ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް (ލޯޔަރު ވައްޑެ)
ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް (ލޯޔަރު ވައްޑެ)
މިހާރު އައިސް މިހުރީ ސިޔާސީ ގޮތުން އޭނާގެ އަސްލު ގޭގައި ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހުގައި ތަމްސީލު ކުރަށްވަމުން ދިޔަ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވައްޑެ ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ސިޔާސީ ގޮތުން އޭނާގެ އަސްލު ގެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުގެ މަޤާމުތަކަށް އިސްކުރެއްވުމަކީ ސަރުކާރާއި ފޭއަށް ޖެހިވަޑައިގަންނަވަން ޖެހުނު ސަބަބު ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ އޭނާ އާމެދު މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ޤާސިމް އިބްރާހިމް، ރައީސް ޞާލިޙްގެ ކޯލިޝަންގެ ތެރޭގައި މިއަދު ހުންނެވުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމަކަށް ނުވާތީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގެންނެވުމަށް އެހެން ގޮތެއް ހޯއްދަވަން ޖެހިވަޑައިގެންނެވީ ކަމަށެވެ.

"އެމްޑީއެންއަށް ނިސްބަތްވި ބަޔަކު ރައީސް އޮފީހަށާއި ދައުލަތުގެ އެކިއެކި މަގާމުތަކަށް ރުކުރުވާލާފައި އެމީސްމީހުން ލައްވައި ސަރުކާރުގެ އެކި ގާނޫނުތައް ހަދުވައި މިކަންކަން ކުރުމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ އިސްލާމް ދީނާ ދެކޮޅު ބިލެއް އުފަންވެގެން އައުން. މިއީ ކެތްކުރެވޭނެ ކަމެއް ނޫން." ވައްޑެ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް މައުމޫންގެ އަރިހުގައިވެސް ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރެއްވި ވައްޑެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ނަމަވެސް މި ޖުލައިމަހުގެ 19 ވަނަ ދުވަހުގެރޭ ވައްޑެ ވަނީ އަލުން ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމާއި ގުޅިވަޑައިގެން، 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން