ދަޢުލަތުގެ އެންމެ ފައިސާ ފޮއްޗަކަށްވެސް ޚިޔާނާތްތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި މާލޭގައި ހަދާފައިވާ ރަސްފަންނު ބީޗްގެ ފޮޓޯއެއް މިއަދު ޓްވިޓަރގައި ޑރ. މުޢިއްޒުވަނީ ޙިއްސާ ކުރަށްވާފައެވެ. އެ ފޮޓޯ ޙިއްސާ ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެއީ ރަސްފަންނުގެ ކުރީ ޒަމާނުގެ ފޮޓޯ އެއް ކަމަށެވެ. ޑރ. މުޢިއްޒު އިއްޔެވެސް ވަނީ މާލޭގައި ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ބައެއް ޕާކްތައް ވީރާނާވުމަށް މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށްވިދާޅުވެފައެވެ. އަދި އެ މަންޒަރު ސަރުކާރުގެ އިދާރާތަކަށް ނުފެންނަ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ރަސްފަންނުގެ ފޮޓޯ އެއް ޙިއްސާކުރެއްވުމުން ޢާއްމުންގެ މީހަކު ވަނީ އެ ބީޗް ތަރައްޤީ ކުރުމުގައި ޑރ. މުޢިއްޒުގެ ޖީބަށް ކިހާ ފައިސާއެއް ވަދެފައިވާނެތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ޑރ. މުޢިއްޒު ވިދާޅުވީ، އެއްމެ ފައިސާ ފޮއްޗެއްވެސް ނަންގަވާފައި ނުވާނެ ކަމަށާއި، އެކަން މާތް ރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެ ކަމަށެވެ.

"އެއްވެސް ތާކުން ނުނަގަން. ޤަބޫލުކުރަން ދަތިއްޔާ ހައުސިންގ މިނިސްޓްރީގައި އޭރު ތިބި 1200 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސުވާލު ކޮށްލަށްވާ. ނޫނީ ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާ ސުވާލު ކުރަށްވާ." ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.



މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރަށްވާ ޑރ. މުއިއްޒު އިއްޔެ ވަނީ ހިއްތަން މައިޒާންގެ އުނދޯލީގެ ފުރާޅުގެ ފަންތައް ވީރާނާވެގެން ފައިބާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެތަން ފެންނަ ލޮލެއް، ސިޓީ ކައުންސިލްގައި ނޫނީ ސަރުކާރުގައި ހުރިހެން ހީނުވާކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާތަނަށް އައިއިރު މާލޭގައި ތަރައްޤީ ކޮށްފައިވަނީ، ލޮނުޒިޔާރަތް ޕާކެވެ. އެ ޕާކު ތަރައްގީކޮށްފައިވަނީ އެކި މާލަންތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި މެދު ބަގީޗާ، ވަރުނުލާ ރާޅުގަނޑު، އުސްބަގީޗާ އަދި މާމެލާމެލި ބަގީޗާ ހިމެނެ އެވެ. އޭގެތެރެއިން މާމެލާމެލި ބަގީޗާ ޒީނަތްތެރި ކޮށްފައިވަނީ ކައިވެނި ޕާޓީތަކާއި ހަފުލާތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު