އޮޑި ފެތެމުންދާއިރު އޮޑީގެ އިންޖިނޭރާއި މާލިމީ ހޭލައި އޮކެސްޓްރާ ކުޅުއްވަން ތިއްބަވާފައި ނުކުމެ ވަޑައިގެން އެވާހަކަ ދެއްކެވުމަކީ ވަރަށް ވެސް ލަދުވެތި، ހުތުރު ކަމެކެވެ. އޮޑީގެ ފަޅުވެރި ކުދިންކޮޅުގެ މެދުގައި ޒުވާބު އުފެދި ބައިބައިވީ އޮޑީގެ ވެރީން އޮޑި ދުއްވައި ކަންކަން ހިންގުމަށް އިސްކުރި މީހުންގެ ތެރެއިން އެންމެ މުހިންމު ދެ މަސައްކަތާއި ހަވާލުވެ ތިބި ދެމީހުންގެ މެދުގައި ބާރުތައް ބެހުމާއިމެދު އުފެދުނު ދެބަސް ވުމެއްގެ ސަބަބުންނެވެ. މިއިން ކޮންމެ ވެރިއަކުވެސް ބޭނުން ވަނީ އޮޑި ހިންގާ ދުއްވުމުގައި އެންމެ އިސް ބަސް ކިޔާ މީހާއަށް ވާށެވެ. މިހާރު އެންމެ އިސް މީހާގެ ގޮތުގައި ރައްޔިތުން ހޮވާފައި ހުރި މީހާ ކޮންމެވެސް ގޮތަކުން ބޭރުކޮށް ދުރުކޮށް ހޫރާލާފައި ނަމަވެސް ދެވަނަ ވެރިމީހާ ބޭނުން ވަނީ އެންމެ އިސް މަގާމަށް އަންނާށެވެ.

މިމައްސަލަ ހިލިގަނެ އެންމެ އިސް ދެމީހުންގެ މެދުގައި ޒުވާބު އުފެދި މުޅި އޮޑީގެ ފަޅުވެރިންގެ މެދުގައި މި ޚިޔާލުތަފާތުވުން އުފެދުނީމާ އެމައްސަލަ ހައްލުކުރާން މަސައްކަތް ކުރުމުގެ ބަދަލުގައި އޮޑީގެ ކަންކަން ބަލަހައްޓާން ހަވާލުކޮށްފައި ތިބި އިސް ދެމީހުންވެސް ފެށީ އެ ހާޖާނުގަނޑުގެ ތެރެއަށް ވަދެ އިތުރަށް މައްސަލަ ހޫނުކޮށް ގޯސް ކުރުމަށެވެ. އެފަދަ މައްސަލަތައް ހައްލުކޮށްގެން ކުރިއަށްދާނެ މަގު ދެ ލީޑަރުންނަށް ދައްކައިދޭން އައްޔަން ކޮށްފައި ތިބި ދެމީހުން އެވާޖިބު އަދާކުރުމުގެ ބަދަލުގައި އޮޑި އެއްއަތަށް އަރިވެ ދިޔަވަމުން ގޮސް ފެތޭއިރުވެސް އެތިބީ ހެވިފައި އޮކެސްޓްރާ ކުޅޭށެވެ.

މިއީ މިއަދު އެމްޑީޕީގެ ތެރެއިން ފެންނަ މަންޒަރެވެ. މިވާހަކަ އެޕާޓީގެ އެންމެ އިސް ގުނަވަނުގެ ވެރިއަކު ދެއްކެވީމާ އެއީ ވަރަށް ލަދުވެތި ހުތުރު ވާހަކައަކަށް ވަނީއެވެ. އޮޑި ފެތޭއިރުވެސް ބެރު ޖަހާލަ ޖަހާލަ ތިބި ވާހަކަ އޭނާ ގޮވާން ފެށީމާ އެކަމާ ކުޑަކޮށް ލަދުގަންނަނީއެވެ. ދަންނަވަން މިއުޅެނީ މިހާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެންމެ އިސް ލީޑަރަކަށް ހުންނެވި އަލީ އާޒިމުގެ ވާހަކައެވެ. އަލީ އާޒިމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުރުން އެމްޑީޕީގެ އެތެރޭގައާއި އިސް ލީޑަރުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުމުގައި ވެސް އިސް ދައުރެއް އަދާކުރަށްވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. އެފަދަ މައްސަލައެއްގައި ޕާޓީ ހަލާކުވެގެންދާ ނަމަ ޕާޓީދެކެ ހަގީގީ ލޯބިވާ މީހަކު މަސައްކަތް ކުރާނީ އެމައްސަލައެއް ހައްލު ކުރުމަށެވެ. ޕާޓީގެ އެފަދަ އިސް ގުނަވަން ތަކުގެ ލީޑަރުންގެ އެންމެ އިސް ވާޖިބަކީ ވެސް އެއީއެވެ.

ނަމަވެސް އާޒިމް އެވިދާޅުވާ ގޮތަށް އޮޑި ފެތެމުންދާތަން އާޒިމަށް ފެނިވަޑައިގަންނަވާއިރު ވެސް އަދިވެސް އެއުޅުއްވަނީ ޕާޓީގެ އެންމެ އިސް ދެލީޑަރުންގެ އެބުނާ ހޫނުވެފައިވާ އުދާސް ގަނޑުގެ ތެރެއަށް އިތުރަށް ދަރު އަޅައިގެން ހުޅުގަނޑު ބޮޑުކޮށް އާވިގަނޑާއި އުދާސްގަނޑު އިތުރުކުރެވޭތޯއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރާއި އެމްޑީޕީގެ ރައީސާ ދެމެދުގައި އެފަދަ ހިތްހަމަ ނުޖެހުމެއް، ދެބަސްވުމެއް ނުވަތަ އަރައިރުމެއް އުޅޭނަމަ ވަކި ފަރާތަކަށް ނުޖެހި ޕާޓީ ސަލާމަތް ކުރާން، ދެ ލީޑަރުން ފިނިކޮށް މައްސަލައަށް ހައްލު ހޯދައިދޭން ވާހަކަ ދައްކައި މަސައްކަތް ކުރާން ޖެހޭ ދެ މީހުންގެ ކިބައިން ފެންނަނީ މިއާއި ޚިލާފު މަންޒަރު ތަކެކެވެ. އެދެމީހުން ދައްކަވަނީ މުޅިން އެހެން ވާހަކަ ތަކެކެވެ.

ދަންނަވަން މިއުޅެނީ ޕާޓީގެ ޕީޖީ ލީޑަރާއި ޗެއާ ޕާސަންގެ މިދެންނެވި ވާޖިބު އަދާކުރެއްވުމުގެ ބަދަލުގައި އެދެބޭފުޅުންގެ ފަރާތުން އެހެން މަންޒަރުތަކެއް ފެންނަ ވާހަކައެކެވެ. ޕާޓީގެ ޗެއާމަން ވެސް މަސައްކަތް ކުރާތަން މިފެންނަނީ އެއްލީޑަރުގެ ކޮޅަށް އަރައި އަނެއް ލީޑަރަށް ރައްދު ދެމުންދާ ތަނެވެ. ރޯވެފައިވާ އަލިފާންގަނޑަށް އިތުރަށް ދަރު އަޅަމުން ގެންދާ ތަނެވެ. ޕީޖީ ލީޑަރުވެސް މަސައްކަތް ކުރާތަން މިފެންނަނީ ހަމަ މި ބީދައިންނެވެ. އެފަހަރަކު މޮޅުވާނެހެން ހީވާ ލީޑަރެއްގެ ކޮޅު ނަގައިގެން ދެ ލީޑަރުން ޖެހޭނެހާ ގޮތްގޮތަށް ވާހަކަ ދައްކަވަނީއެވެ. އެއްފަހަރު ރިޔާސީ ނިޒާމު ކޮޅަށެވެ. އަނެއް ދުވަހު ބަރުލަމާނީއާއި ނުލައި މައްސަލަ ހައްލުނުވާނެ ވާހަކައެވެ. އެރެއަކު ނިދިކުރެއްވުމުގެ ކުރިން އެކުރަށްވާ ކަމެއް ކުރެއްވުމުން ހެނދުނު ހޭފުޅުލައްވާއިރު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށެވެ.

ރީކޯ މޫސައާއި ފުރަހަނި ޝުޢައިބު ފަދަ ބޭފުޅުން ވިދާޅުވާ ފަދައިން އެބޭފުޅުންނަށް އެހެންވަނީ ޕާޓީއާމެދު ހަގީގީ ލޯބި ނެތީމައެވެ. ޕާޓީ އުފަންކޮށް ބަލައި ބޮޑުކުރުމުގައި އެއްވެސް ހިއްސާއެއް ނެތް ބަޔަކު ޕާޓީގެ އެންމެ މުހިންމު ގުނަވަންތަކާއި ހަވާޅުވެ ބަސް ކިޔާން ތިބުމުން އެހެން ވެސް ވެދާނެއެވެ. ހަމަގައިމުވެސް އަލީ އާޒިމަކީ އެމްޑީޕީ އުފަންވެ ބޮޑުވެ ފުރާ ފުރިހަމަ ވީއިރުވެސް އެމްޑީޕީއާއި އެންމެ ޒާތީ، ދުޝްމަނުންނާއެކު އުޅުއްވި ބޭފުޅެކެވެ. އެދަރި މަރުނުވަނީސް ކަފުންކޮށް ވަޅުލައި ޖަނާޒާ ބާއްވާން އުޅުނު މީހުންގެ ތެރޭގައި ހުންނެވި ބޭފުޅެކެވެ. އެޓީމު ބަލިކަށިވެ ލީޑަރުން މުސްކުޅިވެ ގައިބާރު ދެރަވާން ފެށީމާ ލީޑަރުން ދޫކޮށްލާފައި ކޮޅު ބަދަލުކޮށް ކުލަ ބަދަލުކޮށްލައިގެން ނުކުންނެވީއެވެ. އެހެންވީމާ ދަރިއެއް ދުނިޔެއަށް އުފަންކޮށް ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށް ހެދުމުގައި އުފުލާން ޖެހުނު ބުރައާއި ވޭން އުފުލާފައި ނެތް ބަޔަކަށް އެދަރި މަގުފުރެދި ހަލާކުވެގެން ދިޔަޔަސް އެއީ މާބޮޑު އަސަރުތަކެއް ކުރާނެ ކަމެއް ނޫނެވެ. މޫސައާއި ޝުޢައިބުމެން ފަދަ ބޭފުޅުން އެ މިސާލު ނަންގަވަނީ މިދެންނެވި ދުނިޔަވީ ދިރިހުރި މިސާލުންނެވެ.

އެހެންވީމާ އަލީ އާޒިމް އެވިދާޅުވާ އޮޑިއަކީ ސަރުކާރު ވިޔަސް އަދި އެމްޑީޕީ ވިޔަސް އެއޮޑި ފެތުނަ ނުދީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކޮނޑު ވިއްދައިގެން ހުންނަވަން ޖެހިވަޑައިގަންނަވާ އެއްބޭފުޅަކީ އަލީ އާޒިމެވެ. އަނެއް ބޭފުޅަކީ ޗެއާމަން ހަސަން ލަތީފެވެ. މިއިން އެއްވެސް އޮޑިއެއް ފެތޭނަމަ އެއޮޑި ސަލާމަތް ކުރާން އެންމެ ގަދައަށް މަސައްކަތް ކުރަން ޖެހޭނެ ދެ ބޭފުޅުންނަކީ އެދެބޭފުޅުންނެވެ. ނަމަވެސް އާޒިމްވެސް ހީފުޅުކުރެއްވީ އެވިދާޅުވާހެން އޮޑި ފެތޭއިރު ބެރުޖަހާން ހުންނަވާފައި ނުކުމެ ވަޑައިގެން އެވާހަކަ ދެއްކެވީމާ އެއީ ވަރަށް މޮޅު ކަމެއް ކަމަށެވެ. އެ ވިދާޅުވެވުނީ ސަތޭކައިގެ މޮޅު ވާހަކައެއް ކަމަށެވެ. ނޫނެކެވެ. ތިޔަ ދެއްކެވުނީ ވަރަށް ވެސް ކަމުނުދާ "ކަޑަ" ވާހަކައެކެވެ.

ޕާޓީގެ ޗެއާ ޕާސަނާއި ޕީޖީ ލީޑަރު ނިކަން ރަނގަޅަށް ވިސްނާލަ ބައްލަވާށެވެ. ރާއްޖޭގެ ވެރިކަން މިހާރު ކުރަށްވަނީ ނޫނީ ރައީސްކަން ކުރަށްވަނީ ކޮން ޕާޓީއެއްގެ ބޭފުޅެއްތޯއެވެ؟ ވެރިކަމުގެ ނިޒާމުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ ނޫނީ ދެބޭފުޅުންވެސް ޝާމިލުވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ކޮން ޕާޓީއެއްގެ އަތުގައި ތޯއެވެ؟ އެ މަޖިލީހުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއް ތޯއެވެ؟ ވެރިކަމުގެ ތިންބާރުގެ ތެރެއިން ދެން އޮތް ތިންވަނަ ބާރުގެ ކޮންޓްރޯލް އޮތީ ކޮން ޕާޓީއެއްގައި ތޯއެވެ؟ އެ ބާރުގެ ވެރިން ނިސްބަތްވަނީ ކޮން ޕާޓީއަކަށް ތޯއެވެ؟ މިހާރު އޮތް ވެރިކަމަކީ ކޯލިޝަންގެ ވެރިކަމެކޭ، ރައީސް މީހާ ހަދަނީ އަދާލަތު ޕާޓީން ބުނާ ގޮތަށޭ ބުނާއިރު އެބުނާ ކޯލިޝަނަކީ ހަމަ ނަމެއްގައި އޮތް ކޯލިޝަނެއް ނޫންތޯއެވެ؟ ތިބުނާ ކޯލިޝަނެއްގައި އެތިބަ ލީޑަރުންނަކީ ކޯލިޝަންގައި ނުވަތަ ސަރުކާރުގައި އެއްވެސް ބާރެއް އާރެއް ހުރި ބައެއްތޯއެވެ؟ ސަރުކާރުގެ މަގާމުތަކުގެ ތެރެއިން 90 އިންސައްތަ ހިއްސާ ކުރަނީ ތިޔަ ބުނާ ކޯލިޝަންގެ ކޮން ޕާޓީއަކުން ތޯއެވެ؟

ޗެއާމަނާ ޕީޖީ ލީޑަރުވެސް ތިޔަ ވާހަކަ ދައްކަވަނީ މިދެންނެވި ސުވާލުތަކުގެ ޖަވާބު އެނގިވަޑައި ނުގަންނަވާތީއަކީ ނޫނެވެ. މި ސުވާލު ތަކުގެ ޖަވާބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ތިޔަ ދެ ބޭފުޅުންނަށެވެ. މި ސުވާލު ތަކުގެ އެންމެ ސާފު މައުލޫމާތު ހުންނާނީ ތިޔަ ދެ ބޭފުޅުންގެ އަތްޕުޅުގައެވެ.

ނިންމާލުމުގެ ކުރިން އަދިވެސް ދެބޭފުޅުންނާ ދެތިން ސުވާލެއް ކޮށްލާނަމެވެ. ރައީސް ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ތިޔަ ގެންނާން އުޅޭ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުން އެމްޑީޕީއާއި އެއްބައިވާނެ ކަމުގެ ކިހާ ބޮޑު ޔަގީންކަމެއް ތިޔަ ދެބޭފުޅުންގެ އެބައޮތްތޯއެވެ؟ ބަރުލަމާނީ ނިޒާމު ގެނަސްގެން މަޖިލިސް އިންތިޚާބު ބާއްވައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ތިޔަބޭފުޅުން ބޭނުންފުޅުވާ ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެވިދާނެ ކަމުގެ ކިހާ ވަރެއްގެ ޔަގީންކަމެއް އެބައޮތްތޯއެވެ؟ މިއަދު ވެރިިކަމުގައި ހުންނެވި އެމްޑީޕީގެ އިސް ލީޑަރު، ފާދިއްޕޮޅު ހިންނަވަރު، ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދިޔަ ނުދީ އެމަނިކުފާނުގެ ވެރިކަން ފެއިލް ކޮށްލާފައި ނުކުމެ އެމްޑީޕީގެ ލޯގޯ ޖަހައިގެން އަލުން ތިޔަ ބުނާ މީހަކަށް ވެރިކަން ހޯދައިދޭން ރައްޔިތުންގެ ގާތަށް ގޮސްގެން އެމްޑީޕީއަށް އަލުން ރައްޔިތުން ވެރިކަން ދޭނެ ކަމުގެ އޮތީ ކިހާ ޔަގީންކަމެއް ތޯއެވެ؟

މި ސުވާލު ތަކުގެ ޖަވާބު، ކެރިވަޑައިގަންނަވަންޏާ ތިޔަ ދެބޭފުޅުން ނުކުމެ ވަޑައިގެން ނިކަން ދެއްވަ ބައްލަވާށެވެ. މިއަދު ވެރިކަމުގައި އޮތީ އެމްޑީޕީއެއް ނޫނޭ ކެރިވަޑައިގެން ނުކުމެވަޑައިގެން ނިކަން ވިދާޅުވެ ބައްލަވާށެވެ. ރައީސް ޞާލިހުގެ ވެރިކަން ފެއިލްކޮށްލާފައި ރައްޔިތުން ގާތަށް ދިއުމުން ދެންވެސް ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދޭނެއޭ ނިކަން ވިދާޅުވެ ބައްލަވާށެވެ. އެޖެންޑާ ނަވާރައިގެ ތަފާތުކަން ތިޔަ ގޮތަށް ދައްކަވައިގެން އެޖެންޑާ ވިހި ހިފައިގެން ނުކުމެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ރައްޔިތުން ދޭނެއޭ ނިކަން ވިދާޅުވެ ބައްލަވާށެވެ. ކެރިވަޑައެއް ނުގަންނަވާނެއެވެ.

"ބަރުލަމާނީ، ބަރުލަމާނީ،" ތަސްބީހައެއްހެން ކިތަންމެ ގިނައިން ކިޔަކަސް "ބޮލަކު އިސްތަށްޓެއް" ނުފަޅާނެއެވެ. ބޮލުގައި އިސްތަށި ފަޅުވަންޏާ ހަމަ ޖެހޭނީ މޫސަ އެ ގެންގުޅޭ މޮޅު "އަޑިވޮށި" ބޭނުން ކުރާށެވެ. ހަމަ އެގޮތަށް ރައްޔިތުންގެ ރުހުން ހޯދައިގެން ވެރިކަން އަލުން ހޯދަންޏާ ޖެހޭނީ ރައީސް ޞާލިހުގެ ވަޢުދުތައް ފުއްދައި ސަރުކާރަށް އެއްބާރުލުން ދީ، އެޖެންޑާ ނަވާރައިގެ ތަފާތުކަން ރައްޔިތުންނަށް ދައްކައި ސާބިތުކޮށްދޭށެވެ. 2023ގެ ހުވަފެން ދެކި، ވާހަކަ ދައްކާންވެސް ވާނީ އޭގެ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން