ރާއްޖޭގައި މިހާރު މިހިނގަމުންދާ ވެރިކަމުގެ ނިޒާމަކީ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ރިޔާސީ ނިޒާމެކެވެ. ނުވަތަ މަލްޓިޕާރޓީ ޑިމޮކްރަސީ ނިޒާމެކެވެ. 2008 ވަނަ އަހަރާއި ހަމައަށް އޮތް “ޚުދުމުޚުތާރު” ވެރިކަން ނުވަތަ ރައީސް މައުމޫންގެ ދިގުތިރީސް އަހަރުގެ “އަނިޔާވެރި” ވެރިކަން ނިންމާލީ މިދެންނެވި ނިޒާމަށް ދިވެހީން އާނބަސް ބުނެގެންނެވެ. ނަމަވެސް އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ބޭއްވިދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ނަތީޖާއިން ދެއްކީ ދިވެހީން ވެރިކަން ހަވާލުކުރާ ވަރަށް ތާއީދު ލިބޭ ނުވަތަ އަޣުލަބިއްޔަތު ދޭނެ އެއް ފިކުރެއް އަދި އުފަންވެ ތަރައްޤީވެފައި ނެތްކަމެވެ.

އެހެން މިދެންނެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހުބުރާއި ހަމައިން ދިގު ތިރީސް އަހަރުގެ ވެރިކަމަށް ނިމުން ގެންނަން ރައްޔިތުން ވެރިކަން ހަވާލު ކުރީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ނުވަތަ އެއް ފިކުރަށްވުރެ ގިނަ ފިކުރު ހިމެނޭ ކޯލިޝަނަކާއެވެ. ސަރުކާރު ފޮތިފޮތިކޮށް ބައި އަޅައިގެން އުޅޭން މިދެންނެވި ތަފާތު ފިކުރުތަކަށް އެކުގައި މާގިނަ ދުވަހަކު އެއްދާން ނުކުރެވުނެއް ކަމަކު ޖެހިގެން އައި ހުރިހާ ރިޔާސީ އިންތިޚާބުތަކުން ވެސް ދެއްކީ ހަމަ މިދެންނެވި ހަގީގަތެވެ.

ނަމަވެސް މިފަހަރު އެބުނާ ކޯލިޝަނެއް ހެދީ މާޒީގެ ހިތި ތަޖުރިބާގެ އަލީގައި ބާޣީންނާއި ޣާޒީންނަށް އެކުގައި އެއްދާންކޮށް ސުލްހަވެރިކޮށް އުޅެލެވޭނެ “ފޯމިއުލާ” އަކާއި އެކުގައި ކަމަށް ހީކުރެވުނު ނަމަވެސް މިއަދު މަސްރަޙުން މިފެންނަނީ އެ ހަޤީގަތެއް ނޫނެވެ. ހަމަ ކުރިންވެސް ކަންހިނގާ ދިޔަ ބީދައިން މިހާރު މިފެންނަނީ “ލާ ދީނީ” އާއި “ލާ ޤައުމީ” އާއި “ލާ އިންސާނީ” އަދި ބާޣީންނާއި ޣާޒީން ވަކިވެ ބައިބައިވެ ކުރީންވެސް އޮތް ގޮތަށް އެއެއްޗެއްގެ އަސްލު އުފެދުނު ގޮތަށް ރުޖޫޢަވާން އުޅޭ މަންޒަރެވެ.

މިއަދު ވެރިކަން ކުރާ މައި ޕާޓީ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީން މިދެންނެވި ކޯލިޝަން ރޫޅާލުމަށް ދައްކާ މައިގަނޑު ހުއްޖަތަކީ އެކިޔާ “އެޖެންޑާ 19” ގެ މައްޗަށް ކޮވިޑް 19 ގަދަވެގަތީ އެއްގަލަކަށް އަރައިގެން ބައި އަޅައިގެން “ކާން” ތިބި އެހެން ޕާޓީތަކުގެ ސަބަބުން ކަމުގައެވެ. އެޖެންޑާ 19 އަކީ ކޯލިޝަންގެ ތެރެއިން އުފަންވި އެއްޗެއް ނޫންވީމާ އެބުނާހެން ވެދާނެ ކަމަށް ފެނެއެވެ. އެބުނާ އެޖެންޑާ 19 އަކީ އެކި އިންތިޚާބަށް އެކި ކުލަ ޖެހޭ އެކި ރަހަތައް ހިމެނޭ ގޮތަށް މޮޑޭ “ފުށްގަނޑެއް” ކަމުގައި ވަންޏާ އެބުނާ ކޯލިޝަން ސަރުކާރުގައި ތިބި އެހެން ޕާޓީތަކުގެ ނުވަތަ އެހެން ފިކުރުތަކުގެ ވެރީންނަށް، ވަޒީރުންނަށް އެއެއްޗެއް ރަނގަޅަށް މޮޑެން ނޭނގިދިއުމަކީ ނުވެ ނުދާނެ ކަމެކެވެ.

އެކިޔާ އެޖެންޑާ 19 އަކާއި ރައީސް ޞާލިޙް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި ގުޅޭ ހިސާބެއް ނުވަތަ ގުޅޭ މިންވަރެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެމްޑީޕީގެ ވަޒީރުން ފިޔަވައި އެބުނާ ކޯލިޝަންގެ އެހެން ވަޒީރުންނަށް އޭތި ރަނގަޅަށް މޮޑެ އެއްކޮށް ގުޅަޖަހާން އަމުދުން ނުވެސް އެނގިވަޑައިގަންނަވަނީ ކަމަށް ވެސް ވެދާނެއެވެ.

އެޖެންޑާގައި އޮތް އެއްޗަކާއި ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދުމަށް ކުރަންޖެހެނީ ކޮން ކަންތައްތަކެއްކަން ނުވަތަ ހިނގަންޖެހެނީ ކޮން މަގަކުންކަން ނޭނގެން، ވަޒީރު ކަމުގައި ކޯލިޝަނުން އައިސް ތިބީ ކިހާ ވަރެއްގެ ބާރުތަކެއް ތަންފީޒު ކުރަން ދީފައި އޮތް ބައެއްކަން ވެސް މިހާރު އެބަ ހަމަ ރަނގަޅަށް ބަލަން ޖެހެއެވެ.

އުސްތާޒު މައުމޫނަށް އެޅި ބައިން ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ މަސްވެރިކަމާއި ގެދޮރާއި ބެހޭ ވަޒީރާއި ތަރިކައާއި އާރޓްސްއާއި ބެހޭ ވަޒީރެވެ. އޭގެ ތެރެއިން މަސްވެރި ވަޒީރު، ޒަހާ ފަކީރަށް އުޅުއްވަނީ އެޖެންޑާ 19 ގައި އެބުނާ ހަމަ އަގު އެނގިވަޑައި ނުގަންނަވައިގެންނެވެ. ދެން އެކަމަނާއަށް އޮތީ ރައީސް ޞޯލިޙްގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މަސް ގަންނަ ކާރުޚާނާ ހެދުމާއި އައިސް ޕްލާންޓް ހެދުމެވެ. ދެން އެކަމަނާއަށް އޭގައި އޮތީ ލޭނު މަސްވެރިކަމަށް ދޫކޮށްފައި ހުރި ލައިސަންސް ތަކެއް އުވާލުމުގެ މަސައްކަތެވެ. އެކަން އެއީ އެކަމަނާއަށް ގިނި ކަންޏާ ކުރެވޭ ވަރު ކަމަކަށް ނުވެއެވެ. އޭގައި އުވާލަން ޖަހަން ޖެހޭ ތައްގަނޑު އޮތީ އެހެން ވަޒީރެއްގެ އަތްޕުޅުގައެވެ. އުވާލުމުގެ ބާރު އޮތީ ދައުލަތުގެ އެހެން ބާރެއްގެ އަތްދޮށުގައެވެ.

މިސަރުކާރު ފެށުނީއްސުރެ ތަރިކައާއި ބެހޭ ވަޒީރު އުޅުއްވަނީ ރައީސް ޞާލިޙްގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ ބުރަ މަސައްކަތުގައެވެ.

އުސްތާޒަށް ކިރިޔަ ކިރިޔާ ވުޖޫދު ކުރެވުނު ޕާޓީގެ ނަމުގައި މިހާރު ހުންނެވި އަނެއް ވަޒީރާ ރައީސް ޞޯލިޙްގެ ވަޢުދުތަކުން ހަވާލުވެފައި އޮތީ ރައީސް ޔާމިންގެ ސަރުކާރުން އެޅި ހަތް ހާސް “ކޮތަރުކޮށި” ފްލެޓް ބެހުމުގެ މަސައްކަތެވެ. އެކަންވެސް އެކަމަނާއަށް ދީފައި އޮތީ މޮހޮނަށް އޮޑި ދޭ ގޮތަށެވެ. އެމަސައްކަތް އެކަމަނާއާއި ހަވާލުކުރައްވާފައި އެކަން ހިންގަވަން ރައީސް ޞާލިޙް ހަވާލު ކުރެއްވީ މި ސަރުކާރުން އެހައްދަވާ ޒާތުގެ ކޮމިޓީ އަކާއެވެ. އެކަމަނާ ހަމަ ހުރީ މިވެރިން އެކިޔާ ގޮތަށް ހަމަ “ހުންނަ ހުންނަ” ކުއްޖެއްގެ ގޮތުގައެވެ.

ދެން އޮތީ ޝައިޚް އިމްރާނަށް އެޅުނު ބައިގެ ވާހަކައެވެ. އެބައިގައި ލައްވާލައިގެން ޖެންޑަރ މިނިސްޓަރުގެ ގޮނޑީގައި އިށީންނެވި ސިދާތާ ރަޖަލެއްގެ ދަށުވެ ނޭވާ ހާސްވެގެން އުޅުއްވާން ހައްދަވައިގެން ގިނަ ކަންކަން ހަމަ ލޮލަށް ފެނިވަޑައިނުގެން މުޅިން “އަތަށް ގޮވައިގެން” ގޮނޑިން ބޭރުކޮށްލައިފިއެވެ. ދެން ލިބުނު ގޮނޑީގައި އިށީނދެ ވަޑައިގެން އެއިންނެވީ ސީދާ ޝައިޚެވެ. ޝައިޚަށް އެންމެ މުހިންމު މަސައްކަތަކަށް އޮތީ ޖަލުތައް ބެލެހެއްޓެވުމެވެ. މުހިންމު ވަޢުދެއްގެ ގޮތުގައި ހަވާލުވެފައި އޮތީ ކުރީގެ ރައީސް ޔާމީން ޖަލުގައި ބަހައްޓަވައިގެން ރަނގަޅަށް ބެލެހެއްޓެވުމެވެ. އެޖެންޑާގައި އޮތް ގޮތަށް ގައިދީންނަށް ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ދެން ކުރައްވާ ކަމަކީ ދޭތެރެ ދޭތެރެއިން ޖަލު ގޮޅިތަކުގައި ހަޅުތާލު އުފައްދައި ހަމަނުޖެހުން ހިންގަން ފުރުޞަތު ފަހިކޮށްދިނުމެވެ. އެކަން ފިސާރި ފައްކާކޮށް އެބަ ކުރައްވައެވެ. އެކަމަކު މަޖިލީހަށް ހާޒިރުކޮށް ހާރުވައި އެއީ އެންމެ “ބޮޑު ބާޣީކަން” ހަނދާން ކޮށްދިނުމުގެ މަސައްކަތް މެންބަރުން ބަރާބަރަށް ކުރިއަށް އެބަ ގެންދަވައެވެ. މިހާރު ހީވަނީ ކޯލިޝަން ކަފުން ކުރަން ވާއިރަށް ޝައިޚު އެޖެންޑާގެ ބޭރަށް ނުކުމެވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގަންނަވަނީ ހެންނެވެ.

ދެން އޮތީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ނަތީޖާ ނެރުމަށް ކޮންމެ ލީޑަރަކުންވެސް ބުރަވެ ވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް އެޅުނު ބައިގެ ވާހަކައެވެ. ޤާސިމަށް އެޅުނު ބައިން ވަޒީރުކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީ “އިންޓަރނެޓް” މަލީހެވެ. މަލީހު ޖޭޕީގެ ތެރެއަށް ކުއްލިއަކަށް ވެއްޓުނު ގޮތެއް ބުނަން ނޭނގުނަސް ރައީސް ޞާލިޙްގެ ވަޢުދު ތަކުގެ ތެރެއިން މަލީހާ ހަވާލުވެފައި އޮތް މަސައްކަތަކީ އިންޓަރނެޓް، ރައްޔިތުންގެ އަތްފޯރާ ހަމައަށް ތިރިކޮށް އަގުހެޔޮ ކުރުމެވެ. އެކަން އޭނާއަށް ދީފައި އޮތީވެސް މޮހޮނަށް ދޯނި ދޭ ގޮތަށެވެ. ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި އިންނަވާ މި ސަރުކާރުގެ ހުރިހާ ވެސް ބާރެއް އޮތް ބިޔަ ޕޮލިސީގެ އަތްޕުޅު މަތީގައެވެ. މުޅި ސަރުކާރުގެ ޕޮލިސީ މުށުތެރެއަށް ލައްވައިގެން އުޅުއްވާ “ހޮޓްބާރ” އާއިލާގެ މި ދެންނެވި ޕޮލިސީއާއި ހަވާލާދެއްވާ މީޑިޔާތަކުން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ އިންޓަނެޓަށް ރައްޔިތުންގެ އަތް ފޯރާވަރުވާނީ އަންނަ ރިޔާސީ އިންތިޚާބުގެ ކުރީއަހަރުގައި ކަމަށެވެ.

ޤާސިމަށް އެޅުނު ބައިން ދެން ފުރުސަތު ލިބިވަޑައިގަތީ ކުޑަކުޑަ އަމީނަށެވެ. ޔާމިންގެ ސަރުކާރުގައިވެސް ސަރުކާރުގެ އެންމެ އެތެރޭގައި ފާޑަކަށް “ހޭކުނު” އަމީނާ ހަވާލުވީ މި ސަރުކާރުގެ ސިއްޙީ ވަޢުދު ފުއްދުމަށެވެ. އެކަމަކު މާލޭގައި ހުންނަ މައި ހޮސްޕިޓަލަކާ އެބޭފުޅާއަކާ ނުބެހެވެއެވެ. އަތޮޅުތެރޭގައި ހިންގާ ޞިއްޙަތާ ގުޅޭ މަސައްކަތަކާއި ވާކަމެއް ނޫނެވެ. މިހާރު އެމަނިކުފާނަށް އޮތް ހާވެސް ކަމަކީ ކޮވިޑް 19 އާއި ބެހޭ އިންޓަރވިއު ދެއްވުމެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވާ ގޮތަށް ދެބަނޑަށް “ހެދިކާ ކާލައިގެން” އިންޓަރވިއު ދެއްވައިގެން ފޮޓޯ ނަންގަވާ މެޑަލް ޖެއްސެވިޔަސް ކޮވިޑް 19 އާއި ގުޅިގެން ހަރުކުރި ކެމެރާތައް ވެސް ހަރުކޮށްދިނީ މިނިސްޓަރ އަލީ ވަހީދެވެ.

ޖުމްހޫރީއަށް އެޅިބައިން ދެން ވަޒީރުކަމުގެ ގޮނޑިއެއްގައި އިންނެވީ ތިމާވެށްޓާ ބެހޭ ވަޒީރެވެ. މިވަޒީރާއި ހަވާލުވެފައި އޮތް މަސައްކަތްތަކަށް ބަލާއިރު ރައީސް ޞާލިޙުގެ ވަޢުދާއި އެޖެންޑާގައި އޮތް އެއްޗެއް މާ ބޮޑަށް އޮޅުން ނުފިލިއަސް އެކަމަށް އެންމެ ފަހުންވެސް ގޮތެއް ވިދާޅުވީ މަޖިލީހުގެ ރައީސެވެ. ޖަޒީރާވަންތަ ގޮތަށް ކޮންކްރީޓް ތަރައްޤީއާއި ނުލައި ތިމާވެށްޓާ ރައްޓެހި ތަރައްޤީ ގެންނަން ވަޒީރާއި ހަވާލުވެފައި އޮތަސް މިއަހަރު ބަޖެޓް ނުކުތް އިރުވެސް ކޮންކްރީޓް ނޫން ތަރައްޤީއެއް ނެތެވެ. ރަށް ގިރުމުގެ މައްސަލައަކަށް ހައްލެއް ނެތެވެ. އެހެންވީމާ ތިމާވެށީގެ ވަޒީރަށްވެސް މަސައްކަތް ހަވާލުކޮށްފައި އޮތީ ހަމަ އެހެން ވަޒީރުންނަށްވެސް އޮތް ގޮތަށެވެ.

ދެން ހުންނެވީ އަޅުގަނޑުމެންގެ މެޑަމް ނަހުލާއެވެ. އެކަމަނާއާއި ހަވާލުކޮށްފައި އޮތީ ޕާކް ކުރާތަން ނުދައްކައި އިސްޓިކާ ނުޖެހުމުގެ ވަޢުދެވެ. އެކަމަނާއަށް ވީ ވަރަކުން މުއިއްޒުގެ ދަނގަޑު ޕާކިންގތައް ނަގައި ހުސްތަނެއް އޮތިއްޔާ ޕާކު ކުރެވޭ ގޮތް ހަދައިދީފިއެވެ. އެކަމަކު ދުއްވާ އެއްޗެހިން ފުރިފައި އޮތް ވެރިކަންކުރާ ރަށް ދެބުރިއަށް ނެގިއަސް ބޮލަކަށް ތިން ސައިކަލް ޖެހޭ ވަރަށް ސައިކަލު ގެންގުޅޭ ރަށެއްގައި އިސްޓިކާ ނުޖަހާ ވަރަށް ޕާކް ކުރާނެތައް ދެއްކޭނެ ހެނެއް ހިއެއް ނުވެއެވެ. އަނެއްކޮޅުން ސްޓިކާ އަކީ ބަޖެޓަށް ވަރަށް ބޮޑަށް ލުއި ލިބޭ މަހުން މަހަށް އާމްދަނީ ވަންނަ ފައްކާ ކަމެއްކަން މިސަރުކާރަށް ވެސް އެނގުމުން އެއީ ހުއްޓާލެވޭކަށް އޮތް ކަމެއް ނޫނެވެ. ދެން އޮތީ މާލޭގައި ބަސްދުއްވުމެވެ. އެކަމަނާއަށް އެކަން ވާން އަންނަނީ ބަސް ދުއްވޭ ފެންވަރަށް މާލޭގެ މަގުތައް ހެދި “ހޮޅީގެ” އަތްދަށުން މަގުތައް މިނިވަން ކުރެވިގެންނެވެ. އެހެންވީމާ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެއްވިޔަސް އެޖެންޑާގައި އޮތް ވަޢުދެއްވިޔަސް އެކަމަނާއާއި ހަވާލުވެފައި އޮތް ވަޢުދެއް ވިއްޔާ ފުއްދައިދެވޭން އޮތީ އެހެންބަޔަކު އެހީތެރިވި މިންވަރަކުންނެވެ.

މިދަންނަވާލެވުނީ މި ސަރުކާރުގެ ކޯލިޝަންގައި ތިބި އެހެން ވަޒީރުންގެ މައިގަނޑު ޒިންމާތަކާއި މަސްއޫލިއްޔަތު ތަކެވެ. ރައީސް ޞާލިޙްގެ ވަޢުދުތަކާއި އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ބެހި، ބައި އެޅިފައި އޮތް ގޮތެވެ. ދެން ރައީސް ޞާލިޙުގެ ވަޢުދުތަކާއި އެޖެންޑާ 19 ގެ ވަޢުދުތައް ނުފުއްދި ސަރުކާރު “ސްލޯ” ވުމުގެ ޒިންމާ މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީނޫން ފިކުރު ތަކުގެ ވަޒީރުންގެ އިސްތަށި ފުޅުގައި ނުވަތަ “ބޮލުގައި” އަޅުވާފައި ކޯލިޝަން ކަފުން ކުރެވޭނެ އެއްވެސް ފުރުސަތެއް އެބައޮތް ހެއްޔެވެ؟ ނޫނީ އެހެނޭ ކިޔާފައި މައި ޕާޓީން ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި ކެމްޕޭން ކުރުމަށް ރައްޔިތުންގެ ބޮލަށް “ޗިޕް” ޖެހޭން އެބައޮތް ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން ބުނާހެން ސަރުކާރުގެ ހަފަރާތުން ފުރިހަމަ ބާރާއި އިހުތިޔާރު އޮވެ ސުޕަރ މެޖޯރިޓީ އޮތަސް އެހެން “ގަދަފަދަ ބާރެއްގެ” ސަބަބުން ޞޯލިޙުގެ ސަރުކާރު ހަމަ “ސްލޮލީ” އެވެ. ނުވަތަ ގަސްތުގައި “ސްލޯ” ކޮށް ކުރިއަށް “ކެނޑިޔަ” ނުދެނީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން