ގަލްފް އެކްސްޕޯއާ ގުޅުންހުރި ދެމީހަކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ކޯވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯއާ ގުޅުންހުރި ދެމީހަކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވެފައިވަނީ، އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ބޭނުންވާތީ ދުބާއީ ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހުން އެނގެން ބޭނުންވާކަމަށެވެ.

މިކަމާބެހޭ އިތުރު ތަފްސީލު ދެއްވަމުން ޑރ. އަފްޒަލް ވަނީ ގަލްފް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ބަލީގެ އަލާމާތްތައް ދިގުލާ ފެންނަކަން ފާހަގަކުރައްވާފައެވެ. އަދި އަލާމަތްތައް ފެނުން ހުއްޓިފައި އަލުން އަލާމަތްތައް ފެނުން ފަދަ، އާންމުކޮށް ކޯވިޑް-19 ގައި ނުފެންނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"ތަފާތު ގޮތަކަށް ފެންނާތީ އަޅުގަނޑުމެން ބޭނުންވަނީ މިގޮތަށް އިތުރު ބަޔަކު ތިބިތޯ. ނޫނިއްޔާ މިއީ އައިސޮލޭޓްކޮށް ދެ ކޭހަކުން ތިން ކޭހަކުން ފެނިފައިވާ ގޮތްތޯ. ނޫނިއްޔާ ވަކިން މިތަނަށް ދިޔަ މީހުންގެ ކިބައިގައި ހުރި ކަމެއްތޯ މިއީ ބަލާލަން." ޑރ. އަފްޒަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން