ކެރެލާ ފުލުހުން ފަތުރުވެރިންނާ ވާހަކަ ދައްކަނީ (ފޮޓޯ- އޮންމޮނޮރަމާ)
ކެރެލާ ފުލުހުން ފަތުރުވެރިންނާ ވާހަކަ ދައްކަނީ (ފޮޓޯ- އޮންމޮނޮރަމާ)
އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންއަށް 50 ދުވަސް ހަމަވާން ކައިރިވެފައިވާއިރު، އިންޑިއާގެ ކެރެލާގައި ތާށިވެފައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިންގެ ތެރެއިން އެމީހުން ނިސްބަތްވާ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އަޅާނުލާކަމަށް ފަތުރުވެރިން ބުނެފިއެވެ.

ކެރެލާގައި ތާށިވެފައި ތިބި ޔޫކޭ، ފްރާންސް، އެމެރިކާ، ރަޝިއާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޖަޕާނު ހިމެނޭގޮތަށް 20 ގައުމެއްގެ ފަތުރުވެރިން އެކުވެގެން އެމީހުންނަށް ދިމާވާ ކަންކަން ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމަށްޓަކައި ހަދާފައިފައިވާ ވަޓްސްއެޕް މެސެޖް ގްރޫޕެއްގެ ތެރޭގައި ވާހަކަދައްކަމުން ދުނިޔޭގެ ބޮޑު ބަލިމަޑުކަމެއްގެ މެދުތެރޭގައި އެ ފަތުރުވެރިންގެ ގައުމު ނޫން ގައުމެއްގައި ތާށިވެފައި ތިބިއިރު، އެގައުމުތަކުން އެމީހުންގެ ހާލުބަލަމުން ނުދާތީ ހިތާމަކުރާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، އެންމެ އަޅާލުންތެރިކަން ކުޑަކަމަށް އެމީހުން ފާހަގަކޮށްފައިވަނީ އެމެރިކާއާއި ރަޝިޔާ ސަރުކާރުންނެވެ. މި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ތާށިވެފައި ތިބީ ތިރުވަނަންތަޕޫރަމްގެ ވަރްކަލާ އަވަށުގައެވެ.

"އެންމެންވެސް ތިބީ ހަދާނެ ގޮތް ހުސްވެފަ. ވަރަށް ކަންބޮޑުވެފަ. އަދި ތާށިވެފަ ތިބި ޒުވާންކުދިން ވަކިން ހާއްސަކޮށް ނިކަމެތިވެފައިވަނީ. އާއިލާއާއި ދުރުގައި ތިބިއިރު ބޭނުންކުރަން ގެނައި ފައިސާވެސް ހުސްވާން ގާތްވެފަ ތިބީ." ކެރެލާގެ އޮންމަނޯރަމާ ނޫހާއި ވާހަކަދައްކަމުން ވަޓްސްއެޕް ގްރޫޕް ހިންގާ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ ލޫސީ ބޯލްޑްވިން ބުންޏެވެ.

ބޯލްޑްވިންއަކީ ފާއިތުވި 15 އަހަރުގެ ތެރޭގައި، ވަރްކާލާ އަވަށަށް ވަރަށް ގިނަ ފަހަރު ޒިޔާރަތްކޮށްފައިވާ ފޮޓޯގްރާފަރެކެވެ. ނަމަވެސް މިހާރު އޭނާ ވަރްކަލާގައި މަޑުކޮށްގެން ހުރީ ގައުމަށް އެނބުރި ދެވޭނެ ގޮތެއް ނެތިފައެވެ.

ލޫސީ ބުނީ ނަސީބު ރަނގަޅުކަމުން ވަރްކަލާގެ ފުލުހުން އެމީހުންނާއި ދޭތެރޭގައި ކަންތައް ކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެމީހުންނަށް ހިލޭ ކާބޯތަކެތިވެސް ފޯރުކޮށްދެމުންދާ ކަަމަށް އޭނާ ބުންޏެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަތުރުވެރިންނަށް ފައިސާގެ ދަތިކަމުން ހޮޓާތަކުގައި މަޑުކުރުމަށް ނުކުޅެދިފައިވާތީކަން ފާހަގަކޮށް ލޫސީ ބުނީ އެކަމާއި ގުޅިގެން އެންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅެނީ ޒުވާން ފަތުރުވެރިން ކަމުގައެވެ.

އިންޑިއާގައި ތާށިވެފައި ތިބި ފަތުރުވެރިންނާއި ބެހޭގޮތުން ލޫސީ ވަރަށް ފަހުން ވަނީ ބީބީސީއަށް އިންޓަރވިއުއެއްވެސް ދީފައެވެ. ލޫސީ ބުނީ ބީބީސީއަށް ދިން އިންޓަރވިއުއަށް ފަހު އިނގިރޭސި ވިލާތުގެ ސަރުކާރުގެ ފަރާތުން ހާއްސަ ސަމާލުކަމެއް ލިބެމުންދާކަމަށާއި، ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ދާކަމަށެވެ. އެގޮތުން މިހާތަނަށް އެގައުމުގެ 12000 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، އެމެރިކާގެ ފަތުރުވެރިންނަށް "އެއްވެސް އެހީއެއް ނުލިބޭ" ކަމަށް ލޫސީވަނީ ބުނެފައެވެ.

ލޫސީ ބުނީ ވަރަށް ފަހުން އަތުގައި ހުރި ފައިސާ މުޅިން ހުސްވުމުން އެމެރިކާގެ ފަތުރުވެރިއަކަށް ވަންނާނެ ތަނެއްވެސް ހޯދައިދޭން ޖެހުނު ކަމަށާއި، ކެރެލާގައި ތިބި އެމެރިކާގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެނދިޔުމަށްވެސް އަދި ފްލައިޓެއް އޮތް އިންޑިއާގެ އެހެން ހިސާބުތަކަށް ގެންދިޔުމަށްވެސް އެމެރިކާގެ ސަރުކާރުން އެއްވެސް އެހީތެރިކަމެއް ދީފައި ނުވާކަމަށެވެ.

ކޮޗިންގައި ތާށިވެފައިހުރި ރަޝިއާގެ ފަތުރުވެރިއަކު ބުނެފައިވާ ގޮތުގައި އެމީހުންގެ ސަރުކާރުން ފައިސާގެ އެހީއަކަށް އެދިފައިވާ 500 އަށްވުރެ ގިނަ ރަޝިއާ ރައްޔިތުން ބައިވެރިވާ ޓެލެގްރާމް ގްރޫޕެއްގައި އޭނާ ހިމެނޭ ކަމަށާއި، އޭގެތެރެއިން ފައިސާ ލިބިފައިވަނީ ގާތްގަނޑަކަށް 10 އިން ސައްތަ މީހުންނަށް ކަމަށެވެ. ގިނަ މީހުންގެ އަތުގައި ކާނެ އެއްޗެއްވެސް ނެތްކަމަށް އޭނާ ބުންޏެވެ. އަދި ރަޝިއާއަށް އަނބުރާ ދިޔުމަށް ބޭނުންވާ މީހުން ފްލައިޓް ޓިކެޓަށްވެސް 400 ޔޫރޯ ދައްކަން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ އެ އަގަކީ އާންމުކޮށް ނަގާ އަގުގެ ދެގުނަ ބޮޑު އަގެއްކަމަށެވެ.

ލޫސީ އިތުރަށް ބުނީ ސްޕެއިންގެ ފަތުރުވެރިއެއްގެ ގާތުގައި ފައިސާ ހޯދުމަށް، ސްޕެނިޝް ބަސް ކިޔަވައިދީ ގާނޫނާއި ޚިލާފަށް މަސައްކަތްކުރުމަށް ސްޕެއިން ސަރުކާރުން ވާހަކަ ދެއްކި މީހަކު ލަފާދީފައިވާ ކަމަށެވެ. މޮޒަމްބީކް އެމްބަސީއިން ވަރްކަލާގައި ހުރި ފަތުރުވެރިއަކު ގުޅުމުން ފޯނުވެސް ނުނަގާކަމަށް އޭނާ ބުންޏެވެ. އަދި ފްރާންސް ސަރުކާރުގެ ފަރާތުން އެގައުމުގެ ހާލުގައި ޖެހިފައި ތިބި މީހުންނާ އެއްވެސް މުއާމަލާތެއް ނުކުރާތީ އެގައުމުގެ ފަތުރުވެރިން ކަންބޮޑުވެ ހާސްވެފައި ތިބިކަންވެސް ލޫސީ ފާހަގަކުރިއެވެ.

ލޫސީ ބެނެފައިވަނީ ކެރެލާގެ ސަރުކާރުގެ ޒިންމާގެ ދަށުގައި ތިބެން ބޭނުން ނުވާކަމަށާއި، ކެރެލާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތައް އެމީހުންނަށް އެނގޭކަމަށެވެ.

ކެރެލާގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ކެރެލާގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން 90 އިންސައްތަ ފަތުރުވެރިންނަށް ވާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން