މިފްކޯ މަސްފެކްޓްރީ
މިފްކޯ މަސްފެކްޓްރީ
މަސްވެރިންގެ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ކިރުވޭނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެންވިދާޅުވީ ފެލިވަރުގެ ބިން ހިއްކުމާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޒަހާ ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށާއި ކިއުގައި ޖެހިގެން މަސް ކިރުމުގެ ގޮންޖެހުމަށްވެސް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ފެލިވަރުގެ ބިން ހިއްކުމާ ބަނދަރުހެދުމުގެ މަޝްރޫޢުގެ ސަބަބުން ފެލިވަރަކީ މުހިންމު ރަށެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. އަދި ފެލިވަރު މަސް ފެކްޓްރީ ތަރައްޤީކުރުމުގެ މަސައްކަތް ވެގެންދާނީ މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ މުޅިން އާ ފެށުމަކަށް ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް، އިންޑިއަން އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ކަމަށާއި އަދި މި މަސައްކަތް ނިމުމާއިއެކު ދެން ފަށާ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ސައުދީން ހަމަޖެހިފައިވާ ކަމަށެވެ. ފެލިވަރުގެ ބިން ހިއްކުމާ ބަނދަރުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން