ކޯވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާނު މީހާ އޭޑީކޭއާއި ޓްރީޓޮޕް އަދި އައިޖީއެމްއެޗަށް ގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާނު މީހާ އެންމެ ފުރަތަމަ ގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށާއި، އޭގެ ފަހުން ޓްރީޓޮޕް ހޮސްޕިޓަލަށް ދެ ފަހަރެއްގެ މަތިން ގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭގެ ފަހުން އޭނާ ގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން މިހާރު އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އަދި އެމީހާ އާ ކޮންޓެކްޓް ވި 8 މީހަކު އައިސޮލޭޓް ކުރެވިފައިވާކަމަށާއި، އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޕާކިސްތާނަށް ނިސްބަތްވާ 48 އަހަރުގެ މި ފިރިހެންމީހާ ޑީއެޗް11 ގައި އެޑްމިޓްކުރީ، އޮކްސިޖަން ބޭނުންވާތީ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ޑީއެޗް11 ގައި ފަރުވާދެމުން ގެންދަނީ 3 މީހުންނަށެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 250 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން