ޞާދިރު ޢަލީދީދީ   1 ފެބްރުއަރީ 2021 - 12:14
ވޭނީކަރުނަ
ވޭނީކަރުނަ
39 ވަނަ ބައި

..................

ތަންކޮޅެއް ބާރަށް ހިތް ވިންދުޖަހައިފިއްޔާ އޭނާ މަލާމާތްކުރެއެވެ. ހިތް ލަދުގެންފިއްޔާ އޭނާ އެކަމާ އަޑުލައެވެ. މިކުޑަކުޑަ ތަންކޮޅު ހާސްމޭލަށް ދިގުވެއްޖެއެވެ. އަދި ހާސްމޭލް ކަޑައްތުކޮށް ރަނގަބީލުގައި އަތްޖައްސާލީ ކޮންގޮތަކުން ކަމެއް ނޭގުނެވެ. ހީވީ މޮޔައިންގެ ޝަހަރުގެ ބޮޑު ދޮރާށީގައި އޭނާ ޓަކި ޖަހާލީ ހެންނެވެ. ނުވަތަ ނާކާމިޔާބުގެ އަނދިރި ވާދީއަކުން އަލިކަންފުޅަކަށް އެދުނު ހެންނެވެ.

އޭނާ ރަނގަބީލުގައި އަތް ޖައްސާލާފައި އަވަހަށް އަތް ދަމައިގަތެވެ. އެހެން ނަމަވެސް އެތެރެއަށް އަޑު ހިނގައްޖެއެވެ..... ހީވީ އެތެރޭގައިވާ ހުރިހާ އެއްޗެއް އޭނާގެ އިންތިޒާރުގައިވާ ހެންނެވެ. އޭނާ ރަނގަބީލުގައި އަތް ޖައްސާލުމާއިއެކު މުޅިގެ ހޭލައިފިއެވެ. ފާރުބުރި މަތީގައި ބަހައްޓާފައި ހުރި ބައްތިތައް ޝެހެނާއީ ފުމެން ފަށައިފިއެވެ.

ޔާދިރު ދޮރުހުޅުވާލިގޮތުން ހީވީ ރޭ ހަތަރުދަމު ނުނިދާ އޭނާގެ އިންތިޒާރުގައި ހުރި ހެންނެވެ. ދޮރުފަތް ކުޑަކޮށް ހުޅުވާލާފައި ބޭރު ބަލާލިގޮތުން ހީވީ ހަނދު ކަޅުވިލާތަކުގެ ތެރެއިން ފަރުދާ ފަޅާލާފައި ދުނިޔެއަށް ބަލާލި ހެންނެވެ.

ކުއްލިއަކަށެވެ.... ރަމްލާއަށް އިސްޖަހާލަން ހަދާން ނެތިއްޖެއެވެ. އަދި ޔާދިރުގެ ނޭވާއާއެކު ނުކުތް ސުއްޓާގެ މީރުވަސް އެދިޔަގޮތަށްގޮސް ރަމްލާގެ މޫނުގައި ޖެހިއްޖެއެވެ. އަމިއްލަ ހިތުން ކޮށްފައިވާ ހުރިހާ ހުވާތަކެއް ވަޔަށް އަރައިގެން ހިނގައްޖެއެވެ. ހުރިހާ ޢަޒުމެއް ފެނަށް ވެއްޖެއެވެ.

ބުއްދީގެ އުސް ބުރުޖުތަކުގައި ތިބި އަޚްލާޤިއްޔާތުގެ ހުރިހާ ފައުޖުތައް ހަތިޔާރު ބަހައްޓައިފިއެވެ..... ބަޣާވަތުގެ ބަޑިބޭސްތައް ފަރާތް ފަރާތަށް ބުރައިގަތެވެ. ރަމްލާއަށް ހީވީ އޭނާއަށް މިހުރެވުނީ މީހެއްގެ ޣަނީމާއަކަށް ވެގެން ކަމުގައެވެ. ދުޝްމަނަކީވެސް އޭނާއެވެ.... އެއީ އޭނާގެ ފުރާނައިގެ ދުޝްމަނެވެ.... ހަށިގަނޑުގެ ދުޝްމަނެވެ. ހިތުގެ ދުޝްމަނެކެވެ.

ކުޑަކޮށް މޫނު ބޭރަށް ނެރެލާފައި މޮޔައެއް ފަދައިން އޭނާ ރަމްލާގެ މޫނަށް ބަލާލުމުން އެލޮލުގެ ޖާދޫގައި ޖެހިފައި، ރަމްލާ ހިލައަށްވީއެވެ.

ވައިއަޑުން އޭނާ ބުންޏެވެ.

އައިސް ބަލާށެވެ. މިހުންނެވީ ކާކު ހެއްޔެވެ؟ އަހަރެން ހޭމަދުވުގެން ނުވެއްޓުނީ ކިރިޔާއެވެ.]

ޖައްޔިދާ ދުވެފައި ބަދިގޭން ބޭރަށް ނުކުމެއްޖެއެވެ. އަދި އައިގޮތަށްއައިސް ރަމްލާގެ ގައިގާ ހިފާ އޮޅުލައިގަތެވެ. ޖައްޔިދާގެ ކޮށާފައިވާ އިސްތަށިގަނޑުން ފެންތިކި ޖަހަޖަހާ ހުއްޓެވެ. ތާޒާވެފައި ހުރިގޮތުން ހީވަނީ ހަމަދެންމެ ފެންވަރައިގެން ނުކުތް ހެންނެވެ.

[ރޭއްސުރެން އަޅުގަނޑު މިހިރީ އިންތިޒާރުގައެވެ. މިހާރު ތިޔަ ދުރުވީތޯއެވެ.]

މިހާރު ތިޔައައީ ދޯއެވެ..... މިހާރު ތިޔައައީ ދޯއެވެ.... ދޮރުގެ ބޭރުން ތިރިއަށް އެލިފައިއޮތް ވެޔޮގަނޑު އަތްތިލަބަޑި ޖަހަޖަހާފައި ނާނާ އަޅުވާލި ކަހަލައެވެ.

ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ޙަޔާތުގެ އެންމެބޮޑު ރާޅު ބިންދާލައިފިއެވެ. އޭނާ ބަލިވެއްޖެ ކަމުގައި އިޢްތިރާފްވެސްވިއެވެ. މިކަމެއް އެއްވެސް މީހަކަށް ނޭގެއެވެ.

[ދުރުވާށެވެ...... އެތެރެއަށް ދުރުވާށެވެ.]

ޔާދިރު ދޮރުފަތް ހުޅުވާލާފައި ޖައްޔިދާއަށް ގޮވާލިއެވެ.

[ޖައްޔިދާއެވެ. [ރަމްލާއެވެ. ހާދަރަނގަޅެވެ. މިގެއަށް އަތުވެއްޖެއީމުއެވެ. އަހަރެން މިއުޅެނީ ޔާދިރުއަށް ކާން ތައްޔާރު ކޮށްލަން ވެގެންނެވެ.]

[މިގޭގައި ކައްކާ މީހަކުވެސް ނުގެންގުޅެމު ހެއްޔެވެ؟] ރަމްލާ ފަރުވާ ކުޑަގޮތަކަށް އަހާލިއެވެ.

[ނޫޅެއެވެ.] ޖައްޔިދާ އޭނާގޮވައިގެން ސިޓިންގރޫމަށް އަތުވެއްޖެއެވެ. [ފަސްއަހަރު ވަންދެން އިންގްލެންޑްގައި އުޅުމުން ގޭތެރޭގެ މަސައްކަތް ކުރުމަށް އާދަވީއެވެ. ބޭރު ޤައުމުތައް، އެންމެ ގަމާރު އަންހެނުންނަށްވެސް ގެވެހިކަން ދަސްކޮށްދެއެވެ.]

[އަޅުގަނޑު އެކަމަށް ހެކިވަމެވެ.] ޔާދިރު އަތް އުފުލާލާފައި ބުންޏެވެ. އެހެންނަމަވެސް ރަމްލާއަކަށް ޔާދިރާއި ދިމާއަށް ބަލާލުމުގެ ހިތްވަރެއް ނުލިބުނެވެ.

ތިން މީހުން އިށީނދެއްޖެއެވެ.

[މަޢޫޒު ނުގެންނަން ހެއްޔެވެ؟] ޖައްޔިދާ ސުވާލުކުރިއެވެ.

[މިއީ އޭނާ ނިދާގަޑިއެވެ. އެހެންނޫނަސް އެހާކުޑައިރު ގެންނާނީ ކިހިނެއް ހެއްޔެވެ؟]

[ޑާރލިންގއެވެ. ފުރަތަމަ ސައިދޭށެވެ. ދެން ވާހަކަ ދައްކާށެވެ.] ޔާދިރު ޖައްޔިދާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ.

[ލައްބައެވެ. މިގެންނަނީއެވެ.] ޖައްޔިދާ ތެދުވެއްޖެއެވެ.

[ހިނގާށެވެ. އަހަރެންވެސް ބަދިގެއަށް ދާނަމެވެ.] ރަމްލާވެސް ތެދުވެއްޖެއެވެ.

[ނޫނެކެވެ. ރަމްލާއެވެ. ރަމްލާ ޔާދިރު ކައިރީގައި އިންނާށެވެ.] ޖައްޔިދާ ސާދާކަމާއެކު ބުންޏެވެ. [އަހަރެންގެ ފިރިމީހާއަކީ ކައިރީގައި އިންނަން ޖެހިލުންވާހާ ބިރުވެރި މީހެއް ނޫނެވެ.]

[އެހެންވެގެނެއް ނޫނެވެ.] ރަމްލާ މަޑުމަޑުން ބުންޏެވެ. [އަހަރެން ގަސްދުކުރީ ޖައްޔިދާއަށް އަތްގާތްކޮށްލާ ދިނުމަށެވެ. އޭރުން އަވަހަށް އައިސް މިތަނުގައި އިށީދެވިދާނެ ނޫން ހެއްޔެވެ؟]

[މިއަދު އެހާ އަވަހަކަށް ރަމްލާގެ ކައިރިއަށް އައިސް އަހަންނަކަށް ނީނދެވޭނެއެވެ. އަހަރެން ހުންނާނީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހުކުރު ދުވަހަކީ އަހަރެމެން ނާސްތާކުރާ ދުވަހެއްނޫނެވެ. އެންމެން އެކުގައި ކާދުވަހެކެވެ. އަހަރެން މިއުޅެނީ ވަރަށްގިނަ އެއްޗެހި އުނދުން މައްޗަށް އުދައިގެންނެވެ.]

[އެހެންވީއިރު އަހަންނަށް މިއާދެވުނީ ނުބައި އިރުވަރެއްގައިތާއެވެ.]

[ނޫނެކެވެ.........] ޖައްޔިދާ ގަދަކަމުން ރަމްލާ ބައިންދައިފިއެވެ. [އަހަރެން ބަދިގޭގައި ކުޑަކޮށްވެސް ލަސްވެއްޖިއްޔާ ޔާދިރު ވަރަށްބޮޑަށް ފޫހިވެލައްވައެވެ. ރަމްލާ އައިކަން ވަރަށް ރަނގަޅެވެ. އަހަރެން ބަދިގޭން ނިމެންދެން މިތާނގައި އިންނާށެވެ.]

[އެކަމަކު ދާންވާނީ އަހަރެންގެ މާތްކަމާމެދު ރަޙްމަތްތެރިޔާއަށް ޔަޤީންކަން ދީފައެވެ.] ޔާދިރު ޖައްޔިދާ ހުއްޓުވާފައި ބުންޏެވެ. [އަހަންނަކީ އެއްވެސް ބިރެންނެތް އިންސާނެއް ކަމުގައި އޭނާ ގާތުގައި ބުނާށެވެ.....]

ޖައްޔިދާ އާދައިގެ މަތިން ބާރަށް ހީގަތެވެ.

[ރަމްލާއެވެ. ބިރުނުގަންނާށެވެ. ޔާދިރު އެބުނުއްވަނީ ރަނގަޅު ވާހަކައެކެވެ. މިއީ ވަރަށް މިސްކީނު އަނިޔާވެރި ފިރިއެކެވެ. އޭނާގެ މާތްކަމާމެދު އަހަރެން ހެކިވަމެވެ.]

މިހެންބުނެފައި ޖައްޔިދާ ނުކުމެގެން ހިނގައްޖެއެވެ. ރަމްލާގެ މޫނު ރަތްވެއްޖެއެވެ. ދެން ލަދުވެތިކަމުގެ މައްޗަށް ބާރު ހިންގަމުން ބުންޏެވެ.

[އެހެން މީހުންނާމެދު ޝައްކު ކުރައްވަނީ ކީއްވެގެންތޯއެވެ.]

[ޝައްކު ކުރައްވަނީ ރަމްލާއެވެ.] ޔާދިރު ބުންޏެވެ.

[ކޮންކަހަލަ ޝައްކެއްތޯއެވެ؟] ރަމްލާ ވަރަށް ހިތްވަރުކޮށްފާ ބުންޏެވެ.

ޖަވާބުދިނުމުގެ ކުރިން އޭނާ ހީނގަތެވެ. އޭނާގެ މުތީތަކެއްފަދަ ދަތްތައް ފާޅުވެއްޖެއެވެ. އެއާއެކު ކަންބޮޑުވެފައި ރަމްލާ އެދަތްތަކަށް ބަލާލިއެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައެވެ. އޭނާ ފަހަރެއްގައިވެސް މިގޮތަށް މުޢާޒުގެ ދަތްތަކެއް ނުބަލައެވެ. އިނދެގެން އުޅޭތާ އެއްއަހަރު ދުވަސް ވީއިރުވެސް އޭނާ މުޢާޒުގެ ދަތްޕިލައެއް ނުދެކެއެވެ. އެހެން ނަމަވެސް ތިންވަނަ ބައްދަލުވުމުގައި އޭނާއަށް ޔާދިރުގެ ދަތްޕިލާ ފުރިހަމައަށް ފެނިއްޖެއެވެ. ހީނލާއިރު އެދަތްތައް ވަރަށް ރީއްޗެވެ.

ރަމްލާ ހީކުރަނީ އަހަންނަނީ ރީތި އަންހެން ކުއްޖަކު ހަމަލޮލަށް ފެންނައިރަށް އެކުއްޖަކުދެކެ ލޯބިވާފާޑުގެ މީހެއްކަމުގައި ހެއްޔެވެ. ހުނަރުވެރި ޢާޝިޤެއް ކަމުގައި ހެއްޔެވެ. ޔާދިރު އާދައިގެ ބަހުރުވައިން ބުންޏެވެ.

ރަމްލާގެ ހިތް ތެޅިގަތެވެ.

އަހަރެން ވިސްނަމުންއައީ އެގޮތަށެވެ. އެކަމަކު އެޚިޔާލުގައި ހުރެގެން ފަހަރެއްގައިވެސް އަހަރެން އޭނާގެ މޫނަކަށް ނުބަލަމެވެ. މިކަން އޭނާއަށް އެނގުނީ ކިހިނެތްބާވައެވެ. ރަމްލާ ފައިގެ ބޮޑުވާ އިނގިލިން ދޫލައިގާ ކޮށްޓަން ފަށައިފިއެވެ. އެއްވެސް ޖަވާބެއް ނުދެއެވެ.

ޔާދިރު ދެވަނަ ފަހަރަށް ބުންޏެވެ.

[ތެދެކެވެ. އަހަންނަށް ރަމްލާ ފެނިއްޖެއެވެ. އަދި ރަމްލާދެކެ..... އެކަމަކު އަހަންނަކީ ހުނަރުވެރި ޢާޝިޤެއް ނޫނީމެވެ.] މިފަހަރު ޔާދިރު އާދައިގެ ބަހުރަވައިން ރަމްލާއާއި މުޚާޠަބު ކުރިއެވެ.

ހަމައެވަގުތު ޖައްޔިދާ ތަބަކެއް ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ރަމްލާ ދެއަތް އުނގުމަތީގައި ބާއްވައިގެން އިސްޖަހާލައިގެން އިނެވެ.

[ދެމީހުން ހިމޭންވެފައި އަނގައިންވެސް ނުބުނެ ތިޔަތިބީ ކީއްވެގެން ހެއްޔެވެ.] ޖައްޔިދާ ކުޑަމޭޒެއް ދަމާލާފައި އޭގެ މަތީގައި ތަބައް ބަހައްޓަމުން ބުންޏެވެ.] ކޮފީ ތައްޔާރު ވަންދެން ކޮންމެވެސް އެއްޗެއް ކާލާށެވެ.]

[ރަމްލާއެވެ. އަނގައިން ބުނުނެ ތިޔައިނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެވެސް ވާހަކައެއް ދައްކަބަލާށެވެ.] ދެން ޔާދިރުއާއި ދިމާއަށް ބަލާލިއެވެ.

[ޙައިރާންވާ ފަދަ ކަމެކެވެ. މިހާރީތި އަންހެން ކުއްޖަކު ކުރިމަތީގައި އިންއިރުވެސް އިންނެވީ، ތައްބައްދައިގެން ތޯއެވެ. މީގެ ކުރީގައިވެސް ޔާދިރުގެ ކުރިމަތީ އަންހެން ކުއްޖަކު ބައިންދައިފިއްޔާ ހީވާނީ އަނގައިން މާތަކެއް އޮހޭހެންނެވެ.]

[ބައެއް އަންހެން ކުދިންގެ ކުރިމަތީގައި މަންމަނަކަށް ވެގެން އިންނަންވެސް ޖެހެއެވެ.] ޔާދިރު ސުއްޓާ ދަމާލަމުން ބުންޏެވެ.

[ދޮގެކެވެ. ތިޔަކަހަލަ ދޫހެލޭ ފިރިހެނަކު އެއްވެސް އަންހެން ކުއްޖެއްގެ ކުރިމަތީގައި ތައްބައްދައިގެން ނުއިންނާނެއެވެ.]

[ހުރިހާވެސް ކަމަކީ ޖައްޔިދާގެ މަޑުމައިތިރި ރަޙްމަތްތެރިޔާގެ މިޒާޖެވެ. އަހަންނަކީ އަނގަގަދަ މީހެކެވެ. ފަހަރެއްގައި ނުސިޔާނު ގޮތަކަށް އަހަރެންގެ އަނގައިން ނުކުންނަ ޖުމްލައަކާ ހެދި އޭނާ ރުޅިއަތުވެދާނެއެވެ.]

[އަޅުގަނޑުގެ ރަޙްމަތްތެރިޔާއަކީ ތިޔަކަހަލަ ކުއްޖެއްނޫނެވެ. އަޅުގަނޑު ކުޑައިރުއްސުރެ އޭނާ ދަންނަމެވެ.] މިހެން ބުނެފައި ޖައްޔިދާ ބޭރަށް ނުކުމެއްޖެއެވެ.

ބިރުން އިނދެ ރަމްލާ ޔާދިރުގެ މޫނަށް ބަލާލިއެވެ. އޭނާ ލޯބިން ފުރިފައިވާ ގޮތަކަށް ބަލަހައްޓައިގެން އިނެވެ. ޖައްޔިދާ ހުންނައިރު އޭނާ ބަލަނީ މުޅިން އެހެން ގޮތަކަށެވެ. އެހެން ނަމަވެސް ޖައްޔިދާ ހަމަދިއުމާއެކު އޭނާގެ ލޮލުގެ ސިފަ ބަދަލުވެގެން ދެއެވެ. މިގޮތަށް އޭނާ ބެލުމުން ރަމްލާ އުފާވެސް ވެއެވެ. އެހެން ނަމަވެސް އޭނާގެ އެތެރެހަށީގައި ކުށްވެރިކަމުގެ ރާޅުބާނީ އުފެދެން ފަށައެވެ. ޔާދިރުއަކީ އޭނާގެ ރަޙްމަތްތެރިޔާގެ ފިރިމީހާއެވެ. އެމީހާއާއެކު އޭނާ ފީކޯތް ކުޅެނީއެވެ.... ނުވަތަ އެކަމަށް ތަރްހީބު ދެނީއެވެ. ކިހާ ނުބައިކަމެއް ހެއްޔެވެ؟......

ރަމްލާ ތެދުވެލާފައި ތަށްޓަށް ސޭންޑްވިޗެއް ލިއެވެ. އެއާއެކު ޔާދިރު އޭނާގެ ތަށި ދިއްކޮށްލާފައި ބުންޏެވެ. [އަހަރެންގެ ތަށްޓަށްވެސް ކޮންމެވެސް އެއްޗެއް ވައްޓާލަ ބަލާށެވެ.]

ރަމްލާ ސޭންޑްވިޗް އަޅާފައިހުރި ތަށިނަގާ ދިއްކޮށްލިއެވެ. އޭނާ އަމިއްލައަށް ނެގުމަށްޓަކައެވެ. އެހެން ނަމަވެސް އޭނާ ލޮލުގެ އިޝާރާތުން ނޫނެކޭބުނެ އިންކާރު ކޮށްފައި ބުންޏެވެ. [ރަމްލާގެ ތަށްޓަށްލީ އެތިކޮޅު އަހަރެންގެ ތައްޓަށް ލައިދޭށެވެ. އަހަރެން ކާނީ ހަމަ ތިޔަ އެތިކޮޅެވެ. އެހެން އެކައްޗެއްވެސް ބޭނުމެއްނޫނެވެ.]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން