްސަށް އެކަނި ބަރޯސާ ވެގެނެއްނޫން ކަމަށް ވިދާޅުވާއިރު ރާއްޖެއިން ވެކްސިން ގަންނަން އިންވެސްޓް ކުރީ ކިހާވަރެއް ހެއްޔެވެ؟ ވެކްސިން ގަތުމަށް ދިޔައީ ކޮން ބައެއްގެ ގާތަށް ހެއްޔެވެ؟ އެވާހަކަ ދައްކަނީ ވެކްސިން އުފައްދާ ކޮންކޮން ބަޔަކާ އެކުގައި ހެއްޔެވެ؟ ވެކްސިންގެ ވާހަކަ ދައްކަންޏާ މިހާހިސާބަށް ދާއިރު އެވަރު ބުނެދެވެން ޖެހޭނެއެވެ. އެހެން ނޫނީ އެވާހަކަ ނުދައްކަވާށެވެ. މިއީ ޔޯލަ ޔޯލަ ވާހަކަ ދައްކައިގެން ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި ކުޅެންވީ ވަގުތެއް ނޫނެވެ.
ކޮވެކްސް ޕްރޮގްރާމް އެއޮތީ ފެއިލް ވެފައެވެ. 2024 ގެ ކުރިން ރާއްޖެ ފަދަ އެޕްރޮގްރާމަށް ބަރޯސާވެގެން ތިބި ގައުމަކަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ބުނަނީ އެ ޕްރޮގްރާމް ހިންގާ މީހުންނެވެ. އެކަމަކު މިގައުމުގެ ސިޔާސީ ވެރިން އަދިވެސް އެއުޅުއްވަނީ ބޮޑު ޚަރަދުކޮށްފައި އިންތިޚާބު ނުބޭއްވިގެންނެވެ. ގައުމުގައި މިފަދަ ބޮޑެތި ހައްސާސް މައްސަލަތައް ހުއްޓާ އެހެން ގައުމުތަކުގެ ކަންކަމާ ބެހި ސިޔާސީ ގޮތުން މެޑެލް ޖެހޭތޯއެވެ. އެކަމަކު ގަބޫލުކުރަށްވާށެވެ. ވެކްސިންގެ ވާހަކަ އަޑުއަހާކަށް ދިވެހިން 2024 އަންނަންދެނެއް ނުތިބޭނެއެވެ. މިއީ ޔަގީންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު


0

ޢަބްދު

18-Dec-2020

ފެއިލް ވީ ކަމަށް ބުނާ މަސްދަރު ރަނގަޅަށް ކީކަމަށް ފަހަގަ އެއް ނުވި އަލުން ކިޔާފަ ހަބަރު ލިޔޭ