25 ފެބްރުއަރީ 2020 - 9:9
މިއަދަކީ ޞަފޫރާއާއި އޭނާގެ ފިރިމީހާ ޝަފީޤު، އެތައް އަހަރެއް ވަންދެން ރަށުން ބޭރުގައި ދިރިއުޅުމަށްފަހު، އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅާއެކު އެމީހުންގެ އުފަން ރަށް ކަމުގައިވާ ސ. ހުޅުދުއަށް ބަދަލުވި ދުވަހެވެ. ހުޅުދޫއަކީ ތިންހާހުން މަތީގެ އާބާދީއެއް އޮންނަ ރަށަކަށްވިޔަސް، އެރަށުގައި ދިރިއުޅެމުންދަނީ އޭގެތެރެއިން ވަރަށްމަދު ބައެކެވެ. އެހެންވުމުގެ ސަބަބުން އެ ރަށް ފެންނަމުންދަނީ ވަރަށް ފަޅުކޮށެވެ. އެރަށުގެ ގިނަ ޢާއިލާތައް އުޅެނީ ދަރިންނަށް ރަނގަޅު ތަޢުލީމް ހޯދައިދިނުމަށްޓަކައި މާލޭގައެވެ. ޞަފޫރާގެ ދެމަފިރިންވެސް އެމީހުންގެ ދަރިފުޅު ތާރާއަށް ތަޢުލީމް ހޯދައިދިނުމަށްޓަކައި ރަށް ދޫކޮށް، މާލެ ދިޔައީ މީގެ ހަތް އަހަރު ކުރިންނެވެ.

ގިނަ އަހަރުތަކެއް ވަންދެން އެމީހުން ރަށުން ބޭރުގައި އުޅުމުގެ ސަބަބުން ގެވެސް ހުރީ ވަރަށް ބޮޑަށް ވީރާނާވެ ފަޅުވެފައެވެ.

[އަހަރެމެންނެތި މާގިނަ ދުވަސްވީމާ ގެގަނޑު މިހިރީ ވަރަށް ބޮޑަށް ވީރާނާވެފައި. އެކަމަކު މިގޭ ބަގީޗާ ކުރިއަށްވުރެންވެސް ފުރިހަމަ. މަންމަ ދަމުން ހައްދާފައި ދިޔަ ހުވަނދުމާ ގަހާއި ހުސްނުހީނާ ގަސް ވަރަށް ވަރުގަދައަށް ހެދިފައި އެވަނީ.] ޞަފޫރާ ގޭތެރެ ސާފުކުރަމުން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ.

[ދަންވަރު މިގޭ ގޯތިތެރޭގައި ހާދަ ވަސް ރަނގަޅުވާނެއޭދޯ. ކޮޓަރީގެ ކުޑަދޮރު ހުޅުވައިގެން ނިދާލަން ވަރަށް އަރާމުވާނެ.] ތާރާ ހުވަނދުމާ ގަސް ކައިރީ ހުރެ ވާހަކަ ދެއްކިއެވެ.

[ކިތަންމެ މީރުވަސް ދުވިޔަސް، ރޭގަނޑު އެފަދަ ގަސް އަމާނެއް ނުވާނެ. ޚާއްޞަކޮށް، ހުސްނުހީނާމާ ގަސްތަކަކީ ވަރަށް ނާމާން ގަސްތަކެއް ކަމަށް ގިނަ ބަޔަކު ބުނޭ.] އޭރު ޞަފޫރާ ހުރީ ހުސްނުހީނާ ގަހުން ތިރިއަށް އެލިފައިވާ އޮފިތައް ކަނޑައި، ގަސް ރީތިކުރާށެވެ. އޭރުވެސް އެގަހުގައި ވަރަށް ގިނައިން މާ އަޅާފައި އޮތެވެ. އެހެން ނަމަވެސް، އެއީ އެކަނި ރޭގަނޑު ފޮޅޭ މަލަކަށްވުމުން ދުވާލު އޭގެ ވަހެއް ނުހުރެއެވެ.

މީހުން ދިރިނޫޅޭތާ ކިތަންމެ ދުވަސްވެފައި ވިޔަސް، އެގޭތެރެ އެހާ ނުސާފެއް ނޫނެވެ. މަންމަ ގޯތިތެރެ ސާފުކުރަމުންދާއިރު ބައްޕަ ޝަފީޤާއެކު ތާރާ ގޭތެރެ ފޮޅާ ސާފުކުރަމުންދަނީއެވެ.

[އައްސަލާމް ޢަލައިކުމް. ރަށަށް އައިގޮތަށް ހާދަ ބުރަކޮށްލައިގެން. ގެ ސާފުކުރަން އަހަންނަށް ގުޅާފައި ބުނިނަމަ.] ދޮރާށި ހުޅުވާފައި އެތެރެއަށް އެވަނީ ޞަފޫރާގެ ދައްތަ ޝާޢިރާއެވެ. ޞަފޫރާމެން ރަށަށް އައީ ޢާއިލާގެ އެއްވެސް ބަޔަކަށް ނާންގައި ކުއްލިއަކަށެވެ.

[ވަޢަލައިކުމުއްސަލާމް. އާދޭ ދައްތާ، ބަޔަކު ނޫޅޭތާ އަށްއަހަރުވީއިރުވެސް އަޞްލުގައި ގޭތެރެ ފެންނަނީ ވަރަށް ސާފުކޮށް. އަހަރެމެން އައީ ދޮރުފޮތިތަކާއި ގޮނޑީގެ ކަވަރުސެޓް ހިފައިގެން. ތާރާއާއި އޭނާގެ ބައްޕަ އެބައުޅޭ އެތެރޭގެ މަސައްކަތުގައި. ވާދާ ކޮބައިތަ. އެމަންޖެ މީހަކާ އިންނާކަށް ނޫޅޭތަ؟] ޞަފޫރާ ވަޅި ހިފައިގެން ދައްތައާއެކު އެތެރެއަށް ވަނެވެ.

[ދައްތާ....ކޮބައިތަ ވާދާ....ކީއްވެތަ އޭނަ ނައީ.....] ތާރާ ޝާޢިރާގެ އަތުގައި ހިފެހެއްޓިއެވެ.

[އޭނައަކަށް ނޭނގެޔޭ އަދި ތާރާމެން އައިކަމެއް. ބަޔަކަށް ނޭނގޭނެއެއްނު، އަންގާވެސްނުލާވިއްޔަ އައީ. އެންގިނަމަތާ އަހަރެމެންނަށް ކެއްކޭނީވެސް.] ޝާޢިރާއަށް ނާންގައި ޞަފޫރާމެން އައުމުން ޝާޢިރާ ހުރީ ހިތްހަމަނުޖެހިފައެވެ.

[އަހަރެމެން އުޅުނީ ސަޕްރައިޒެއް ދޭން. އެކަމަކު މިހިރަ އަނގަގަދަ މިތުރު އޭނާގެ ދައްތަ ގާތު ބުނި، އަހަރެމެން އަންނަ ވާހަކަ. އޭނަހުރީ ވަރަށް ރަނގަޅަށް ކައްކާފައި.] ޞަފޫރާ އޭނާގެ ފިރިމީހާއަށް ނިސްބަތްކޮށް ބުންޏެވެ.

[އަހަރެން ދައްތަ ގާތު ނުބުނިނަމަ، މިއަދު ހަތަރުދަމު އަހަރެމެން ތިބެންޖެހޭނީ ބަނޑަކަށްނު. އަހަންނަކަށް އެންމެއިރަކުވެސް ނުކައެއް ނުހުރެވޭނެ.] ޝަފީޤު ދޮރުފޮތި ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ.

[ތާރާ ކިޔަވައި ނިމި ވަޒީފާއެއް ހަމަޖެހިގެންތަ ތިއައީ މިހާރު؟]

[އާނ....މިރަށު ސްކޫލްގެ ޓީޗަރެއްގެ ވަޒީފާ ވަރަށް އަވަހަށް ހަމަޖެހޭނެހެން ހީވަނީ.] ޞަފޫރާ ބުންޏެވެ. އެއީ ޝަފީޤުގެ ދައްތަ އަމީނާ އެގެއަށް އައިސް ވަން ވަގުތެވެ. އޭނާއައީ އެމީހުންނަށް ހަވީރު ސައި ހިފައިގެންނެވެ.

[ޞަފޫރާމެން އަންނަކަން އެންގީ އަމީނާއަށްވިއްޔަ. އަމީނާ މިވެރިން ހަމަޔަކަށް އެޅެންދެން ކައްކާފައި ކާންދީ. އަހަރެން ހުންނާނަން ދެއަތް އުރާލައިގެން.] ޝާޢިރާ އެތާހުރި ގޮނޑިއެއްގައި އިށީނެވެ.

[އަހަރެން ގާތުވެސް ނުބުނަން އުޅުނޭ. އެކަމަކު ޝަފީޤު އަނގަގަދަކަމުން ބުނެވުނީއޭދޯ ޞަފޫރާ.] އަމީނާ ޞަފޫރާއަށް ދޯދިނެވެ.

ތާރާ ރަށަށް އައީ އޭނާގެ ކުޑައިރުއްސުރެ މާލެ ދިޔުމާ ހަމައަށް އަބަދު އެކުގައި އުޅުނު އެންމެ ގާތް ރަޙްމަތްތެރިޔާ ޝަހްލާއަށްވެސް ނާންގައެވެ. އަދިވެސް ތާރާ ރަށަށް އައިސް އުޅޭ ކަމެއް ޝަހުލާއަކަށް ނޭނގޭނެއެވެ. އޭނާ ބޭނުންވަނީ ރޭގަނޑު ޝަހުލާގެ ގެޔަށްދާށެވެ.

[މަންމާ އަހަރެން ވަރުބަލިވެއްޖެ. އަހަރެން މިދަނީ ފެންވަރަން. އަހަރެން ބޭނުން އިރުއޮއްސުމުގެ ކުރިން ބައެއް ގޭގެއަށް ވަދެލަން.] ތާރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ފެންވަރައި ނަލަހެދިލައިގެން ތާރާ އޭނާގެ މޯބައިލް ފޯނުން ޝަހްލާއަށް ގުޅިއެވެ.

[ޝަހޫ....ކޮންމެވެސް މީހަކު ދެންމެ ގުޅާފައި ބުނި، އަހަރެމެންގެ ގޭގެ ފުރާޅުމައްޗަށް ރުކެއް ވެއްޓުނު ވާހަކަ. ނިކަން އަވަހަށް ގޭދޮށަށް ގޮސް އަހަންނަށް ގުޅާލަބަލަ.] ތާރާ ބޭނުންވީ ޝަހްލާއަށް އޮޅުވާލައިގެން އެގެއަށް ގެންނާށެވެ.

[އެހެންތަ؟ އެކަމަކު މިއަދަކީ މާ ވައިބާރު ދުވަހެއްވެސް ނޫން. އެންމެ ރަނގަޅު...އަހަރެން ފަސްމިނެޓްތެރޭ ދާނަން. ގޮސް ގުޅާނަން.] ފޯނު ބޭއްވުމަށްފަހު ޝަހްލާ ތާރާމެންގެ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

ޝަހްލާ ތާރާއަށް ގުޅީ އެގޭ ދޮރުމަތީގައި ހުރެއެވެ. އެގެޔާ ކައިރި ސަރަޙައްދަކަށްވެސް ގަހެއް ރުކެއް ވެއްޓިފައެއް ނެތެވެ.

[އަހަރެން މިހުރީ މިގޭ ދޮރުމަތީގައި. އެއްވެސް ތާކަށް ރުކެއް ވެއްޓިފައެއް ނެތް. ކާކުތަ ދޮގު މަޢުލޫމާތު ދެނީ.] ޝަހްލާ ހުރީ ހިތްހަމަނުޖެހިފައެވެ.

[ގޭތެރެއަށް ވަދެބަލަ. ވަލުފަރާތު ކޮޓަރިއެއްގެ މައްޗަށް ކަމަށް ބުނަނީ.] މިހެން ބުނެފައި ތާރާ ފޯނު ކަނޑާލިއެވެ. ޝަހްލާ އެތެރެއަށް ވަނެވެ. އެގޭ ވަލުފަރާތަށް ނިކުންނަ ދޮރާ ދިމާއަށް މަޑުމަޑުން ހިނގައިގަތް ވަގުތު ފަހަތުން ގޮސް ތާރާ އޭނާގެ މޫނުގައި ދެއަތް އެޅިއެވެ.

[ކާކު.....؟ އަޅެ ދޫކޮށްބަލަ....ކާކުތަ؟] ކުއްލިއަކަށް ޝަހްލާގެ މޫނުމަތިން ދެއަތް ނެގުމަށްފަހު ތާރާ ނިކަން ބާރަށް ހީގަތެވެ.

[ތާރާ.....ކޮންއިރަކު އައީ!؟] އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވާފައި ޞަފޫރާއާއި ޝަފީޤުވެސް ނިކުމެއްޖެއެވެ.

[ސަޕްރައިޒްދޭ ގޮތަކީ މީ.....ހިނގާބަލަ ޝަހޫއަށް ވަރަށްގިނަ ހަދިޔާ ގެނައިމޭ......] ތާރާ ޝަހްލާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

[އެއްވެސް މީހަކަށް އަހަރެމެން ނާންގަން. ބައްޕަ އަނގަގަދަކަމުން އަމީނާއްތަ ގާތު ރޭގައި ބުނި. އެހެންވެ އަމީނާއްތަ އަހަރެމެންނަށް ކައްކައިގެން މިގެޔަށް ގެނައީ.....މިއަދު ހެނދުނުއްސުރެ ގެފޮޅައި ސާފުކުރި.....] ކޮޓަރި އެނދުގައި އިށީންނަމުން ތާރާ ބުންޏެވެ.

[އަހަރެން ގާތު ބުނިނަމަ. އަހަންނަށް ނާންގައި އައިސް ކުއްލިއަކަށް ތާރާ ފެނުމުން ކިރިޔާ އުފަލުން ގޮސް ނުވެއްޓުނީ. ކޮބާ ކަންތައްތައް ކިހިނެއް. ބިޓެއްވެސް އަދި ނުނަގަންތަ؟] ޝަހްލާވެސް ތާރާގެ ގާތުގައި އިށީނެވެ.

[ބިޓެއްދޯ؟ އަހަރެން ޢަޒުމް ކަނޑައަޅައިގެން ހުރީ ކޯސް ނިންމާފައި ނޫނީ މީހަކާ ރައްޓެހިނުވާން. ދެން ތިކަމާ ދޭތެރޭ ވިސްނަންވީ.....ކޮބައިތަ މަހާލް.] ތާރާ ފޮށި ހުޅުވިއެވެ.

[މަހާލްގެ ވާހަކަ މިހާރު ރަނގަޅީ ނުދެއްކިއްޔާ....އޭނަގެ ކަންތައް، ހައްތާ ގޯހުން ގޯހަށް ދަނީ. އޭނާ ހަމަހޭގައި ހުންނަނީ ވަރަށްމަދު ފަހަރެއްގައި. އެވަރުވީމަކާ އަހަރެންގެ މައިންބަފައިންވެސް ޤަބޫލެއްނުވާނެތާ.] ޝަހްލާ މާޔޫސްވިއެވެ.

[އެ ރީތި މީހާވެސް އަމިއްލައަށް ހަލާކުވެގަތީ. ދެން އެންމެ ރަނގަޅުވާނީ އޭނާގެ މަތިން ހަނދާންނައްތާލިއްޔާ. ކިތަންމެ ލޯބިވިޔަސް ދެން އޭނާއާ ވާހަކަ ނުދައްކާތި....] ތާރާ އޭނާ ޝަހުލާއަށް ދޭން ގެނައި ހަދިޔާ ކޮތަޅު ނެގުމަށްފަހު ފޮށި ލައްޕާލިއެވެ. އެކޮތަޅުގައި ހުރީ ހެދުންކަނޑާ ފޮތިގަނޑަކާއި ފައިވާނެއްގެ އިތުރުން ސެންޓްފުޅިއެކެވެ.

[އަހަރެން މިހާރުވެސް އޭނަ މަތިން ހަނދާންނައްތާލައިފިން. އޭނައަށް ފުރަތަމަ އަހަރެން ވަރަށް ނަޞޭޙަތްދިނިން. އެކަމަކު ތާރާއަށް އެނގޭތަ، އެންމެފަހުން އޭނާ އުޅުނީ އެމަޅީގައި އަހަރެން ޖައްސަން. އެހާ ހިސާބުން އަހަރެން އޭނާގެ ކިބައިން ސަލާމަތްވީ.] ޝަހްލާ އޭނާ މަހާލްއާ ވަކިވާން ޖެހުނުގޮތް ތާރާއަށް ކިޔައިދިނެވެ.

މަހާލަކީ ޝަހްލާއާ ލޯބީގެ ގޮތުން ގުޅުނުއިރު މުޅި ހުޅުދޫގައިވެސް ހުރި އެ ޢުމުރުގެ އެންމެ ރަނގަޅު އެއް ކުއްޖެކެވެ. އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހުނީ އޭނާއަށް ގުޅެވުނު ރައްޓެހިންތަކެއްގެ ސަބަބުން މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ.

އެކަން ޝަހްލާއަށް އެނގުމާއެކު، ޝަހްލާ އޭނާއަށް ނަޞޭޙަތްތެރިވެ ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާއަށް މުހިންމުވީ އޭނާއަކީވެސް ބޭކާރު މީހަކަށް ހަދާލި ރަޙްމަތްތެރިންނެވެ.

[ޝަހޫ....ހިނގާބަލަ، ޢާއިލާގެ ގޭގެއަށާއި ރައްޓެހިންގެ ގޭގެއަށް ޒިޔާރަތް ކޮށްލަން ދަމާ.] ތާރާ އެދުނެވެ.

[މައްސަލައެއް ނެތް...ހިނގާ ދާން.] ޝަހްލާ ތެދުވިއެވެ. ޝަހްލާއާއި ތާރާ ކޮޓަރިން ނިކުތްއިރު ސިޓިންގރޫމްގައި ޞަފޫރާއާއި ޝަފީޤުގެ އިތުރުން ޝަފީޤުގެ ދުވަސްވީ ރަޙްމަތްތެރިއެއް ކަމުގައިވާ ޞާލިޙު ތިއްބެވެ. ޞާލިޙަކީ ޝަފީޤާ އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުކުރަން އުޅުމަށްފަހު، މިހާރު ރަށުގައި ވިޔަފާރިއެއް ކުރަމުންދާ މީހެކެވެ.

[ދަރިފުޅާ....އައިސްބަލަ ކޮންތާކަށް؟] ތާރާމެން ކޮޓަރިން ނިކުމެ ހިނގައިގަތީމާ ޝަފީޤު ގޮވިއެވެ.

[އަނހަ ޞާލިޙުބެވެސް އެބައިނިންދޯ؟] ތާރާ އައިސް ޞާލިޙުގެ ކުރިމައްޗަށް ހުއްޓި ޞާލިޙާ ސަލާމްކޮށްލިއެވެ.

[އަހަރެމެން މިދަނީ އިރުއޮއްސުމުގެ ކުރިން، ހުރިހާ ގެއަކަށް ވަދެލަން ކަމަށް. އަންނާނަން ވަރަށް އަވަހަށް.] ތާރާ ހިނގައިގަތެވެ.

ތާރާމެން ފުރަތަމަ ދިޔައީ އޭނާގެ މަންމަ ފަރާތު ބޮޑިދައިތަ ޝާޢިރާމެން ގެޔަށެވެ. އޭރު އަދި ޝާޢިރާ ގެޔަށް ނާދެއެވެ. ގޭގައި ހުރީ ޝާޢިރާގެ ދަރިފުޅު ވާދާ އެކަންޏެވެ. ކުއްލިއަކަށް ތާރާ އައިސް ވަނީމާ ވާދާގެ ދެލޯ ބޮޑުވިއެވެ.

[ތާރާ.....ކޮންއިރަކު އައީ....ހާދަ ހެއްވައޭ....އަންގާވެސްނުލާ ތިއައީ...] ވާދާ ތާރާގެ ކޮނޑުގައި އެލިގަތެވެ.

[ހެނދުނު އައީ....ހެނދުނުއްސުރެ ހަވީރު ވަންދެން ގެޔާއި ގޯތިތެރެ ސާފުކުރީ....ވަދީޢުބެ ކޮބާ؟] ތާރާ އެގޭ ނިވަތްދަށުގައި އެލުވާފައި ހުރި އުނދޯލީގައި އިށީނެވެ.

[އަށްއަހަރު ވަންދެން މާލޭގައި ހުރެފައި އައިއިރު ކޮންއެއްޗެއްތަ ގެނައީ؟] ވާދާވެސް އުނދޯލީގައި އިށީނެވެ.

[ހަދިޔާ ލިބޭނީ އަހަންނާއެކު ގެޔަށް ދިޔައީމާ....ހިނގާ ދާން....] ތާރާމެން އެގެއިން ނިކުތް ވަގުތަކީ އެގެޔާ ވިއްސަކަށް ފޫޓް ދުރުގައި ހުރި ގެއެއްގެ ދޮރާށި ހުޅުވާފައި ޒުވާނަކު ނިކުތް ވަގުތެވެ. ތާރާގެ ކަޅި ވަގުތުން އެޒުވާނާއަށް ހުއްޓުނެވެ.

[ވާދާ....އެހުރީ އެގޭ ބާސިލްތަ؟] ބާސިލަށް އައިސްފައިވާ ބަދަލުގެ ސަބަބުން ތާރާއަށް މާރަނގަޅަކަށް އޭނާއެއް ނޭނގުނެވެ.

[އާނ....އޭނާ ބޭރުގައި ކިޔަވަން ހުރެފައި އައިތާ އަދި ނުވާނެ ފަނަރަވަރަކަށް ދުވަސްވެސް.] ތާރާއަށް ޖަވާބު ދިނީ ޝަހްލާއެވެ.

[ވަރަށް ސްމާރޓް.....އަޅެ އޭނާ ހާދަ ބަދަލުވެއްޖެއޭ.] ތާރާ ހިތާހިތާ ކިޔާލިއެވެ.

[ތާރާ ކޮންއިރަކު އައީ؟ ހާދަ ފޮންޏޭ އަނގައިންވެސް ނުބުނެ ދާންދޯ ތިއުޅުނީ.] ތާރާމެން ބާސިލް ހުރަސްކޮށް ދާން އުޅުމުން ބާސިލް ތާރާއަށް ގޮވައި ހުއްޓުވިއެވެ.

[އަހަރެން ހީކުރީ ބާސިލް ވަރަށް ފޮނިވާނެ ކަމަށް. އެހެންވެ އަނގައިންވެސް ބުނަން ނުކެރިގެން ދާން މިއުޅުނީ.] ތާރާ ބާސިލްގެ ކުރިމައްޗަށް ހުއްޓި ސަލާމްކޮށްލިއެވެ.

[މިރަށު އެއްވެސް މީހަކަށް ތިހެން ބުނުމުގެ ފުރްޞަތެއް ނޯންނާނެ. އެއްކޮށް ނިމިގެންތަ ތިއއީ....؟] ބާސިލް ހިނިތުންވެލިއެވެ.

[ވާދާ ބުނި ބާސިލް ވަރަށް ފޮންޏޭ.] ތާރާ ވާދާގެ ބޮލަށް ޖެހިއެވެ.

[ދޮގެއް އަހަންނެއް ނުބުނަން. ތާރާގެ ހިތަށްއެރިޔޯ....ބާސިލް ވަރަށް ފޮނިވާނޭ.] ވާދާ ތާރާގެ ގައިގައި ނިކަން ބާރަށް ވިކައިގަތެވެ.

[އަހަރެން މިއައީ މުޅިން ނިންމާފައި. ބާސިލްވެސް ނިންމާފަތަ ތިއައީ؟] ބާސިލްގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ތާރާ އެއްސެވެ.

ހުރިހާ ގެއަކަށް ވަދެލުމަށްފަހު، ތާރާމެނަށް ގެއަށް ވަދެވުނުއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ.

[ތާރާ އާދޭ ކާން. އަށްއަހަރަށްފަހު މިގޭގައި ފުރަތަމަ ކެއްކި ކެއުން މީ.] ޞަފޫރާ ކާގެތެރޭހުރެ ތާރާއަށް ގޮވިއެވެ. އޭރު ޝަފީޤުވެސް ކާގޭގައި ކާން އިނެވެ.

[މަންމަ ކޯއްޗެއް ކެއްކީ؟] ކާގެއަށް ވަންނަމުން ތާރާ އެއްސެވެ.

[ނޫޑުލްސް....ކައިގެން ގޮސް ނިދަން އޮށޯވޭ. މިރޭ ދެން އެއްވެސް ތާކަށް ދާން އުޅޭނެ ކަމެއް ނެތް. ބައްޕަމެންވެސް މިރޭ ނިދާނީ.] ޝަފީޤު ބުންޏެވެ.

ތާރާ ކައިގެން އޭނާގެ ނިދާ ކޮޓަރިއަށް ވަންއިރު، މުޅި ކޮޓަރިތެރެ އެއްވަސްވެފައިވަނީ ހުސްނުހީނާ މަލުގެ ވަހުންނެވެ. ހިސާބަކަށް ޙައިރާންވެފައި ހުރެމެ، ތާރާ ވަށައިގެން ހޯދަން ފެށިއެވެ. އެހާވަރަށް އެކޮޓަރިތެރޭގައި އެ ވަސް ހުންނަންވީ ކީއްވެބާވައެވެ! ހުސްނުހީނާ ގަސް ހުންނަ ދިމާއަށް ހުޅުވޭގޮތަށް ހުންނަ ކުޑަދޮރު ހުޅުވިފައި ހުރި ތަން އޭނާއަށް ފެނުނީ އެވަގުތެވެ. އޭނާ ދެއަތަކަށް ބޯހޫރާލުމަށްފަހު ގޮސް ދޮރު ލައްޕައި ތަންޑު އެޅުވުމަށްފަހު، ދޮރުފޮތިތައްވެސް ރަނގަޅުކޮށްލިއެވެ. އޭރުވެސް މުޅި އެކޮޓަރިތެރެ އެއްވަސްވެފައި ވަނީ ހުސްނުހީނާމަލުގެ ހިތްގައިމު ވަހުންނެވެ. އެވަހުން ތާރާގެ ހިތްފުރުނު ކަހަލައެވެ. އެވަގުތު ކޮޓަރިތެރޭގައި އެހެން މީހަކު އުޅެމުންދާކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. ވުމާއެކު، އޭނާ މީހަކު ހުރިތޯ ވަށައިގެން ހޯދިވެސްމެއެވެ. ނަމަވެސް އެއީ އޭނާއަށް ހީވި ކުށްހީއެއް ކަމަށް ނިންމުމަށްފަހު، އޭނާ ހެދުން ބަދަލުކުރުމަށްފަހު ނިދަން އޮށޯތެވެ. އެނދުގައި އޮށޯތް ވަގުތު އެނދުގައިވެސް ދެވަނަ މީހަކު އޮތްކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. މިފަހަރުވެސް ރަނގަޅަށް ބަލައިލުމަށްފަހު، އަމިއްލަ ނަފްސަށް މަލާމާތްކުރާފަދަ ގޮތަކަށް ހިނިތުންވެލަމުން އޭނާ ނިދާބޮކި ދިއްލުމަށްފަހު އޮށޯތެވެ. އެޔާއެކު އޭނާގެ ދެލޮލަށް ވެރިވެފައިވާ ނިދީގެ އަސަރާއެކު ދެލޯ މެރުނެވެ.

އެއަށްފަހު އެރޭ އޭނާއަށް ހޭލެވުނީ އެކޮޓަރިތެރޭގައި މީހަކު ޙަރަކތްތެރިވަމުންދާފަދަ އިޙްސާސްތަކެއް ކުރެވިގެންނެވެ.

[ކާކު؟] ދެލޯ އުނގުޅަމުން ތެދުވެ ތާރާ ވާހަކަ ދެއްކިއެވެ. އެއަށްފަހު، އޭނާ ހޮޅިބުރި ދިއްލިއެވެ. ނަމަވެސް އެތާކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރީގެ އެއްވެސް ދޮރެއްވެސް ހުޅުވިފައެއް ނެތެވެ. ވުމާއެކު އެއީވެސް ވަހުމެއް ކަމަށް ނިންމުމަށްފަހު އޭނާ އަނެއްކާވެސް އޮށޯވެއްޖެއެވެ. އެޔާއެކު އަނެއްކާވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. ތާރާ ފުންމައިގެން ތެދުވެއްޖެއެވެ. މިފަހަރު އަޑު އިވެން ފެށީ ސީދާ ކޮޓަރިތެރެއިންނެވެ.

[ކާކު!؟ މިތާ ތެރޭ ކޮންމެވެސް މީހަކު އެބައުޅޭ....] ތާރާ ތެދުވެގެން ގޮސް ފާޚާނާވެސް ދިއްލިއެވެ. ބާރު އަޑުފައްގަނޑަކާއެކު ހުސްނުހީނާ ގަހާ ދިމާއަށް ހުންނަ ކުޑަދޮރު ހުޅުވުނީ އެވަގުތެވެ. ތާރާ އުޅުނީ ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް އެވަގުތު އޭނާގެ އަނގަމަތީގައި ކޮންމެވެސް މީހަކު އަތްއެޅިފަދައެވެ. އޭނާގެ އަޑެއް ނުނިކުތެވެ. އަދިވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިހާރު އޭނާ އެހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭރު ހުޅުވިފައިވާ ކުޑަދޮރުން ރޯޅި ރޯޅިއަށް ހުސްނުހީނާ މަލުގެ ހިތްގައިމު ވަސް ވަދެ އެތެރެއަށް ފެތުރެމުންދިޔައެވެ.

ބިރުގެންފައި ހުރި ތާރާ ބޭނުންވީ ހުޅުވިފައި ހުރި ކުޑަދޮރުތައް ލައްޕާ ތަންޑު އަޅުވާލާށެވެ. ނަމަވެސް އޭނާ ކުރިއަށް ދާން އުޅެފައި މަޑުޖެހިލީ ފިރިހެނަކު އޭނާގެ ފަހަތުން ގޮވާލި އަޑު އިވުމުންނެވެ. އޭނާ ފަސްއެނބުރުނެވެ. މިފަހަރުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ފެނުނީ ބާރު ވައިރޯޅިއަކާއެކު ހުޅުވިފައި ހުރި ދޮރުތައް ލެއްޕުނު މަންޒަރެވެ.

ތާރާ ހިތްވަރުކޮށްފައި ދޮރުތައް ތަންޑު އެޅުވުމަށްޓަކައި ހިނގައިގަތީ ފަހަތަށް ބަލަމުންނެވެ.

އެވަގުތު އޭނާގެ ފައިގައި މީހަކު ހިފަހައްޓާލިހެން ހީވުމާއެކު، އޭނާ ބިންމައްޗަށް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ނިކަން ބާރަށް ހަޅޭއްލަވައިގަނެވުމާއެކު އޭނާ ދުއްވައިގަތީ ސަލާމަތަށް އެދި ގޮވަމުންނެވެ. އޭނާގެ ފައިދަށުގައި އޮތީ ނާމާން ބިރުވެރި ސޫރައެކެވެ. އޭތީގެ ލޯ ހީވަނީ އަނގުރުއަލިފާންކޮޅެއް ހެންނެވެ. އަނގައިގައި ހުރި ތޫނު ދަތްތަކުގެ ތެރެއިން އޭތީގެ ދިގު ދޫ އޮތީ ބޭރަށް ނެރެގެންނެވެ. ތާރާގެ ފައިގައި އޮޅިފައި އޮތީ އޭތީގެ ދިގު ދުލެވެ.

ތާރާ ދުއްވައިގަތީ ކުއްލިއެއް ޖަހައި އޭތި ފޮޅުވާލަމުންނެވެ. ބިރުގެންފައިވާ ތާރާއަށް ނިކުމެވުނީ ގެއިން ބޭރަށެވެ. ބޭރަށް ނިކުމެވެސް އޭނާ މަޑެއް ނުކުރެއެވެ. ރޮމުން ސަލާމަތަށް އެދި ގޮވަމުން އޭނާ ދިޔައީ މީދޫއާވީ ކޮޅަށެވެ. އެއީ ދަންވަރުގެ ވަގުތުކަމަށްވުމާއެކު ރަށުގެ އެއްވެސް ހިސާބަކުން ދިރިހުރި ފުރާނައެއް ނުފެނެއެވެ.

[އަހަރެން ސަލާމަތްކުރޭ....މަންމާ....ބައްޕާ....] ތާރާ ދުވަމުން ދިޔައީ ރޮމުން ސަލާމަތަށް އެދި ގޮވަމުންނެވެ.

[ކިތަންމެވަރަކަށް ދުވިޔަސް ސަލާމަތެއް ނުވެވޭނެ. ސަލާމަތްވާން ބޭނުމިއްޔާ އަހަންނާއި އަހަރެންގެ ލޯބިވެރިޔާގެ ދާނުގައި ނުނިދާތި.....] ދާދި ކައިރިން އިވުނު އިންޒާރުގެ އަޑާއެކު ތާރާ ހުއްޓުނެވެ.

[ހެޔޮނުވާނެ....އަހަރެން ސަލާމަތްކުރޭ. އަހަރެން އެއްވެސް މީހެއްގެ ދާނެއްގައި ނުނިދަން. އަހަރެންގެ ކުށަކީ ކޮބައިތަ؟] މިހާރު ތާރާއަށް ހުއްޓި ހުރެވުނީ ހުޅުދޫގައި މީހުން ދިރިނޫޅޭ ސަރަޙައްދުގައެވެ.

[ކަލޭ ތި ނިދާ އެނދަކީ އަހަންނާއި އަހަރެންގެ ލޯބިވެރިޔާ ހުސްނުހީނާ ގަސްދޮށުގައި ތިބެފައި ޖައްސާލާ އެނދު. ކަލޭމެން ކީއްކުރަންތަ ތިގެއަށް އައީ. ރައްކާތެރިކަން ބޭނުމިއްޔާ އަހަރެމެންގެ މިނިވަންކަމަށް އަރައިނުގަނެ ކަލޭމެންދޭ.] މިފަހަރުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިވެނީ ހަމައެކަނި ނާމާން އަޑެވެ.

[[އަޅެ ކާކުތަ ތީ؟ އަހަރެން ނިދަނީ އަހަރެންގެ ގޭގައި. ކީއްވެތަ އަހަރެންގެ ގެއިން އަހަރެން ނެރެގެން ތިއުޅެނީ. އަހަރެން ސަލާމަތްކުރޭ.] ތާރާ ރޮމުން ކަކޫމައްޗަށް ތިރިވިއެވެ.

[ކުރިން ކަލެޔާއި ކަލޭގެ މައިންބަފައިންގެ ގެޔަކަސް، ފާއިތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެތެރޭ މިގެ ބެލެހެއްޓީ އަހަރެމެން. ކަލޭމެން މިގޭގައި އުޅެންޏާވެސް މިގޭ އެއްވެސް ތަނެއް ދިއްލައިގެނެއް ނުވާނެ.] މިއަޑާއެކު ތާރާގެ ކުރިމައްޗަށް އެ ފާޅުވީ ޒުވާން ފިރިހެނެކެވެ. އޭނާހުރީ ތާރާއަށް ފުރަގަސްދީގެންނެވެ.

[އަޅެ ތީ ކާކުތަ.......] ތާރާ ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ. ތާރާއަށް މިހެން ބުނެވުމާއެކު ފުރަގަހުން ޒުވާނެއްގެ ގޮތުގައި ސިފަވި މީހާ ތާރާއާ ކުރިމަތިލިއެވެ. އެއާއެކު ތާރާގަތީ އަމަށަކު ބިރެއް ނޫނެވެ. މިހާރު ތާރާ ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އެއީ ނާމާން އެހާމެ ބިރުވެރި ސިފައެއްގައި ހުރި ރޫޙާނީ ބާރެކެވެ. އޭތީގެ ލޮލުގައި ކަޅުކަޅިއެއް ނެތެވެ. މޫނުގެ އެކިދިމަދިމާއިން ޖެލީތަކެއްހެން ހަންގަނޑު ގިރިގެން ފައިބަމުންދާއިރު ދަތްޕިލާހުރީ ދިމާއަށް ފެންނާށެވެ. ތާރާ ފަހަތަށް ޖެހެން ފެށިއެވެ. ތާރާ ފަހަތަށްޖެހޭވަރަކަށް އޭތި އަންނަނީ ތާރާއާ ދިމާއަށެވެ.

[އެގެއިން ނިކުންނަން އެއްބަސްނުވަންޏާ މިރޭ ކަލޭގެ ދުވަސް ދުއްވާލާނަން.] އޭތީގެ އަތް މިހާރު އެދަނީ ތާރާގެ ކަރާ ދިމާއަށެވެ.

[ނޫން...ނޫން....] އެ ނާމާން ހުވަފެނުގައި އޮތް ތާރާއަށް ހޭލެވުނީ އެހާ ހިސާބުންނެވެ. ހޭލެވުމާއެކު އޭނާ ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލިއެވެ. އެކޮޓަރިތެރެއަކު އެއްވެސް ނާމާންކަމެއް ފެންނާކަށް ނެތެވެ. ވުމާއެކު ފުން ނޭވާއެއްލުމަށްފަހު ތާރާ އަނެއްކާވެސް އޮށޯތެވެ.

ހެނދުނު ހެނދުނާ ތާރާ އެހުވަފެނުގެ ވާހަކަ އޭނާގެ މަންމަމެނަށް ކިޔައިދިނެވެ.

[ބިރުން ކިރިޔާ ހަލާކުނުވީ. އަހަންނަށް ހީވަނީ ހުސްނުހީނާ ގަސް ކަނޑާލަންވީހެން.] ތާރާގެ މަންމަ ޞަފޫރާއަށް ހުވަފެން ކިޔައިދިނުމަށްފަހު ތާރާ ބުންޏެވެ.

[އެކަހަލަ ހުވަފެންތައް ފެންނަނީ ދަރިފުޅު ޝަހާދަތް ނުކިޔާ ނިދާތީ. އެގަސް ހުރި ހިސާބުގައި ނިވަތްދަށް ދިއްލާފައި ބޭއްވީމާ ރަނގަޅުވާނެ.] ޞަފޫރާ ބުންޏެވެ.

އެކަހަލަ ގަހެއް ކެނޑުމަކީ ޞަފޫރާ އެހާ ޤަބޫލު ކަމެއް ނޫނެވެ. އަމުދުން އެގަހަކީ އޭނާ ވަރަށް މަސައްކަތުން އިންދާ ހައްދާފައިވާ ގަހެކެވެ.

[ދަރިފުޅު ވަރަށް ބިރުގެންފައިދޯ ތިއިނީ....އެކަހަލަ ހުވަފެން ފެނުނަސް، އަޅާލާނެ ކަމެއް ނެތް. ކޮބާ ކޮން ދުވަހަކުންތަ، ދަރިފުޅުގެ ވަޒީފާ ހަމަޖެހެނީ.] ޝަފީޤު ނާސްތާކުރަން އިނދެ ވާހަކަ ދެއްކިއެވެ.

[އަހަރެން އެއްވެސް ބިރެއްނުގަނޭ މިހާރު. އެކަމަކު ހުވަފެންތެރޭގައި ވަރަށް ބިރުގަތް. ދެތިން ދުވަސްތެރޭ ވަޒީފާއަށް ނިކުންނަން ޖެހޭނެކަންނޭނގެ.]

ނާސްތާކޮށް ނިމިގެން ތާރާ ޝަހްލާއަށް ގުޅިއެވެ. ކުރީ ދުވަހު ނުވަދެވޭ ދެތިން ގެޔަށް ވަދެލުމަށްޓަކައި ދިޔުމަށެވެ. ތާރާ ގުޅިތާ ބައިގަޑިއެއްހާއިރު ތެރޭގައި ޝަހްލާ އޭނާގެ ބޭބެ ޒިޔާފާއެކު ސައިކަލެއްގައި އައިސް ފޭބިއެވެ.

[ހިނގާފަތަ ތިއައީ؟] ޝަހްލާ އައިސް ވަނުމާއެކު ތާރާ އެއްސެވެ.]

[ދޮންބެއާއެކު ސައިކަލުގައި....ދޮންމެ އަހަރެން ބާލާފައި ހިނގައްޖެ.] ޝަހްލާ ބުންޏެވެ.

އޭރު ތާރާ ހުރީ ނަލަހެދި ތައްޔާރުވެގެންކަމުން ކުޑަކޮށް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު ދާން ހިނގާށޭ ބުނެފައި ތާރާ ހިނގައިގެންފިއެވެ. އެރޭ ފެނުނު ނާމާން ހުވަފެނުގެ ވާހަކަ ތާރާ ޝަހްލާއަށް ކިޔައިދިނީ ހިނގަމުންދިޔަ މަގުމަތީގައެވެ.

[ވަރަށްގިނަ މީހުން ބުނޭ، ހުސްނުހީނާ މަލަކީ ނާމާން އެއްޗެކޭ....އަޞްލު ވާގޮތަކީ ދަންވަރަށް މީރުވަސްދުވާ ތަންތަނަށް ޖިންނިން ޖަމާވާނޭ.] ޝަހްލާ ބުންޏެވެ.

[ގަސް ކަނޑާލަންވީކަންނޭނގެ.....] ތާރާގެ ހިތަށް ބިރުވެރިކަން ވަނެވެ.

[އެކަމަކު ގޯތިތެރޭގައި މީރުވަސް ދުވުމަކީ ހާދަ ހިތްހަމަޖެހޭ ކަމެކޭ. ޖިންނީންވެސް އެ ގަސް ކައިރިޔަށް އަންނަނީ ހިތްހަމަޖައްސަން. އަހަންނަކަށް ނުފެނޭ ގަސް ކަނޑާލާކަށް. އެސަރަޙައްދު ދަންވަރު ދިއްލާފައި ބޭއްވީމާ ރަނގަޅުވާނެ.] ޝަހްލާ ބުންޏެވެ. އެވަގުތު ސައިކަލެއްގައި އައިސް އެމީހުންގެ ފަހަތަށް މަޑުކޮށް ބަރުގޮނުއަޅާލުމާއެކު ތާރާއާއި ޝަހްލާ ސިހިފައި އެނބުރުނެވެ. ސައިކަލްމަތީގައި ހިނިއައިސްފައި އިނީ މީދޫ ޒުވާނެކެވެ.

[ތާރާ....ޝަހްލާ ކިހިނެއް؟] އެޒުވާނާ ހީވަނީ ޝަހްލާއާއި ތާރާ މާކުރިއްސުރެންވެސް ދަންނަނީހެންނެވެ.

[ރަނގަޅު....ކޮންމެވެސްވަރަކަށް ހަނދާން އެބަވޭ...އެކަމަކު މުޅިއަކުން ނޭނގެ!] ތާރާ ޙައިރާންކަމާއެކު އެޒުވާނާގެ މޫނަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައިވެސް ތާރާއަކަށް އެޒުވާނާއެއް ނޭނގެއެވެ. އެހެން ނަމަވެސް، ކޮންމެވެސް ތަނަކުން ދިމާވެފައިވާ ބަލި ހަނދާނެއްވެއެވެ.

[މީގެ ދިހަވަރަކަށް އަހަރު ކުރިން، މީދޫ ކޯގަންނު ޤަބުރުސްތާނު ކައިރިން އިރާކޮޅުގެ ވަގުތެއްގައި ދިމާވެގެން އަހަރެން ވާހަކަ ދެއްކީމެއްނު....އެދުވަހުވެސް ޝަހްލާ ހުރި....އެރޭ އަހަރެން ތާރާއަށް މާބޮނޑިއެއްވެސް ދިނިން...ހަނދާނެއް ނުވޭތަ؟] އެޒުވާނާ ހަނދާންކޮށްލަދިނެވެ. ވަގުތުން ތާރާގެ ސިކުނޑީގައި އެދުވަހުގެ އިރިފުސްމެ ވަގުތުގެ (އިރާކޮޅުގެ ވަގުތުގެ) ހަނދާންތައް ކުރެހި އާވިއެވެ. ތެދެކެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. އޭރު ތާރާއާއި ޝަހްލާ ތަޢުލީމް ޙާޞިލް ކުރަމުންދަނީ ރަށު ސްކޫލްގައެވެ. އެދެކުދިން ދިޔައީ ޤަބުރުސްތާނު ބަލައިލުމަށްޓަކައެވެ. އޭރު އެޒުވާނާވެސް ވަރަށް ޅަވާނެއެވެ. ލަފާކުރެވޭ ގޮތުގައި، އެޒުވާނާގެ ޢުމުރުންވެސް ވާނީ ގާތްގަނޑަކަށް ތޭރަވަރަކަށް ނުވަތަ ފަނަރަވަރަކަށް އަހަރެވެ. ތާރާމެނާ ފުރަތަމަ ވާހަކަ ދެއްކީވެސް އޭނާއެވެ. އެދުވަހު އޭނާ ނަންވެސް ބުންޏެވެ. ނަމަވެސް މިހާރަކު ތާރާމެން އެ ހަނދާނެއް ނެތެވެ.

[ހަނދާންވެއްޖެ...އެކަމަކު އެދުވަހާ ވަރަށް ތަފާތު. އެންމެ ދުވަހެއްގެ ފެނިލުމަށްފަހު، ދިހަ އަހަރު ފަހުން ބައްދަލުވީމާ...ކިހިނެއް ހަނދާން ހުންނާނީ...އެދުވަހު ބުނީ ކޮން ނަމެކޭތަ؟] ތާރާ ޝަހާދަތް އިނގިލިން ބޯކަހާލިއެވެ.

[އަރުފާން...އަހަރެންގެ ހިތުގައި ތާރާމެންގެ ނަން ވަރަށް ބޮޑަށް ބިންވަޅު ނެގުނީމަތާ...ހަނދާން ނުނެތުނީ...އެދުވަހު ތާރާމެނާ ބައްދަލުވީވެސް އަހަރެން ޗުއްޓީއަށް ރަށަށް އައިސްގެން އުޅެނިކޮށް. އެކަމަކު މިހާރު މިއުޅެނީ ސްކޫލް ޗުއްޓީއަށް އައިހެއް ނޫން.] އެޒުވާނާ، އާދެ! އަރުފާން ބުންޏެވެ. އަރުފާނަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ހެޔޮލަފާ ޒުވާނެކެވެ. ތަޢުލީމީ ދައުރު ނިންމުމަށްފަހު، އޭނާ ވަޒީފާއެއްގައި އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ.

[އެއްކޮށް ރަށަށް ބަދަލުވީތަ؟] ތާރާ އެއްސެވެ.

[ބަދަލުވެވޭތޯ މަސައްކަތް މިކުރަނީ...ހެރެތެރެ ހުޅުވެންވާއިރަށް އެޕްލައިކޮށްގެން މިއުޅެނީ.] އަރުފާން ބުންޏެވެ.

[އިރާދަކުރެއްވިއްޔާ އަރުފާނަށް ވަޒީފާ ހަމަޖެހޭނެ. އަރުފާން ކުރިން އުޅުނީ ކޮންތާކުތަ؟] ތާރާ ބުންޏެވެ. ތާރާ އަރުފާނާ ވާހަކަ ދައްކަން މަޑުކުރީ ވަރަށް ޝައުޤުވެރިކަމާ އެކުގައެވެ.

[ފޯރ ސީޒަންގައި. އެއީ ވަރަށް ރަނގަޅު ތަނެއް. އެކަމަކުވެސް މިހާރު އަހަރެން ބޭނުންވަނީ އަތޮޅުގައި އުޅެން. ހެރެތެރެއިން ނުލިބިއްޖެއްޔާ، ހަންކެޑެއާއި ވިލިނގިއްޔަށް ފާރަލާނީ. މައްސަލައަކީ ހެރެތެރެ ނޫން ތަނެއް ހުޅުވޭނެހެން ހީނުވާތީ.] އަރުފާން މިހެން ބުނެފައި ސައިކަލްގެ އިންޖީން ނިއްވާލިއެވެ.

[ހެރެތެރެއިން ހަމަޖެހެންވާނެތާ، އެއީ އައްޑޫ މީހުންނަށް ވަޒީފާގެ ފުރްޞަތުތަކާއި، އިޤްތިޞާދީ ފުއްދުންތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރާ ކަމެކޯވިއްޔަ.] ތާރާ އަރުފާންގެ މޫނަށް ބަލައިލިއެވެ. އޭރު އަރުފާންގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ސީދާ ތާރާގެ މޫނަށެވެ. އެހެންވުމާއެކު، ކުއްލިއަކަށް ތާރާ ލަދުގަންނަގޮތްވިއެވެ.

[މާ ފަރިވެލައިގެން ކޮންތާކަށް ތިދަނީ؟] ތާރާ ލަދުގެންފިކަން އެނގުމުން އަރުފާން ޝަހްލާއާ ދިމާއަށް ބަލައިލަމުން އެއްސެވެ.

[އެއްވެސް ތާކަށް ނޫން. ދެން ހަމަ ހިނގާލަނީ....އަރުފާން ތިދަނީ ކޮންތާކަށް؟] ތާރާ ލުއިގޮތަކަށް ހީލިއެވެ.

[އަހަރެން ހީކުރީ ޤަބުރުސްތާން ބަލައިލަން ކަމަށް. އަހަރެން ހަމަ ތާރާމެން ފެނޭތޯ ދުއްވާލަނީ. މީދޫއަކު ނެތް އަހަންނާ ވާހަކަ ދައްކާނޭ އަންހެން ކުއްޖަކުވެސް. އަޞްލު މައްސަލައަކީ ގާރލް ފްރެންޑެއް ނެތުން.] އަރުފާން މިފަހަރު ވާހަކަ ދެއްކީ ލޮލުގެ ކުޑަކޮޅުން ތާރާގެ މޫނަށް ބަލަން ހުރެމެއެވެ. ތާރާގެ ތުންފަތުގައި ކުރިއަށްވުރެންވެސް ބޮޑަށް ހިނިތުންވުން ކުޅެލިއެވެ.

[ނުހުރޭތަ ގާރލް ފްރެންޑެއް؟ ހޯދަންވީނު.] އަރުފާނަށް ނުފެންނާނޭހެން ތާރާގެ ގައިގައި ޝަހްލާ ކޮއްޓާލިއެވެ.

[ހޯދަން ކުރާ މަސައްކަތުގެ ބުރެއް މިއީ. އަޞްލު އަހަރެން ބޭނުންވަނީ....ފަހުން ބުނާނަން....ތާރާއާ ގުޅޭނެ ނަންބަރެއް ދީފާނަންތަ؟] އަރުފާން އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ނެގިއެވެ. ހިނިތުންވެލުމަށްފަހު ތާރާ އޭނާގެ މޯބައިލް ނަންބަރު ދިނެވެ. އަރުފާން ވަގުތުން ތާރާގެ ފޯނަށް މިސްކޯލެއް ދިނެވެ. އެއަށްފަހު، ބޭނުމިއްޔާ ނަންބަރު ސޭވްކޮށްލާށޭ ބުނެފައި އަރުފާން ސައިކަލް ދުއްވާލިއެވެ.

[އަހަރެމެންނާ ފުރަތަމަ ދިމާވިއިރު އޭނާ ހާދަ ކުޑައޭ. މިހާރު ހާދަ ސްމާޓޭ.] ތާރާ ހިނގައިގަތެވެ.

[އޭރު އޭނާވެސް ޅަވާނެތާ. މިހާރު އޭނަވެސް އެފެންނަނީ ޒުވާނަކަށްވެފައި ހުއްޓާ. ހިނގަމުން ހިނގަމުން އަހަރެމެން މިދަނީ ކޮންތާކަށްތަ؟] ޝަހްލާ ބޮޑުމަގުގައި ހުރެ ޑޭޒީ ސްޓޯރުގެ ދޮރުމައްޗަށް މަޑުޖެހިލިއެވެ. އެފިހާރައިގެ ސޭޓަކަށް މިހާރު ހުންނަނީ އޭނާ ކޮންމެވެސްވަރަކަށް ރައްޓެހި ޒުވާނެކެވެ.

[ހިނގާބަލަ އެފިހާރައިން ސުޕާރީ ގަންނަން.] ތާރާ ގޮސް ފިހާރައަށް ވަނެވެ. ތާރާގެ ފަހަތުން ޝަހްލާވެސް ވަނެވެ.

އޭރު އެފިހާރައިގައި ހުރީވެސް ޝަހްލާއާ ރަޙްމަތްތެރި ޒުވާނެކެވެ.

[އަނހަ ޝަހްލާ...މާލޭ ކުދިން ކޮންދުވަހަކުތަ އައިސްގެން މިއުޅެނީ؟] އެފިހާރައިގެ ސޭޓަކަށް ހުރި ޒުވާނާ، އާދެ! ސާލިމް ޝަހްލާއަށް ގޮވާލުމަށްފަހު، ތާރާއާ ދިމާކޮށްލިއެވެ. އޭރު ތާރާ ސުޕާރީ ގަނެފިއެވެ.

[މިރަށް ބަލައިލަން އައިސް އުޅެނީދޯ ތާރާ؟.....] ތާރާގެ ކޮނޑުގައި ޝަހްލާ ޖެހިގަތެވެ.

[އަހަންނާ ދިމާކުރާއިރު، މީގެކުރިން ސާލިމް އުޅުނީ ރަށުގައިތަ...ސާލިމްވެސް ރަށަށް އައިސްގެން ތިއުޅެނީ ދާދިފަހުންނެއްނު....ދެން ހިނގާ ދާން.] ސާލިމަށް ރައްދު ދިނުމަށްފަހު، ތާރާވެސް ނިކުތެވެ.

އެދުވަހު ތާރާމެން ގެޔަށް ދިޔައީ، ކުރީ ދުވަހު އޭނާއަށް ނުދެވޭ ހުރިހާ ޢާއިލީ ގެޔަކަށް ވަދެފައެވެ. ތާރާއަށް އަރުފާން ގުޅީ ތާރާ މެންދުރު ކެއުމަށްފަހު ކޮޓަރިއަށް ވަދެ އޮށޯވެލި ވަގުތެވެ.

[އައްސަލާމް ޢަލައިކުމް....ތާރާތަ؟] ތާރާ ފޯނު ނެގުމާއެކު، އަރުފާން ވާހަކަ ދެއްކިއެވެ.

[ވަޢަލައިކުމުއް ސަލާމް....] އަރުފާންގެ ނަންބަރު އޭރު އަދި ސޭވް ކުރެވިފައި ނެތުމުގެ ސަބަބުން ތާރާއަކަށް އެއީ އަރުފާން ކަމެއް ނޭނގުނެވެ. ވުމާއެކު އޭނާ ވާހަކަ ދެއްކީ ހިސާބަކަށް ބީރައްޓެހި ގޮތަކަށެވެ.

[ތާރާ ގޭގަތަ؟] އަރުފާން ވާހަކަ ދެއްކީ ވަރަށް ރައްޓެހި ގޮތަކަށެވެ. އެހެން ނަމަވެސް، ތާރާއަކަށް އަޑުން އެއީ އަރުފާން ކަމެއް ފާހަގައެއްނުކުރެވުނެވެ.

ކާކުތަ؟ ނޭނގުނު ކާކު ކަމެއް.] ތާރާ ކުޑަކޮށް ވިސްނާލިއެވެ.

[ނަންބަރު ސޭވެއް ނުކުރަންދޯ...އަރުފާނޭ މީ....] އަރުފާން ބުންޏެވެ.

[ދެންމެއޭ ގެޔަށް އައީ...އަދި ސޭވް ނުކުރެވިގެން އުޅެނިކޮށް ތިގުޅީ. ފުރަތަމަވެސް އަޑުން އަހަންނަށް ހީވިއޭ...ކޮންތާކު ތިހުރީ...އަންހެން ކުއްޖަކު ހޯދަން ދުއްވަނީދޯ؟] އަރުފާނުކަން އެނގުމާއެކު ތާރާ ދިމާކޮށްލިއެވެ. އެއީ އަރުފާނަށް ލިބުނު ރަނުގެ ފުރްޞަތެއް ކަމަށް އޭނާ ދުށްޓެވެ.

[މިހާރު ބޭނުންވާ ކުއްޖާ ފެނިއްޖެ. އަޞްލު އަހަރެން ބޭނުންވަނީ ތާރާކަހަލަ ކުއްޖެއް. އެކަމަކު ތާރާކަހަލަ ރީތި ކުއްޖަކު އަހަންނަކާ ރައްޓެއްސެއް ނުވާނެދޯ.] އަރުފާނަކީ މަޑުމައިތިރ ރަނގަޅު، އަޚްލާޤީ ޒުވާނަކަސް އޭނާގެ ކިބައިގައި ކަންކަމުގައި ކުރިމަތިލާން ކެރުމާއި ހުޝިޔާރުކަން އަށަގެންފައިވެއެވެ.

[އެއީ ކީއްވެ...ހާދަ ފޮންޏޭދޯ. ރީތި ސިފަތަކެއް ލިބުނަކަސް ތިޔަހާ ވަރަށް ފޮނިވާކަށް ނުވާނެ.] ތާރާ ހިނިތުންވެލިއެވެ.

[ސަމާސައެއް ނޫނޭ ތާރާ. އަޅެ ތާރާ އުޅެނީ މީހަކާ ރައްޓެހިވެގެންތަ. ދޮގުނަހަދާ ތެދަށް ބުނައްޗޭ....އަހަރެން ވަރަށް ސީރިޔަސް.] އަރުފާން ވަނީ ހަމަ ރަނގަޅަށްވެސް ތާރާގެ ލޯބީގެ ޖަޒްބާތުގައި ޖެހިފައެވެ.

[އަދި ނުވަން...އަހަރެންވެސް މިހުންނަނީ އަރުފާން ކަހަލަ ރީތި ރަނގަޅު މީހަކު ނުލިބިގެން.] ތާރާ ދިނީ އަރުފާން އުފާވާފަދަ ޖަވާބެކެވެ.

[އަދިވެސްތަ...ކީއްކުރަންތަ އަހަރެން ކަހަލަ މީހަކު ހޯދަނީ. އަހަރެން ކަހަލަ ދެވަނަ ފިރިހެނަކު މި ޤައުމަކުން ނުލިބޭނެ. ސީދާ އަހަރެން ކިހިނެއްވާނެ. ހީނުކުރައްޗޭ، މިދެކެވޭ ވާހަކަތަކަކީ އޮށްޓަރެއް ނެތް ސަމާސާ ވާހަކަތަކެކޭ.] ލިބުނު ފުރްޞަތުގައި އަރުފާން ފާޅުކަންބޮޑު ގޮތަކަށް އޭނާގެ ހިތް ހުޅުވާލިއެވެ.

[ރަނގަޅު...އެކަމަކު އަހަރެންނާ ހަމަޔަކަށް އަރުފާނެއް ނާރާނެއެއްނު.] އަރުފާނެކޭ އެއްފަދައިން ތާރާވެސް ދިޔައީ އަރުފާނުގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވަމުންނެވެ.

[ތާރާ ތިޔަހެން ހިތަށްއަރުވާކަށްވެސް ނުވާނެ. އަޞްލު އަހަރެން ތާރާއާމެދު ވިސްނަން ފަށާފައިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން. މިހުރިހާއިރު އަހަރެން މަސައްކަތް ކުރީ ފާޅުގައި ބުނަން ނުކެރިގެން. ޙަޤީޤަތުގައިވެސް ތާރާ އެންމެ ފުރަތަމަ އަހަންނަށް ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުން ތާރާއަށް ވަނީ ވަރަށް ޚާއްޞަ މަޤާމެއް ދެވިފައި. އާނ....ތާރާ އަހަރެން ތާރާދެކެ ވަރަށް ލޯބިވޭ...ވަރަށް ލޯބިވޭ.] އެންމެފަހުން އަރުފާން، އެއްވެސް ފޮރުވުމެއްނެތި އޭނާގެ ހިތް ހުޅުވައިފިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ތާރާއަށް ފުން ނޭވާއެއް ލެވުނެވެ.

އެފޯންކޯލް ނިމުނީ ތާރާއާއި އަރުފާނަކީ ދެލޯބިވެރިންނަށްވެ، އެތައް ވަޢުދުތަކަކާއި ޢަހުދުތަކެއް ވުމަށްފަހުގައެވެ. އެރޭވެސް އަރުފާން ތާރާއަށް ގުޅިއެވެ. އެރޭ ވަރަށް ދަންވަންދެން އެދެލޯބިވެރިން އެކިއެކި ވާހަކަތަކުގައި ތިއްބެވެ. އަރުފާން ފޯނު ބޭއްވީ ބާރަޖަހާ ބޮޑުވި ފަހުންނެވެ.

އެރޭވެސް ކޮޓަރިތެރެއަށް ހުސްނުހީނާ މަލުގެ ވަސް ފެތުރެން ފެށީ ދަންވަމުންދިޔަ ވަރަކަށެވެ. މިރޭވެސް ކުރީ ރެއެކޭ އެއްފަދައިން ތާރާ ކުޑަދޮރުތައް ލައްޕައި ތަންޑު އަޅުވައި، ދޮރުފޮތިތައްވެސް ރަނގަޅު ކުރިއެވެ. އޭރު ގޭގައި އޭނާ ފިޔަވައި އެކަކުވެސް ހޭލައެއް ނޫޅެއެވެ. މަންމައާއި ބައްޕަވެސްވީ ނިދާފައެވެ.

[ތާރާ.....ތާރާ.....] ކުޑަދޮރު ކައިރިން ހުސްނުހީނާ ގަސް ހުރި ހިސާބުން ތާރާއަށް ގޮވާ އަޑު އިވުނީ، ތާރާ އެނދުގައި އޮށޯވެލި ވަގުތެވެ. ތާރާ ހިސާބަކަށް ޙައިރާންވެ ހުރެމެ ތެދުވެއްޖެއެވެ.

[މިގަޑީގައި ކާކުބާ؟] ތާރާއަށް ހިތާހިތާ ސުވާލު ކުރެވުނެވެ. އެހެން ނަމަވެސް، އޭނާގެ ހިތަކު މާބޮޑު ބިރުވެރިކަމެއް ނެތެވެ. ވުމާއެކު އޭނާ ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އޭގެކުރިން އޭނާ ނިވަތްދަށުގައިވާ ބޮކިވެސް ދިއްލިއެވެ.

[ކާކުތަ......] އެއްވެސް މީހަކު ފެންނަން ނެތުމުން ތާރާ ވަށައިގެން ނަޒަރު ހިންގާލިއެވެ.

ނަމަވެސް އެއްވެސް މީހަކު ނުފެނުނެވެ. ތާރާ އަނެއްކާވެސް ދޮރު ލައްޕައި ތަންޑު އަޅުވައިފިއެވެ. އެޔާއެކު އަނެއްކާވެސް ބޭރުން ތާރާއަށް ގޮވާ އަޑު އިވެން ފަށައިފިއެވެ. ނަމަވެސް، އޭގެފަހަކުން ތާރާ ދޮރެއް ނުހުޅުވިއެވެ.

ބޭރުން އިވެމުންދިޔަ އެ އަޑު ކެނޑުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑާ އެކުގައެވެ. ވުމާއެކު ތާރާ ނިދީ ފަތިސްނަމާދު ކުރުމަށްފަހުގައެވެ.

ކުރީ ދުވަހެކޭ އެއްފަދައިން ހެނދުނު ހޭލައިގެން އެރޭ އެދިމާވި ކަންތައްތަކުގެ ވާހަކަ، ތާރާ އޭނާގެ ބައްޕަމެނަށް ކިޔައިދިނެވެ. ކުރީ ދުވަހު އެކަމަށް ނުވިސްނިޔަސް މިއަދު ތާރާ ދެއްކި ވާހަކައިން ޞަފޫރާމެން ވަރަށް ކަންބޮޑުވިއެވެ.

[ޝަފީޤު އެހުސްނުހީނާ ގަސް ކަނޑާލަންވީނު.] ޞަފޫރާ ބުންޏެވެ. ތާރާ ދެއްކި ވާހަކައިން ޞަފޫރާ ބިރުގަތީކަންނޭނގެއެވެ.

[އެ ނުވާނެ މާބޮޑު ކަމަކަށް. އެގަސް ހުރުމުން ރޭގަނޑު މިގޭ ގޯތިތެރޭ ކިހާ ހިތްގައިމު ވަހެއް ހުރޭ. ތިވާނީ ތާރާމެން ފުރައިގެ ކުއްޖަކު ޖެއްސުން ކުރަނީ ކަމަށް. މިރޭ ބައްޕަ ފާރަލާނަން.] ޝަފީޤު ބުންޏެވެ.

[ބައްޕާ...ކާކުބާ އަހަންނަށް ޖެއްސުން ކުރާނީ. އަހަންނަށްވެސް ފެންނަނީ މަންމަ އެބުނިހެން އެ ގަސް ކަނޑާލަން. ރޭގައި އަހަރެން ވަރަށް ބިރުގަތް.....] ތާރާވެސް ބުރަވީ ގަސް ކަނޑާ ކޮޅަށެވެ. ޙަޤީޤަތުގައި އެގަސް ކެނޑުމަކީވެސް އެޢާއިލާއަށް މާ ރައްކާތެރި ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް، އެގަހުގެ ސަބަބުން ބިރުވެރިކަމާ ކުރިމަތިވާ ކަމުގައި ވަނީނަމަ، އެ ގަސް ކަނޑަންވެސް ޖެހޭނެއެވެ. ތާރާގެ މޯބައިލް ފޯނު ރިންގްވާން ފެށީ ތާރާ ގޯތިތެރެއަށް ނިކުމެލި ވަގުތުއެވެ. ގުޅީ އަރުފާނެވެ. ތާރާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

އެރޭ ދިމާވި ބިރުވެރި ޙާދިޘާގެ ވާހަކަ އޭނާ އަރުފާނަށްވެސް ކިޔައިދިނެވެ.

[ހަމަގައިމުވެސް އަހަންނެއް ނުދަން. އަވަހަށް ތިބުނާ ގަސް ކަނޑާލަން އުޅޭ....އެހެން ނޫނީ ވަރަށް ނުރައްކާވެދާނެ.] އަރުފާން ބުންޏެވެ.

އެންމެން އެގަސް ކަނޑަން ބުނި ކަމުގައިވިޔަސް، ޝަފީޤު އެގަސް ކަނޑާކަށް އެއްބަހެއްނުވިއެވެ. އޭނާ ބުނަނީ އެއީ ކޮންމެވެސް ލާނެތް ކުދިބަޔަކު ކުރާނޭ ސަމާސާއެއް ކަމަށެވެ.

[އެކަމަކު ބައްޕާ...މިހާރު އަހަރެން ބިރުގަންނަން ފަށައިފި. އަވަހަށް އެގަސް ކަނޑާލަންވީނު. މިރޭ އެކޮޓަރީގައި ނިދާކަށްވެސް އަހަންނަކަށް ނުކެރޭނެ.] ތާރާގެ ހިތަށް މިހާރު ބިރުވެރިކަން ވެރިވާން ފަށައިފިއެވެ.

[މިރެޔަށް ބަލާފައި ބައްޕަ އެގަސް ކަނޑާލަދޭނަން. ބައްޕަގެ ހިތަށްއަރަނީ ގަހަކުން ވާނޭ ނުރައްކަލަކީ ކޮބައިބާއޭ.] ޝަފީޤު ބުންޏެވެ.

[އަބަދުވެސް ބުނާތީ އިވޭ، ހުސްނުހީނާ މަލުގެ ވަހަށް ޖިންނި އާދެއޭ. އެއީ ގޯތިތެރޭ ހައްދަން ރަނގަޅު އެއްޗެއް ނޫނޭ.] ތާރާ ބުންޏެވެ.

ޖެހިގެން އައި ރޭ ޝަފީޤު އޮތީ ތާރާގެ ކޮޓަރީގައެވެ. ތާރާ އޮތީ މަންމަ ގާތު މަންމަގެ ކޮޓަރީގައެވެ. އެރޭ ފަތިސްނަމާދު ވަގުތު ވަންދެން ޝަފީޤު ހޭލާ އޮތެވެ. ނަމަވެސް އެއްވެސް ނާމާންކަމެއް އޭނާއަކަށް ނުފެނުނެވެ. އޭނާ އޮތީ ނިވަތްދަށުގައި ލާފައިވާ ބޮކިވެސް ދިއްލައިގެނެވެ. އެއީ ރޫޙާނީ އެއްޗިއްސަށް ވަރަށް އުނދަގޫވާނެ ކަމެކެވެ.

[ބައްޕަ ބުނީމެއްނު، އެއީ ކުދިބަޔަކު ދަރިފުޅު ބިރުގަންނަވަން ކުރިކަމެކޭ. ބައްޕަ އޮތީމޭ، ފަތިސްވަންދެން ހޭލާ. އެއްވެސް އަޑެއްނީވޭ. ބައްޕަ އޮތީ ކުޑަދޮރުވެސް ހުޅުވައިގެން.] ހެނދުނު ސައިބޯން އިނދެ ޝަފީޤު ބުންޏެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން