މާލޭގައި ބިިދޭސީން ދިރިއުޅޭ ތަނެއް
މާލޭގައި ބިިދޭސީން ދިރިއުޅޭ ތަނެއް
ރީކޯ މޫސާމަނިކުވެސް އަޅުގަނޑުމެންވެސް މިދައްކަނީ އެވާހަކައެވެ. އެއްގޮތަކަށް ވެސް މިގައުމަށް ބިދޭސީންގެފަރާތުން ފައިދާ ތަކެއް ނުވާ ވާހަކައެއް ނޫނެވެ. އަދި މިޤައުމަށް އެމީހުންގެ ޚިދުމަތް ބޭނުން ނުވާ ވާހަކައެއްވެސް ނޫނެވެ. އަދި މިވާހަކަ މިދައްކަނީ އެމީހުންނާއިމެދު އިންސާނިއްޔަތުކަން ނެތިގެންނެއްވެސް ނޫނެވެ.

މިއަދު ނިކަން ބައްލަވާށެވެ. މި މާލޭގައި ނުރައްކާތެރި ރޯގާ ބަލިމަޑުކަމެއް މިވަނީ ފެތުރެން ފަށާފައެވެ. މިއަދު ފެންނާން އޮތް ހަގީގަތަކީ އަދި ހިސާބުން އެދައްކަނީ މި ބަލިމަޑުކަމުގެޝިކާރައަކަށް ވަމުންދާ މީހުންގެ ތެރޭގައި މި މާލޭގައި އުޅޭ ބިދޭސީންގެ އަދަދު ގިނަކަމެވެ. އެއްގޮތަކަށް ވެސް މިދަންނަވަނީ އެމީހުންގެ ފަރާތުން ބަލިމަޑުކަން މިގައުމަށް އައިވާހަކައެއް ނޫނެވެ. އަދި އެމީހުން ބަޔަކަށް ބަލި ޖެއްސި ވާހަކައެއްވެސް ނޫނެވެ. ފަހަރެއްގައި އެމީހުންނަށް ބަލި ޖެހުނީ ދިވެއްސެއްގެ ކިބައިން ބަލި އައިސް ފެތުރިގެން ކަމަށްވެސް ވެދާނެއެވެ. އެއީ އެއްވެސް މީހަކަށް މިހާތަނަށް ބުނަން ނޭނގޭ ކަމެކެވެ.

އެކަމަކު ރީކޯ މޫސާ މަނިކުވެސް އަޅުގަނޑުމެންވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން މިއުޅެނީ ހަމަ އެއްކަމެކެވެ. މިއަދު ފުލުހުން އެވިދާޅުވީ މާލޭގައި ބިދޭސީން ދިރިއުޅޭ 18 ތަނެއް އެމީހުންގެ ބެލުމުގެ ދަށުގައި ހުރި ވާހަކައެވެ. އެތަނުގައި 830 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ވާހަކައެވެ. އެހެންވެއްޖެއްޔާ އެވްރެޖްކޮށް އެއިން ތަނެއްގައި 46 މީހުންނަށްވުރެ ގިނައިން ދިރިއުޅެމުން ގެންދާނެއެވެ. ދެން އެމީހުންގެ ނިދުމާއި ކެއިން ބުއިމާއި ގައިންތާހިރުވުން ފަދަ ޒަރޫރީ ކަންކަން އެތަންތަނުގައި ހުންނާނެ ގޮތާއިމެދު ފިކުރު ހިންގާލާފައި ރީކޯ މޫސާ މަނިކު އެ ވިދާޅުވާ އެއްޗަކާމެދު ވެސް އަޅުގަނޑުމެން މިދަންނަވާ ވާހަކައަކާއި މެދު ވެސް ވިސްނާލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.

ކޮރޯނާވައިރަހުގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަން މި ގައުމާއި އަރާ ހަމަކުރަމުން ދިޔައިރު އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ޔޫސޭވެސް ދެއްކެވީ ހަމަ މިވާހަކައެވެ. ޔޫސޭ އެމީހުން އުޅޭ ތަންތަނަށް ވަޑައިގެން އެމީހުން އުޅެމުން ގެންދާ މާހައުލު ވީޑިއޯކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތް ކުރެއްވިއެވެ. އެމީހުންނަށް އެކަން ވިސްނާދެއްވޭތޯ ވެސް މަސައްކަތް ކުރެއްވިއެވެ.

ރީކޯ މޫސާ މަނިކުވެސް ޔޫސޭވެސް އަޅުގަނޑުމެންވެސް މި ކިޔަނީ ހަމަ އެއް ވާހަކައެކެވެ. އެއް ލަވައެކެވެ. ތަފާތަކީ އެވާހަކަ ދައްކާ ގޮތާއި ހާލަތާއި ތަނެވެ. ކޯވިޑް-19 ގެ ނުރައްކާތެރި ބިޔަ ރާޅު މި މާލެއަށް ބިންދާލައިފިއްޔާ އެންމެ ނުރައްކާތެރިވާނީ މިދެންނެވި ކުދިކުދި ތަންތަންކޮޅުގައި ގުޅަޖެހިގެން އެއުޅޭ ބިދޭސީންނަށެވެ. އެމީހުންގެ ތެރެއިން މީހަކަށް ބަލި ޖެހިއްޖެއްޔާ ބަލި ފެތުރިގަންނާކަށް ހިނދުކޮޅެއްވެސް ނުނަގާނެ ކަމުގެ ވާހަކަ މޫސަވެސް ޔޫސޭވެސް އަޅުގަނޑުމެންވެސް ދެއްކީ އެމީހުންނަށް ބަދު ބަހެއް، ނިކަމެތި ބަހެއް ބުނުމުގެ ނިޔަތަކު ނޫނެވެ. އެމީހުން އެނުރައްކަލަށް ހުށަހެޅިގެން ދިއުމުން ވާނެގޮތް ކޮންމެވެސް ވަރަކަށް ތަސައްވަރު ކުރެވޭތީއެވެ.

ރީކޯ މޫސަ ވިދާޅުވީ ކަން އޮތްގޮތަށް ހަމަ ތެދަށެވެ. ގަސްތުގައި ނޫނަސް އަދި ގަސްތުގައި ވިޔަސް، އެނގިގެން ވިޔަސް އަދި ނޭނގިވިޔަސް މިދެންނެވި ބޮނޑިވެގެން، ގުޅަވެގެން ކުދިކުދި ހާލި ތަކުގައި އުޅޭ ބިދޭސީން "ބަލި ފަތުރަމުން ދުވަނީއެވެ." ރީކޯ މޫސަ ސިފަކުރައްވަނީ އެގޮތަށެވެ.

މޫސަ ވެސް އެވިދާޅުވަނީ އެމީހުންގެ ތެރެއިން މީހަކަށް ބަލި ޖެހުނީމާ ދެންތިބި މީހުން އަތުނުވަން ފިލަން ދުވާ ވާހަކަ ކަމަށް ގަބޫލުކުރެވެއެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ އެއްވެސް ލިޔެ ކިޔުމެއް ނެތި ކާކުކަން ވެސް ނޭނގޭ ހާލުގައި އުޅޭ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން އައީ މައިންބަފައިގެން ގެދޮރާއި މުދާކޮޅާއި މަންމަގެ ފައްޓަރުބައިވެސް ވިއްކާލާފައި ދެކޮޅުގެ އޭޖެންޓަށް އެތައް ހާސް ޑޮލަރެއް ދައްކައިގެންނެވެ. ރާއްޖެ ގެނައި މީހާ ނުވަތަ ކުންފުނި މިހާރު ވުޖޫދަކުވެސް ނެތެވެ. އަނެއް ބަޔަކު ތިބީ އަނބިދަރިންނާއި އާއިލާ ބަލަހައްޓާން ކޮންމެ ހާލެއްގައި ވެސް މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން އައިހެވެ. އެމީހުން ރަށަށް ދާކަށް ބޭނުން ނުވެއެވެ. ގޮސްގެން ކުރާނެ ކަމެއްވެސް ނެތެވެ. ރަށުގައި އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ. އެހެންވީމާ މިތާގައި ބަރި ޖަހައިގެން ޑިއުޓީ ބަހައިގެން ނިދާން ޖެހުނަސް އެމީހުންނަކަށް އެއްވެސް މައްސަލައެއް ނެތެވެ.

އެކަމަކު މިކަން ބަލަން ޖެހޭ، ޒިންމާ ވާން ޖެހޭ ބަޔަކު ކޮންމެ ސަރުކާރެއްގައި ތިބޭނެއެވެ. އެމީހުންނަށް މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ކަންކަން ސަރުކާރުން ކޮށްދެއެވެ. އެމީހުންނަށް ވެސް އެހުރިހާ ޚަރަދެއް ކުރަނީ ހަމަ ރައްޔިތުންގެ ފައިސާއިންނެވެ. އެކަމަކު އެމީހުން މިއަދާއި ޖެހެންދެން ވެސް އެކަން ކުރާންވީ ގޮތަށް ނުކޮށް ލޯމަރާލައިގެން، ފެންނަތަންވެސް ނުފެންނަ ކަމަށް ހަދައިގެން ތިބީއެވެ. ރީކޯ މޫސައާއި ޔޫސޭއާއި އަޅުގަނޑުމެން މިދައްކާ ވާހަކަ، މިކިޔާ އެއްޗެއް ފަހުމް ނުވާތީއަކީ ނޫނެވެ. އަދި އެކަން ނުކުރާން ކޮންމެހެން ތިބެނީ ނޫންކަމަށް ވެސް ވެދާނެއެވެ. އެހެންޏާ އެވެރިންގެ ދިއުޅި ދިގީއެވެ. ނޫނީވިއްޔާ މިކިޔާހެން ފަހަތު ފަޔަށް މާ ބޮޑަށްވެސް ބުރައީއެވެ. ނޫނިއްޔާ އަވަށްޓެރި ގައުމުގެ މީހުން މިކިޔާހެން ހަމަ "ކާމް ޗޯރު" ހަދައިގެން ތިބެނީއެވެ. މިއިން ކޮންމެވެސް އެއްގޮތެއް އެބަވެއެވެ. އެހެން ނޫންނަމަ 18 ތަނެއްގައި 830 އަށްވުރެ ގިނަ މީހުން ދިރިއުޅުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ.

ހަގީގަތުގައި މިއަދު ބިދޭސީންގެ މެދުގައި މި ބަލިމަޑުކަން ފެތުރި ގިނަ ބަޔަކަށް ބަލި ޖެހެން ދިމާވީ އެމީހުން އެ މާހައުލުގައި ދިރިއުޅެން ދޫކޮށްލައިގެން ވަރިހަމަ ކޮށްލައިގެން ތިބީމައެވެ. އެފުރުސަތު ފަހިކޮށްދީފައި އޮތީމައެވެ. ކުޑަ މުސާރައެއް ދީގެން ގެންގުޅެވޭތީ ފިހާރަ ފުރެންދެން ބިދޭސީން ގެނަސް ކުދިކުދި ތަންތަން ކޮޅުގައި އެމީހުން ނިންދަވައިގެން ގެންގުޅޭ ފަރާތްތައްވެސް މިޒިންމާއިން އިސްތިސްނާވެގެން ނުވާނެއެވެ.

ޔޫސޭ ހަމަ ވިދާޅުވާހެން މާލެއަށް މިފަދަ ރޯގާބަލިމަޑުކަމެއް އަރައިގެން އެމީހުންގެ މެދުގައި ފެތުރެން ފެށީމާ ވާނެގޮތް ނޭނގޭ އެއްވެސް ބަޔަކު ނޫޅެއެވެ. އެހެންވީމާ އެމީހުންނަށް މިބަލި ފެތުރޭން ދުކޮށްލީ އެކަން އެގޮތަށް ވާނެކަން ނޭނގިގެނެއް ނޫނެވެ. ޕަބްލިކް ހެލްތާ ބެހޭ ގާނޫނުގައި އެންމެންނަށް ހަމަހަމަކޮށް ކަންކުރާން އޮތަސް ކަމާބެހޭ ފަރާތްތަކަށް މިފަހަރު މިއޮތީ އެގޮތަށް ކަން ނުކުރެވިފައެވެ. ނޫނީ ފަރުވާ ކުޑަކުރުމުގެ ސަބަބުން، އިހުމާލުން އެކަން ނުކޮށެވެ. އެހެންވީމާ މިކަމުގައި ޒިންމާވާންޖެހޭ ކަމަށް ގާނޫނު ތަކުގައި ބުނާ ބަޔަކާއި މެދު ރަނގަޅު ތަހުގީގެއް ހިންގައި އެމައްސަލަ ބަލާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ކިބައިގައި މިހުންނަ ސިފައަކީ ކުރެވޭ ކަމަކުން ނުވަތަ ވެވޭ އިހުމާލަކުން ނުބައި ނަތީޖާއެއް ނުކުތީމާ ދެން އެކަމެއް ރަނގަޅު ކުރާން މަސައްކަތް ކުރާން އުޅޭނިއްޔޭ ބުނުމެވެ. އެއީ 21 ވަނަ ގަރުނުގައި ގަބޫލުކުރަން ދަތި ކަމެކެވެ.

ކަންކުރަން ޖެހޭ ގޮތާއި ކަންކުރާންވީ ގޮތް ގާނޫނުތަކުގައި ހުރީ ހަމަ ރަނގަޅަށް ލިޔެފައެވެ. ކަންކުރާން ވީ މީހުން ތިބީ މަގާމުތަކުގައެވެ. ދެން އޮތީ ކަންކުރާންވީ ގޮތް މިގައުމުގެ ބަޔަކަށް ނޭނގެންޏާ އެކަން ދަންނަ ބަޔަކު ބޭރުން ގެނަސްގެން ވެސް ކަން ކުރާން އޮންނަ ގޮތަށް ކުރުމެވެ.

ކޯވިޑް-19 ގެ ބިރުވެރިކަން މިއޮތީ އިންތިހާއަށް ފެތުރިފައެވެ. ކަމާބެހޭ ފަރާތްތަކުން ވެސް މިއަދު އެންމެ ބޮޑަށް ސަމާލުވާން އެދޭ އެއްކަމަކީ ގެއާއި ހަމައަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ފޯރުވައިދޭ މީހުންނާ މެދުގައެވެ. މިމާލޭގައި ބިދޭސީން ދިރިއުޅޭ ގޮތާއި އެމީހުންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު މިހާރު އެއީ އެއްވެސް ފަރާތަކަށް އޮޅިފައިވާ ކަމެއްނޫނެވެ. އެކަމަކު ފިހާރައިގައިވެސް އެއްކަލަ މާހައުލުގައި އުޅޭ ބިދޭސީ މީހާއެވެ. ފިހާރައަށް އޯޑަރު ކުރުމުން ގޭދޮށަށް ހިފައިގެން އަންނަނީ ވެސް އެތަނުގައި އުޅޭ ބިދޭސީ މީހާއެވެ. އޯޑަރުކުރާ ކާއެތިކޮޅު ކަންކަން ހުރީވެސް އެއްކަލަ ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ ބިދޭސީ މީހާއެވެ. އެ ހިފައިގެން އަންނަނީވެސް އެތަނުގައި އުޅޭ ބިދޭސީ މީހާއެވެ.

ގޭގައި ބަންދުވެގެން ތިއްބެވުން ނޫން ފަރުވާއެއް މިބައްޔަކަށް ނެތެވެ. އެކަމަކު ހުރިހާ ކަމެއް ގުރުބާން ކޮށްފައި ބަންދުވެގެން ތިބޭއިރު ގައިދުރުކޮށްގެން އުޅޭއިރު މިބަލި ގެއަށް ވަނަ ނުދީ ވޭތޯ ވަރަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު


8

ނީނާ

28-Apr-2020

ތިހުރިހާ ކަމެއް ކުރުމުގެ އަޑީގައި ތިބެނީ މަޖިލިސް މެންބަރުންނާ އަދި ސަރުކާރުގެ ބޮޑުން. މީހަގީގަތަކީ.


12

މަމެން

28-Apr-2020

ނުވަންޏާ ޔާމީންއާ ވެރިކަން ހަވާލް ކޮއްލާ. އޭރުން ތިހުރިހާ ކަމެއް ހަމަޔަކައް އަޅުވާލާނެ... ތަމެންނަކައް ނުވިއެއްނު


6

އަލީ

28-Apr-2020

ކަލޯ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް. ހައްލެއް ކިޔާދީފަ ނެތްތާ ހައްލު ހޯދަންއިތުރު ބިދޭސީން ގެންނަ ވަހަމަވެސް. އެބައޮތް. ހާލި އޭކޮޔަކިޔާފައި ވަކިހިސާބަކުން އެމީހުންކޮށްދޭ ހިދުމަތްތައް ބުނެދޭން ފެށުމާއެކު ހާލި މާހައުލަށްވެސް ބަދަލުވެއްޖެ.


-1

ޙިސާން

27-Apr-2020

މިހާތަނައް ދިވެހި ރާއްޖޭގަ ތިމީހުން ތިގޮތައް އުޅޭކަން ފުލުހުންނާއި ހެލްތު މިނިސްޓްރީ މީހުނަައް ރަގަޅައް އެގޭ މިދިވެހިރާއްޖޭގަ ހަށިވިއްކުމުގެ ވިޔަފާރި އާއި މަސްތުވާތަކެތީގެ ވިއަފާރިވެސް ކުރަނީވެސް އެމީހުން ކަޑައެޅިގެން އެގޭ މިހާރު ދެންކޯޗެއް ތިކިޔަނީ ދިވެހިން އެއް ކޮޓަރިއެއްގަ ގިނަމީހުން އުޅެންޔާ ހެލްތުން ބަރާ ބަރައް ބެލޭ ހަދާ އިމާރާތެއްގަ މަދިރި އުފެދޭ ތަނެއް ހުރެއްޖިއްޔާ އެތަން ނައްތާލެވޭ... ހެލްތު މިނިސްޓްރީގެ އުޅޭ މުސްކުޅި އަންހެނުން އިދެގެން އުޅެނީ ބަންގާޅީނާ އެހެން ބިދޭސީ އޭ ތިކިޔަނީ...


15

ޜަށުމީހާ

27-Apr-2020

ދެންވެސް މަނަވަރެއް ގައިވިޔަސް ކާގޯބޯއްޓެއްގައިވިޔަސް އެމީހުން އެމީހުންގެ ގައުމަށް ފޮނުވަންވީ..


13

އާސިފް

27-Apr-2020

މިވެސް ގައިމު ދުނިޔަެގެ މުއާޙަދާތަކުގައި ބައިވެރިވެގެން ތިބެ ޑިމޮކްރަސީ ވެރިކަމެއް ހިންގާ، ރައްޔިތުންގެ ވެރިކަމެއް ކުރަމުން އަންނަ ގައުމެއް ވިއްޔަ. މިހާހިސާބަށް ކަންތައް ދިޔައިރު ކަހާލިތަން ހިރުވާ އެކަކުވެސް ނެތް. އިންތިހާއަށް ދެރަވޭ



ޓްރެންޑިން