ޞާދިރު ޢަލީދީދީ   11 ޖެނުއަރީ 2021 - 12:57
ވޭނީކަރުނަ
ވޭނީކަރުނަ
23 ވަނަ ބައި

..................

[އަހަންނަށް ހީވަނީ ރަމްލާ އަބަދުވެސް އިންނަނީ ކޮންމެވެސް ޚިޔާލެއްގެ ތެރޭގައި ހެންނެވެ.] [ނޫނެކެވެ. ޝާންބޭބެއެވެ.]

[އެންމެ ރަނގަޅެވެ. އަހަންނަށް ނުފޮރުވާށެވެ. އަހްނަނަކީ ރަމްލާއަށް ނަސޭހަތް ދެވޭވަރުގެ ގާތްތިމާގެ މީހަކީމެއް ނޫނީމެވެ.]

[ކީކޭތޯއެވެ؟] [ރަމްލާ މުޢާޒުއާ ނުރުހޭކަން އަހަންނަށް އެނގެއެވެ.]

ރަމްލާ ހިމޭންވެއްޖެއެވެ. ސީޓްގެ ލެނގޭބައިގައި އަޅުވާލެވިފައި އޮތް އޭނާގެ އަތް، އެއްވެސް އިޚްތިޔާރަކާއި ނުލައި ވެއްޓިއްޖެއެވެ.... އެއާއެކު އޭނާ ސީޓްގައި އަތް ވިއްދާލާފައި ހަމަޖެހިލިއެވެ. އޭނާ ޖަވާބެއް ދިނުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ ދޫ ތަޅުލެވިއްޖެއެވެ... މިއަދު އޭނާ އިނީ ވަރަށްބޮޑަށް ހިތާމަވެރި ވެފައެވެ. އެހެންކަމުން އެކަން ސިއްރުވެސް ނުކުރެވުނީއެވެ.

[ރަމްލާއަށް ލިބެމުންދާ އަނިޔާތައް އަހަންނަށް އިޙްސާސްކުރެވެއެވެ. އެކަމަކު މިހާރު އެކަން ފާޅުކުރުމުގެ އެއްވެސް ފައިދާއެއް ނެތެވެ. އެހެން ނަމަވެސް ކުޑަގޮތަކަށް ބުނެފާނަމެވެ. ރެޔާ ދުވާލު ރަމްލާގެ ހިތަށްއަރާ ފައިބަމުންދާ ހުރިހާ ހިތާމަތަކެއްގެ ޚަބަރު އަހަންނަށް އެނގެއެވެ. މުޢާޒުގެ ކައިރީގައި ހުންނައިރު ރަމްލާގެ މޫނު މައްޗަށް އަރަމުންދާ ކުލަވަރުތައްވެސް އަހަރެން ވަޒަން ކުރަމެވެ. އެވިޔާނުދާ މީހާގެ އަތްދަށުން ފޭރިގަނެގެން އަހަރެންގެ ހިތުގައި ރަމްލާ ފޮރުވަފާނަމޭ ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށް އަރައެވެ.... އެއްވެސް މީހަކު ފަހަރެއްގައިވެސް ހަނދުގެނެސް އަނދިރި ވަޅަކަށްލާ ރައްކާކުރި ހެއްޔެވެ. އެހެން ނަމަވެސް ރަޙުމްކުރުން ފިޔަވާ އެހެން އެއްވެސްކަމެއް ރަމްލާއަށްޓަކައި އަހަންނަށް ކުރެވޭކަށް ނެތެވެ.

މިވާހަކައަށް ރަމްލާ ގިސްލަ ގިސްލާފައި ރޯންފަށައިފިއެވެ. އޭނާގެ ލޮލުން އޮހެމުންދާ ކަރުނައިގެ ތިކިތައް ޒޭނޫގެ މޫނަށް އެޅެން ފަށައިފިއެވެ. ފަހަރެއްގައި ޒޭނޫގެ ނިދި ހަލާކުވެދާނެތީ އޭނާއެއްފަރާތަކަށް މޫނު އަނބުރާލިއެވެ. އެހެން ނަމަވެސް މިކަން ސިއްރުކުރާކަށް އޭނާ ނޭދެއެވެ.

ޝާންބޭބެ އޭނާގެ ހިތަށް އެހަރާލީ ހަމްދަރްދީގެ ތީރެއް ކަމުގައި ވެއްޖެނަމަ ވަރަށްވެސް ރަނގަޅެވެ.... އެއިން ވިހަ މާއްދާއެއް ބޭރަށް ނުކުމެއްޖެނަމަ....

[ރަމޫއެވެ.... ރަމޫ ކިހާ ރީތި ހެއްޔެވެ. ހީވަނީ ޕަރީންގެ ޝަހަރުން އައިސްގެން އުޅޭ ޝަހެޒާދީއެއް ހެންނެވެ. އަހަރެން ހަނދާން އެބަހުއްޓެވެ. އިއްޔެއާ ހަމައަށްވެސް ރަމޫގެ މައުޞޫމް އަދި ރީތި މޫނުމަތީގައި އެއްވެސް ކަހަލަ ފިކުރެއްނެތެވެ. އެއްވެސް ކަހަލަ ހިތާމައެއްގެ އަސަރުވެސްނެތެވެ. އެކަމަކު މިއަދު ތިޔަ މޫނުމަތީގައިވަނީ ކޮންފަދަ ނުކުޅެދުމެއްގެ އަސަރު ހެއްޔެވެ؟ ކޮންފަދަ ވަރުބަލިކަމެއްގެ އަސަރު ހެއްޔެވެ؟.. ރަމްލާގެ މޫނުމަތީގައިވާ ޅަކަން ފޭރިގަނެގެން ދިޔައީ ކޮން އަނިޔާވެރިއެއް ހެއްޔެވެ؟ ނިކަން ލޯގަނޑުން އަމިއްލަ މޫނު ބަލާލަ ބަލާށެވެ. ކޮންފަދަ މަޖްބޫރީ ކަމެއްގެ އަސަރު މޫނުމަތީގައި ވޭ ހެއްޔެވެ؟]

ރަމްލާގެ އަޑެއް ބަޑެއްނެތް ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހެމުންދެއެވެ. އެވަގުތު މުޅި ދުނިޔޭންވެސް ތެދުވެރި ހަމްދަރުދީއެއް އޭނާއާމެދު ފާޅުކުރި މީހަކީ ޝާންބޭބެ ކަމުގައި އޭނާއަށް ފެނުނެވެ. ޝާންބޭބެ އެވަގުތު ކާރުދުއްވަން އިންކަން އެއީ އޭނާ ޝުކުރުކުރާ ކަމެކެވެ. އަދި ޒޭނޫވެސް އެވަގުތު އޮތީ އޭނާގެ އުނގުގައި ނިދާފައެވެ. އެހެން ނޫންނަމަ އެވަގުތު އޭނާ ޝާންބޭބެގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެ ގިސްލަ ގިސްލާފައި ރުއީހެވެ.

[ރަމްލާގެ ޙަޔާތް އަހަންނަށް ބަދަލު ކޮށްލެވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟] މިހެންބުނަމުން ޝާން މަޑުމަޑުން އޭނާގެ ހޫނު އަދި ވަރުގަދަ އަތް، ސީޓްމަތީގައިވާ ރަމްލާގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތްމަތީގައި ބާއްވާލިއެވެ.. ރަމްލާ ސިހިއްޖެއެވެ... ދަމައިގަންނަން ހިތަށް އެރުމާއެކުވެސް އަތް ދަމައެއް ނުގަނެވުނެވެ.

ޝާންބޭބެގެ ހިފެހެއްޓުން ވަރަށް ވަރުގަދައެވެ. ރަމްލާގެ މުޅި ހަށިގަނޑު ރޫރޫ އަޅަން ފަށައިފިއެވެ.

[ރަމޫއެވެ....] ޝާންބޭބެގެ އަޑު ޖަޒުބާތުގައި ތެމި ފޯވެއްޖެއެވެ.

[އަހަރެން ރަމްލާއާމެދު ޚިޔާލުކުރާވަރު އެނގޭނީ ކިހިނެތް ހެއްޔެވެ؟ އެކަން އަންދާޒާ ކުރެވޭނެނަމަ ކޮންފަދަ ހެއްޔެވެ؟ ޤަބޫލުނަމަ އަހަރެންގެ ޙަޔާތުގެ ހުރިހާ އުފަލެއް ރަމްލާގެ ކުރިމައްޗަށް ޙާޟިރު ކޮށްދީފާނަމެވެ.]

ރަމްލާ ގަދަބާރުން އަތް ދަމައިގަތެވެ.

ޝާންގެ ވާހަކަ ހައްދުން ނައްޓާލީއެވެ..... ކޮންމެވެސް...... ފުނޑުފުނޑުވީއެވެ. ހިނގަ ހިނގާ ހުއްޓާ ކޮންމެވެސް ކަހަލަ ޕްލާސްޓިކް ޓޯއީއެއް ފައިދަށުވެ ކުދިކުދިވި ކަހަލައެވެ.

ރަމްލާ ދަބަހުން ރުމާނަގައިގެން މޫނު ފޮހެން ފަށައިފިއެވެ.... އޭނާ ފުދޭވަރަށް ރޮއިފިއެވެ. އޭނާގެ ލޮލުން އޮހިގެންދިޔަ ކަރުނަތައް އޭނާގެ ހިތުގެ މަޖުބޫރީ ޙާލަތު ބަޔާންކޮށްދީފިއެވެ. ސިއްރު ފާޅުވެއްޖެއެވެ.

މިހާރު އިތުރު އެއްވެސް އެއްޗެއް ބުނުމަކީ ބޭކާރު ކަމެކެވެ. ތިމާގެ މޮޔަކަން ސިއްރުކުރުމަކީ މޮޔަކަމެކެވެ.

އޭނާ އަމިއްލަ ޟަމީރުދެކެ އިންތިހާއަށް މުޅި އަތުވެއްޖެއެވެ.... ހިތާމަ ހުއްޓެވެ.

ވިޔާނުދާ މީހެއްގެ ކުރިމަތީގައި ރުއިމުން އެމީހެއްގެ އަބުރުވެއްޔާ މޮޑެވިދެއެވެ. އެހެނަސް މިހާރު ވާންވީގޮތްވެ ނިމިއްޖެއެވެ. ޝާންބޭބެ ގެއަށްގޮސް ދައްތަ ގާތުގައި ބުނާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.

ޝުކުރު ހުއްޓެވެ. ކުރިމަތިން ގޭގެ ގޭޓް ފެނިއްޖެއެވެ.

އޭނާއަށް އެކައްޗެއްވެސް ބުނާކަށް ނުޖެހުނެވެ. ޝާންބޭބެވެސް އިތުރު އެއްޗެއް ނުބުނެއެވެ.

ރަމްލާ ކުޑަ އުނދަގުލަކާއެކު ނިދާފައި އޮތް ޒޭނޫ އުރާލައިގެން ގޭތެރެއަށް ވަދެއްޖެއެވެ. ދައްތަ އެވަގުތު ކުޑަކޮއްކޮއަށް ބުއްފުޅި ދެނީއެވެ. އޭނާ ފެނިފައި ދައްތަގެ މޫނު އުފަލުން ފޮޅުނެވެ.

ޒޭނޫ ތަންމަތީގައި ބާއްވާފައި އެނބުރިލުމާއެކު އޭނާގެ ހާސްވެފައިވާ މޫނަށް ދައްތަ ބަލާލިއެވެ.

[ރަމޫއެވެ. ކިހިނެތްވީ ހެއްޔެވެ؟]

[އެއްވެސް ކަމެއް ނުވެއެވެ.] ރަމްލާ އެއް ފަރާތަކަށް މޫނު އަނބުރާލިއެވެ. އަދި ބުންޏެވެ.

[އަނެއްކާ ގެއަށް އައި މަގުމަތީގައި ޝާންބޭބެއާ އަރާރުންވީ ހެއްޔެވެ؟]

[ނޫނެކެވެ.] ރަމްލާ ހިނިތުވެލުމަށް މަސައްކަތްކުރިއެވެ. [އެކަހަލަ ކަމެއްވާންވީ ކީއްވެގެންތޯއެވެ. ބައެއް ފަހަރަށް ބަނޑަށް އުނދގޫވުންފަދަކަންތައް މެދުވެރިވާނެކަން ދައްތައަށް އެނގިލައްވާނެއެވެ.] މިހެން ބުނެފައި އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ކިސްރާ އޭނާއަށް ގޮވާލިއެވެ.

[ރަމޫއެވެ. ދެފަހަރު މަތިން މުޢާޒު ފޯނުކުރިއެވެ.]

[އެހެންތޯއެވެ.] ރަމްލާ ހުއްޓިއްޖެއެވެ.

މުޢާޒު ފޯންކުރި ވާހަކަ އިވިފައި އަޖައިބެއްފަދަ ހިތްހަމަ ޖެހުމެއް އޭނާއަށް ލިބުނުކަން ފުރަތަމަ ފަހަރަށް މިއަދު އިޙްސާސް ކުރެވުނެވެ.

[އޭނާ ބުނީ ކީކޭތޯއެވެ؟]

[ދެއްކީ މުޅިންވެސް ރަމްލާގެ ވާހަކައެވެ. ރަމްލާވީ ކޮންތަނެއްގައިތޯވެސް އެހިއެވެ.]

[ދެން ދައްތަ ބުނުއްވީ ކީކޭތޯއެވެ.]

[ޝާން އާއެކު ކްލަބަށް ހިނގައްޖެއޭ ބުނީމެވެ.]

[އެހެންތޯއެވެ....] ރަމްލާގެ ހިތްތެޅިގަތެވެ.

[ދެން ބުނީ ކީކޭތޯއެވެ؟]

[އެއްގަޑިއިރު ފަހުން.....؟]

[އާއެކެވެ... ފޯނުކުރިއެވެ. އަހަރެން ކަލޭމެން އަދިވެސް ނާދެއޭބުނެ ހަމައައުމާއެކު ފޯނުކުރުވާނަމޭވެސް ބުނީމެވެ. ދެންއޭނާ ވަރަށްގިނަ ވާހަކަ ދައްކާފައި ދިހައެއްޖަހާއިރު ފޯންކުރާނަމޭ ބުންޏެވެ.]

[ރަމްލާ ގަޑި ބަލާލިއެވެ. ދިހައެއް ޖަހަން ފަނަރަ މިނެޓެވެ.]

ކިސްރާ ދައްތަ ބުންޏެވެ.

[ދިހައެއް ޖަހަން އަދި ވަގުތުކޮޅެއް އެބައޮތެވެ. އަވަހަށްގޮސް ގުޅާލާށެވެ. އޭރުން ވަރަށް އުފާވާނެއެވެ. އޭނާގެ ކޯލަށް އިންތިޒާރުކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ.]

[ނޫނެކެވެ....] ރަމްލާގެ ހިތުގެ އަޑު ކުއްލިއަކަށް ބޭރަށް ނުކުމެއްޖެއެވެ. [އަޅުގަނޑު ދިހައެއް ޖަހަންދެން އިންތިޒާރު ކުރާނަމެވެ. އޭގެ ފަހުގައި ޚަބަރެއް ނުވެއްޖިއްޔާ ގުޅާލާނަމެވެ.]

[އެންމެ ރަނގަޅެވެ.] ކިސާރާދައްތަ ކުޑަކޮއްކޮގެ އަނގައިން ބުއްފުޅި ނައްޓާލިއެވެ. އޭނާ ނިދީއެވެ. ދެން އޭނާގެ ގައިގާ ރަޖާގަނޑު އޮޅާލައި އެނދުގައި ބޭއްވިއެވެ. އެއަށްފަހު ކިސްރާ ރަމްލާއާއެކު ބޭރަށް ނުކުމެއްޖެއެވެ.

[ކާނަން ހެއްޔެވެ؟[ އޭނާ ރަމްލާ ގާތު އެހިއެވެ.

[ނޫނެކެވެ. އަޅުގަނޑު މިއައީ ޝާންބޭބެއާއެކު ކައިގެންނެވެ.]

[އެހެންވިއްޔާ ޝާންބޭބެވެސް ކޭންނުބައްލަވާ ނެތާއެވެ. އެކަމަކު އަހާލާނަމެވެ.]

ޝާން ޓީވީ ކޮޓަރިއަކު ނެތެވެ. އެހެންކަމުން ދައްތަ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.

ރަމްލާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ހިތް ބާރަށް ތެޅެއެވެ. ކަންބޮޑުވެފައި ހުރެގެން އޭނާ ފެންވަރާ ކޮޓަރިއަށްގޮސް މޫނު ދޮވެލިއެވެ. އެއާއެކު ކުޑަ ހަމަޖެހުމެއް އޭނާއަށް ލިބުނެވެ. ލައިގެންހުރި ސާޅި ބަދަލުކޮށް ރޭގަނޑުގެ ދޫހެދުން އަޅާލިއެވެ. ކުޑަގޮތަކަށް ބޯ އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ހިނގާފައި ޓީވީ ކޮޓަރިއަށް އަތުވެއްޖެއެވެ. އެވަގުތު ޓީވީއިން ޚަބަރު ކިޔަނީއެވެ. އެކަމަކު އެއްވެސް މީހަކު އެކޮޓަރިއަކު ނެތެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން