(17 މާރޗް ގެ އަދަދާއި ގުޅޭ)
[އިޔާދު....އަބަދު ތިގޮތަށް ފިކުރުކުރާކަށް ނުވާނެ.] އިޔާދު ސިއްސައިގެން ދިޔައީ، ދޮރު ހުޅުވާފައި އައިސް ވަން ގީތާގެ އަޑުންނެވެ.
[އަނހަ، ބާޒާރުކޮށް ނިމުނީތަ؟ ކޮބައިތަ މަންމަމެން.] އިޔާދު ތެދުވެލިއެވެ. ގީތާ އެތެރެއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ.
[ދެ މަންމަ ހިނގައްޖެ، ރައްޓެއްސަކު ހޯދާށޭ ކިޔާފައި.] ގީތާ އިޔާދުގެ ގާތުގައި އިށީނދެއްޖެއެވެ.
[ގީތު....އަހަރެންގެ ހިތަށްއަރަނީ، އެ މަލަކާގެ ކިބައިން ސަލާމަތްވާނީ ކިހިނެއްބާއޭ....] އިޔާދު، ގީތާ އޭނާއާ ގާތަށް ލަފާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ގީތާ އިޔާދުގެ މޭގެތެރެއަށް ބޮނޑިވެލިއެވެ. މަސްތީ އިޙްސާސަކާ އެކުގައެވެ. އިޔާދަށް ގީތާގެ ވިސްނުން އިޙްސާސް ކުރެވުމާއެކު، އެނދުމަތީގައި އޮތް ރިމޯޓް ނަގައި ސެޓް އޮންކޮށްލައި، ހިތްގައިމު މިއުޒިކެއް ޖައްސާލިއެވެ.
އެއަށްފަހު، ހޮޅިބުރި ނިއްވައި، ނިދާބޮކި ދިއްލިއެވެ.
މިހާރު އެކޮޓަރިތެރެއިން އިވެމުންދަނީ، ހިތްގައިމު މިއުޒިކެއްގެ އަޑެވެ. އެ އަޑުގެ ތެރެއަށް އިޔާދާއި ގީތާގެ އަޑުވެސް އައީ ހިނދެމުންނެވެ. ފަންކާ ކިތަންމެ ބާރަށް އެނބުރެމުންދިޔަ ކަމުގައިވިޔަސް، އެއިން މާބޮޑު ހިތްހަމަޖެހުމެއް ލިބޭހެނެއް ހިއެއްނުވެއެވެ. އެދެމީހުންވެސް ދާހިއްލާފޯވެއްޖެއެވެ.
[އަހަރެން ދެން ދަނީ....މިހާރު މާ ލަސްވެއްޖެ.] އުފާވެރި އިޙްސާސަކަށްފަހު، ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގާލަމުން ގީތާ ހީގަތެވެ. އިޔާދު އޮތީއެވެ. އިޙްސާސް ކުރެވެމުންދާ ލޮޑުކަމެއްގެ ސަބަބުން ތެދުވާނެ ހިތްވަރު ނެތިފައެވެ.
[ކޮންތާކަށް ދާން ލަސްވެއްޖެއޭތަ ތިބުނީ؟] އިޔާދު އެއްސެވެ. ގީތާ ހީގަތެވެ.
[އަހަރެން މިތާނގައި ހުއްޓާ، ގީތާ އައިއްސިއްޔާ، މާ ރީއްޗެއް ނުވާނެ.] އަނެއްކާވެސް ހުނުމުގެ އަޑެކެވެ. މިފަހަރު ކުރިޔާ ތަފާތެވެ.
[ގީތާއޭ...ކާކު...ތީ...؟] އިޔާދު ފުންމައިގެން ތެދުވެއްޖެއެވެ. ކުއްލިއަކަށް އައި ބާރުގަދަ ރޯޅިއަކާއެކު، ކުރިމަތީ ހުރީ ގީތާ ނޫންކަން ޔަޤީންވެއްޖެއެވެ. އާއެކެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ މަލަކާއެވެ. ލިބިގަތް ހިތްހަމަޖެހުމަށްޓަކައި ފަޚްރުވެރިވާފަދަ ގޮތަކަށް އިޔާދަށް ބަލަހައްޓައިގެނެވެ. އިޔާދަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. މަލަކާ ކުރިއަށްވުރެންވެސް ބާރަށް ހީގަތެވެ. ނާމާން ޒާތަކަށެވެ.
[މަލަކާ...ގީތާ ކޮބާ....؟] އިޔާދަށް ދުއްވައިގަނެވުނެވެ. ކޮޓަރިން ނުކުންނާށެވެ. ނަމަވެސް، އެ ދޮރު މިހާރު އެވަނީ އޭނާއަށް ނުހުޅުވޭނެފަދަ ގޮތަކަށް ތަޅުލެވިފައެވެ. އެތާތެރޭ މިހާރު އެވަނީ ސީދާ މަލަކާގެ ބާރެވެ.
[އިޔާދަކަށް ތި ދޮރެއް ނުހުޅުވޭނެ....] މަލަކާ އިޔާދާ ގާތަށް އަންނަން ފަށައިފިއެވެ. އިޔާދު ލަވަމުންދާ ހަޅޭކުގެ އަޑުވެސް އިވޭ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ. އޭނާގެ އަޑު ކޮޓަރިން ބޭރެއްނުވެއެވެ. އެ އަޑު އެނބުރެނީ ކޮޓަރިތެރޭގައެވެ.
[ދޮރު ހުޅުވައިދީ....ހަމަ މިހާރު ކަލޭ މިތަނުން ނުކުމޭ.] އިޔާދު ހަޅޭއްލަވައިގަތެވެ. ވެރިވި ރުޅިވެރިކަމެއްގެ ސަބަބުން އޭނާގެ ހިތުގައިވާ ބިރުވެރިކަން އެއްކޮށް ފިލައިދިޔަކަހަލައެވެ.
[ޙަސަންބެއްޔާވެސް މަރުވެއްޖެދޯ؟ އަހަރެންވެސް ދިޔައީމޭ، ޙަސަންބެއްޔާގެ މޫނުދެކެން.] މަލަކާ ހުއްޓުނެވެ.
[އަހަންނަށް އެނގެޔޭ، އެއީވެސް ކަލޭގެ ކަންތައްކަން. ތިކަހަލަ އަނިޔާވެރި އެއްޗަކާ ވައިއެޅޭކަށްވެސް އަހަރެން ބޭނުމެއް ނޫން. ބުނެފީމެއް ނޫންތަ ނުކުންނާށޭ.] އިޔާދުގެ އަޑު، ކުރިއަށްވުރެންވެސް ބާރުވިއެވެ.
[ތިހެން ނުބުނޭ އިޔާދު....ކޮންމެވެސް ދުވަހަކުން އަހަރެން އިޔާދުގެ ޙަޔާތަށް އަންނާނަން. އިޔާދު އަހަންނަށް ފުރްޞަތުދޭނެވެސްމެ.] ވަރަށް ޔަޤީންކަމާއެކު ސާބިތުވެހުރެ މަލަކާ ބުންޏެވެ.
[އަހަރެންގެ ހޭބުއްދި ސަލާމަތުން ހުރެގެނެއް، އަހަރެންގެ ޙަޔާތުން ކަލެއަށް އެއްވެސް މަޤާމެއް ނެތް...] އެވަގުތު ސިޓިންގރޫމް ތެރެއިން ގީތާއާއި މަންމަމެންގެ އަޑު އިވުނެވެ. ވިދުވަރެއް ޖަހާލިހެން މަލަކާ ގެއްލުނެވެ. އިޔާދު ނިކަން އަވަސް އަވަހަށް ގޮސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުމާއެކު، ގީތާ އައިސް ވަނެވެ. އޭނާގެ އަތުގައި ދެކޮތަޅު އޮތެވެ. ދެކޮތަޅުގައިވެސް ވަނީ ރީތިވުމަށް ބޭނުންކުރާ ސާމާނެވެ. އެއް ކޮތަޅުގައި ކޮންމެވެސް ވަރަކަށް ފުރުޓްވެސް ހުއްޓެވެ.
[އިޔާ....އެނދަށް ހާދަވަރެއް އަރުވާލާފަ....އެނދުމަތީގައި ޑާންސް ކުރީތަ؟] ސައިޑްކަބަޑް މަތީގައި ގީތާ ގެނައި ކޮތަޅުތައް ބަހައްޓަމުން، އޭނާ ވާހަކަ ދެއްކިއެވެ.
[ވެދާނެ...ނިދިޖެހުނު ވަގުތު، ހުވަފެނެއްގައި ނަށާލެވުނީ ކަމަށްވެސް.] އިޔާދު އަނެއްކާވެސް އެނދުގައި އޮށޯތެވެ. މަލަކާގެ ޚިޔާލުތަކާ އެކުގައެވެ. [އެއީ ތެދެކެވެ. އޮޅުވާލައިގެން އޭނާގެ ދިރިއުޅުމަށް ބާރުފޯރުވުމުގެ ބާރު މަލަކާއަށް ލިބިގެންވެއެވެ. މިއަދު އޭނާ އެކަން ސާބިތުވެސް ކޮށްދީފިއެވެ.]
[އިޔާ....އަބަދު ތިގޮތަށް ނުވިސްނަބަލަ. މިފަރާތަށް އެނބުރިބަލަ.] އިޔާދު ސިހުނީ ގީތާގެ އަޑުންނެވެ. އޭނާ އަވަސް އަވަހަށް ގީތާއާ ދިމާއަށް އެނބުރުނެވެ.
[ކިތަންމެ ނުވިސްނަން ހުއްޓަސް، ވިސްނޭނެއެއްނު، އޭތީގެ ކިބައިން ސަލާމަތްނުވަންޏާ. ގީތާއަށް އެނގޭތަ، ގީތާއަށް ނޭނގިވެސް އޭތި އަހަރެންނަށް ހާދަ ދުއްތުރާކުރެޔޭ.] އިޔާދު ބުންޏެވެ. ނަމަވެސް އިޔާދު އެއަށްވުރެން ތަފްޞީލަކަށް ނުދެއެވެ. ދާދި ދެންމެއަކު އޭނާއާއި މަލަކާއާ ދެމެދު ހިނގާދިޔަ ކަންތައްގަނޑުގެ ވާހަކަ، އެއްވެސް ފަރާތަކަށް ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
[ތި އެއްޗަކާ ހެދި ކިހާބޮޑު މުޞީބާތެއް. އޭއްޗަކުވެސް އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަންވީ؟] ގީތާ ފަތިވަރެއް އަމުނާލިއެވެ.
އިޔާދު އެކަނިވާފަހަރު ބިރުގަތަސް، މީހަކު އޭނާ ގާތުގައި ހުރިއްޔާ އޭނާ ކުޑަވެސް ބިރެއްނުގަނެއެވެ. ނަމަވެސް، އެކަނިވާހިނދު އޭނާ ހުންނަނީ ބިރުން ސިހިސިހިއެވެ.
[އައްސަލާމް ޢަލައިކުމް. [ބަހާރު މޫސުމް].] އިޔާދު ފޯނުގެ އަތްގަނޑު ހިފައިގެން، ޖެހިގެން ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
[އިޔާދުތަ؟] އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އެ އަޑު މީގެކުރިން އޭނާ އަހާފައިވާ ހަނދާނެއް ނުވެއެވެ.
[އާނ، އިޔާދު ވާހަކަ ދައްކަނީ...ކާކުތީ؟] ނަން ބުނުމަށްފަހު، އެއީ ކާކުކަން އޮޅުންފިލުވަން އިޔާދު ބޭނުންވިއެވެ.
[އަހަންނަކީ ކާކުކަން އަދި އިޔާދަކަށް ނޭނގޭނެ. އަހަންނަށް ކިޔަނީ ޝާހީނާ.....] ފަހުން ވަރަށް ރަނގަޅަށް އިޔާދަށް އަހަރެން ދަސްވާނެ. މިވަގުތު ބާއްވަނީ....ފަހުން ގުޅާނަން.] ޝާހީނާ ފޯނު ބޭއްވިއެވެ.
[ޝާހީނާއޭ! ކާކުބާ؟] ބޭއިޚްތިޔާރުގައި އިޔާދަށް ގީތާ ގާތު އަހާލެވުނެވެ.
[އޭނ، އަންހެނަކުތަ ގުޅީ؟] ގީތާ އެހިއެވެ.
[އާނ، ޝާހީނާއެކޯ...އަހަރެން ނުދަތަސް، ތިމަންނަ އަހަރެން ދަންނަމޯ.] ފަރުވާކުޑަ ރާގަކަށް އިޔާދު ބުނެލިއެވެ. އެހެން އަންނަ ފޯންކޯލްތަކަކަށް ދުވަހަކުވެސް އޭނާ މާބޮޑު ޝައުޤުވެރިކަމެއް ނުހުރެއެވެ. އެއީ އޭނާގެ ޠަބީޢަތެވެ. ވަފާތެރި އެކަކާއެކު ދިރިއުޅުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. ލޯބީގެ މަރްޙަލާވެސް އޭނާ ކަޑައްތުކުރީ އެފަދައިންނެވެ. ގީތާއަކީ އޭނާގެ ޙަޔާތުގައި ލޯބީގެ ކުލަ ޖެއްސި ފުރަތަމަ ބައިވެރިޔާއެވެ. އެހެންވެ އޭނާ ގީތާދެކެ އިންތިހާއަށް ލޯބިވެއެވެ.
ދެވަނަފަހަރަށް ޝާހީނާ ފޯނުކުރީ، އެދުވަހުގެރޭ އަށެއްޖަހާ އެހާކަންހާއިރެވެ.
[އަނެއްކާވެސް ގުޅުނިއްޔޭ. އަހަންނާ ވާހަކަ ދައްކަން ވަގުތު އެބައޮތްތަ؟] ތަޢާރަފްވުމަށްފަހު ޝާހީނާ ވާހަކަ ދެއްކިއެވެ.
[ކޮބައިތަ ޝާހީނާގެ ބޭނުމަކީ...ގުޅާ ކޮންމެ އަންހެނަކާ ވާހަކަ ދައްކަން ވަގުތު ހޭދަކުރުމަކީ، އަހަރެންގެ އާދައެއް ނޫން...] އިޔާދު ބުންޏެވެ. އޭރު ގީތާވީ އިޔާދަށް ކާންހަދަން ބަދިގެއަށް ގޮހެވެ.
[އިޔާދުގެ އަޑު ކަންފަތުގައި ޖެހުމުން، ހިތަށް ފިނިކަން ލިބޭތީ، އަހަރެން ބޭނުން، އެކަހެރި ތަނެއްގައި އިޔާދާ ބައްދަލުކޮށްލަން.] ޝާހީނާގެ ފުރަތަމަ ޖުމްލައިންވެސް އިޔާދަށް ޝާހީނާގެ މަޤްޞަދު ހާމަވިއެވެ.
[ޝާހީނާގެ ޙަޤީޤީ ބޭނުން މިހާރު އަހަންނަށް އެނގިއްޖެ. ޝާހީނާ އަހަންނަށް ތި ގުޅަނީ، އަހަންނަކީ ކާކުކަން ރަނގަޅަށް އެނގިހުރެތަ؟] އިޔާދު ބުންޏެވެ. އިޔާދު ބޭނުންވަނީ، ޝާހީނާ މިޞްރާބު ޖަހާފައިވާ މަގަށް ހުރަސްއަޅާށެވެ.
[އާނ، އަހަރެން އިޔާދަށް މި ގުޅަނީ، އިޔާދަކީ ކާކުކަން ރަނގަޅަށް އެނގިހުރެ. ތީ މީހެއްގެ ފިރިއެއްކަންވެސް އަހަރެން ދެނަހުރިން.] ޝާހީނާ ހީގަތެވެ.
[އެކަމަކު ބުނަން، ޝާހީނާ ތިގޮތަށް އަހަރެމެން ދެމަފިރިންގެ ދޭތެރެއަށް ވަންނަން މަސައްކަތް ނުކުރޭ. އެހެން ނޫނަސް، ތީ އަންހެނުން އިސްނަގައިގެން ކުރާވަރުގެވެސް ކަމެއް ނޫނެއްނު.] އިޔާދު ފޯނު ބޭއްވިއެވެ.
[މިއޮތީ ކަންތަކާ ޖެހިފައި. އަހަރެން ނޫނީ ފިރިހެނަކު ނެތީތަ؟] އިޔާދު ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ފިރާޒާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ފިރާޒްގެ ގޭގެ ސިޓިންގރޫމްގައެވެ.
[އިޔާދު ކާމިޔާބީނު. މަތިންބައިން ޖެހިގެން އަންހެން ކުއްޖަކު އަހަރެންނަށް ގުޅާނެނަމަ ކިހާ ރަނގަޅު. ތި ގުޅާ މަންޖެއަށްވެސް ނިކަން އަހަރެންގެ ނަމްބަރުދީބަލަ.] ފިރާޒް ހީގަތެވެ.
[ހުރޭ، ދެން ގުޅާ ފަހަރަކުން ނަމްބަރުދޭނަމޭ.] ކޮންމެ ގޮތެއް ހަދައިގެންވެސް، އެފަދަ ލޯތަކުން މިންޖުވާން އިޔާދު ބޭނުންވެއެވެ.
[ގުޅާ ފަހަރަކުން އޭނައަށް ގުޅޭނެ ނަމްބަރު ހޯދާ. އޭރުން އަހަރެމެން އެ ނަމްބަރު އިޝްތިހާރު ކުރީމަވީނު.] ފިރާޒް ޚިޔާލުދިނެވެ. ނަމަވެސް، އެކަހަލަ ލަނޑެއް އަންހެން ކުއްޖަކަށްދޭކަށް އޭނާއަކަށް ނުކެރޭނެއެވެ.
[ނޫނޭ، އަންހެން ކުއްޖަކަށް ތިކަހަލަ ލަނޑެއްދޭކަށް ނުވާނެ. އަހަންނަށް ލާހިކެއް ނޫން، އެހެން ހަދާކަށް.] އިޔާދު ބުންޏެވެ.
[އިޔާދެއް ނޫނޭ އެކަން ކުރާނީ އަހަންނޭ.] ފިރާޒް ހީގަތެވެ. އިޔާދުގެ ގާތަށްވެސް ހިނިއައެވެ.
[ލައްކަ ގިނައިރު މިގޭގައިވެސް ހުރެވިއްޖެއެއްނު، ދެން ދަނީ.] އިޔާދު ތެދުވިއެވެ. ފިރާޒް ވަނީ ކޮޓަރިއަށެވެ.
އިޔާދު ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިތުރު މީހަކު އޭނާގެ ފަހަތުން ނުކުތް ކަމުގެ އިޙްސާސްވެސް އޭނާއަށް ކުރެވުނެވެ. އެހެންކަމުން، ދޮރާށިން ބޭރަށް ނުކުމެ، އޭނާ ހުއްޓި ވަށައިގެން ހޯދާލިވެސްމެއެވެ. ނަމަވެސް، މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން، އިޔާދު ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
[އިޔާދު....] ކުއްލިއަކަށް އޭނާގެ ކޮނޑަށް މީހަކު އަތް ވައްޓާލުމުން، އިޔާދު ސިހިފައި އެނބުރުނެވެ. ހަމައެއާއެކު، އޭނާއަށް ބިރުން ފަހަތަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތީގައި ހުރީ މަލަކާއެވެ. އޭނާގެ ބުރިވެފައިވާ އަތްބުރި އޮތީ އިޔާދުގެ ފައިދަށުގައެވެ. ހަޅޭއްލަވައިގަތުމާއެކު، ސަލާމަތަށް އެދެމުން އިޔާދު ދުއްވައިގެންފިއެވެ. ދެފައިގައި ހުރި ބާރެއްލާފައެވެ. ދުވަމުން ދިޔައިރު، އިޔާދަށް އެ ދެވެނީ ކޮންތަނަކަށްކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ދުވަމުން ދުވަމުން ގޮސް ވަކިހިސާބަކަށް ގޮސް، އޭނާ ހުއްޓުނީ ވަރުބަލިވެގެނެވެ. ފުން ނޭވާތަކެއްލަމުން، އިޔާދު ފަސްއެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
އޭރު އިޔާދަށް ހުއްޓި ހުރެވުނީ، ގެއެއްގެ ދޮރާށިދޮށުގައެވެ. އެހެންކަމުން، އޭނާގެ ހިތް އެދުނީ، ވަރުބަލި ފިލުވާލުމަށްޓަކައި ހިނދުކޮޅަކަށް އެތާނގައި މަޑުކޮށްލާށެވެ. އެ ދޮރާށި ހުޅުވުނީ އިޔާދު ހުއްޓި ހުންނަތާ ދެތިން މިނިޓްވެސް ނުވަނީހެވެ. ނުކުތީ މީގެކުރިން ދުވަހަކުވެސް އޭނާ ދެކެފައިވާ އަންހެން ކުއްޖެއް ނޫނެވެ. އެއީ ރީތި ޖާދުވީ ގިނަ ސިފަތަކެއް ލިބިފައިވާ ޕަރީއެއްފަދަ ކުއްޖެކެވެ. އެކުއްޖާ ހުރީ ހިނިއައިސްފައި އިޔާދަށް ބަލަހައްޓައިގެނެވެ. އިޔާދު އެ އަންހެން ކުއްޖާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު، ހިނގައިގަތެވެ. ފަހަރެއްގައިވެސް އެ އަންހެން ކުއްޖާ އޭނާއަށް ގޮވައި ހުއްޓުވާފާނެ ކަމަށް ހީކޮށްފައެއް ނޫނެވެ.
[އައްސަލާމް ޢަލައިކުމް....އިޔާދު.] އިޔާދު ހުއްޓުނެވެ. އެކުއްޖާގެ އަޑުއިވި، ޙައިރާންކަން ޙިއްޞާ ކުރަމުންނެވެ.
[ވަޢަލައިކުމުއް ސަލާމް!] އެނބުރި ސަލާމް ބަލައިގަތް ގޮތަށް، އާގަމަވެފައި އިޔާދަށް ހުރެވުނީއެވެ.
[ވަރަށް ޙައިރާންވެއްޖެދޯ؟ އަހަންނަށް އިޔާދުގެ ނަން އެނގުނީމަ.] އެ އަންހެން ކުއްޖާ މަޑުމަޑުން ހިނގާފައި އައިސް އިޔާދާ އަރާހަމަކުރިއެވެ. ޙަޤީޤަތުގައިވެސް އިޔާދު ހުރީ ފިސާރި އަންތަރީސްވެފައެވެ.
[އާނ...ވަރަށް ބޮޑަށް ޙައިރާންވެއްޖެ! ކިހިނެއްތަ އަހަރެން ދަންނަނީ؟] އިޔާދު އެ އަންހެން ކުއްޖާއާ ހަތަރުކަޅި ހަމަކުރިއެވެ.
[އަހަރެން އިޔާދު ފުރަތަމަ ދުށީ، އަހަރެންގެ ރަށުން....އޭގެފަހުން މިރަށު ހިއްކި ބިމުގައި އޮތް މިއުޒިކް ޝޯވއެއް ބަލަން އެއްވެ ތިބި މީހުންތަކުގެ ތެރެއިން. އެއަށްފަހު މިއަދު މި ފެނުނީ. އިޔާދު ނާހާނަންތަ، އަހަންނަކީ ކާކުހޭ؟] އެ އަންހެން ކުއްޖާ ވާހަކަ ދެއްކީ ވަރަށް ރަނގަޅަށް އިޔާދު ދަނެގެންހުރެއެވެ.
[ކާކުތީ؟] ވަގުތުން އިޔާދު އެއްސެވެ.
[އަހަންނަކީ....... ކޮންމެވެސްވަރަކަށް އިޔާދު އަހަރެން މިހިާރު ދަންނާނެ. އަހަންނަކީ ޝާހީނާ.] ޝާހީނާ ތަޢާރަފްވިއެވެ. އިޔާދުގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާއަށް ގުޅާ އަންހެން ކުއްޖާކަން އެނގުނީމައެވެ.
[ތީތަ އަހަންނަށް ގުޅާ ކުއްޖަކީ؟] އިޔާދު އެއްސެވެ. ޝާހީނާ ބޯޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ.
[ތިއޮއް ރީތި ކުއްޖާއަށް މީހެއްގެ ފިރިޔަކު ނޫނީ ނުފެނުނީތަ؟] މަލާމާތުގެ ރާގެއްގައި، ވިހަ ނަޒަރަކުން ޝާހީނާއަށް ބަލައިލަމުން އިޔާދު ބުންޏެވެ. ޝާހީނާ ލަދުގަތެވެ. ދެރަވެސްވިއެވެ. ހިތަށް ފުން އަސަރުތަކެއްވެސް ކުރިއެވެ.
[އިޔާދު ތިހެން ތިބުނަނީ، އަދިވެސް މީހަކުދެކެ ލޯބިވެވިފައި ނުވާތީ.] ޝާހީނާގެ އަޑަށް ހިތާމައިގެ އަސަރު ވެރިވިއެވެ.
[ތި ބުނާ ލޯތްބަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން....ޝާހީނާވެސް ތި މަޥްޟޫޢަށް އަހަރެން ނޫން އެހެން މީހަކާ ވާހަކަ ދައްކާ.] އިޔާދު ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ޝާހީނާވެސް ހިނގައިގަތެވެ.
[އިޔާދު...އަދި މަޑުކޮށްބަލަ. އިޔާދު އަހަރެންދެކެ ލޯބިނުވިޔަސް، އިޔާދުދެކެ ލޯބިވާ މީހެއްގެ ކުރިމަތީ މަޑުކުރިޔަސް ރަނގަޅުވާނޭ.] ދެންވެސް ޝާހީނާ އިޔާދު ހުއްޓުވިއެވެ.
[އަހަރެންދެކެ އެންމެ ލޯބިވަނީ އަހަރެންގެ އަންހެނުން. އަހަރެން މިދަނީ އޭނަގެ ކުރިމައްޗަށް.] އިޔާދު ޝާހީނާގެ ވާހަކައާ ވިއްދައިގެން ބުންޏެވެ.
[އަހަރެން މިވާ ލޯތްބެއް، ގީތާއަކަށްވެސް އަދި އެހެން މީހަކަށްވެސް ނުވެވޭނެ.] އިޔާދާ ތަންކޮޅެއް ގާތަށް ޝާހީނާ ޖެހިލިއެވެ. އިޔާދު އަނެއްކާވެސް ހިނގައިގަތެވެ. އޭގެކުރިން އޭނާ ޝާހީނާއަށް ފިސާރި ރަނގަޅަށް ބެއްޔެވެ.
ޝާހީނާއަކީ މީގެކުރިން އޭނާ ނުދެކޭފަދަ ރީތި ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖެއް ކަމަށް އޭނާއަށް ޤަބޫލުވެސް ކުރެވެއެވެ. އެހެން ނަމަވެސް، ޝާހީނާ އެދޭފަދަ ނަޒަރަކުން ޝާހީނާއަށް ބަލާކަށް، ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.
[އިޔާދު، އަހަންނަށް އާއެކޭ ބުނެފައި ދޭބަލަ....އަޅެ އަހަރެން އިޔާދެކެ ހާދަ ލޯބިވެޔޭ.] ޝާހީނާ އިޔާދުގެ ފަހަތުން އެއްވެސް ފަސްޖެހުމެއްނެތި ހިނގަމުންދިޔައެވެ.
[ޝާހީނާ އަހަރެންގެ ފަހަތުން ނައިސް، އެނބުރި އައިކޮޅަށް ހިނގައިދާނަންތަ؟] އަނެއްކާވެސް އިޔާދު ހުއްޓުނެވެ.
[އާނ...އިޔާދު ދެކެވާ ލޯބީގެ ޙައްޤުގައި، އިޔާދު ބުނިގޮތަށް މިފަހަރު ހަދާނަން. އަހަރެން އެނބުރި މިދަނީ.] ޝާހީނާ އައިކޮޅަށް އެނބުރި ހިނގައިގެންފިއެވެ. އިޔާދުވެސް ގެޔަށް ދިޔުމަށްޓަކައި ނިކަން ބާރަށް ހިނގައިގެންފިއެވެ.
އޭރުވެސް އިޔާދުގެ ފަސްފަހަތުން މަލަކާ އަންނަކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ.
[އިޔާދު....ކާކާތަ ދެންމެ އިޔާދު ވާހަކަ ދައްކަން ހުރީ.] ގެޔާ ދާދި ކައިރިއަށް އިޔާދަށް އާދެވިފައި ވަނިކޮށް އިވުނީ، މަލަކާގެ އަޑެވެ. ނަމަވެސް، މަލަކާއެއް ފެންނާކަށް ނެތެވެ.
[އަހަރެން މީހަކާ ވާހަކަ ދެއްކިކަން އެނގުނު ގޮތަށް، ވާހަކަ ދެއްކީ ކާކާކަންވެސް، ކަލެއަށް އެނގޭނެ.] އިޔާދުގެ އަޑު ބާރެވެ.
[އޭނަ އަހަންނަށްވުރެން ޅަވެފައި، ރީތިވީމަދޯ؟ އޭނާ ދައްކާހާ ވާހަކަތައް އަޑުއަހަން ހުއްޓިހުރީ.] މި ޖުމްލައާއެކު، ބާރުގަދަ އަޑަކަށްފަހު މަލަކާ ފާޅުވިއެވެ. މަރަށް ތެޅިތެޅި އޮތް ރޯމަހެއްހެން، އަތްބުރި އިޔާދުގެ ފަޔާ ދިމާ ބިންމަތީގައި ތެޅިތެޅި އޮތެވެ.
[މިދުނިޔޭގައިވާ ހުރިހާ އަންހެނުންގެ ޖާދޫގައި ޖެހުނަސް، ކަލޭގެ މަޅިޔަކަށް އަހަރެން ނުމެހޭނެ.] އިޔާދު ރުޅިގަދަވިއެވެ. އާދައިގެ މަތިން މަލާމާތުގެ ފާޑަކަށް މަލަކާ ހީގަތެވެ. ބިންމަތީގައި އޮތް އަތްބުރިއަށް އެވަގުތު އިޔާދަށް ނަޒަރު ހުއްޓާލެވުނެވެ. ހަމައެއާއެކު، އޭނާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. މިހާރު އެ އަތްބުރީގައި އިންސާނެއްގެ މޫނުމަތީގެ ގުނަވަންތަކުގެ ތެރެއިން ނެތީ ދެލޯ އެކަންޏެވެ. އެހެންކަމުން، އެ އަތްބުރި މިހާރު ސިފަވަނީ، ނިކަން ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. މިފަހަރުވެސް އިޔާދު ދުއްވައިގަތީއެވެ. ގަތް ބިރެއްގެ ސަބަބުންނެވެ. މިހާރު މަލަކާ ފެނުނަސް، އޭނާ އެހާ ބިރެއްނުގައެވެ. ނަމަވެސް، އެ އަތްބުރި ފެނުނީމާ، އޭނާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.
[އިޔާދު ހާދަ މޮޔައޭ. އަހަންނަށް އަތުނުވާންތަ ތި ދުވަނީ؟] މިފަހަރު އެ އަޑު އައީ، އަތްބުރިއާ ދިމާއިންނެވެ. ނަމަވެސް، އިޔާދެއް ނުހުއްޓެއެވެ. އޭނާ އެ ބާރުމިނުގައި ގޮސް ވަނީ ގެޔަށެވެ. އެއީ ގީތާ ގެއިން ނުކުންނަން ދިމާކުރި ވަގުތުކަމުން، ގީތާ ފެނިފައިވެސް އިޔާދުގަތީ ބިރެވެ. އޭނާއަށް ގީތާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
[ކާކު ތީ؟ ބުނޭ ކާކު ތީ؟] އިޔާދު ދެލޯ ބޮޑުކޮށްގެންހުރެ ހަޅޭއްލަވައިގަތެވެ. ގީތާއަށް ބިރުން ފަހަތަށް ޖެހެވުނެވެ.
[އިޔާ...މީ އަހަންނޭ...ގީތާއޭ....] އިޔާދުގެ އަތުގައި ގީތާ ހިފެހެއްޓިއެވެ.
[ތީ ގީތާއެއް ނޫން.....ދޫކުރޭ، އަހަރެންގެ އަތުން ދޫކުރޭ....] އިޔާދު ގީތާގެ އަތް ފޮޅުވާލިއެވެ. ލިބުނު ސިހުމާއެކު، ގީތާގެ ދެލޮލުން ކަރުނަ ހިލުނެވެ. މީގެކުރިން ދުވަހަކުވެސް ފިރިމީހާ އެ މޫޑުގައި ހުއްޓައެއް އޭނައެއް ނުދެކެއެވެ.
[އިޔާ ކިހިނެއްވެފައިތަ ތިހުރީ...ރަނގަޅަށް ބަލާލަބަލަ، މީ އިޔާގެ ގީތާއޭ....] ގީތާ އަނެއްކާވެސް އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.
[ގީތާ.] އިޔާދު ހަމައަކަށް އެޅުނީ ދެނެވެ. އެޔާއެކު، އޭނާއަށް ގީތާގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. ޙަޤީޤަތް އެނގޭތީ، ގީތާ ޝަކުވާއެއް ނުކުރެއެވެ. އޭނާ އިޔާދުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނީއެވެ.
[ސޮރީ...ގީތު....] އިޔާދު ގީތާގެ ކޮނޑުގައި ބޯއަޅާލަމުން މަޢާފަށް އެދުނެވެ.
[އަހަންނަށް އެނގޭ، އިޔާދު ޤަޞްދުގައެއް ނޫންކަން. އެކަމަކު ތި އެއްޗެއްގެ ކިބައިން މިހާރު ސަލާމަތްވާންވެއްޖެ....ފިރާޒަށް ގުޅާފައި ގެނެސްބަލަ.] ގީތާ ބުންޏެވެ. ފޯނު ގެނެސް އިޔާދުގެ އަތަށް ދެމުންނެވެ. އިޔާދު ގުޅިއެވެ. ނަމަވެސް، އެވަގުތު ފިރާޒެއް ގެޔަކު ނޫޅެއެވެ. ފިރާޒް އައިސް އެގެޔަށް ވަނީ އޭނާއަށް ނުގުޅިގެން އިޔާދު ފޯނުގެ އަތްގަނޑު ބޭއްވިތަނާހެނެވެ.
[އަހަންނަށްދޯ ތި ގުޅަނީ؟] އެތެރެއަށް ވަންނަމުން ފިރާޒް ވާހަކަ ދެއްކިއެވެ.
[އާނ...މިގޮތަށް ދޫކޮށްގެން ތިބެވޭކަށް ނެތް މިހާރަކު...އޭތީގެ އުނދަގޫ މިހާރު މާބޮޑުވެއްޖެ. މިރަށުގައި ރަނގަޅު މީހަކު ނެތިއްޔާ، އެހެން ރަށަކަށް ގޮސްގެންވެސް ޙައްލެއް ހޯދަންވެއްޖެ މިހާރު.] އިޔާދު ބުންޏެވެ. އިޔާދާ ޖެހިގެން ހުރި ގޮނޑީގައި ފިރާޒް އިށީނދެއްޖެއެވެ.
[މިފަހަރު ކުރީފަހަރު ގޮތަށް ތަވީދެއް އެކަނި ލިޔުއްވާނީކީ ނޫން. ގީތާ ބުންޏެވެ. އެވަގުތު ޝަޒާދާވެސް އެތަނަށް އައިސް ހުއްޓުނެވެ.
[ދަރިފުޅާ، މަންމަ ހޯދައިފިން، ނިކަން މޮޅު މީހަކު. އުތުރުގޭ ޚަލީލަކީ ތިކަހަލަ ކަންތަކަށް ވަރަށްމޮޅު މީހެކޯ، މަންމަގެ ރައްޓެއްސަކު ބުނީ.] ޝަޒާދާ ބުންޏެވެ. މަންމަގެ އެ ޚަބަރުން ގީތާއާއި އިޔާދުގެ މޫނުމައްޗަށް، ކުޑަނަމަވެސް ހިތްހަމަޖެހުމެއްގެ އަސަރު ވެރިވިޔަސް، އެތާނގައި ހުރި ފިރާޒްގެ މޫޑު ބަދަލުވިއެވެ.
[މަންމަ މިބުނާ މީހަކާ ބައްދަލުކުރަމާ ހިނގާ ފިރާޒް. ފިރާޒް ދަންނަންތަ އުތުރުގެ؟] މަންމަ ޝަޒާދާގެ ވާހަކައަށްފަހު، އިޔާދު ފިރާޒާ މުޚާޠަބު ކުރިއެވެ.
ފިރާޒް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިޔާދު އަވަހަށް ދާން ހިނގާށޭ ބުނެފައި ތެދުވެއްޖެއެވެ.
[ހާދަ އަވަސްއަރައިގަނެގެން ތިއުޅެނީ. އަޞްލު ފަންޑިތަވެރިއެއްގެ އެހީ ނުހޯދިޔަސް، ޙައްލު ކުރެވެން އެބައޮތެއްނު ތިކަން.] ހިނގައިގަންނަން އުޅުނު އިޔާދު، ފިރާޒްގެ އަޑުން ހުއްޓުނެވެ.
[ކޮބައިތަ ޙައްލަކީ؟] އިޔާދުގެ ހިތް އަވަސްވި ކަހަލައެވެ.
[ޙައްލަކީ މަލަކާ އެދޭގޮތަށް، މަލަކާވެސް އިޔާދުގެ ޙަޔާތުގެ ބައިވެރިޔަކަށް ހެދުން.] ފިރާޒް ހީގަތެވެ.
[ފިރާޒް...!] ފިރާޒެއް ކަމަކުވެސް ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ.] އިޔާދު ހިތްހަމަނުޖެހުނެވެ. އެއީ ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ ދުލުން ބޭރުވެގެންވާނެ ޖުމްލައަކަށްވާނެ ކަމަށް ޤަބޫލުކުރާކަށް، ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.
[އެއީ އެހެން ބުނި އެއްޗެއް ނޫން. އަވަހަށް ހިނގާ ދާން. މިރޭ ތި މަލަކާއެއްގެ ދުވަސް ދުއްވާލަންވާނެ.] ފިރާޒް ހިނގައިގެންފިއެވެ. ފަހަތުން އިޔާދުވެސް ހިނގައިގެންފިއެވެ.
ލީނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ދޮރާއްޓާ ދިމާއަށް ހިނގައިގެންފިއެވެ. ލަފާކުރެވޭ ގޮތުން، އޭނާ އިންތިޒާރެއްގެ ވަގުތު ގުނަމުންދަނީއެވެ. ދޮރާއްޓާ ހަމައަށް ނުކުމެވެސް އޭނާ ކޮޅުކޮޅުމައްޗަށް ކަޅި އުކަމުންދިޔައެވެ. ދޭތެރެ ދޭތެރެއިން އޭނާ ގަޑިއަށްވެސް ބަލައިލައެވެ. މަންމަމެންކުރެ މީހަކު ނުކުމޭތޯ، ގެޔާ ދިމާއަށްވެސް ނަޒަރު ހިންގާލެވެއެވެ. އޭނާ އެހެން ހުންނަތާ، މާގިނައިރެއް ނުވަނީސް، ނިކަން ބާރަށް ދުއްވާފައި އައި ސައިކަލެއް، އޭނާއާ ދާދި ގާތަށް މަޑުކުރިއެވެ. އެ ސައިކަލް ދުއްވަން އިނީ އޭނާ އިންތިޒާރު ކުރ މީހާ ނޫނަސް، އެ ޒުވާނާއަކީ ނިކަން ރަނގަޅަށް ލީނާ ދަންނަ ޒުވާނެކެވެ.
އެ ޒުވާނާ، އާދެ! ޝަހީމަކީ އޭނާއަށް ތަފާތު އެތައްފަހަރަކު ލޯބީގެ އިޝާރާތްތަކެއް ކޮށްފައިވާ މީހެކެވެ. ޝަހީމް އަދިވެސް ބުނަމުންދަނީ، އޭނާ ލީނާދެކެ ލޯބިވާ ކަމަށާއި، އެ ލޯތްބަށް އިންތިޒާރު ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޝަހީމްގެ އެވާހަކަތަކަކީ، ލީނާ މާ އަޑުއަހާހިތްވާ ވާހަކަތަކަކަށްވަނީ ނުވެފައެވެ.
[އަހަންނަށްތަ، ތި އިންތިޒާރު ކުރަނީ؟] ސައިކަލްގެ ހަރު ޖައްސާލަމުން ޝަހީމް ވާހަކަ ދެއްކިއެވެ.
[ކީއްކުރަންތަ، އަހަރެން ޝަހީމަށް އިންތިޒާރު ކުރަންވީ؟] ފޫހި ފާޑަކަށް ލީނާ ބުންޏެވެ. ޝަހީމް މާޔޫސްވެގެން ހިނގައިދާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް، ޝަހީމަކީ އެހާ ފަސޭހައިން އެފަދަ ކަންކަމުގައި ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ.
[ލީނާ، އަހަންނަށް އިންތިޒާރު ނުކުރިޔަސް، އަހަރެން ލީނާއަށް އިންތިޒާރު ކުރާނަން. އަދި ފަހުން ލީނާވެސް އަހަންނަށް އެދި އިންތިޒާރު ކުރާނެ. މިވަގުތު އުނދަގޫނުކޮށް އަހަރެން ދަނީ.] ޝަހީމް ސައިކަލް ދުއްވާލިއެވެ. ލީނާ ތުން އަނބުރާލިއެވެ.
[ވަރަށް ފޫހިވާ އިންސާނެއް. ކޮންމެފަދަ ވަގުތެއްގައިވެސް އަތުވެދާނެ.....] ލީނާއަށް ހިތާހިތާ ކިޔާލެވުނެވެ. އޭރު ސައިކަލް އޭނާގެ ލޯމަތިން އޮބާލައިފިއެވެ. ލީނާ އަނެއްކާވެސް ގަޑިއަށް ބަލައިލިއެވެ. އެއަށްފަހު، އޭނާ ބޯހޫރާލިއެވެ. އޭރު އަދި ކިރިޔާ ނުވައެއް ޖަހަނީއެވެ. ފިރާޒް އަންނަން ބުނެފައި އޮތީ ނުވަގަޑި ފަނަރައިގައެވެ. އޭނާއަށް މާކުރިން އިންތިޒާރު ކުރަން ފެށުނީއެވެ. ނޫނީ އޭނާގެ ކެތްމަދީއެވެ. ފިރާޒް ދުރުން މާދުރުން އެދިމާއަށް އަންނަ ތަން ފެނުނީ އެވަގުތެވެ. ބުނެފައިވާ ވަގުތަށްވުރެންވެސް އަވަހަށެވެ.
[މާ ލަސްވީތަ؟] ލީނާއާ އަރާ ހަމަކުރަމުން، ފިރާޒަށްވެސް ބަލައިލެވުނީ ގަޑިއަށެވެ.
[އުހުނ....ދިހަ މިނިޓް އަވަސް.] ލީނާ ހިނިތުންވެލިއެވެ.
[އެކަމަކު ލީން މިތާ ހުންނަތާ ވަރަށް ގިނައިރު ވެއްޖެދޯ؟] ފިރާޒް އެއްސެވެ.
[އިންތިޒާރުގެ ވަގުތު އަބަދުވެސް އަހަންނަށް އޮންނަނީ ދިގުވެފައި....އަހަރެން ގާތު ހުރެފައި ފިރާޒް އަހަރެންގެ ލޯމަތިން ގެއްލޭއިރަށް، އަހަންނަށް އިންތިޒާރުގެ ގަޑިތައް ގުނެން ފެށޭ. މިބައްދަލުވުމަށް އަހަރެން އިންތިޒާރު ކުރާތާ މިހާރު ރޭގެ ދިހައެއް ޖެހިއިރުއްސުރެ، ވީއިރުވެއްޖެ.] ލީނާ ފިރާޒްގެ އަތުގައި ހިފެހެއްޓިއެވެ.
[ހަމަ އެވަރަށް ލޯބިވޭތަ؟] ފިރާޒް ލީނާގެ ކަންފަތާ ކައިރިވެލަމުން ވައިއަޑުން އެހިއެވެ.
[އާނ، ވަރަށް...ވަރަށް ލޯބިވޭ. އެކަނިވާ ކޮންމެ ވަގުތަކުވެސް ފިރާޒްދެކެ ލޯބިވެވޭ މިންވަރު އަހަންނަށް އިޙްސާސް ކުރެވޭ.] ލީނާ ފިރާޒާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.
[ލީން ހީކޮށްފާނެ، ފެންނަ ކޮންމެ ފަހަރަކު އަހަރެން ލޯބިވާ ވާހަކަ ނުބުނާތީ، އަހަރެން ލީންދެކެ ލޯބިނުވަނީއޭ. އަހަންނަށް ލީންގެ ހަނދާންތަކުން އުނދަގޫވާވަރު އިޙްސާސް ކުރެވޭނީ ހަމަ އަހަންނަކަށްނު.......ޙަޤީޤަތުގައި ލޯތްބަކީ އެކެއްގެ ހިތް އަނެކާގެ ހިތަށް އެދޭ އެދުމަކަށް ކިޔާ ނަމެއް. ހަމަގައިމުވެސް، އަހަރެންގެ ހިތް އިންތިހާއަށް ލީންގެ ހިތަށް އެދޭ....] ފިރާޒް ލީނާ އޭނާގެ ހަށިގަނޑާ ދިމާއަށް ލަފާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ލީނާ ފިރާޒްގެ މޭގެތެރެއަށް ބޮނޑިވެލައިފިއެވެ. ލީނާ އުފާވިއެވެ. އޭނާ އަޑުއަހަން ބޭނުންވާ ޢިބާރާތުން ފިރާޒް ވާހަކަ ދެއްކީމައެވެ. އޭނާއަށް އަބަދުވެސް އެދެވެއެވެ. ފިރާޒްގެ އެފަދަ ޖުމްލަތަކަކަށެވެ.
[ފިރާޒް...މިތާނގައި ތިއްބާ މަންމަ ނުކުމެގެން އަތުވެދާނެ...] ލީނާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ.
[ތިހެންވީއިރު ހިނގާ އަތިރިއަށް އެރެން.] ފިރާޒް ލީނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ރެޔަކީ ހަނދުމަހެއްގެ މެދު ހަފްތާގެ ރޭތަކުގެ ތެރެއިން ރެޔަކަށްވުމުން، ފުރިހަމަ ހަނދުގެ އަލިކަން ފެތުރިފައިވާ މަގުތަކުން އިޔާދު ފިރާޒްގެ ފަހަތުން ހިނގަމުން އެދަނީ، އެރަށު އުތުރުގޭ ޚަލީލާ ބައްދަލުކުރުމަށެވެ. އުތުރުގެއަކީ އިޔާދު ދަންނަ ގެއަކަށް ނުވިޔަސް، ފިރާޒް ބުނަނީ، އޭނާ އެގެޔާއި އަދި ޚަލީލުވެސް ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ.
[ފިރާޒް، އުތުރުގެއަކީ ކިހާ ހިސާބެއްގައި ހުންނަ ގެއެއްތަ؟ ހިނގާ ހިނގާ މިހާރު އަހަރެންގެ ދެފައި ވާޅުވެއްޖެ.] އިޔާދު މަޑުޖެހިލިއެވެ. ނަމަވެސް، ފިރާޒެއް މަޑެއް ނުކުރެއެވެ. ފަހަތުން އައުމަށް އިޝާރާތް ކުރަމުން، އޭނާ ކުރިއަށް ދިޔައީ ފަސްއެނބުރި ބަލައިވެސްނުލައެވެ.
[އެގެ ހުންނާނީ ރަށުގެ އެންމެ އުތުރުކޮޅުގައި....އެކަމަކު މިހާރު ޚަލީލު އުޅެނީ، މިހިސާބުގަނޑުގައި، ވަކިން ގެއެއް އަޅައިގެން. އެގެ ހުންނާނީ މިރަށުގައި އެންމެ މީހުން މަދު ހިސާބުގައި.] މިހެން ބުނިއިރުވެސް، ފަހެއް ނުބަލައެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހަނީއެވެ.
[ކޮބައިތަ މިހާރު ޚަލީލު އުޅޭ ގެއަކީ؟] އިޔާދު އަނެއްކާވެސް ހިނގައިގެންފިއެވެ. ފިރާޒް ގޮސް، މާދުރުގައި ވަކިން ފަނުން ހަދާފައި ހުރި ކުޑަ ޖިފުޓިގަނޑެއް ކަހަލަ ގެޔަކަށް ވަނެވެ. އިޔާދު ގާތު ބޭރުގައި މަޑުކުރާށޭ ބުނެފައެވެ.
އެއްމިނެޓް، ދެމިނެޓަށް ބަދަލުވެ، ބައިގަޑިއިރަށް ބަދަލުވިއިރުވެސް، އެތެރެއަށް ވަން ފިރާޒްގެ ޚަބަރެއް ނުވިއެވެ. ކޮއްޅަށް ހުރެހުރެ، އިޔާދުގެ ދެފައި ވާޅުވިއިރުވެސް، ފިރާޒެއް ނުނިކުތެވެ. އެހެންކަމުން، އިޔާދު ފުރަތަމަ މަޑުމަޑުން ފިރާޒަށް ގޮވާލިއެވެ. ނަމަވެސް، ދެންވެސް ޚަބަރެއްނުވިއެވެ. އިޔާދު އެ ޖިފުޓިގަނޑަށް ވަންނަން ހިނގައިގަތީ އެއަށްފަހުގައެވެ.
[ފިރާޒް...ފިރާޒް....] އެގޭ ދޮރުމައްޗަށް ހުއްޓި، އެތެރެއަށް ބޯދިއްކޮށްލަމުން އިޔާދު ފިރާޒަށް ގޮވިއެވެ. ހަމައެޔާއެކު، އޭނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެތެރޭގައި ހުރީ ފިރާޒެއް ނޫނެވެ. އެތެރޭގައި ހުރި ރޯނުފުރި އެނދެއްގެ މަތީގައި އޮތީ ޒުވާން އަންހެން ކުއްޖެކެވެ. އެއްވެސް ފޭރާމެއްނެތިއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާ ނުދެކޭފަދަ ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާ އޮތީ ރޮއިރޮއިއެވެ. އިޔާދަށް ލަދުން ފަހަތަށް ޖެހިލެވުނެވެ.
[އަހަރެން ސަލާމަތްކުރޭ.] އެކުއްޖާގެ އަޑަށް އިޔާދު ހުއްޓިއްޖެއެވެ. ހިތަށްއެރިއެވެ. މިއީ އަނެއްކާ ކޮންފަދަ ހާލެއްގައި އޮތް ކުއްޖެއްބާއެވެ؟ ފިރާޒް ވަނީ މިގެއަކަށް ނޫންބާއެވެ؟ މިހެން ހިތަށް އެރުމާއެކު، އޭނާ އަނެއްކާވެސް އެތެރެއަށް ވަދެއްޖެއެވެ. އަދިވެސް އެ އަންހެން ކުއްޖާ އޮވެގެން ރޮނީއެވެ. އެނދާ ދިމާ ބިންމަތީގައި އޮތް އެކުއްޖާގެ ހެދުން އިޔާދަށް ފެނުނީ އެތެރެއަށް ވަން ވަގުތެވެ. އިޔާދު އަވަސް އަވަހަށް ވަދެ ހެދުން ނެގިއެވެ.
ފުޅި ބައްތީގެ ފަނޑުއަލީގެ ތެރޭގައި، އިޔާދު އެ ހެދުން ހިފައިގެން އެނދާ ދިމާއަށް ހިނގައިގެންފިއެވެ. އެޔާއެކު، އެ އަންހެން ކުއްޖާ ރޮއިގަަނެފައި އަނގަމަތިވެލިއެވެ. އިޔާދަށް ދެލޯ މަރާލެވުނެވެ.
[އަހަރެން ސަލާމަތްކޮށްދީ....] އެކުއްޖާ އެއްލި އަތުން އިޔާދުގެ އަތުގައި ހިފިއެވެ. އެހިނދު އިޔާދުގެ ގައިން ހީބިހި ނަގައިގަތުމާއެކު، ހީވީ އާދަޔާ ޚިލާފު ކަރަންޓެއް ނާރުތަކުގައި ދައުރުވީހެންނެވެ. އޭނާއަށް އެކުއްޖާގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރެވުނު ނަމަވެސް، އޭނާއަކަށް އެކަމެއް ކާމިޔާބެއްނުވިއެވެ. އެކުއްޖާ ގައިގައި ހުރި ބާރެއްލާފައި އިޔާދުގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. އެވަގުތު ކަށިވެލި އަޅާފައިވާ ބިމުގައި ފައި އެޅުނު ގޮތުން، އިޔާދު ކައްސާލައިގެން އެނދުމައްޗަށް ވެއްޓުނެވެ. މިހާރު އިޔާދުގެ އެއްއަތާއި އެއްފައި އެއޮތީ، އެ އަންހެން ކުއްޖާގެ ނިވާކަން ނެތް ހަށިގަނޑު (ގައިމަތީ) ގައެވެ.
[ސޮރީ....ސޮރީ...] އިޔާދު ފުންމައިގެން ތެދުވެއްޖެއެވެ. އެވަގުތު އަނެއްކާވެސް އެ އަންހެން ކުއްޖާގެ އަތް ދިއްކޮށް، އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.
[ލަދުނުގަނޭ...އިޔާދު....އަހަންނަށް އެހީވެދީ.] އެ އަންހެން ކުއްޖާ ތެދުވެ އިޔާދާ ގާތަށް ޖެހިލިއެވެ. އިޔާދަށް ބޭއިޚްތިޔާރުގައި އެކުއްޖާގެ ފައިގެ ބޮޑު އިނގިލިން ފެށިގެން ބޮލާ ހަމައަށް ރަނގަޅަށް ބަލައިލެވުނެވެ. އެޔާއެކު އިސާހިތު އޭނާގެ ޙަރަކާތްވެސް ބަދަލުވެއްޖެއެވެ. އޭނާ އިޚްތިޔާރުން ބޭރުވީއެވެ. އެ ރީތި ޖާދުވީ އަންހެން ކުއްޖާގެ ޖާދޫގައި އޭނާ ޖެހުނީ، ހީކުރި ވަރަށްވުރެން މާއަވަހަށެވެ. އޭނާއަށް ހަމަ ވިސްނުން ލިބުނުއިރު، ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. އެކަމާ އޭނާ ނިކަން ދެރަވެ ހިތާމަކުރިއެވެ.
[ކިހިނެއްބާ މިވީ؟] އިޔާދު ދެފަރާތަކަށް ބޯހޫރާލިއެވެ.
[އެކަމާ ނުވިސްނާ އިޔާދު. އެއީ އެއްވެސް ކަމެއް ނޫން...އަހަރެން ގީތާ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކާނަމޭ.] އެ އަންހެން ކުއްޖާ ތެދުވިއެވެ. އިޔާދު ޙައިރާންވިއެވެ. އެ އަންހެން ކުއްޖާއަށް އޭނާގެ ނަމާއި ގީތާގެ ނަން އެނގުނީމައެވެ. އިޔާދުގެ ހަނދާނަށް އައީ މަލަކާއެވެ.
[ކިހިނެއް އަހަންނާއި އަހަރެންގެ އަންހެނުންގެ ނަން އެނގުނީ؟] އިޔާދަށް ޝައްކެއްވިއެވެ.
[އަދިވެސް އިޔާދަށް އަހަންނެއް ނޭނގޭދޯ؟] އެ އަންހެން ކުއްޖާ ހީގެންފިއެވެ. ނިކަން ބާރަށެވެ. ހަމައެޔާއެކު، އިޔާދުގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ހަޅޭއްލަވަމުން އިޔާދު ދުއްވައިގަތެވެ. ތެދެކެވެ. މިހާރު އެ ޖިފުޓިގަނޑު ތެރޭގައި ހިނިއައިސްފައި އެހުރީ، އެއް އަތް ބުރިވެފައިވާ މަލަކާއެވެ. އޭނާ ހުރީ ލިބުނު އުފަލާމެދު ހިތްހަމަޖެހިފައެވެ. އެހެންކަމުން، އިޔާދު ދުއްވައިގަތްއިރުވެސް އޭނާ ހުރީއެވެ.
އިޔާދު ދުވަމުން ދުވަމުން ގޮސް ވަނީ ފިރާޒްމެން ގެޔަށެވެ. އޭރު އޭނާއަށް ވަނީ މާނޭވާލެވިފައެވެ. އެއީ ފިރާޒްވެސް ލީނާ ގާތު ހުރެފައި އައިސް ގެޔަށް ވަން ވަގުތެވެ. ކަންތައްވީގޮތް އިޔާދު ވަގުތުން ފިރާޒަށް ކިޔައިދިނެވެ.
[އެހެންތަ!؟ މިހާރު ތި އެއްޗެއްގެ އުނދަގޫ މާބޮޑުވީދޯ....ހަމަ މިހާރު ހިނގާ ދާން. މިހާރު ޚަލީލަށް ވުރެންވެސް މޮޅު މީހަކު ހުންނާނެ ހޯދާފައި. އޭނަ ހެޔޮހިތުން ކޮށްދީފިއްޔާ، އެއްވެސް ޝައްކެއްނެތި ރަނގަޅުވާނެ ކަމަށް އަހަރެންގެ ބައްޕަ ބުނި.] ފިރާޒް އައިކޮޅަށް އެނބުރިއްޖެއެވެ. އޭރުވެސް އިޔާދުހުރީ ބިރުން ގޮސް ދާހިއްލާފޯވެފައެވެ.
[ތިބުނާ މީހަކީ ކާކުތަ؟] އިޔާދު ފިރާޒަށްވެސް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. މިހާރު އެއްވެސް މީހަކަށް އިތުބާރު ކުރަން އޭނާ ފަސްޖެހެއެވެ.
[އެއީ ރެކިބޭބެ ކިޔާ މީހެއް. ބައްޕަ ބުނީ ނިކަން މޮޅު މީހެކޯ އެއީ...] ފިރާޒް ސައިކަލަށް އެރިއެވެ. ބިރުން ތުރުތުރުއަޅާހުރި އިޔާދު ސައިކަލްގެ ފަހަތަށް އެރުމާއެކު، ފިރާޒް ސައިކަލް ދުއްވާލިއެވެ. އެގެ ހުންނަތަން، އޭނާގެ ބައްޕަ ފިކުރީ ވަރަށް ރަނގަޅަށް ކިޔައިދީފައި އޮތުމުން، އެމީހުންނަށް އެރޭ އެގެ ހޯދާކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެރޭ ނަޞީބު ރަނގަޅުކަމުން، ރެކިބޭބެއާ ވަރަށް ފަސޭހައިން ބައްދަލުވެސް ވެއްޖެއެވެ.
[ތިއީ އެއްވެސް ކަމެއް ނޫން. މިރެއިން މިރެޔަށް ތިކަމަށް ޙައްލު ހޯދިދާނެ.] ވެގެން އުޅޭގޮތް ފިރާޒް ކިޔައިދިނުމުން، ފުރަތަމަވެސް ރެކިބޭބެ ދިނީ އުންމީދީ ޖަވާބެކެވެ. އެހެންކަމުން، އިޔާދުގެ މޫނުމަތިން އުންމީދީ އަލިކަން ފާޅުވިއެވެ.
[ރެކިބޭބެ ބުނިވަރަކަށް ޚަރަދުވެސް ކުރެވިދާނެ. އަހަރެމެން ބޭނުންވަނީ ވަގުތުން ޙައްލު ހޯދަން.] އިޔާދު ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.
[ކޮއްކޮ ހާސްނުވޭ....ރެކިބޭބެމެނާ ޖެހިފައެއް އޭއްޗަކަށް ގަދައެއް ނުދެއްކޭނެ. މިރޭ ރެކިބޭބެ ދޭ ތަވީދު އަޅައިގެންދޭ....އެއަކަށް ސަތޭކަ ފޫޓަށްވުރެން ގާތެއް ނުވެވޭނެ.] ޔަޤީންކަމާއެކު ރެކިބޭބެ ބުންޏެވެ.
[ހަމަ ޔަޤީންތަ...އޭއްޗަށް އަހަންނާ ގާތެއް ނުވެވޭނެތަ؟] ކުރީ ފަހަރުތަކުގައި ކަންތައް ދިމާކުރިގޮތުން، އިޔާދަށް ވަނީ އިތުބާރު ގެއްލި، މާޔޫސްވެފައެވެ. އޭނާ އެ ސުވާލުކުރީ އެހެންވެގެނެވެ.
[ޝައްކުނުކުރޭ...ޔަޤީންކުރޭ... މާދަމާރޭ ތިގޭގައި ވަރުގަދަ ކިޔެވެއްޔަކަށްފަހު، އޭތީގެ ކިބައިން މުޅިން ސަލާމަތްވެވޭނީ.] ރެކިބޭބެ ޔަޤީންކަންދިނެވެ. އެއަށްފަހު، މަޑުކުރާށޭ ބުނެފައި، އަލަމާރިތެރެއިން ތަވީދުލިޔާ ކަރުދާހެއް ނަގައިގެން ރެކިބޭބެ ތަވީދު ލިޔަން ފަށައިފިއެވެ.
[އަހަރެންގެ ބައްޕާވެސް ރެކިބޭބެއަށް ވަރަށް ތަޢުރީފުކުރި.] ރެކިބޭބެ ލިޔަމުންދިޔަ ތަވީދަށް ބަލަން އިނދެފައި ފިރާޒް ބުންޏެވެ. ނަމަވެސް، ރެކިބޭބެއަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ރެކިބޭބެ ހުރީ އެކަމުގެ ތެރެއަށް މާބޮޑަށްވެސް ވަދެފައެވެ.
[ދެން މާގިނައިރެއް ނުވާނެ. އެކަމަކު މިހާރު ގޭގައި ނެތްތާ ވަރަށްގިނައިރުވެއްޖެ.] އިޔާދަށް ކާން ހަދައިގެން ހުރެ ގީތާ ވާހަކަ ދެއްކީ އޭނާގެ މަންމައާއެވެ. އޭރު އެތާނގައި އޭނާގެ ޝާރިޔާ މަންމައާއި ބައްޕަ ޝާކިރާ ދެމީހުންވެސް ތިއްބެވެ. އެމީހުން ތިބީ އިޔާދު ގެޔަށް ނައިސް، މާ ލަސްވީމާ، ފިސާރި ކަންބޮޑުވެފައެވެ.
[ކޮންތާކަށްތަ އޭނަ ދިޔައީ؟] ޝާކިރު އެއްސެވެ.
[ފިރާޒާއެކު ޚަލީލު ގާތަކަށްނު ދިޔައީ.] ފިރާޒާއި އިޔާދު ގެޔަށް އައިސް ވަނީ ގީތާއަށް އެހެން ބުނެވުނުތަނާހެނެވެ. އިޔާދުހުރީ ފިސާރި ހިތްހަމަޖެހިފައެވެ.
[އިޔާދާއި ފިރާޒް އާދޭ ކާން. ޚަލީލާ ދިމާވިތަ؟] ކާމޭޒުމަތީ ހުރި ތަށިތައް ރަނގަޅު ކުރަމުން، ގީތާ ވާހަކަ ދެއްކިއެވެ.
[ޙަލީލަށްވުރެން މާމޮޅު މީހަކު ލައްވާ ކަމެއް ކުރުވައިގެން މިއައީ.] ގީތާއަށް ޖަވާބުދިނީ ފިރާޒެވެ.
އެރެއެވެ. ދަންވަރުގެ ހިމޭންކަމާއެކު މުޅި ރަށްވެސް އަރާމު ނިދިން ހިމޭންވެފައިވާ ކަހަލައެވެ. އިޔާދުވެސް އޮތީ މަލަކާގެ ކިބައިން ސަލާމަތްވެ، އަރާމު ނިންޖެއްގައެވެ. ނަމަވެސް، އަރާމު ނިދީގައި އިޔާދަށް އޮވެވުނީ އިރުކޮޅެއް ވަންދެނެވެ. ބޭރުން އިވުނު ގަދަ އަޑުފަށްގަނޑަކާއެކު، އޭނާއަށް ސިހިފައި ނިދިން ހޭލެވިއްޖެއެވެ. ހީވީ ގޯތިތެރެއިން ރުކެއް ކަނޑާ ވައްޓާލިހެނެވެ. އިރުކޮޅެއް ވަންދެން އެ އަޑާ ދޭތެރޭ ވިސްނަން އިނުމަށްފަހު، އޭނާ ތެދުވެއްޖެއެވެ. ދެވަނަ އަޑެއް އިވުނީ އެވަގުތެވެ. މިފަހަރު އެ އަޑު ކުރިއަށްވުރެން ބާރެވެ. އެވަރުންވެސް ގީތާއަށް އަދި ގޭގެ އެހެން މީހަކަށް ހެއެއްނުލެވެއެވެ. ތިންވަނަ އަޑެއް އިވުނީ، އިހުނަށްވުރެން ކައިރިންނެވެ. ހީވީ ގޭގެ ފުރާޅުމައްޗަށް ރުކެއް ބިންދާ ވައްޓާލިހެންނެވެ. އެ އަޑުތަކަށް ކިތަންމެ ބިރުގަތްނަމަވެސް، ގީތާއަށް ގޮވައި، ގީތާ ހޭލައްވާކަށް އިޔާދު ބޭނުމެއް ނޫނެވެ.
ރެކިބޭބެ ދީފައިވާ ޔަޤީންކަމާއެކު، އިޔާދަށްވެސް ރެކިބޭބެއަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވެއެވެ. ސަތޭކަ ފޫޓަށްވުރެން ދުރުގައި ހުރެ، ކިތަންމެ ވައްތަރުތަކެއް ޖެއްސިޔަސް، އޭއްޗަށް އޭނާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމުގެ ޔަޤީންކަން ރެކިބޭބެ ވަނީ ދީފައެވެ. ކުރިން މިފަދަ ތުރާތައް އަދި އޭތީގެ ފުށުން ފެންނާނެ ވާހަކަވެސް ރެކިބޭބެ ބުނެފައިވެއެވެ. ރެކިބޭބެ ނަޞޭޙަތްތެރިވެފައިވަނީ، އެފަދަ އަޑުތައް ކިތަންމެ ކައިރިން އިވުނު ކަމުގައިވިޔަސް، ދޮރު ހުޅުވައިގެން ނުނިކުތުމަށެވެ.
ތެދެކެވެ. ރެކިބޭބެ ބުނިފަދައިން، ޖިންނި ހުރީ އެގެޔާ ސަތޭކަވަރަކަށް ފޫޓް ދުރުގައެވެ. ދުރުގައި ހުރެގެން އޭތި އެގޭގެ ފުރާޅުމައްޗަށް އެއްޗެހިތަކެއް އުކަނީއެވެ. ރުޅިއައިސްފައި ހުރެއެވެ.
ރެކިބޭބެއަށް ކިތަންމެ އިތުބާރު ކުރެވުނަސް، އިޔާދަކަށް އެރެއަކު ނުނިދުނެވެ. ޖިންނި އައިސް އޭނާއަށް ޙަމަލައެއް ދީފާނެހެން ހީވަނީއެވެ. ލޯމަރާލާއިރަށް، ޖިންނި (މަލަކާ) ބިރުވެރި އެއްޗެއްގެ ސިފައިގައި އޭނާއަށް ފެންނަނީއެވެ.
އެރޭ އިރު އަރަންދެންވެސް އިޔާދަށް އުޅެންޖެހުނީ މިފަދަ ޙާލެއްގައެވެ.
އަލިވިލުމާއެކު، އިޔާދު ބޭރަށް ނުކުތެވެ. މަލަކާގެ ހިލަންވޭތޯ ވަށައިގެން ހޯދާވެސް ލެވުނެވެ. ނަމަވެސް، މަލަކާގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވުމާއެކު، ހެނދުނުގެ ނާސްތާއަށްފަހު، ދެން އޭނާ އަވަސްވެގަތީ ރެކިބޭބެގެ ގާތަށް ދިޔުމަށެވެ. މިހާރަށްވުރެންވެސް މަލަކާ ދުރަށް ލެވޭތޯއެވެ.
[އަވަހަށް ސައިބޮއިގެން ރެކިބޭބެ ގެޔަށް ދާންވީ. ރެކިބޭބެ ބުންޏޭ މިއަދު އަންނަންވާނެޔޭ.] ނާސްތާކުރަން އިނދެ، އިޔާދު ގީތާއާ ވާހަކަ ދެއްކިއެވެ.
[މިހާރު އޭއްޗަކަށް ކައިރިއެއް ނުވެވޭދޯ؟] ހިތްހަމަޖެހިފައި ހުރި ގީތާ ބުންޏެވެ.
ނާސްތާކޮށް ނިމި، ފިރާޒަށް ގުޅައިގެން ގެނެސް، ފިރާޒާއެކު އިޔާދު ދިޔައީ ރެކިބޭބެގެ ގެޔަށެވެ. ރެކިބޭބެ ބުނީ، މުޅިން މަލަކާގެ ކިބައިން ސަލާމަތްވުމަށް ވަރަށްގިނަ
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު