ރިޒުޤު ތަނަވަސްވުމަށް އެދޭނަމަ އާއިލީ ގުޅުންދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ
ރިޒުޤު ތަނަވަސްވުމަށް އެދޭނަމަ އާއިލީ ގުޅުންދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ
ރިޒުޤަކީ ﷲ ދެއްވާ ހުރިހާ ނިޢުމަތް ތަކެވެ. ﷲ ރިޒުޤު ނުދެއްވާ އެއްވެސް މަޚްލޫގެއް ނުވެއެވެ. ރިޒުޤުގެ ތެރޭގައި މުދަލާއި، ދަރިންނާއި، ސިއްޙަތާއި، ކާއެއްޗިއްސާއި، ވަގުތާއި، ބުއްދި އާއި، ގުދުރަތީ ވަސީލަތްތަކާއި އަދި ދިރިހުރުން ވެސް ހިމެނެ އެވެ. އަޅުގަނޑުމެން ވިސްނަންވީ ކަމަކީ ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރިޒުޤުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި އެ ރިޒުޤު އިތުރުވާނެ ގޮތްތައް ހޯދައިބަލައި އެކަންތައްތަކަށް އަމަލުކުރުމަށެވެ. ކޮންމެ މީހަކު ވެސް ރިޒުޤު އިތުރު ވާން އެދޭނެ އެވެ. ނަމަވެސް ބައެއްމީހުން ރިޒުޤު އިތުރުވާން އެދެނީ ހަމައެކަނި ދުނިޔޭގެ އުފަލަށްޓަކައިއެވެ. ހަމައެކަނި މިދުނިޔޭގެ އަރާމާއި އުފާ ލިބިގަތުމަށްޓަކައެވެ.

އަޅުގަނޑު ލިޔަން މި އުޅޭ ރިޒުޤު އިތުރުވާ 6 ގޮތަކީ އާޚިރަތަށްޓަކައި މަސައްކަތް ކުރާ ކޮންމެ މީހަކަށްމެ ރިޒުޤު އިތުރުވާނެ ގޮތްތަކެވެ. މި ގޮތަށް ރިޒުޤު އިތުރު ވާނީ އެމީހެއްގެ އިޚްލާސްތެރިކަން ހުރި މިންވަރަކުންނެވެ. މުސްލިމުންނަށް ރިޒުޤު އިތުރުވާ 6 ގޮތެއް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާލާ ނަމެވެ

1-ތަޤްވާ ވެރިވުން

އެންމެ ފުރަތަމަ ކަމަކީ ތަޤުވާވެރި ވުމެވެ. ތަޤުވާ ވެރި ވުމަކީ ﷲ އަށް ބޯލަނބައި ކިޔަމަން ވުމެވެ. ﷲ ކަމަކަށް އަމުރު ކުރައްވާފައިވާ ނަމަ އެކަމެއް އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭނެ އެވެ. ކުރުމުން ނޫނީ އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުލިބޭނެ އެވެ. ﷲ ގެ ވަޢުދު ފުޅަކީ ޙައްޤު ތެދެވެ. އެހެން ކަމުން އަޅުގަނޑުމެން ރިޒުޤު އިތުރުވެ ކާމިޔާބު ބޭނުން ނަމަ ﷲ އަށް ބޯލަނބައި ކިޔަމަން ވާން ވާނެ އެވެ. އައްޠަލާޤް ސޫރަތުގެ 2 އަދި 3 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. " އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ.) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެ އެވެ. އަދި ހީވެސް ނުކުރާފަދަ ގޮތް ގޮތުން އެކަލާނގެ އޭނާ އަށް ރިޒުޤު ދެއްވާނެތެވެ. "

2- ﷲ އަށް ވަކީލު ކުރުން

ﷲ އަށް ވަކީލު ކުރުމަކީ ގަދައަޅާ މަސައްކަތް ކުރުމުން އެމީހަކަށް އެންމެ ރަނގަޅު އެއްޗެއް ﷲ ދެއްވާނެ ކަމަށް ޤަބޫލުކޮށް އެގޮތަށް ޢަމަލު ކުރުމެވެ. އައްޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި ﷲ އަށް ވަކީލު ކުރާ މީހާ (ދަންނާށެވެ.) ފަހެ، އޭނާޔަށް އެކަލާނގެ ފުދެ އެވެ. ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަ ކުރައްވާ ރަސްކަލާނގެ އެވެ."

3- ސަދަގާތް ކުރުން / އެހީވުން

ބަޤަރާ ސޫރަތުގެ 245 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާ ހުށީ) ކާކު ހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، ﷲ، އެދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށްދެއްވާނެތެވެ. ރިޒުޤު ދަތި ކުރައްވަނީ އަދި ތަނަވަސް ކުރައްވަނީވެސް ﷲ އެވެ. އަދި، ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާ ހުށީ ހަމައެކަލާނގެ ޙަޟުރަތަށެވެ." ﷲ އަށްޓަކައި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވާ މީހާ އަށް އެމީހަކު ހީވެސްނުކުރާފަދައިން އެމީހެއްގެ ރިޒުޤު އިތުރު ވެގެން ދެ އެވެ. ރިޒުޤު އިތުރު ވުމަށް އެދިގެން މީހުންނަށް އެހީތެރިވާކަށް ނުވާނެ އެވެ. އެކަމަކު މީހުންނަށް އެހީތެރި ވާންވާނީ ﷲ ގެ ޘަވާބާއި ދަރުމަ އަށް އެދިގެންނެވެ.

4- ﷲ އަށް ޝުކުރު ކުރުން

ﷲ އަށް ޝުކުރު ކުރުމަކީ ﷲ ދެއްވާފައިވާ ހުރިހާ ނިޢުމަތް ތަކަށް ޝުކުރު ކުރުމެވެ. ތިމަންނާ އަށް ވުރެ މަތީގައި އުޅޭ މީހުންނަށް ބަލާނަމަ ގިނަފަހަރު ޝުކުރު ނުކުރެވޭނެ އެވެ. ޝުކުރު ކުރެވޭނީ ތިމަންނާ އަށްވުރެ ދަށްފެންވަރުގައި އުޅޭ މީހުންނަށް ބަލައިގެންނެވެ. ކޮންމެ ދުވަހަކު ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރަން ޖެހޭނެ އެވެ. ޝުކުރު ކުރުމުން ނޫނީ އެމީހަކަށް މިހާރު ލިބިފައިވާ ނިޢުމަތްތައް އިތުރެއްނުވާނެ އެވެ. ޝަކުވާކޮށް ނުފުދިގެން އުޅޭނަމަ އެމީހެއްގެ ޙާލަތު އިތުރަށް ގޯސްވެގެން ދާނެ އެވެ. އިބްރާހިމް ސޫރަތުގެ 7 ވަނަ އާޔަތުގެ މާނައިގައި ވަނީ "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެ ނަމަ (ދަންނާށެވެ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަ ވެގެންވާ ކަން ކަށަވަރެވެ."



5- އިސްތިޢުފާރު ކުރުން

އިންސާނާ އަކީ ފާފަ ކުރެވޭ މީހެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ފާފަ ފުއްސެވުމަށް އެދެންވާނެ އެވެ. ފާފަ ފުއްސެވުމަށް އެދުމުން ﷲ އެމީހާގެ ފާފަތަށް ފުއްސަވާ ދެއްވާ ރިޒުޤު ތަނަވަސް ކޮށްދެއްވަ އެވެ. ނޫހް ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް މާނައިގައި ވެއެވެ. "ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފަފަ ފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަނލާނގެ ތިޔަބައި މީހުންނަށްޓަކައި ބަގީޗާތަށް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."

6- އާއިލީ ގުޅުން ބަދަހި ކުރުން

އާއިލީ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިވެ ހާލު އަހުވާލު ބަލާ ޒިޔާރަތްކޮށް ހަދިޔާ ބަދަލުކޮށް ހަދަންވާނެ އެވެ. ޢާއިލީ ގުޅުން ބަދަހި ކުރުމުން އެމީހާގެ ރިޒުޤު ތަނަވަސްވެ އުމުރު ދިގު ވެއެވެ. ސަޙީހް މުސްލިމް ގެ 32 ވަނަ ފޮތުގެ 6203 ވަނަ ހަދީޘުގެ މާނައިގައި ވެއެވެ. "ރިޒުޤު ތަނަވަސްވެ އުމުރު ދިގުވާން އެދޭ މީހާ އާއިލީ ގުޅުން ދަމަހަޢްޓާށެވެ." ރިޒުޤު ތަނަވަސް ވުމަށް އެދެންވާނީ އާޚިރަތުގެ ކާމިޔާބީ ޙާސިލު ކުރުމަށްޓަކައި މިދުނިޔޭގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައެވެ. މިދުނިޔެ އަކީ ފަނާވެދާނެ ތަނެއްކަމާއި ދެން އަންނަ ދުނިޔެއަކީ އަބަދަށް ދެމިތިބެނިވި ތަނެއްކަން ހަނދާންކޮށްގެންނެވެ.

ލިޔެދެއްވާފައިވަނީ: ޢާއިޝަތު ނަހްލާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން